ކ. މާލެ
|
5 މާރޗް 2020 | ބުރާސްފަތި 18:39
ޖުމްހޫރީ ޕާޓީގެ ލީޑަރާއި އިސްބައެއް ބޭފުޅުން
ޖުމްހޫރީ ޕާޓީގެ ލީޑަރާއި އިސްބައެއް ބޭފުޅުން
ޔޫސުފް ސޮފްވާން ރަޝީދު
މަގޭ ރިޕޯޓް
ގާސިމް އެވެ. "ރިއަލިޓީއަކީ" މިއީ ނޫންތޯ!
 
ކޯލިޝަނުގައި އޮތީ، ޕާޓީގެ ބަޔަކަށް ލިބިފައިވާ ސިޔާސީ މަގާމުތައް ދިފާއުކުރަން އެކަނި
 
ސަރުކާރަށް އެއްބާރުން ދެމުންނުދޭ، އަދި ސަރުކާރަށް ބަހުގެ ހަމަލާތައް ވެސް ދަނީ ދެމުން
 
ޖުމްހޫރީ ޕާޓީ މަސައްކަތްކުރަނީ އިދިކޮޅު ކޯލިޝަނާއެކު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ ވަރަށް ތަފާތު ސިޔާސީ ލީޑަރެކެވެ. ދިގު 30 އަހަރުގެ ވެރިކަން ނިންމާ، އިސްލާހީ ހަރަކާތުގައި ވެސް އުޅުއްވި ބޭފުޅެކެވެ. އޭގެތެރެއިން 2004 ވަނަ އަހަރުގެ އޮގަސްޓް 12، 13ގެ އިސްލާހީ މަސައްކަތްތަކުގެ ތެރެއިން ޤާސިމް އިބްރާހިމްއަކީ ޖަލަށްވެސް ލެއްވުނު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ނަމަވެސް ޖަލަށްލެއްވުމާއެކު، އޭރުގެ ސިޔާސީ މަސްރަހުން ޤާސިމް ގެއްލިފައިވެއެވެ.

ސިޔަސީ މަސްރަހުގެ ތެރެއިން ޤާސިމް ގެއްލުނު ދުވަސްވަރުވީ، ސިޔާސީ ޕާޓީތައް އުފެދި، އިސްލާހީ ހަރަކާތްތަކުގައި އުޅުއްވި ބޭފުޅުން އެމްޑީޕީ އުފެއްދި ދުވަސްވަރަށެވެ. އަދި ރައީސް މައުމޫނާއި ސަރުކާރުންގެ ވެރިން ތިއްބައިގެން ޑީއާރުޕީވެސް ވުޖޫދަށް ގެންނެވި އެވެ. އޭގެތެރެއިން ޑީއާރުޕީގެ ހަތަރު ނައިބު ލީޑަރުންގެ ތެރޭގައި ގާސިމްވެސް ހިމެނިގެންގޮސްފައިވެއެވެ. އަދި ރައީސް ރައީސް މައުމޫންގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރުކަންވެސް ޤާސިމް އަދާކުރެއްވި އެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމާއެކު އޭރު ޗާޕްކުރި ދިވެހި ރުފިޔާގެ ނޫޓުގައި ސޮއި ކޮށްލުމުގެ ފަހުރުވެސް ޤާސިމަށް ލިބިވަޑައިގެންނެވި އެވެ. ފިނޭންސް މިނިސްޓަރުކަމުގެ ދުވަސްވަރު ވިޔަފާރި ފުޅާކޮށްލަން ލިބިލެއްވި ފުރުސަތުގެ ތެރެއިން ވިލާ ގޭހާއި، ވިލާ ސިމެންތި އާއި، ވިލާ ޕެޓްރޯލް ޝެޑްފަދަ ތަންތަން އުފައްދާ އިތުރަށް ތަރައްގީކޮށް، މުސްހަނދިކަން އިތުރުކުރެއްވުމަށް އޭރުގައި ކުރެއްވި މަސައްކަތްތަކީ ރައްޔިތުން ދުށް ހަޤީޤަތްތަަކެވެ.

އެއަށްފަހު ސިޔާސީ މަސްރަހު ހަލަބޮލިވެގެންދިޔައިރު، ވަގުތު ފައިދާ ނަންގަވައި، ފިނޭންސް މިނިސްޓަރުކަމުންނާއި، ޑީއާރުޕޕީން އިސްތިއުފާ ދެއްވާ، އަމިއްލަފުޅު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ޤާސިމް ކުރައްވާފައިވެއެވެ. އެމްޑީޕީއަށް ނިސްބަތްވާ ބައެއް މަޖިލިސް ބައެއް މެމްބަރުން ކަމަށްވާ، އަދި އޭރު ގާސިމްގެ އެންމެގާތް އެކުވެރިޔާ އޭޑީކޭ ނާޝިދު އާއި ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ސަމީރު އާއި ޑރ. ހުސައިން ރަޝީދުމެންފަދަ ބައެއް ބޭފުޅުން ގެންނަވައި ޖުމްހޫރީ ޕާޓީ އުފެއްދެވި އެވެ.

އޭގެތެރެއިން ދިވެހިރާއްޖޭގެ ވެރިކަން ކުރެއްވުމުގެ ހުވަފެން ދެކިވަޑައިގެން 2008 ގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށްވެވަޑައިގެން އިންތިހާބުގައި ވާދަ ކުރެއްވުމުން ފެއިލްވެވަޑައިގެންނެވި އެވެ. އެހިސާބުން އެމްޑީޕީއާ ކޯލިޝަން ހައްދަވާ، އަމިއްލަ ވިޔަފާރި ފުޅަކުރެއްވުމުގެ މަސައްކަތް ކުރެއްވީކަމީ އެ ދުވަސްވަރުވެސް ރައްޔިތުން ދެކުނު ހަޤީޤަތަކެވެ. އެގެތެރެއިން މާމިގިލީގައި އެއަރޕޯޓެއް އަޅަ،އި ވިލާ އެއާރލައިނެއް އުފައްދާ، ޖީއެމްއާރުން މާލޭގެ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމުން އަމިއްލަ ވިފާރިއަށް ލިބިދާނެ ގެއްލުމެއްކަމަށް ވިސްނަވާ، ޖީއެމްއާރު ބޭރުކުރަން ފޫގަޅާލައިގެން އުޅުއްވީވެސް ޤާސިމް އިބްރާހިމް އެވެ.

ރައީސް މައުމޫންގެ ވެރިކަން ނިމުމުން، ދެން ރާއްޖޭގެ ވެރިކަން ތިމަންނާއަށްވެސް ކުރެވިދާނެކަމަށް ހީފުޅުވެވަޑައިގެން، ހަމަ އެންމެ ދުލެއްވެސް ނުދެއްވާ، ބޮޑު ބަޣާވާތަކުން 2012 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލިއިރު، އެންމެކުރީގައި ހުންނެވި އެއް ބޭފުޅަކީ ޤާސިމެވެ. ފުލުހުންގެ މައި އިދާރާގައި ހުންނަވާ، އުފާފުޅުވެ، ޝުކުރުގެ ބަސްތަކާއެކު ބޮސްދެއްވަމުން ވަޑައިގެންނެވީވެސް ޤާސިމެވެ. މިއަދުގެ ހަޤީޤަތަކީވެސް އެ ދުވަހު ކުރެއްވި ހުތުރު މަސައްކަތްތަކުން، ޤާސިމަށް ސަލާމަތްވެވަޑައިގެންނެވިފައިނުވާކަމެވެ.

ގާސިމް އެވެ. ބޮޑު ބަޣާވާތަކުން ރައީސް ނަޝީދުގެ ވެރިކަން ވައްޓާލިއިރު، މަނިކުފާނު ހިންގި ކަންކަން ދަންނަ މީހުން އެބައުޅެއެވެ. ކުރި ޚަރަދުތައް ވެސް އެނގޭ މީހުން އެބަތިބެވެ.

ޤާސިމްގެ މައްޗަށްކުރެވެނީ ހަމައެކަނި ވެރިކަމެއް ވައްޓާލުމުގައި ބައިވެރިވިކަމުގެ ތުހުމަތެއް ނޫނެވެ. ސުޕްރީމް ކޯޓު މެރުވެރިކޮށް ކުރެއްވި ކަންތައްތަކުގެ ތުހުމަތާއެކު، އެ މަންޒަރުތަކަކީވެސް ރައްޔިތުން ދުށް ކަންތައްތަކެވެ. ވެރިކަން ލިބިވަޑައިގަންނަވާތޯ ސުޕްރީމް ކޯތުގެ ތެރެއިން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ކުރެއްވި މަސައްކަތްތަކާއި، އެ އިންތިހާބު ބަތިލްކުރުމުން އޭގެ އެއްވެސް ފޮނި މީރިކަމެއް ލިބިވަޑައިނުގެން ލިބިލެއްވީ "ކޮޅުކެހި" ކަންވެސް ރައްޔިތުންނަށް އެނގެ އެވެ.

އޭގެތެރެއިން މަނިކުފާނު ކޯލިޝަން ހަދައިގެން ގެނައި އަނިޔާވެރި ވެރިޔާ، މަނިކުފާނާއި މަނިކުފާނުގެ ދަރިކަލުން ޖަލަށްލި ނޫންތޯ އެވެ. ދެން ޖެހިގެން އައި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު މަނިކުފާނު އޮންނެވީ ޖަލުގަ ނޫންތޯ އެވެ. މަނިކުފާނު ޖަލުން ސަލާމާތް ކުރައްވަން މާލޭގެ މަގުމަތީގަ އާއި ރާއްޖެއިން ބޭރުގައި މަސައްކަތް ކުރެއްވީ އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި އާންމު މެމްބަރުންގެ އިތުރުން މަނިކުފާނުގެ ޕާޓީގެ ހައެއްކަ މެމްބަރުންކަންވެސް އެއީ ރައްޔިތުން ދުށް ހަޤީޤަތްތަކެވެ. ސިޔާސީ މަސްރަހު ފެނުނު ހަޤީޤަތްތަކެވެ.

ގާސިމް އެވެ. ޖުމްހޫރީ ޕާޓީއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ސަރުކާރުގެ ކޯލިޝަނުގެ ޕާޓީއެކޭ ބުނުމުގެ ޖާގައެއް މިހާރަކު ނެތެވެ. އެހެނީ ސަރުކާރާ ދެކޮޅަށް އިދިކޮޅުން ކުރަންޖެހޭ ހުރިހާ ކަމެއްް ކުރައްވަނީ ޤާސިމް އިސްކޮށް ހުންނަވާ ޖުމްހޫރީ ޕާޓީގެ ތެރެއިންކަމަށްވުމެވެ.

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ނުދޭތާނގައި، މަޖިލިސް އިންތިހާބުގައި ކޯލިޝަން ހެދީވެސް އިދިކޮޅު ޕީޕީއެމާ އެވެ. އަރިހުގައި މިހާރު ގެންގުޅުއްވަނީ އަނިޔާވެރި ސަރުކާރެއް ހިންގެވުމާއި ދިފާއު ކުރެއްވުމަށް އުޅުއްވި އިސް ބޭފުޅުން އެވެ. އަނެއްކާވެސް އެއްކަލަ ފަތިވަރު މާގިނައިން ވިދާޅުވާ އަޑު އެބައިވެއެވެ. "ދީނާއި ގައުމަށްޓަކައި" ތިމަންނާމެން ނިކުންނަނީ އޭ ބުނާއިރު، ތިޔަ މަންޒަރުން މަދުވަނީ ހަމައެކަނި ރައީސް ޔާމީން އެވެ. ޖަލުހުކުމެއް ނެތި، މިނިވަން ކަމާއެކު ރައީސް ޔާމީން ހުންނެވިނަމަ ތިޔަ ފޮޓޯގަނޑަށް ރައީސް ޔާމީނާއި އަދުރޭ އިތުރުވާނެކަމަށް ގަބޫލުކުރެވެއެވެ. އެއީ އިދިކޮޅު ކޯލިޝަން އޮތީ ގޮތް ހުސްވެފަ އެވެ. އިދިކޮޅަށް މިހާރު ބޭނުންވަނީ، ގާސިމް ކަހަލަ ބޭފުޅެކެވެ.

ޖުމްހޫރީ ޕާޓީގެ އިސްބައެއް ބޭފުޅުން -- ފޮޓޯ: ސޯޝަލް މީޑިއާ

ގާސިމް އެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި މިހާރު ހުންނެވީ އިބްރާހީމް މުހައްމަދު ޞާލިހުކަމާއި ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތީ އެމްޑީޕީގަކަމާއި މަޖިލީހުގެ ރައީސަކީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުކަން އެއީ މިއަދުގެ ހަޤީޤަތްތަކެވެ. އަދި ހާއްސަކޮށް، ޖުޑީޝަރީގެ ތެރެއިން ކުރިން ކިތަންމެ ކަންތައްތަކެއް ކުރެވުނަސް އަދި ހާއްސަކޮށް، ސުޕްރީމް ކޯޓުގެ ތެރެއިން މީގެކުރިން ކިތަންމެކަމެއް ކުރެވިފައި ވީނަމަވެސް މިހާރަކު ބޭނުންހާކަމެއް ނުކުރެވޭނެ އެވެ. މިއީ ވެސް ލައްކަ ވާހަކަ ނޫންތޯ އެވެ.

އެހެންވީމާ، ތިމާމެންގެ އަޑު މާގަދަވާނެ ކަމަށް ހީކޮށް، އުޅުއްވައިފިނަމަ އަތަށް ގޮވުމަކީ ދުރުކަމެއް ނޫނެވެ. އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި ގޮވީ އަތަކަށް ނޫންތޯ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 982 މަގާމު އޮތްއިރު، މީހުން ނެރެވުނީ އެންމެ 127 މަގާމަށް ނޫންތޯ އެވެ. މާފޯރިޔާއެކު ހިންގި އަންހެނުންގެ ހަރަކާތްތަކާއެކު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ކަނބަލުން ނެރެވުނީ އެންމެ 56 މަގާމަށެވެ. އަދަދުތަކަށް ބަލާއިރު، އެއީ ބޮޑު ސިޔާސީ ޕާޓީއެކޭ ބުނަން ލަދުގަންނަ އަދަދުތަކެވެ. އެއިންވެސް ޖުމްހޖޫރީ ޕާޓީގެ ސައިޖް އޮތީ ސާފުކޮށް ފެންނާށެވެ. މަނިކުފާނުގެ އެޑްވައިޒަރު ވިދާޅުވާހެން، ރިއަލިޓީއަކީ މިއީ ނޫންތޯ އެވެ. ތިމާ ވާދަކުރި ކުޑަ ދާއިރާއެއްގެ ގޮނޑިއެއް ކާމިޔާބު ނުކުރެވި ބޮޑުތަނުން ފެއިލްވެފައިވާ ބަޔަކު ގޮވައިގެން ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގާސިމް ނުކުންނަ ވާހަކަ ބުނުމުން ނުހޭން ހުންނަ މީހާއަށްވެސް ހެވޭނެ އެވެ.

5%
37%
0%
0%
42%
16%
ކޮމެންޓް