ކ. މާލެ
|
25 ފެބްރުއަރީ 2020 | އަންގާރަ 17:28
މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ މައި މަރުކަޒު
މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ މައި މަރުކަޒު
ދަ އެޑިޝަން
މަގޭ ރިޕޯޓް
ހައްޔަރު ނުކޮށްގެން ހީވީ އެހެންފަދަ ކަމެއްހެން، ބަންދުން ދޫކޮށްލުމުން ކަހާތަން ހިރުވާވެސް ނުލި!
 
އިސްތިއުފާއަށް ގޮވުމުން، ޖެންޑަރ މިނިސްޓަރު ޝިދާތާ އިސްތިއުފާ ވެސް ދެއްވައިފި
 
މިއަދު އެހުރީ ދޫކޮށްލާފައި
 
ތުއްތު ކުއްޖާގެ ބައްޕަ ހައްޔަރު ނުކޮށްގެން ހީވީ އެހެންފަދަ ކަމެއްހެން

ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ތުއްތު ކުއްޖަކަށް، ޖިންސީ އަނިޔާދިން މައްސަލައެއް ފެންމަތިވި ދުވަހު ހީވީ އެހެންފަދަ ކަމެއް ލައިގެން އުޅުނު ހެންނެވެ. އެއީ މީހަކު ހަނދާނުންފިލަން މާގިނަ ދުވަސްތަކެއް ފާއިތުވި މައްސަލައެއް ވެސް ނޫނެވެ. މިދިއަ ޖެނުއަރީ މަހުގެ 15ގައި ފެންމަތިވި އެމައްސަލައަށް މިއަދަށް އަދި ދެމަސްވެސް ނުވާއިރު، އޭރު "އަރައިގެންދިޔަ ފޯރިގަނޑު" ހިނގައްޖެ އެވެ. އޭރު ދައްކަމުންދިޔަ ވާހަކަތައް ފަނޑުވެއްޖެ އެވެ. ދަނޑިވަޅު ބަލާފައި ތުހުމަތު ކުރެވޭ މީހުންތައް ވެސް މުޖުތަމައުއަށް ދޫވެގެން ދިއުމަކީ ހަމަ ވެދާނެ ކަމެވެ. އެކަމުގެ ފުރަތަމަ ފެށުން މިއޮތީ ފެންނާށެވެ.

ދަރީންނަކީ މައިންބަފައިންނަށް ލިބޭ ވަރަށް ބޮޑު ނިއުމަތެކެވެ. ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަކީ މައިންބަފައިގެން މައްޗަށް ވާޖިބު ކަމެކެވެ. ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ހުތުބާގައި ބުނާހެން، ކޮންމެ ކުއްޖަކުވެސް މިދުނިޔެއަށް އުފައްވަނީ، ފިތުރަތުގެ ޠާހިރުކަންމަތީގަ އެވެ. އެކުއްޖާ ރަނގަޅު މަގުދައްކައިދޭން ތިބީ މައިންބަފައިންނެވެ. ދަރިންނާމެދު އިހުލާމުވާ މައިންބަފައިންނާމެދު ހަރުކަށި ފިޔަވަޅު އަޅަންޖެހެ އެވެ.

ކޮންމެ އިހުމާލަކީ އަނިޔާ އެކެވެ. އަދި ކޮންމެ އަނިޔާއަކީ ގާނޫނީ ކުށެވެ. ކޮންމެ ގާނޫނީ ކުށަކަށް އަދަބެއް ކަނޑައަޅާފައި ވެއެވެ. ކުށުގެ އަދަބު އެއީ ހަމައެކަނި ގާނޫނުގައި ދެލިގަނޑެއްގެ ގޮތުގައި ލިޔެލާފައި ބާއްވާ އެއްޗަކަށް ވެގެން ނުވާނެ ނޫންތޯ އެވެ. އެހެން ނޫނީ ގާނޫނުގެ ވާހަތަކާއި ކުށްކުރާ ވާހަަކަތައް ނުދައްކާ "ބޮޑު އަށީގައި" ދެފައި ދަމައިގެން ނިދަން އޮތިއްޔާ މާރަނގަޅުވާނެ ނޫންތޯ އެވެ.

ތިމާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށް ބުނެ، ކުރާ ކުށްތަކުން ސަލާމަތެއް ނުވެވޭނެ އެވެ. އެއީ "ބަލި" ކުދިން ކަމަށް މުޖުތަމައުގައި ދައްކަން އުޅުނަސް އެއީ ބަލައިގަނެވޭނެ ކަމެއް ވެސް ނޫނެވެ. ދެ އަހަރުވެސް ނުވާ ތުއްތު ކުއްޖަކަށް ޖިންސީ އަނިޔާދިން އިރު، އެކުއްޖާ މަންމައާއި ބައްޕައަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށްވުމަކީ އެކުށްޖާގެ ކުށެއް ނޫނެއް ނޫންތޯ އެވެ. މަސްތުވާތަކެތީ ބޮޑު ހާއްޔަކަށް އުފަން ވުމަކީ ވެސް އެކުއްޖާގެ ކުށެއްް ނޫނެއް ނޫންތޯ އެވެ.

މިއީ ދިވެހިރާއްޖެ ހިންގަން ތިބި ސިޔާސީ ވެރިންގެ އިހުމާލުން މިރާއްޖެ އައިސްފައިވާ ހިސާބެވެ. މަސްތުވާތަކެއްޗާއި، މީހުން މެރުމާއި، މީހުން ވަގަށް ނެގުމާއި މާރާމާރީ ހިންގުންފަދަ ބޮޑެތި ޖަރީމާތަކެއް އޮތް މުޖުތަމައުއަކަށް އެކުއްޖާ އުފަންވުމަކީ މިހާރު އުފަންވަމުންދާ ކުދީންގެ ބަދުނަސީބަކަށް ވެގެން ނުވާނެ ނޫންތޯ އެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މަަންމައާއި ބައްޕައެއްގެ އިހުމާލާއެކު، އަދި ޖިންސީ އަނިޔާއައި ޖިންސީ ގޯނާ ކުރުން ޒަމާނުއްސުރެން އޮންނަ ކަމަށްބުނާ މިރާއްޖޭގައި މުނި ކާފައާއި ކާފަޔާވެގެން ދެ އަހަރުވެސް ނުވާ ދަރިފުޅު "ރޮލާ ކާލާފާނެ ކަމަށް" ހީނުކުރާންވީ އެއްވެސް ސަބަބެއް ނެތެއް ނޫންތޯ އެވެ. މިހާރު މުޖުތަމައު އޮތީ، އާއިލާގެ މީހަކަށް ވިޔަސް އެފަދަ އިތުބާރެއް ކުރެވޭ ހާލަތެއްގައެއް ނޫނެވެ.

ބުނަން މިއުޅެނީ، މި ބުނާ ތުއްތު ކުއްޖާ އަށް ޖިންސީ ގޯނާކުރިއިރު އެކަމަށް އިހުމާލުވި، އެކުއްޖާގެ ބައްޕަ ހައްޔަރު ނުކޮށްގެން އެދުވަހު މީހުން އުޅުނު ގޮތުގެ ވާހަކަ އެވެ. އެކުއްޖާގެ ބައްޕަ ހުޅުމާލެއަށް އާ ޚަބަރާއެކު، ހުޅުމާލޭގައި އޭނާ ދިރިއުޅޭ ފްލެޓް ހޯދައި، އެންމެ އެތަނަށް ޖަމާވި ނޫންތޯއެވެ. އަދި ފުލުހުން އެތަނަށް ދިއުމާއި، އާންމުނާއި ދެމެދު ބޮޑެތި ހަމަ ނުޖެހުންތަކެއް ހިނގާ، އެސަރަހައްދުގައި ދިރިއުޅުނު އެތަށް ބަޔަކަށް ވެސް އެ ސަރަހައްދުގައި އެ ހިނގި ހާދިސާއިން ނަފްސާނީ ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއްވި ނޫންތޯ އެވެ. އަދި އާއްމު ރައްޔިތުންނާއި ފުލުހުންނަށް ވެސް އަނިޔާވި ނޫން ތޯ އެވެ.

ކޮންމެ އަކަސް، އެދުވަހު ތުއްތު ކުއްޖާގެ ބައްޕަ ފުލުހުން ހައްޔަރު ކުރި އެވެ. ނަމަވެސް މަޑުމަޑުން ރާގާއި މަންޒަރު ބަދަލުވެ، މިއަދު އެއްކަލަ ބައްޕަ މިނިވަންކަމާއެކު ރަށު ތެރޭގައި އުޅޭކަމަށް ވެއެވެ. ފުލުހުން ވިޔަސް ކޯޓުން ވިޔަސް، ދޫކޮށްލި ތަނަކުން ދޫކޮށްލައިފިއެވެ.

މި ތުއްތު ކުއްޖާގެ މައްސަލަ ފެންމަތިވެ، އެކުއްޖާގެ ބައްޕައާއި ކާފައާއި މުނި ކާފަ ހައްޔަރު ކުރުން ލަސްވެގެން އުޅުނު މީހުން ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފްގެ އިސްތިއުފާއަށް ވެސް ގޮވިއެވެ. އެންމެފަހުން މިނިސްޓަރުކަމުން ޝިދާތާ ވެސް އިސްތިއުފާ ދެއްވައިފި އެވެ.

މަޖިލީހުންވެސް ޖިންސީ އަނިޔާގެ ކުއްލި މައްސަލަތައް ހުށަހެޅި، މަޖިލީހުގެ މެމްބަރުންވެސް އެމައްސަލަތަކަށް ބަހުސްކުރައްވާ މިމައްސަލައަށް އަވަސް ހައްލެއް ހޯދުމާއި ކުޑަކުދިންނަށް ޖިންސީ އަނިޔާ އަދި ޖިންސީ ގޯނާ ކުރާ ފަރާތްތަކަށް ހަރުކަށި އަދަބުތައް ދިނުމަށް ގޮވާލިއެވެ. ނަމަވެސް މިއަދު މިއޮތީ އަނެއްކާވެސް ހާލަތު ބަދަލުވެފަ އެވެ. އަނެއްކާވެސް ތުއްތު ކުއްޖަކު "ރޮލާ ކާލަންދެން" އެތިބީ ބަލާށެވެ. އަނެއްކާވެސް އެފަދަ ކަމެއް ހިންގަންދެން އެތިބީ ބަލާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
4%
0%
20%
56%
4%
16%
ކޮމެންޓް