ވޯލްޑްކަޕް ކޮލިފައިންގައި ޕޯޗުގަލް އަދި ފްރާންސް ކުޅުނު މެޗުތަކުން މި ދެޓީމު މޮޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ޕޯޗުގަލް މޮޅުވީ ހަންގޭރީއާ ވާދަކޮށް 0-3 ގެ ނަތީޖާއަކުންނެވެ.
ޕޯޗުގަލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ ޕޯޗުގަލް އިންނެވެ. އެގޮތުން އެޓީމުން ވަނީ ހަންގޭރީ ހާފަށް ބާރުބޮޑުކޮށް ލަނޑުޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
ޕޯޗުގަލް އިން މެޗުގެ ލީޑު ނެގީ 32 ވަނަ މިނެޓުގައި އެންޑްރޭ ސިލްވާ ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑަށްފަހުވެސް ޕޯޗުގަލް އިން ދިޔައީ ލަނޑު ޖެހުމަށް ފުރުސަތުތައް ތަނަވަސްކުރަމުންނެވެ.
އެގޮތުން 36 ވަނަ މިނެޓުގައި ކްރިސްތިއާނޯ ރޮނާލްޑޯ ވަނީ އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އެންޑްރޭ ސިލްވާގެ އެހީތެރިކަމާއެކުގައެވެ.
ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ހަންގޭރީގެ މައްޗަށް ޕޯޗުގަލް ކުރިހޯދައިގެންނެވެ.
ދެވަނަ ހާފް ފެށިގެންވެސް ޕޯޗުގަލް އިން މޮޅު ކުޅުމެއް ދައްކާފައިވާއިރު، އެޓީމަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ރޮނާލްޑޯ އަށް ލިބުނު ފުރުސަތުތައް ހިމެނެއެވެ.
ޕޯޗުގަލް އިން މެޗުގައި ޖެހި ތިންވަނަ ލަނޑު 65 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ހިލޭ ޖެހުމަކުން ރޮނާލްޑޯ އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ޕެނަލްޓީ އޭރިޔާގެ ބޭރު އަރިމަތިންނެވެ.
މި ނަތީޖާއާއެކު ޕޯޗުގަލް އޮތީ ކުޅުނު ފަސް މެޗުން ލިބުނު 12 ޕޮއިންޓާއެކު ސްވިޒަލޭންޑްގެ ފަހަތުން ގްރޫޕް ބީގެ ދެވަނައިގަ އެވެ. މެޗުން ބަލިވި ހަންގޭރީ އޮތީ ކުޅުނު ފަސް މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގަ އެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ފްރާންސް މޮޅުވީ ލަގްޒެމްބާގްއާ ވާދަކޮށް 1-3 ގެ ނަތީޖާއަކުންނެވެ.
ލަގްޒެމްބާގް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ފްރާންސް އިންނެވެ. މި ލަނޑު 28 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އޮލިވާ ޖިރޫ އެވެ.
މި ލަނޑަށްފަހު ފްރާންސް އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް ލަގްޒެމްބާގްގެ ހާފަށް ބާރުބޮޑުކޮށްފައިވާއިރު، ލަނޑު ޖަހަންވެސް ފުރުސަތުތަކެއް ވަނީ ތަނަވަސްކޮށްފައެވެ. އެހެންނަމަވެސް ފްރާންސް އިން ރަނގަޅަށް ކުޅެމުންދިޔަ ދަނޑިވަޅެއްގައި ލަގްޒެމްބާގްގެ ޖޯކިމް ވަނީ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މި ނަތީޖާގައި ލަގްޒެމްބާގަށް ހިފެހެއްޓުނީ ތިން މިނެޓަށެވެ. އެގޮތުން 37 ވަނަ މިނެޓުގައި އެންޓޯނިއޯ ގްރިޒްމަން ވަނީ އެޓީމަށް ލީޑު އަނބުރާ ހޯދައިދީފައެވެ. މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 1-2 ގެ ނަތީޖާއަކުން ލަގްޒެމްބާގްގެ މައްޗަށް ފްރާންސް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ފްރާންސް އިން އެޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަކޮށްފައިވާއިރު، ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް މި ހާފުގައި ވަނީ ހޯދާފައެވެ.
އެގޮތުން އެޓީމުން ވަނީ 77 ވަނަ މިނެޓުގައި އޮލިވާ ޖިރޫގެ ލަނޑުން މެޗުގެ ލީޑު ފުޅާކޮށްފައެވެ. މީގެއިތުރުންވެސް އެޓީމަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މި ނަތީޖާއާއެކު ފްރާންސް އޮތީ ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާއެކު ގްރޫޕް އޭގެ އެއްވަނައިގައެވެ. މެޗުން ބަލިވި ލަގްޒެމްބާގް އޮތީ އެއް ޕޮއިންޓާއެކު ގްރޫޕްގެ ފުލުގައެވެ.