ހޮނިހިރު 26 ސެޕްޓެންބަރ 2020
06 އަތަ
1442 ސަފަރު 08
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
އިރުއޮއްސޭ 18:02
އިޝާ 19:13
ކުޑަކުދިންނަށް ޖިންސީ އަނިޔާ ދިނުން

ކައުންސިލަށް ރަސްމީއެއްނުވި، ފުލުހުންނަށް ރިޕޯޓެއް ނެތް، ޖެންޑަރގެ ސަމާލުކަމެއް ނެތް!

  • ހުރިހާ މުއައްސަސާތަކުން ބުނަނީ ޒަމާނުއްސުރެން ހިނގަމުންދާ ކަމެއް ކަމަށް
  • ކަމެއް ފެންމަތި ވީމައި ކަމާބެހޭ މުއައްސަސާތަކުން އުޅެނީ "ރެކެން" ވެގެން
  • ހުރި ގޮންޖެހުންތަކަށް ހައްލު ގެނައުމަކީ ވެސް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގެ ޒިންމާއެއް

ކ. މާލެ | 21 ޖެނުއަރީ 2020 | އަންގާރަ 13:24 | 21,852

ފުލުހުންނާއި ޖެންޑަރ މިނިސްޓްރީން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ޔޫސުފް ސޮފްވާން ރަޝީދު

މިއީ 18 އަދި 19 ވަނަ ޤަރުނެއް ނޫނެވެ. މިއީ 20 ވަނަ ޤަރުނުވެސް ނިމި 21 ވަނަ ޤަރުނުއެވެ. އިންސާނުންގެ ވިސްނުމަށް ބޮޑެތި ބަދަލުތަކެއް އައިސްފި އެވެ. ޤައުމުތަކަށް ޢުމްރާނީ ތަރައްޤީ އައިސްފި އެވެ. ސައިންސާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން އާއުސްމިންތަކަށް ފީނާ މީސް މީހުން އައު އީޖާދުތައްކޮށް، މި ބިންމަތީގައިވާ އެންމެ މާތް އަދި އެންމެ ފުރިހަމައަށް ލައްވާފައިވާ އިންސާނާއާ ވާދަކުރަން އިންސާނުން ރޮބަޓް ވެސް އުފައްދައިފި އެވެ. ޖައްވައް ދިއުމަކީ މިޒަމާނުގައި އެހާ އުނދަގޫ ކަމެއް ނޫނެވެ. ރޮކެޓުތަކާއި، ޖައްވީ އުޅަނދުތަށް އުފައްދާފައިވަނީ އިންސާނާގެ ސިކުނޑީގެ ބޭނުންކޮށްގެން ނެވެ. އަދި އެއީ އިންސާނާއަށް ދެއްވާފައިވާ ބުއްދީގެ ވަރަށް ކުޑަ އިންސައްތައެއް ބޭނުންކޮށްގެން ނެވެ.

ޒަމާން ބަދަލުވެއްޖެއެވެ. މީހުންގެ ވިސްނުމާއި އުޅުމާއި ގުޅުން ބަދަލުވެއްޖެ އެވެ. އެކަމަކު ބަދަލުނުވާ ބައެއް ކަންކަންވެސް ހުރެއެވެ. ދުނިޔެ ހިނގަހިނގާ މިއޮންނަ ނިޒާމަކީ، އޭގެ ޒާތުގައި ހިނގަހިނގާ އޮންނާނެ ނިޒާމެކެވެ. އެކަމާ ޗެލެންޖް ކުރެވޭނެ އަދި ބަދަލުކުރެވޭނެ، ބާރެއް އަދި ވިސްނުމެއްވެސް އިންސާނަކަށް ލިބިގެން ނުވެއެވެ.

ގިނަ ޤައުމުތަކުން އެޤައުމުތައް ހިންގުމަށް އެކިވަރުވަރުގެ ބަދަލުތައް ގެންނަމުން ދެއެވެ. ޒަމާނަށް އަންނަ ބަދަލާއެކު، އަދި އިންސާނުންގެ ވިސްނުމަށް އަންނަ ބަދަލާއެކު ޤައުމުތަކުގެ ހިންގުމުގެ ނިޒާމަށް ވެސް ބަދަލުތައް ގެންނަމުން ދެއެވެ. ނުރަނގަޅު ކަންކަން ރަނގަޅު ކުރުމަށް ހިފުމަކީ ޤައުމެއް، ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށް ކޮންމެހެން ކުރަންޖެހޭ ކަންކަމެވެ. ބައެއް ފަހަރު އިންސާނުންގެ ވިސްނުމަށް ވެސް ނުބައި ވިސްނުމެއް އައުމަކީ ހަމަވެދާނެ ކަމެއް ނޫންތޯ އެވެ. އަދި އެމީހުންގެ އުޞޫލަކީ ޖަންގަލީގެ އުޞޫލްކަމަށްވާނަމަ، އެކަން ހަމަޔަކަށް އެޅުވުމަކީ، ހަމަ ވިސްނުމުގައި ތިބި ބަޔަކު ނިކުމެ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫންތޯ އެވެ.

ބުނަން މިއުޅެނީ، ތުއްތު ތުއްތު ދެ އަހަރުވެސް ނުވާ ކުއްޖަކަށް ޖިންސީ އަނިޔާ ދިން ވާހަކަ އެވެ. ކުޑަ ކުދިންނަށް ޖިންސީ އަނިޔާ އަދި ޖިންސީ ގޯނާ ކުރާ ވާހަކައަކީ އާވާހަކައެއް ނޫންކަމަށް، ދައުލަތުގެ ކަމާބެހޭ ޖެންޑަރ މިނިސްޓްރީން ބުނެއެވެ. މައްސަލަތައް ތަޙުޤީޤު ކުރަމުންދާ ދައުލަތުގެ އެންމެ މުހިއްމު އިދާރާ ފުލުހުންގެ މުއައްސަސާއިންވެސް ބުނެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ވާހަކައަކީ އާ ވާހަކައެއް ނޫން ކަމަށާއި އެއީ ޒަމާނުންސުރެން ރާއްޖޭގައި އޮންނަކަމެއް ކަމަށް، ކަމާބެހޭ ދައުލަތުގެ އިދާރާތަކުން ބުނެ، އަދި އެހާޒަމާނުއްސުރެން އޮންނަ ކަމެއް މިހިނގާ 21 ވަނަ ޤަރުނަށް އައިއިރުވެސް، ޙައްލެއް ނުލިބި، ދާދިއުމަކީ ޖަންގަލީގައި އުޅޭ ޖަނަވާރުތައް ވެސް އިންސާނުންނަށް މަލާމާތްކުރާނެ ކަމެއް ނޫންތޯ އެވެ.

ރޭޕްކުރާ ބައްޕައާއި، ކާފައާއި، މުނިކާފަގެ އަތް ދަށުން ތުއްތު ދެ އަހަރުވެސް ނުވާ ކުޑަކުއްޖަކު ސަލާމަތްވާނެ ގޮތެއް ހަމަ އެގޮތަކަށްވެސް ނުވިސްނެއެވެ. ބަޔަކު ސަލާމަތް ކުރިއްޔާ ނޫނިއްޔާ އެކުއްޖާ ސަލާމަތްވާނެ ހަމައެއްގޮތެއް ވެސް ނޯންނާނެ ނޫންތޯ އެވެ.

ބައްޕައަކުވިޔަސް، ކާފަކަމަށްވިޔަސް އަދި މުނިކާފަ ކަމަށްވިޔަސް އަމިއްލަ ދަރިފުޅު ރޭޕު ކުރާތަން، ޖަންގަލީގައި އެންމެ ނުލަފާކޮށް އުޅޭ މިނިކާ ސިންގާއަކަށް ފެނިއްޖެނަމަ، "ނޫނޭވާ އިންސާނުން އުޅެނީ މާކުރީގައޭ" ހިތައްއަރައި، ލަދުން އިސްއުފާލަންވެސް ނުކެރޭނެ ތާއެވެ. އެހާވެސް ބައެއް އިންސާނުންގެ ލަދުހަޔާތްކުޑަކަން ހުރީ އިންތިހާއަށް ގޮސްފަ އެވެ.

ދަރިފުޅު ހިމާޔަތް ކުރުމުގެ ޒިންމާ އަދާ ކުރަންޖެހޭ ބައްޕައަކު އޭނާގެ އަމިއްލަ ދަރިފުޅު ރޭޕް ކުރުމަކީ މުޅި އިންސާނީ ނަޞްލު ފެއިލްވުމެވެ.

ކުޑަ ކުދިންނަށް ޖިންސީ އަނިޔާ ކުރާކަން އެނގިހުރެ، ނަމަވެސް ރަސްމީ ފަރާތަކުން އެކަން ރަށު ކައުންސިލަށް އަންގާފައިނުވާތީ، އެކަމާމެދު ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ބުނާއިރު، އެމީހުންގެ ލަދުހަޔާތް ކޮބާތޯ އެވެ. ރަސްމީކޮށް އަންގަންވީ، އެޢަމަލު ހިންގި މީހާތޯ އެވެ. ނުވަތަ އެ ކުޑަކުއްޖާތޯ އެވެ. ކައުންސިލްތަކުން ބަލަންޖެހެނީ ރަސްމީކޮށް އަންގާ ކަންކަން އެކަނިތޯ އެވެ. ކުޑަކުއްޖަކު "ރޮލާ ކާލާއިރުވެސް" ރަސްމީކޮށް އަންގަންދެން ބަލަން ތިބެންވީ ތޯ އެވެ. ކުޑަކުދިންނާއި އަންހެނުންނަށް ކުރާ އަނިޔާ އަދި ޖިންސީ ގޯނާގެ ވާހަކަ ތާއަބަދު ދައްކާއިރު ސަރުކާރުގެ ޖެންޑަރ މިނިސްޓްރީއަކީވެސް ސަމާލުކަން އައުމުން "އެކްޓިވް" ވާން އޮންނަށް ތަނެއް ތޯ އެވެ. ކުޑަކުދިންނަށް ޖިންސީ އަނިޔާ އަދި ޖިންސީ ގޯނާ ކުރުމަކީ ޒަމާނުއްސުރެން އޮންނަ ކަމަކަށްވިޔަސް، އެކަންކަމުން ކުޑަކުދިން ރައްކާތެރި ކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅޭގޮތެއް ހަމަ ނެތީތޯ އެވެ. މުޅި ރާއްޖެ ރޮއްވާލި ތުއްތު ތުއްތު އިބްތިހާލުގެ މަރުގެ މައްސަލައަކީ ޖެންޑަރ މިނިސްޓްރީގެ ސަމާލުކަމަށް ގެނެވިފައިވާ މައްސަލަ އެކެވެ. ނަމަވެސް އިބްތިހާލުގެ ރައްކާތެރިކަމަށް އެކަށީގެންވާ ފިޔަވަޅެއް އެޅުނުތޯ އެވެ. އުފަން މަންމަގެ އަނިޔާއިން ތުއްތު އިބްތިހާލު މަރުވެގެން ދިޔައީ ދައުލަތުގެ ކަމާބެހޭ އިދާރާތުގެ ސަމާލުކަމަށް އައިސްފައި އޮތްވަ ނޫންތޯ އެވެ.

މިހެން ދިމާވާ މައްސަލަތަކުން "ރެކެން" އެހެން މުއައްސަސާތަކާއެއްގޮތަށް ފުލުހުން ބުނާ ބަހަކަށް އޮންނަނީ "ރިޕޯޓު ކޮށްފައި ނުވާ" ކަމަށެވެ. ނަމަވެސް ކުޑަކުދިންނަށް ޖިންސީ އަނިޔާއާއި ޖިންސީ ގޯނާ ކުރާ މައްސަލަތަކަކީ ޒަމާނުއްސުރެން ރާއްޖޭގައި ހިނގަމުން އަންނަ ކަމެއް ކަމަށް ފުލުހުން ބުނާއިރު، ފުލުހުންގެ މުއައްސަސާގައި އިސްކޮށް ތިއްބެވި ބޭފުޅުންނަކީ ވެސް 20 ނުވަތަ 30 އަހަރު އެމުއައްސަސާގައި މަސައްކަތް ކުރައްވާފައި ތިއްބަވާ ތަޖުރިބާކާރު ބޭފުޅުންނެވެ. އެބޭފުޅުންގެ 20، 30 އަހަރުގެ ޚިދުމަތުގެ ތެރެއިންނާއި ތަޖުރިބާގެ ބޭނުންކޮށްގެން ރަނގަޅުކޮށްލަން ނޭގުނު ކަމަކީ ކުޑަކުދިންނަށް ޖިންސީ އަނިޔާ އަދި ޖިންސީ ގޯނާ ކުރާ މައްސަލަތަކަށް ޙައްލެއް ހޯދޭނެ ގޮތެކެވެ. މިއަދު ވެސް އެވިދާޅުވަނީ، އެފަދަ މައްސަލަތައް ތަޙުޤީޤު ކުރުމާއި، އެފަދަ މައްސަލަތައް ޙައްލު ކުރުމުގައި ސިސްޓަމުގައި ނުވަތަ ޤާނޫނީ ގޮތުން ބައެއް ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ.

ކުޑަ ކުދިންނަށް ކުރާ ޖިންސީ އަނިޔާ ކުރުމުގެ މައްސަލަތަކުގައި ފިޔަވަޅު އެޅުމަށް އަދި އެފަދަ މައްސަލަތައް ހުއްޓުވުމަށް، ޤާނޫނުތަކުގައި ހުރި އުނިކަންކަމަށް މިހާދުވަސްވީރު ޙައްލެއް ނުގެނުވުމަކީ ކުޑަ ކުއްޖާގެ މައްސަލައެއް ތޯއެވެ. މިފަދަ ކަންކަން ޙައްލުކުރުމަށް ޤާނޫނުތައް ހެދުމާއި، ޤާނޫނުތަކަށް އިޞްލާޙު ގެނައުމަކީ މިހިނދުން މިހިނދަށް ވެސް ކުރެވިދާނެ ކަމެއް ނޫންތޯ އެވެ. އެއީ ރޮކެޓް ސައިންސެއް ނޫނެއް ނޫންތޯ އެވެ. އެއީ ވެސް ހަމަ 20، 30 އަހަރު ނަގަންޖެހޭ ކަމެއްތޯ އެވެ. ތިމާގެ މޭމަތީގައި ކުލަފޮށީގެ ހުރިހާ ކުލައެއް ހިމެނޭގޮތަށް "ކުލަބަރި" ޖަހައިގެން، ތިމާގެ ކޮނޑަށް ކާއިނާތުގައިވާ ހުރިހާ ތަރިތަކެއް އަރުވައިގެން އިންނަވާ، ތިންއިރު ހަމައަށް ރައްޔިތުންގެ ފައިސާއިން ބަނޑުފުރާ ކާލައިގެން އިންނަވާއިރު، ހިތަށް އެއްވެސް އެއްޗެއް ނާރަނީތޯ އެވެ. "ޓު ޕްރޮޓެކް އެންޑް ސަރވް" އޭބުނާއިރު، ފުލުހުންގެ މުއައްސަސާއިން ރައްޔިތުންނަށް ލިބޭ ރައްކާތެރިކަމަކީ ކޮބައިތޯ އެވެ. ލިބޭ ޚިދުމަތަކީ ކޮބައިތޯ އެވެ. ބަލަ، ތިޔަ ލައިގެން އިންނެވި ޔުނީފޯރމާއި، ބޭނުންކުރާ ދައުލަތުގެ ވަޞީލަތްތަކަކީ، ރައްޔިތުންގެ މުދަލާއި ފައިސާއިން ގަނެފައިވާ ތަކެއްޗެވެ. ދައުލަތުގެ މާލިއްޔާގައި ހަމަ އެއްކަލަ އަނިޔާލިބޭ ތުއްތު ކުއްޖާގެވެސް ޙިއްސާ އޮންނާނެ އެވެ. އެކަން އެއްފަހަރުވެސް ހަދާން ނުވޭތޯ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.