ކ. މާލެ
|
31 ޑިސެންބަރ 2019 | އަންގާރަ 00:33
2019 ވަނަ އަހަރު ހިނގާފައިވާ ބައެއް ކަންތައްތައް ދައްކުވައިދޭ ފޮޓޯއެއް
2019 ވަނަ އަހަރު ހިނގާފައިވާ ބައެއް ކަންތައްތައް ދައްކުވައިދޭ ފޮޓޯއެއް
ރާއްޖެއެމްވީ
2019 ވަނަ އަހަރު
2019: މުޒާހަރާތަކާއި، ޓެރަރިޒަމްގެ ޙަމަލާތައް އިތުރުވި އަހަރެއް
 
ޓްރަމްޕުގެ އިމްޕީޗްމެންޓު
 
ޓެރަރިޒަމްގެ ވަރުގަދަ ދެ ހަމަލާއެއް
 
ބޮއިން ކުންފުންޏަށް ބޮޑު ގެއްލުންތަކެއް ލިބުނު އަހަރެއް

މި އަހަރަކީވެސް ބައިނަލްއަޤުވާމީ މަޞްރަޙުގައި ގިނަ ކަންތައްތަކެއް ހިނގާފައިވާ އަހަރެކެވެ. އަހަރު ނިމިގެން ދިޔައިރުވެސް މީގެ ތެރެއިން ބައެއް ކަންތައްތަކަކީ މިހާރުވެސް ހުއްޓުމެއްނެތި ކުރިޔަށްދާ ކަންތައްތަކެވެ. މި ރިޕޯޓުގަ މި ބަލާލަނީ މި އަހަރު ގެ ތެރޭގައި ދުނިޔޭގެ މަޞްރަޙުން ފާހަގަކުރެވުނު މުހިންމު ކަންތައްތަަކެވެ.

ޤަތަރު އޯޕެކުން ވަކިވުން

ޤަތަރުގެ ދާޚިލީ ސިޔާސަތަށް ގެނެވުނު ބަދަލުތަކެއްގެ ސަބަބުން އެ ޤައުމު އޯގަނައިޒޭޝަން އޮފްދަ ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް (އޯޕެކް) އިން ވަކިވާން 2018 ވަނަ އަހަރުގެ ޑިސެންބަރު މަހު އެ ޤައުމުގެ އެނަރޖީ މިނިސްޓަރު ސާދު ޝެރިދާ އަލް ކާބީ ވަނީ އިއުލާން ކުރައްވައި، ރަސްމީ ގޮތުން އޯޕެކުން ވަކިވީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ.

އެ ޤައުމުން އެ ނިންމި ނިންމުމަށް ޢަމަލީ ސިފައެއް ގެނެސް، މި އަހަރުގެ ފުރަތަމަ ދުވަހު ޤަތަރުން ވަނީ 57 އަހަރު ފަހުން އޯޕެކްގެ މެންބަރުކަމުން ވަކިވެފައެވެ.

ގަތަރުގެ އެނަރޖީ މިނިސްޓަރު ސާދު ޝެރިދާ އަލް ކާބީ. ފޮޓޯ: އޭޒިއޮސް

ސާދު ވިދާޅުވެފައިވާ ގޮތުގައި އޯޕެކްގެ މެންބަރެއްގެ ގޮތުގައި 57 އަހަރު އޮތުމަށްފަހު ވަކިވުމަކީ ފަސޭހަ ނިންމުމެއް ނޫނެވެ. ނަމަވެސް ތެޔޮ އުފެއްދުމުގެ މައްސަލާގައި އޯޕެކުން ނިންމާ ނިންމުންތަކުގެ ސަބަބުން ކުރާ އަސަރު މީގެ ސަބަބުން ކުޑަވާނެކަމަށް ސާދުވަނީ ވިދާޅުވަފައެވެ.

މެސަޑޯނިއާގެ ނަން ބަދަލުވުން

ރިޕަބްލިކް އޮފް މެސަޑޯނިއާގެ ނަން ރިޕަބްލިކް އޮފް ނޯތު މެސަޑޯނިއާގެ ނަމަށް ބަދަލުކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުއެވެ. ރިޕަބްލިކް އޮފް މެސަޑޯނިއާ އާއި ގްރީސްގެ މެސަޑޯނިއާ ސިޓީއަކީ ގިނަ ބަޔަކަށް އަބަދުވެސް އޮޅުން އަރާ ތަނެކެވެ. އޭގެ ސަބަބުން ގްރީސް އާއި ދެމެދު ފާއިތުވި ދުވަސްތަކުގައި ޖެހުނު މައްސަލަތައް ގިނައެވެ.

މެސަޑޯނިއާގެ މަގުގެ ނަން ރިޕަބްލިކް އޮފް ނޯތް މެސަޑޯނިއާގެ ނަމަށް ބަދަލުކުރަނީ. ފޮޓޯ: އޭޕީ

1991 ވަނަ އަހަރުން ފެށިގެން ދެ ޤައުމު ދެމެދު ޖެހެމުން އައި މައްސަލައިގެ ޙައްލަކަށް ވެގެންދިޔައީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވި މަޝްވަރާތަކަކަށް ފަހު ނަން ބަދަލުކުރަން ދެ ޤައުމުން އެއްބަސްވި އެއްބަސްވުމެވެ. މިއާއެކު، މެސަޑޯނިއަން އާއި ގްރީސްގެ ޤާނޫނު ހަދާ މަޖިލީހުގެ ރުހުން ލިބި ރަސްމީކޮށް ރިޕަބްލިކް އޮފް މެސަޑޯނިއާގެ ނަން ރިޕަބްލިކް އޮފް ނޯތު މެސަޑޯނިއާ އަށް ވަނީ ބަދަލުކޮށްފައެވެ.

އިތިއޯޕިއާގެ އެއަރލައިނެއް ވެއްޓި 157 މަރު

އިތިއޯޕިއާގެ އަޑިސް އަބަބާ ބޯލް އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރައިގެން ކެންޔާގެ ޖޮމޯ ކެންޔާޓާ އެއަރޕޯޓަށް ދަތުރުކުރަމުންދިޔަ އިތިއޯޕިއަން އެއަރލައިންސް ފްލައިޓް 302 ވެއްޓި ފްލައިޓުން ދަތުރުކުރި އެންމެން މަރުވި ޙާދިސާ ހިނގާފައިވަނީ މާޗު މަހުގެ 10 ވަނަ ދުވަހުއެވެ.

ބޮއިން 737 މެކްސް 8 މަރުކާގެ އެ ފްލައިޓު ވެއްޓިފައިވަނީ ފުރިތާ ހަ މިނެޓުގެ ތެރޭގައި، ބިޝޮފްޓޫ ކިޔާ އަވަށަކަށެވެ.

ވެއްޓުނު ފްލައިޓްގެ ބައިތަކެއް ނަގަނީ. ފޮޓޯ: ދަ ޓައިމްސް

ފްލައިޓުން ދަތުރުކުރި ގިނަ ފަސިންޖަރުންނަކީ، ކެންޔާގެ ވެރިރަށް ނައިރޯބީގައި އޮތް އެކުވެރި ދައުލަތްތަކުގެ ތިމާވެެއްޓާ ބެހޭ ޢާންމު ބައްދަލުވުމެއްގައި ބައިވެރިވުމަށް ދަތުރު ކުރި މީހުންނެވެ. ފްލައިޓު ވެއްޓެން ދިމާވި މައިގަނޑު ސަބަބެއް އަދި މިހާތަނަށް ހޯދިފައެއް ނުވެއެވެ.

ނިއުޒިލޭންޑްގެ މިސްކިތައް ޙަމަލާދިނުން

2019 އަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހު ބަޑި ހިފައިގެން ހުރި މީހަކު ނިއުޒިލޭންޑުގެ ކްރައިސްޓްޗަރޗްގެ މިސްކިތަކަށާއި އިސްލާމީ މަރުކަޒަކަށް ހުކުރު ނަމާދު ވަގުތު ދިން ޙަމަލާއެއް ގައި 51 މީހަކު މަރާލާފައިވެއެވެ.

މި ހަމަލާ ދީފައިވަނީ އޮސްޓްރޭލިޔާގެ ރައްޔިތެއް ކަމަށްވާ ބްރެންޓަން ހެރިސް ޓެރަންޓެވެ. ބްރެންޓަން ވަނީ ކޯޓުގަ އޭނާގެ ކުށަށް އިޢުތިރާޟުވެފައެވެ.

ކްރައިސްޓް ޗާޗް މިސްކިތްކައިރީ ފުލުހަކު ފޯރިމަރަނީ. ފޮޓޯ: ދަ ޖަޕާން ޓައިމްސް

އޭނާގެ ޝަރީޢަތް އަންނަ އަހަރުގެ މޭމަހު ފަށާނެ ކަމަށް ބެލެވެއެވެ. މިސްކިތަށް ދިން ޙަމާލާއާ އެކު ނިއުޒިލޭންޑްގަ ބަޑި ގެންގުޅުމުގެ ޤާނޫނަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

ޖޫލިއަން އަސަންޖާ ހައްޔަރު ކުރުން

2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 11 ވަނަ ދުވަހު، އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ އިކުއެޑޯ އެމްބަސީން ޙިމާޔާތް ހޯދައިގެން އުޅުނު ވިކީލިކްސްގެ ބާނީ، ޖޫލިއަން އަސާންޖް ވަނީ އެމެރިކާއިން ހައްޔަރުކޮށްފައެވެ. އަސާންޖް ހައްޔަރު ކޮށްފައިވަނީ، އިކުއެޑޯއިން އޭނާއަށް ދީފައިވާ ޙިމާޔަތް އަނބުރާ ގެންދިއުމާއި ގުޅިގެންނެވެ.

އިކުއެޑޯއިން ޙިމާޔަތް އަނބުރާ ގެންގޮސްފައިވަނީ އަސާންޖް އެޤައުމުގެ ޚާރިޖީ ކަންކަމާއި ބެހޭ ކަމަށް ތުހުމަތު ކުރުމަށް ފަހުއެވެ. ނަމަވެސް ގިނަ ފަރާތްތަކަކުން ތުހުމަތު ކުރާ ގޮތުގައި އިކުއެޑޯގެ ނިންމުމަކީ ވިކިލީކްސްއިން އިކުއެޑޯއާއި ގުޅޭ ލިޔެކިޔުންތަކެއް ލީކުކޮށްލުމާއި ގުޅިގެން ނިންމި ނިންމުމެކެވެ.

ވީކިލީކްސްގެ ބާނީ ޖޫލިއަން އަސަންޖާ. ފޮޓޯ: ސްކައި ނިއުސް

އިކުއެޑޯގެ އެމްބަސީން ހިމާޔަތް ހޯދި މައްސަލައިގައި އަސާންޖް 50 ހަފުތާއަށް ޖަލަށް ލުމަށް އިގިރޭސިވިލާތުގެ ކޯޓަކުން ހުކުމް ކުރީ މޭމަހުގެ ތެރޭގައެވެ. އަސަންޖާގެ މައްޗަށް އުފުލާފައިވާ ރޭޕްކުރުމުގެ ދަޢުވާ ސްވިޑަން އިން އަނބުރާ ނަގާފައިވާ ކަމަށް އެ ޤައުމުގެ ޕްރޮސިކިއުޓަރުން ވަނީ އިޢުލާންކޮށްފައެވެ. ޤައިދީން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން އިނގިރޭސި ވިލާތުން އެމެރިކާއާ އަސާންޖް ޙަވާލު ކޮށްދިނުމަށް އެމެރިކާ އިން ވެސް އެދެއެވެ. އެމެރިކާއިން އޭނާ ބޭނުންވެގެން އުޅެނީ 2010 ވަނަ އަހަރު އަސްކަރީ އަދި ޑިޕްލޮމެޓިކް މަޢުލޫމާތުތަކެއް ޢާންމުކުރުމުގައި ބައިވެރިވިކަމަށް ބުނެއެވެ.

ސްރީ ލަންކާގައި ބޮން ގޮއްވާލުން

ކްރިސްޓިއަނުން ފާހަގަކުރާ އީސްޓަރ ސަންޑޭއާ ދިމާކޮށް ސްރީލަންކާގެ އެކި ޞަރަޙައްދުތަކުގައި އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ވަނީ ބޮމުގެ ވަރުގަދަ ޙަމަލާއެއް ދީފައެވެ.

މަތީ ފަންތީގެ ތިން ހޮޓަލަކަށާއި، ތިން ފައްޅިތަކަށް ޢަމާޒުކޮށްދިން ޙަމަލާގައި 259 މީހުން މަރުވެ، 500 މީހަކު ވަނީ ޒަޚަމްވެފައެވެ. ޙަމަލާގަ ސްރީ ލަންކާ މީހުންގެ އިތުރުން ގިނަ ޤައުމުތަކެއްގެ މީހުން ވަނީ މަރުވެފައެވެ. މި ފަހުގެ ތާރީޚެއްގައި ލަންކާގައި ދިން އެންމެ ވަރުގަދަ ހަމާލަގެ ޒިންމާ ނަގާފައިވަނީ ޓެރަރިސްޓް ޖަމާޢަތެއް ކަމަށްވާ އައިއެސްއިންނެވެ. ހަށިގޮއްވާލައިގެން ޙަމަލާދީފައިވަނީ އައިސްގެ ފިކުރަށް ތާޢީދުކުރާ ނެޝަނަލް ތައުޙީދު ޖަމާޢަތުންނެވެ.

ބޮމުގެ ހަމަލާދިން ފައްޅިއެއްގައި ސިފައިން ހަރަކާތްތެރިވަނީ. ފޮޓޯ: ޑެއިލިމިރާ.އެލްކޭ

ޙަމާލާ އަށް ފަހު ސްރީ ލަންކާގައި ކުއްލި ޙާލަތު އިޢުލާންކޮށް އެ ޙަމަލާގައި ބައިވެރިވި މީހުން ހޯދުމުގެ ޚާއްޞަ އޮޕަރޭޝަނެއް ފެށުނެވެ. އެ އޮޕަރޭޝަނުގައި ގިނަ ޢަދަދެއްގެ ބަޔަކު ހައްޔަރުކޮށް އެމީހުންގެ މައްޗަށް ދަޢުވާ އުފުލިއެވެ.

އެމީހުން އަތުން ޙަމަލާދޭން ބޭނުންކުރި ގިނަ އާލާތްތަކެއް ހޯދައިފައިވެއެވެ. ޙަމަލާއަށް ފަހު ލަންކާގައި މޫނު ފޮރުވުން މަނާކުރެވުނެވެ. އީސްޓަރ އެޓޭކަށް ފަހު ލަންކާގެ އިޤުތިޞާދު އަންދަވަޅަކަށް ވެއްޓި އަދިވެސް އެކަމުން އަރައިނުގަނެވެއެވެ.

ހޮންގްކޮންގް އެކްސްޓްރޭޑިޝަން ބިލު

ޖިނާޢީ ކުށްކުރާ ފަރާތްތަކުގެ ޝަރީޢަތްތައް ޗައިނާގައި ހިންގުމަށް ގޮވާލާ ބިލެއްގެ މަސައްކަތް ހޮންގްކޮންގ ސަރުކާރުން ފެށުމާއި އެ ޤައުމުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ރުޅިގަދަވެ މަގުތަކުގެ މައްޗަށް ނިކުމެ މުޒާހަރާކުރަން ފެށިއެވެ. 2019 ވަނަ އަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހު ފެށި މުޒާހަރާ އަދިވެސް ނުހުއްޓައެވެ.

ހޮންގްކޮންގްގެ އެކި ޞަރަޙައްދުތަކުގައި މިލިއަނެއްހާ މީހުން އެއްވެ މުޒާހަރާ ކުރަމުންދަނިކޮށް ޖޫން މަހުގެ ނުވަ ވަނަ ދުވަހު ސަރުކާރުން ވަނީ އެ ބިލު ޤާނޫނު ހަދާ މަޖިލީހަށް ވައްދާފައެވެ. ބިލުގެ ދެވަނަ ކިޔުން ޖޫން މަހުގެ 12 ވަނަ ދުވަހު ކުރިޔަށް ގެންދިޔައިރު މުޒާހަރާގެ ބައިވެރިން ވަނީ ޤަނޫނު ހަދާ މަޖިލީހުގެ ބޭރަށް ޖަމާވެ މުޒާހަރާކޮށްފައެވެ. އެ މުޒަހަރާގައި ދެ މީހަކަށް އަނިޔާވެ، 2000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.

އެކްސްޓްރެޑޭޝަން ބިލާއި ދެކޮޅަށް ހޮންކޮންގ ގައި ކުރި މުޒާހަރާ ތެރެއިން. ފޮޓޯ: ގެޓީ އިމޭޖްސް

އަދި 6000 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. މެދުކެނޑުމެއްނެތި މުޒާހަރާގެ ބައިވެރިން ދިޔައީ ބިލުގެ މަސައްކަތް އެއްކޮށް ހުއްޓާލުމަށެވެ. ބިލުގެ މައްސަލަ ހޫނުވުމުން ސަރުކާރުން ވަނީ މަޖިލީހަށް ހުށައެޅި ބިލު އަނބުރާ ނަގާފައެވެ. އެކަމަކު ބިލު ނެގިޔަސް ބިލުގައި ހުރި ބައެއް މާއްދާތައް ތަންފީޒުކޮށްފައިވެއެވެ.

ބަޣުދާދީ މަރާލުން

އެމެރިކާ ސިފައިން ހިންގ އޮޕަރޭޝަނެއްގައި އިސްލާމިކް ސްޓޭޓް އޮފް އިރާޤް އެންޑް ދަ ލެވާންޓް(އައިސިސް) ގެ ލީޑަރު އަބޫބަކުރު އަލް-ބަޣްދާދީ މަރުވެފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު އިއުލާން ކޮށްފައެވެ. އުމުރުން 48 އަހަރުގެ ބަޣްދާދީ އަމިއްލަ އިން ހަށިގޮއްވާލައިގެން މަރުވެފައިވަނީ ތިން ދަރިންނާއި ދެ އަންހެނުންނާއި އެކުއެވެ. އެެމެރިކާއިން ބަޣްދާދީ މަރާލާފައި މިވަނީ ހަފުތާއެއް ވަންދެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށްކަން ވަނީ ހާމަވެފައެވެ.

އައިއެސްގެ ލީޑަރު ބަޢްދާދީ ފޮޓޯ: ގޫގުލް

އެގޮތުން މީގެ ދެ ފަހަރެއްގެ މަތިން އެމެރިކާއިން ރޭވި މިޝަންތައް ފޭލްވެފައިވާކަން ޓްރަމްޕް ވަނީ ފާހަގަކޮށްފައެވެ. ބަޣްދާދީ އަށް ފަހު އައިއެސްގެ ލީޑަރު ކަމަށް ޢައްޔަނު ކުރެވެނު މީހާވެސް މަރާލެވިފައިވާ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

މީގެ ކުރިން، 2017 ވަނަ އަހަރުވެސް ބަޣްދާދީ މަރާލެވުނު ކަމުގެ ޚަބަރުތަކެއް ފެތުރުނެވެ. ރަޝިޔާ އަސްކަރިއްޔާއިން ދިން ޙަމަލާއެއްގައި ބަޣްދާދީ މަރާލެވިފައިވާކަމުގެ އަޑު ފަތުރާފައިވަނިކޮށް މިދިޔަ އެޕްރީލް މަހު އައިއެސް ޖަމާޢަތުން ޢާންމު ކުރި ވީޑިއޯ މެސެޖަކުން ބަޣްދާދީ ފެނުނެވެ. އެއީ އެޖަމާޢަތުގެ ލީޑަރުކަމާއި ޙަވާލުވި ފަހުން އޭނާ ޢާންމުންނަށް ފެނުނު ފުރަތަމަ ފަހަރު ކަމަށްވެއެވެ.

ބޮއިން 737 މަރުކާގެ ފްލައިޓުތައް ގްރައުންޑް ކުރުން

މި އަހަރުގެ މާޗް މަހު ދުނިޔޭގެ ބޮޑެތި ގިނަ އެއާލައިންތަކަކުން ބޭނުން ކުރަމުން އައި އެމެރިކާގެ ބޮއިން ކުންފުނީގެ 737 މެކްސް މަރުކާގެ ފްލައިޓްތައް ބޭނުން ކުރުން މަޑުޖައްސާލިއެވެ. ގިނަ އެއާލައިންތަކަކުން ބޮއިންގެ އެ މަރުކާގެ ފްލައިޓްތައް ބޭނުން ކުރުން މަޑުޖައްސާލަން ޖެހުނީ މި އަހަރު ތެރޭގައި ކައިރިކައިރީގައި ދެ ފްލައިޓެއްވެއްޓީ މީހުން މަރުވުމާއި ގުޅިގެންނެވެ. އެއީ އިންޑޮނޭޝިއާގެ ލަޔަން އެއަރ ފްލައިޓް 610 އާއި އިތިއޯޕިއަން އެއަރލައިންސް ފްލައިޓް 302 އެވެ.

ބޯއިން މަރުކާގެ ފްލައިޓެއް ފޮޓޯ: އަލް ޖަޒީރާ

އެންމެ ފުރަތަމަ ފްލައިޓްތައް ގްރައުންޑުން ފެށީ ޗައިނާގެ އިންނެވެ. މާޗް މަހުގެ 18 ވަނަ ދުވަހުގެ ދުނިޔޭގެ ގިނަ އެއަރލައިންތަކަކަން ބޭނުން ކުރަމުން އައި ގިނަ ފްލައިޓްތަކެއް ބޭނުން ކުރުން ހުއްޓާލިއެވެ. ބޮއިންގެ ފްލައިޓްތަކަށް ބޮޑެތި ޑިމާންޑް އޮންނަ އިންޑޮނޭޝިޔާ އިންވެސް އޯޑަރުކޮށްފައި ހުރި އެމަރުކާގެ ގިނަ ފްލައިޓްތަކުގެ އޯޑަރު ކެންސަލް ކުރިއެވެ. ފްލައިޓްތައް ސަސްޕެންޑްކުރާ މައްސަލައިގައި ބޮއިން އިން ވަނީ 737 މެކްސް މަރުކާގެ ފްލައިޓްތަކުގައި އުދުހޭ ޕައިލެޓުން ތަމްރީނުކުރަން ބޭނުންކުރާ ފްލައިޓް ސިމިއުލޭޓަރު ސޮފްޓްވެއަރގައި މައްސަލައެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ފުރަތަމަ ފަހަރަށް ހާމަކޮށްފައެވެ.

އެއާއި އެކު އިތުރު ފްލައިޓްތައް އުފެއްދުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 2020 ހަމަޔަށް ބޮއިން އިން ވަނީ މަޑުޖައްސާލާފައެވެ.

ޓްރަމްޕް އިމްޕީޗްމެންޓް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބަލަން ފެށީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ސްޕީކާރ ނެންސީ ޕެލޯސީގެ އިސްނުމުގެ މަތިންނެވެ. ޓްރަމްޕް ރައީސް ކަމުން އަޒުލް ކުރަން އެމެރިކާގެ ގާނޫނު ހަދާ މަޖލީހުގެ ތިރީގެ ޔުނައިޓެޑް ސްޓޭޓް ހައުސް އޮފް ރިޕްރެޒެންޓޭޓިވް ގައި ވޯޓު ނަގާފައިވަނީ މި ހިނގާ ޑިސެމްބަރު މަހުގެ 19 ދުވަހުއެވެ.

ޑޮނަލްޑް ޓްރަމްޕް ފޮޓޯ: ސީއެންއެން

އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންގެ މައްސަލައެއް ތަހުޤީޤުކުރެއްވުމަށް އެދިވަޑައިގަންނަވައި އެ މައްސަލަ ބެލުމަށް ޔޫކްރޭނަށް ޕްރެޝަރ ކުރުމުގެ ގޮތުން އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕުވަނީ ޔޫކްރެއިނަށް ދިނުމަށް ކޮންގްރެސް އިން ފާސްކޮށްފައިވާ 400 މިލިއަން ޔޫއެސް ޑޮލަރުގެ އަސްކަރީ އެހީ ހިފަހައްޓާފަ އެވެ. އެގޮތުން ޓްރަމްޕުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނަގަނީ މިމައްސަލަ ތަހުޤީޤު ކުރަމުންދިޔައިރު ބާރު ބޭނުން ހިއްޕަވާ މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ތަހުޤީޤަށް ހުރަސް އެޅިކަމުގެ މައްސަލައިގައެވެ.

މި މައްސަލައާއި ގުޅިގެން ހައުސް އޮފް ރެޕްރެޒެންޓޭޓިވްގަ ނެގި ވޯޓުގައި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިއްޕެވި ކަމަށް ފާސްކޮށްފައިވަނީ 230 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެކަމާ ދެކޮޅަށް 197 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

އޭގެ އިތުރުން، ތަޙުޤީޤަށް ހުރަސް އެޅުއްވި މައްސަލަ 229 ވޯޓުން ޓްރަމްޕާއި ދެކޮޅަށް ފާސްވެފައިވާއިރު، ޓްރަމްޕާއި އެއްކޮޅަށް 198 ވޯޓު ލިބިވަޑައިގެންފައިވެއެވެ. ތިރީގެއިން ފާސްކުރި ނަމަވެސް އަދި ސެނެޓަށް ފޮނުވާފައެއް ނުވެއެވެ.

އެ މައްސަލައިގެ ޝަރީޔަތް ސެނެޓުގައި ބާއްވަން ތާވަލުކޮށްފައިވަނީ އަންނަ އަހަރުއެވެ. ޓްރަމްޕް އަކީ އިތުބާރު ނެތްކަމުގެ މައްސަލަ ނަގައި އެމެރިކާގެ ތިން ވަނަ ރައީސެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް