ކ. މާލެ
|
8 ޑިސެންބަރ 2019 | އާދީއްތަ 20:24
ޔުނައިޓެޑުގެ ފުރަތަމަ ލަނޑު ޖެހުމަށް ފަހު އެ ޓީމުން އުފާ ފާޅުކުރަނީ
ޔުނައިޓެޑުގެ ފުރަތަމަ ލަނޑު ޖެހުމަށް ފަހު އެ ޓީމުން އުފާ ފާޅުކުރަނީ
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއަރ ލީގު
އީޕީއެލް: ތަށި ދިފާއުކުރުމަށް ސިޓީއިން ކުރި އުއްމީދު ޔުނައިޓެޑުން ފުނޑުފުނޑު ކޮށްލައިފި
 
ސިޓީއާއި އެއްވަނައިގައި އޮތް ލިވަރޕޫލާ ދެމެދު އޮތް ފަރަގު ވަނީ 14 ޕޮއިންޓަށް އިތުރުވެފައި
 
މި މޮޅާއެކު ޔުނައިޓެޑް ވަނީ ލީގު ތާވަލުގެ ފަސްވަނައަށް ޖެހިލާފައި
 
މި މެޗުން ޔުނައިޓެޑް މޮޅުވީ 2-1 ގެ ނަތީޖާއަކުން

މެންޗެސްޓަރ ޔުނައިޓެޑް އަތުން ބަލިވެ، އިނގިރޭސި ޕްރިމިއަރ ލީގު ތަށި ދިފާއުކުރުމަށް މެންޗެސްޓަރ ސިޓީއަށް އޮތް ފުރުސަތު ހަނިވެއްޖެއެވެ.

ހޮނިހިރު ދުވަހުގެރޭ، ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވެފައިވަނީ، 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޔުނައިޓެޑަށް ލަނޑު ޖަހައިދިނީ ޒުވާން ފޯވާޑުން ކަމުގައިވާ މާޝިއާލް އާއި ރަޝްފޯޑެވެ. އަދި ސިޓީގެ ލަނޑު ކާމިޔާބު ކޮށްދިނީ އޮޓަމެންޑީއެވެ.

ޔުނައިޓެޑުގެ ފުރަތަމަ ލަނޑު، ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ރަޝްފޯޑެވެ. މި ޕެނަލްޓީއަކީ ވީއޭއާރް ރިވިއުއަކަށް ފަހު އެ ޓީމަށް ލިބުނު ޕެނަލްޓީއެކެވެ. މި ލަނޑު ޖެހުމުގެ ކުރިންވެސް އެ ޓީމުން ވަނީ ނުރައްކާތެރި ހަމަލާތަކެއް ސިޓީގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ. ނަމަވެސް، ސިޓީގެ ކީޕަރު އެޑަރސަން ވަނީ ހުށިޔާރު ކަމާއިއެކު އެ ހުރިހާ ހަމަލާތަކެއް ދިފާއުކޮށްފައެވެ.

ޔުނައިޓެޑުން ވަނީ މި ލަނޑު ޖެހުމަށް ފަހުވެސް، ސިޓީގެ ފަހަތަށް ނުރައްކާ ކޮށްފައެވެ. އެގޮތުން އެ ޓީމުގެ ކުރިޔަށް ކުޅެމުންދިޔަ ޖޭމްސް، ލިންގަރޑް، މާޝިއާލް އަދި ރަޝްފޯޑް ވަނީ އެ ކުޅުންތެރިންގެ ހަލުވި ދުވެލީގެ ބޭނުންކޮށް ސިޓީއަށް ނުރައްކާކޮށްފައެވެ. އެގޮތުން ރަޝްފޯޑަށް ދެ ފުރުސަތެއް ލިބިގެން ދިޔައިރު، އެތަނުން އެއް ފުރުސަތުގައި އޭނާގެ ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް ވެސް އަމާޒުވެފައެވެ.

ހުއްޓާނުލާ ޔުނައިޓެޑުން ދެމުންގެންދިޔަ ހަމަލާތަކުގެ ނަތީޖާއަކަށްވީ، މެޗުގެ 29 ވަނަ މިނިޓުގައި ލިބުނު ފުރުސަތަކުން މާޝިއާލް އެ ޓީމުގެ ލީޑު ފުޅާ ކުރުމެވެ. އޭރިޔާ ތެރޭގައި ހުރެފައި މާޝިއާލް ފޮނުވާލި ބޯޅަ ގޯލަށް ވަނީ، ގޯލުގެ ކަނާތު އަރިމަތީ ދަނޑީގައި ޖެހިފައެވެ.

މި ލަނޑާއެކު ޔުނައިޓެޑް މަސައްކަތް ކުރީ ބޮޑަށް ޑިފެންސިވް ކުޅުމެއް ކުޅެ، ލީޑު ދިފާއުކުރެވޭތޯއެވެ. އަދި ސިޓީއިން ވަނީ ހިންދެމިލުމަށް ފަހު އެ ޓީމުގެ ޕާސިންގް ގޭމް ކުޅެ، ޔުނައިޓެޑަށް ނުރައްކާ ކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީގެ ގެބްރިއަލް ހޭސޫސްއަށް ރަނުގެ ފުރުސަތުތައް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ގޯލަށް އަމާޒުވާ ވަރެއް ނުވިއެވެ.

މެޗުގެ ދެވަނަ ހާފުގައި ކުޅެން ނިކުމެ، ސިޓީއިން ކުޅުން އިތުރަށް ރަނގަޅުކޮށް ޔުނައިޓެޑަށް ނުރައްކާ ކުރިއެވެ. މި ހުރިހާ ހަމަލާތަކެއް، ޔުނައިޓެޑުގެ ޑިފެންސުން ވަނީ ދިފާއުކޮށްފައެވެ. މި މެޗުގައި ސިޓީއަށް ލަނޑެއް ޖެހޭ ވަރުވީ، މެޗުގެ 85 ވަނަ މިނެޓުގައެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އޮޓަމެންޑީއެވެ.

މި މޮޅާއެކު، ޔުނައިޓެޑް ވަނީ ލީގު ތާވަލުގެ ފަސްވަނައަށް ޖެހިލާފައެވެ. މިއީ އެ ޓީމުން މިދިޔަ މާޗް މަހުގެ ފަހުން ވިދިވިދިގެން ދެ މެޗު ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރު ކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. އަދި މި މޮޅާއެކު، އެ ޓީމުގެ ކޯޗް ސޯލްޝަޔާއަށް ވަނީ ކޯޗު ކަމުގައި ދެމި ހުރުމުގެ ފުރުސަތުވެސް އިތުރުވެފައެވެ.

މި މެޗުގެ ނަތީޖާއާއެކު ސިޓީ އާއި އެއްވަނައިގައި އޮތް ލިވަރޕޫލާ ދެމެދު ޕޮއިންޓުގެ ގޮތުން އޮތް ފަރަގު ވަނީ 14 ޕޮއިންޓަށް އިތުރުވެފައެވެ. އަދި މިއާއިއެކު އެ ޓީމުން ތަށި ދިފާއުކުރުމަށް ކުރަމުން އައި އުއްމީދުވެސް މިވަނީ އެއްކޮށް ކަހަލަ ގޮތަކަށް ނިމިފައެވެ. އިނގިރޭސީ ލީގުގެ ތާރިހުގައިވެސް، މިހާ ބޮޑު ފަރަގެއް އޮތް ޓީމަކުން ދުވަހަކުވެސް ތަށި ކާމިޔާބު ކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް