ހޮނިހިރު 11 ޖުލައި 2020
11 ފުނޯސް
1441 ޒުލްގައިދާ 20
ފަތިސް 04:42
އިރުއަރާ 05:59
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
ރައީސް ޔާމީންގެ ޝަރީއަތް

ރައީސް ޔާމީންގެ ޝަރީއަތް: ހުކުމް ކުރުން މާދަމާ މެންދުރުފަހު 1:30 ގައި

  • ރައީސް ޔާމީން ވިދާޅުވަނީ އެމަނިކުފާނުގެ މައްޗަށް އެމައްސަލަ ސާބިތު ނުކުރެވޭނެ ކަމަށް ވިދާޅުވެފަ
  • ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު، އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ބިލިއަނުން ފައިސާ ޖަމާކޮށްފައިވޭ
  • މަނީ ލޯޑަރު ދައުވާއަކީ އެސްއޯއެފް އެކައުންޓުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި 1 މިލިއަން ޑޮލަރުގެ ފައިސާގެ މައްސަލައެއް

ކ. މާލެ | 27 ނޮވެންބަރ 2019 | ބުދަ 16:38 | 8,237

ރައީސް ޔާމީން ޝަރީއަތުގެ މަޖިލީހުގައި - - ރާއްޖެ އެމްވީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް ބުރާސްފަތު ދުވަހުގެ މެންދުރުފަހު 13:30އަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފި އެވެ.

ރައީސް ޔާމީންގެ މައްޗަށް ހިންގާ މަނީ ލޯންޑަރ ކުރުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އެންމެފަހުން ބާއްވާފައިވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ. އެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ކުރިން އެމައްސަލަ ބަލަމުންދިޔަ، ކްރިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް އެވެ. ނަމަވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ގާޒީ ހައިލަމް ސަސްޕެންޑްކުރުމާއި ގުޅިގެން އެންމެފަހުން ބޭއްވި ޝަރީއަތުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ކްރިމިނަލް ކޯޓުގެ ފަސް ގާޒީން ހިމެނޭ ބެންޗަކުން ނެވެ.

އެމައްސަލަ ބައްލަވާ ގާޒީންގެ ބެންޗުގެ އިސްގާޒީ އަދި މިވަގުތު ކްރިމިނަލް ކޯޓު ހިންގެވުމާއި ހަވާލުވެ ހުންނެވި، ގާޒީ އަލީ ރަޝީދު އެންމެފަހުން ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ވިދާޅުވެފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ދެން ޝަރީއަތް ކުރިއަށް ގެންދެވޭނެ ދެ ގޮތެއް ބަޔާން ކުރާ ކަމަށެވެ. އެގޮތުން، މައްސަލަ ކުރިއަށް ގޮސްފައިވާ ހިސާބުން ފެށުން ނުވަތަ މައްސަލަ އަލުން ފެށިދާނެ ކަމަށް ބަޔާން ކޮށްފައިވާތީ، ދައުލަތުގެ ފަރާތުންނާއި ދައުވާ ލިބޭ ފަރާތުން މިކަމުގައި ދެކޭ ގޮތެއް ވިދާޅުވެ ދެއްވުން އެދޭ ކަމަށެވެ. އެގޮތުން ދައުލަތުގެ ގާނޫނީ ވަކީލާ ވިދާޅުވެފައިވަނީ، ޖިނާއީ އިޖުރާއަތުގައި ބަޔާން ކޮށްފައިވާ ގޮތަށް، ގާޒީންގެ ބެންޗުން ނިންމާގޮތަކަށް ކުރިއަށް ގެންދިއުމަށް ދައުލަތުން އިއުތިރާޒު ނުކުރައްވާ ކަމަށެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލު ވިދާޅުވެފައިވަނީ، ރައީސް ޔާމީންގެ ފަރާތުން ބޭނުންވަނީ މައްސަލަ އަލުން ކުރިއަށް ގެންދިއުމަށެވެ.

ގާޒީންގެ ބެންޗުގެ އިސް ގާޒީ އަލީ ރަޝީދު ވިދާޅުވެފައިވަނީ، މިމައްސަލައަކީ އަޑުއެހުންތަކެއް ބޭއްވި، ހެކީންގެ ހެކިބަސް ނެގި، އަދި ހުލާސާ ބަޔާން އިއްވައި، ހުކުމް ކުރުމާ ހަމާގައި އޮތް މައްސަލައެއް ކަމަށެވެ. އަދި މިމައްސަލާގައި އަލުން ޝަރީއަތުގެ އަޑުއެހުންތައް ބާއްވައި ހެކީންގެ ހެކިބަސް ނެގުމަކީ ހަމަޖެހޭ ކަމަކަށް ގާޒީންގެ ބެންޗަށް ނުފެންނަ ކަމަށެވެ. އެހެންކަމުން މިމައްސަލާގައި ކުރިއަށްދާނީ މިމައްސަލަ ގޮސްފައިވާ ހިސާބުން ކަމަށެވެ.

ގާޒީ އަލީ ރަޝީދު ވިދާޅުވެފައިވަނީ، މިމައްސަލާގައި ގާޒީންގެ ބެންޗެއް އުކުލަވާލުމަށްފަހު، މިމައްސަލައާ ގުޅޭ ހުރިހާ ލިޔެކިޔުމެއް ގާޒީންނަށް އަރުވާފައިވާ ކަމަށާއި، އެހެންކަމުން ދެން މި މައްސަލާގައި އޮންނާނީ ހުކުމް ކުރުމަށް ބޭއްވޭ ޝަރީއަތް ކަމަށެވެ.

އެހެންނަމަވެސް ދެފަރާތުންގެ ވެސް ފާހަގަކުރަން ބޭނުންވާ އިތުރުކަމެއް އޮތްނަމަ އެކަމަކަމާ ގުޅޭގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ގާޒީ އަލީ ރަޝީދު ދެއްވާފަ އެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވެފައިވަނީ، ދައުލަތުގެ މިމައްސަލާގައި ހުލާސާ ބަޔާން އިއްވާފައިވާނެ ކަމަށާއި ދެން މިމައްސަލާގައި ދައުލަތުން އިތުރަށް ފާހަގަ ކުރަން ބޭނުންވާ ކަމެއް ނެތް ކަމަށެވެ.

ރައީސް ޔާމީންގެ ވަކީލު ވިދާޅުވެފައިވަނީ، މިމައްސަލަ ބައްލަވާ ގާޒީންގެ ބެންޗުގެ އިސްގާޒީ އަލީ ރަޝީދު ވަނީ މިމައްސަލައާ ގުޅޭގޮތުން، މީޑިއާގައި ވާހަކަ ދައްކަވާފައި ކަމަށާއި އެއީ ފަނޑިޔާރުންގެ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. އެހެންކަމުން ގާޒީ އަލީ ރަޝީދުއާމެދު އިތުބާރު ގެއްލިފައިވާ ކަމަށާއި އަދި ގާޒީންގެ ބެންޗުގައި ގާޒީ އަލީ ރަޝީދު އިންނެވުމަކީ އިންސާފުވެރި ޝަރީއަތެއް ރައީސް ޔާމީންއަށް ލިބުމަށް އޮތް ހުރަހެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ގާޒީ އަލީ ރަޝީދު މިމައްސަލައިން ތަނާޒުލްވެވަޑައިގެންނެވުމަށް ރައީސް ޔާމީންގެ ފަރާތުން އެދިލައްވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ދިފާއީ ވަކީލުގެ އެވާހަކަތަކާއި ގުޅިގެން ގާޒީންގެ ބެންޗު މަޝްވަރާ ކޮށްލެއްވުމަށް 15 މެނެޓްގެ ހުސްވަގުތު ކޮޅެއް ވަނީ ނަންގަވާފަ އެވެ. ގާޒީންގެ ބެންޗުން މަޝްވަރާ ކުރެއްވުމަށްފަހު، ނިންމަވާފައިވަނީ، ގާޒީ އަލީ ރަޝީދު މިމައްސަލައާމެދު މީޑީއާއަށް މައުލޫމާތު ހިއްސާކުރައްވާފައި ނުވާކަމަށެވެ. އަދި ފަނޑިޔާރުންގެ ގާނޫނާ ވެސް ހިލާފުކަމެއް ކުރައްވާފައިނުވާކަން ގާޒީންގެ ބެންޗުން ނިންމާފައިވާތީ، މިމައްސަލަ ކުރިއަށް ގެންދަން ނިންމާފައިވަނީ ގާޒީ އަލީ ރަޝީދު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ހަމަ މި ގާޒީންގެ ބެންޗުން ކަމަށެވެ.

ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދައުވާ ބެލުމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވާ ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ކްރިމިނަލް ކޯޓު ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ގާޒީ ޢަލީ ރަޝީދާއި ގާޒީ އަޙްމަދު ޝަކީލާއި ގާޒީ މުޙައްމަދު ސަމީރު ޢަލީ އާދަމްގެ އިތުރުން ޙުސައިން ފާއިޒް ރަޝާދެވެ.

ރައީސް ޔާމީނުގެ މައްޗަށް މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ މޯލްޑިވްސް މަރކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތުގެ ފައިސާ އެސްއޯއެފްގެ އެކައުންޓެއް މެދުވެރިކޮށް އެމަނިކުފާނުގެ އަމިއްލަފުޅު އިސްލާމިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައި ވާތީއެވެ. އެސްއޯއެފުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ 500،000.00 ޑޮލަރުގެ ދެ ޗެކެކެވެ. ޖުމްލަ އެއް މިލިއަން ޑޮލަރެވެ.

ރައީސް ޔާމީނުގެ އެކައުންޓަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ އިރު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ބެލުމުގެ ދަށަށް އެ ފައިސާ ގެންދިއުމަށް ހުޅުވި އެސްކްރޯ އެކައުންޓަށް އެމަނިކުފާނު ޖަމާކޮށްފައިވަނީ އެ ފައިސާ ނޫން ކަމަށް އެމަނިކުފާނު ވަނީ އަމިއްލަފުޅަށް އިއުތިރާފުވެވަޑައިގެންފައެވެ. ރައީސް ޔާމީން ވިދާޅުވެފައި ވަނީ އެ އެކައުންޓަށް ޖަމާކުރެއްވީ އެމަނިކުފާނުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރުގެ އަތުން އެމަނިކުފާނު ބައްލަވައިގެންނެވި އެއް މިލިއަން ޑޮލަރު ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.