ހަރުކަށި ފިކުރުގެ ވާހަކަ ދައްކައިގެން ދީނީ އިލްމުވެރިންނަށް ފުރައްސާރަކުރާކަމުގެ ތުހުމަތުތަކެއް
ޝިޔާމް ވިދާޅުވީ ރާއްޖޭގައި ދީނީ ހަރުކަށި ވިސްނުން އޮތްގޮތަށް ލާދިީނިއްޔަތުގެ ފިކުރު ފެތުރުމަށް މަސައްކަތް ކުރާބަޔަކު އުޅޭކަމަށް


ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން
ހަރުކަށި ފިކުރުގެ ވާހަކަ ދައްކައިގެން ދީނީ އިލްމުވެރިންނަށް ފުރައްސާރަކޮށް އިލްމުވެރިންގެ އަނގަމަތީ ޓޭޕްއަޅަން މިސަރުކާރުން މަސައްކަތް ކުރާކަމަށް ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު މެމްބަރުން ވިދާޅުވެއްޖެ އެވެ.
އިދިކޮޅު މެމްބަރުން މިމޭރުމުން ވާހަކަދެއްކެވީ ހަނގުރާމަވެރި ޖަމާޢަތުގެ މީހުން ކަމަށް ބެލެވޭ ބަޔަކު ށ. މާއުނގޫދޫއަށް އެރުމާއި 13 އަހަރުގެ ކުއްޖަކު ޤަވާއިދާ ޚިލާފަށް ކައިވެނި ކޮށްގެން އުޅޭ މައްސަލަ އާއި ގުޅިގެން މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ. އެގޮތުން ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ކުއްލި މައްސަލައިގައި ހިމެނޭ ސަބްޖެކްޓް ސަރުކާރުގެ ސަމާލުކަމަށް އައިސްފައި އޮންނަތާ އެއް އަހަރުވެއްޖެ ކަމަށާއި އެހެންކަމުން ކުއްލި މައްސަލަ މަޖިލީހަށް އަންނައިރު ޖެންޑަރ މިނިސްޓަރ ޝިދާތާއަށް އެމަގާމުގައި ހުރެވިގެންނުވާނެ ކަމަށެވެ. ދީނީ އިލްމުވެރިންނަށް ހަޖޫޖަހާ ވާހަކަ ދައްކާއިރު ހަގީގީ މައްސަލައަކީ އެއީ ކަމަށާއި ޖެންޑާ މިނިސްޓަރ އަޒުލުކުރެވެން ޖެހޭކަމަށް ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ރާއްޖޭގައި ދީނީ ހަރުކަށި ވިސްނުން އޮތްގޮތަށް ލާދީނިއްޔަތުގެ ފިކުރު ފެތުރުމަށް މަސައްކަތް ކުރާބަޔަކުވެސް އެބަތިބި ކަމަށެވެ.
އަމިއްލަ މެމްބަރެއްގެ ގޮތުގައި މަޖިލީހަށް ހޮވިވަޑައިގެންނެވި އަދި ދާދިފަހުން ޕީޕީއެމް އާއި ގުޅިވަޑައިގެންނެވި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރ ހުސައިން މުހައްމަދު ލަތީފު ވިދާޅުވީ ހައްދުފަހަނައަޅާ ދިޔުމާއި ކުޑަކުދިންނަށް އަނިޔާކުރުމަކީ އިސްލާމްދީނުގައި އޮންނަ ކަމެއް ނޫންކަމަށާއި ނަމަވެސް ކުއްލި މައްސަލައަށް މެމްބަރުން ވާހަކަ ދެއްކެވިއިރު ސިޔާސީ ބޭނުމަކަށްނަމަވެސް މެމްބަރުންނަށް ދެވެނީ އެހެން ދިމާލަކަށް ކަމަށް ކަމަށެވެ. ހުސައިން މުހައްމަދު ލަތީފު ވިދާޅުވީ ދީނީ އިލްމުވެރިންނަކީ އިސްލާމީ ޝަރީޢަތް ފޯރުކޮށްދޭ ބައެއް ކަމަށާއި އެމީހުންނަކީ ހައްދު ފަހަނައަޅާދާ ބައެއް ނޫންކަމަށެވެ. ހުސައިން މުހައްމަދު ލަތީފުގެ ވާހަކައިގައި ވަނީ މިސަރުކާރުގައި ސިޔާސީ ވަކި ބޭނުމަކަަށް ދީން ވިއްކައިގެން ބަޔަކު އުޅޭކަމަށް ވިދާޅުވެފައެވެ.
މިކަން މިހިސާބަށް ގެނައުމުގައި ޒިންމާވާ ފަރާތްތައް މިސަރުކާރުގައި އުޅޭކަމަށް ހުސައިން މުހައްމަދު ލަތީފު ވިދާޅުވިއެވެ. އަދި ދާދިފަހުން ރާއްޖޭގެ ރަށަކަށް އަރާ ބަޔަކު އައިސިސް ދިދަ ޖެހި ވާހަކަ ގަބޫލު ނުކުރައްވާކަމަށްވެސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވި އެވެ.
މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ކުއްލި މައްސަލައަށް ވާހަކަ ދައްކަން ފަށާއިރު ބޮޑަށް ފާހަގަކުރެވެނީ ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ތިން ބާރު މުށުތެރެއަށް ލުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތްތައްް ކަމަށެވެ. އަނދިރި ދައުލަތަކީ އެއީ ކަމަށްވިދާޅުވެ ސައީދު ވިދާޅުވީ ދީނާ ގުޅުވައިގެން ދީނުގެ އަގުވައްޓާލުމަށްޓަކައި ދީނާ ދޭތެރޭ ނަފްރަތު އުފެއްދުމަށްޓަކައި ރޭވުންތެރިކަމާއެކު ގަރާރުތައް ހުށަހަޅައިގެން ކުރިޔަށްދާކަމަށެވެ.


