އެއްވެސް އެއަރޕޯޓެއް އޮޕަރޭޓް ކުރަން ބޭރުގެ ފަރާތަކަށް ދިނުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން: މިނިސްޓަރ އަސްލަމް
ބޭރުގެ ފަރާތަކާއި އެއަރޕޯޓް ހިންގުމަށް ހަވާލުނުކުރަނީ ކުރީގެ ތަޖުރިބާއަކަށް ބިނާކޮށްކަމަށް މިނިސްޓަރ ވިދާޅުވި


އެއަރޕޯޓެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަނީ
ރާއްޖޭގެ އެއްވެސް އެއަރޕޯޓެއް އޮޕަރޭޓް ކުރުމަށް ބޭރުގެ ފަރާތަކާ ހަވާލުކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ވަޒީރުންނާއި ސުވާލުކުރުމުގެ އެޖެންޑާގެ ދަށުން މަނަދޫ ދާއިރާގެ މެމްބަރ އަހުމަދު ހާރޫން އެދާއިރާގެ ރަށެއްކަމުގައިވާ މާފަރުގައި ތަރައްޤީ ކުރަމުން އަންނަ އެއަރޕޯޓް ތަރައްޤީ ކުރި ފަރާތާ އެއަރޕޯޓް ހިންގުމަށް ހަވާލުނުކުރި ސަބަބާއި ގުޅޭގޮތުން ސުވާލު ކުރެއްވުމުން މިނިސްޓަރ ވިދާޅުވީ ބޭރުގެ ފަރާތަކާއި އެއަރޕޯޓް ހިންގުމަށް ހަވާލުނުކުރަނީ ކުރީގެ ތަޖުރިބާއަކަށް ބިނާކޮށްކަމަށެވެ. އެގޮތުން ބޭރުގެ ބަޔަކު ރާއްޖޭގެ އެއަރޕޯޓަކާ ކައިރިވެއްޖެނަމަ ދިވެހިންގެ ތެރެއިން ބަޔަކު ބިރު ގަންނަކަމަކަށް މިނިސްޓަރ ވިދާޅުވި އެވެ.
މާފަރު އެއަރޕޯޓް އޮޕަރޭޓް ކުރުމަށް ސަރުކާރުން ހަވާލު ކޮށްފައިވަނީ އައިލެންޑް އޭވިއޭޝަނާއެވެ. މިނިސްޓަރ ވިދާޅުވީ މާފަރު އެއަރޕޯޓަކީ އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ވިޔަސް އެއަރޕޯޓަށް ޑޮމެސްޓިކް ފްލައިޓްތައްވެސް ޖައްސާނެކަަމަށެވެ.
މާފަރު އެއަރޕޯޓް މިއަހަރުގެ ސެޕްޓްމެބަރ މަހުގެ ތެރޭގައި ހުޅެވޭނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވަނީ މިއަހަރުގެ އޮގަސްޓްމަހު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފަ އެވެ. މާފަރު އިންޓަނޭޝަނަލް އެއަރޕޯޓު އަންނަ މަހު އެކެއްގައި ހުޅުވައި، މޯލްޑިވިއަން އިން ރާއްޖޭން ބޭރަށް ދަތުރު ފަށަން ތައްޔާރު ވެފައިވާ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.
މާފަރު އެއަރޕޯޓް ހަދާފައި ވަނީ ޔުނައިޑެޑް އެރެބް އެމެރިރޭޓަސް (ޔޫއޭއީ) ގެ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުންނެވެ.


