ކ. މާލެ
|
17 މާރޗް 2017 | ހުކުރު 03:47
ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު
ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު
ގޫގުލް
ފ. އަތޮޅު ވިއްކާލުން
ފާފު ޑީލް ނިހާނުގެ ދުލުން: ސައުދީ ޝާހީ އާއިލާއިން ބޭނުންވަނީ ފ. އަތޮޅުގެ ބައެއް ވާރުތަ މުދަލަކަށް ހަދަން!
 
ގާނޫނު އަސާސީ ބަދަލުކުރީ 99 އަހަރަށް އޮތް އޮތުމާ ހިތްހަމަޖެހިވަޑައިނުގަތުމުން
 
މިއީ 16 ބިލިއަން ޑޮލަރުގެ މަޝްރޫއެއް، އިކިއުޒިޝަން މިހާރު ވަނީ ދައްކާފަ
 
ވަލީއަޚުދު އެ ސަރަހައްދު ބޭނުންފުޅުވަނީ އާއިލާއަށް ވާރުތަވާ ގޮތަށް

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރީ، ސައުދީ އަރަބިއްޔާގެ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން އަލް ސައުދު ފ. އަތޮޅުގެ ބައެއް ރަށްތަކާއި ފަޅުތައް ޝާހީ އާއިލާގެ ވާރުތަ މުދަލެއްގެ ގޮތުގައި މިލްކުކުރައްވަން ބޭނުންފުޅުވާތީ ކަމަށް، ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވާ އޯޑިއޯއެއް ލީކުވެއްޖެ އެވެ.

 

މުހައްމަދު ބިން ސަލްމާނަކީ މިހާރުގެ ރަސްގެފާނުގެ ދަރިކަލުންނެވެ. އަދި ޑިފެންސް މިނިސްޓަރެވެ. 

 

ރާއްޖެއެމްވީ އަށް ލިބިފައިވާ އޯޑިއޯގައި ނިހާނު ވިދާޅުވެފައިވަނީ ރާއްޖެއާމެދު ސައުދީ މިހާރުގެ ވަލީ އަޚުދު މުހައްމަދުގެ ޝައުގުވެރިކަން އިތުރުވެގެން ދިޔައީ 2012 ވަނަ އަހަރުގެ ޑިސެމްބަރުގައި އެމަނިކުފާނު ރާއްޖެ ކުރެއްވި ދަތުރުފުޅުން ކަމަށެވެ.

 

"ދިސް އިޒް ބޭސިކަލީ ސަމްތިންގ ސްޓާޓިން ވިތް 2012  ޑިސެމްބަރު ހިސާބުގައި އޭނާ ވަން އެންޑް އޮންލީ އަށް އައިސްފަ ރާއްޖެ މަތިން ބަލާލަން އެއާ ޓެކްސީއެއް ހަޔާ ކޮށްގެން ދަތުރުކޮށްފަ އޭނާއަށް ފެނުނީ ރާއްޖޭގެ އެއްވެސް ރައްޔިތަކު އެއްވެސް ބޭނުމަކާލައިގެން ނުދާނެ ކަހަލަ ރަށެއް" ނިހާނު ވިދާޅުވެފައިވެ އެވެ.

 

ނިހާނު ވިދާޅުވެފައި ވަނީ ވަލީއަޚުދު މުހައްމަދު ބޭނުންފުޅުވާ ފ. ހިމިތި ސަރަހައްދަކީ ޖޯގްރަފިކް ލޮކޭޝަނެއްގައި އޮތް ތަނެއް ކަމަށާއި އެ ސަރަހައްދަކީ އެއްވެސް ހާލެއްގައި ދިވެހިން ދަތުރުކުރާނެ ސަރަހައްދެއް ނޫން ކަމަށެވެ.

 

"ފ. އަތޮޅު ހިމިތީ ވާހަކަ މި ދައްކަނީ، ފ. އަތޮޅު ވެސްޓް ލައިންގެ އެންމެ އެކޮޅުކޮޅުގައި، މާނައަކީ އޭގެ މައްޗަށް އޮތް ދ، އ، އަތޮޅާއި އ. އަތޮޅު ދެކުނު ބުރީގެ އެއްވެސް ބަޔަކު ވަށާލާފަ ދ. އަތޮޅަކަށް ނުދާނެ އެތެރެއަށް ވަންނަން. އޭގެ މާނައަކީ އެއްވެސް ހާލެއްގައި ދިވެހިންގެ އެއްވެސް ބަޔަކު އެއްވެސް ބޭނުމެއްގައި ދަތުރުކުރާ ސަރަހައްދެއް ނޫން، އެހެންވެ އެ ރަށް ހުސްކޮށް އެހެން ދިމާލަކަށް ބަދަލުވާން ޖެހުނީ" ނިހާނު ވިދާޅުވެފައިވެ އެވެ.

 

ނިހާނު ވިދާޅުވެފައިވަނީ އެ ޖޯގްރަފިކް ލޮކޭޝަން ފެނިވަޑައިގަތުމުން ވަލީއަޚުދު ނިންމެވީ އެ ސަރަހައްދު ތަރައްގީ ކުރުމަށް ކަމަށެވެ. ނަމަވެސް، 99 އަހަރަށް އެތަން ބޭނުންފުޅުނުވާ ކަމަށާއި ވަލީއަޚުދު ބޭނުންފުޅުވަނީ ވާރުތަވާ މުދަލެއްގެ ގޮތުގައި އެތަން ބޭއްވުމަށް ކަމަށް ވެސް ނިހާނު ވިދާޅުވެފައިވެ އެވެ.

 

"މަށަށް ލިބިފައި ހުރި އިންޓާނަލް މައުލޫމާތުގެ އަލީގައި ބެލިއިރު މިވާގޮތަކީ އެ ރަށް އޭނަ ބޭނުމެއް ނުވޭ އެއްކަލަ ގާނޫނު އަސާސީގައި އޮންނަ 99 އަހަރަކުން ނިމިގެންދާކަށް، އޭނަ އަށް ފައިން އިންވެސްޓްމެންޓެއް ކޮށްފަ އޭނައަސް އެނގޭ އޭނައަށް ނުހުރެވޭނެކަން. ނޯމަލް ހިއުމަންއެއްގެ މިސާލަކަށް 70 އަހަރަކީ މޯޓަލިޓީ ރޭޓް ކަމަށް ބެލި ނަމަވެސް އޭނައަކަށް ނުހުރެވޭނެތާ އެ ރަށުގެ 99 އެއް ނިމެންދެން، އެހެންވީމަ އޭނަގެ ނެކްސްޓް އޮފް ކިން އަށް އެ ދޫކޮށްލަން އެ ބޭނުންވާ އޯނާޝިޕަށް އެ ރިކުއެސްޓް ކުރީ،" ނިހާނު ވިދާޅުވެފައިވެ އެވެ.

ނިހާނު ވިދާޅުވީ ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަންޖެހުނީ އެ ހިސާބުގަނޑު ވަލީއަޚުދަށް މިލްކުކުރެވޭ ގޮތް ހެދުމަށް ކަމަށެވެ.

"އެ ރިކުއެސްޓް ކުރީމަ އަހަރެމެންނަކަށް ނެތް 99 ޕްލަސް ވަން ޑޭ ހެދޭކަށެއް، އެ 24 ގަޑިއިރު ވެސް ދެވެން ނެތީމަ ޖެހެނީ މި ހިސާބަށް އަންނަން، އެއީ ގާނޫނު އަސާސީ ބަދަލުކުރަން ޖެހުނު ސަބަބު، ވީ ވޯންޓެޑް ހިމް އޯން ކުރަން ލޭންޑެއް" ނިހާނު ވިދާޅުވެފައިވެ އެވެ.

 

ނިހާނު ވިދާޅުވީ ގާނޫނު އަސާސީ ބަދަލުކޮށް ކުރި ކަންތައް ނުވަތަ ޖެހި މަޅި ރައްޔިތުންނަށް ނޭނގޭނެ ކަމަށާއި ރައްޔިތުންނަށް މިވީގޮތް އެނގޭނީ މިލްކުކުރަނީ ފ. އަތޮޅުކަން އެނގޭ ދުވަހަކުން ކަމަށެވެ.

 

"ހަމައެކަނި އެ އޯނާޝިޕްގެ ދަށުން އިޓް މޭބީ ގިވެން ފޯ 500 އިޔާސް އެކަމަކު އެ އޮންނާނީ އެ ފެމިލީގައޭ، އެކަން އަހަރެމެންނަށް ޔަގީނޭ، ބަޓް ދަ ޕަބްލިކް ވޯންޓް އަންޑަސްޓޭންޑް، އެމީހުންނަށް އެނގޭނީ މިއީ ފާފުކަން އެނގޭ ދުވަހު، އައިއްސަ މި މީހާއަކީ ސައުދީ ކްރައުން ޕްރިންސްކަން އެނގޭ ދުވަހު އެމީހުން ބުނާނެ އާ މިއީއޭ މި މީހުން މި ހެދި މަޅިއަކީ" ނިހާނު ވިދާޅުވި އެވެ.

 

ނިހާނު ވިދާޅުވީ ވަލީއަޚުދު މުހައްމަދު އެއިރުވެސް އޮތީ އިކުއިޒިޝަން ފައިސާ ދައްކަވާފައި ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި އެ ހިސާބުގަނޑު އޮތީ ވަލީއަޚުދަށް ދީ ނިންމާފައި ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ.

 

"އަދީބު ޓުއަރިޒަމް މިނިސްޓަރުކަމުގެ ހުރިއިރު، ޑރ. ވަހީދު ރައީސް ކަމުގައި ހުރީ، ޑރ. ވަހީދު ބޭނުންފުޅުވެއްޖެ ވަރަށް ބޮޑަށް މިކަން ކުރަން، ތެޅިފޮޅިގަނެގެން މި ބޭފުޅުން އޭނައަށް މިތަން ދީފި. ދީ ނިމުނީމަ ދެން އޭނަ ރިކުއެސްޓް ކުރީ 99 އަކުން ތިމަންނައަކަށް މިކަން ނުވާނޭ އެހެންވީމަ ތިމަންނަ މިކަން ހުއްޓާލާނަމޭ، އެހެންވެއްޖިއްޔާ ސަރުކާރަށް އަނބުރާ މީނައަށް ޕޭމަންޓް ވެސް ދޭން އެބަޖެހޭ އަދި އޭނައާ ގުޅުން ހުރި މިބުނާ އިންޓާނަލީ ހުރި ހުރިހާ ފަރާތްތަކާ ވާހަކަ ވެސް ދެކެވޭނެ، އެކަމަކު ވެސް އޭނަ ޝައުގުވެރިކަން ދޫކޮށްނުލާ" ނިހާނު ވިދާޅުވެފައިވެ އެވެ.

 

ނިހާނު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި، ވަލީއަޚުދު މުހައްމަދު އެމިމަނިކުފާނުގެ ބައްޕާފުޅު، އެއިރުގެ ކްރައުން ޕްރިންސް އަދި މިހާރު ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްއާއެކު ރާއްޖެ ވަޑައިގެންނެވި ކަމަށެވެ. އަދި މިލްކުކުރެވޭނެ ކަމުގެ ޔަގީންކަމެއް ނުލިބި އޮތުމުން އިންވެސްޓްމެންޓް އެއިރު ނުފަށާ ކަމަށް ނިހާނު ވިދާޅުވި އެވެ.

"އެމީހުންނަށް އެ ޔަގީންކަން ނުލިބިގެން އިންވެސްޓްމެންޓް ނުފަށާ ތިބީ، އަހަރެމެން ބެލިން އެސްއީޒެޑްގެ ތެރެއަށް މީތި ޕެނެޓްރޭޓް ކޮށްލެވޭތޯ، އެކަމަކު އެސްއީޒެޑް އަކަށް ވެސް ކްރޮސްއެއް ނުކުރެވޭނެ ގާނޫނު އަސާސީއެއް އަންޓިލް އަންލެސް އަހަރެމެން އެ ބަދަލުކުރަންދެން، އޭގެން ލިބޭ އޯޕަންވިންޑޯއަކުންތާ ނިކުންނާނީ، އެ ވިންޑޯ ޑިޒައިން މިކުރި ސަބަބަކީ މިއީ ވަރަށް ޑިޒައިންޑް ވަރަށް ޕްރޮޕާ ވަރަށް ޕްލޭންޑް، އަހަރެމެންނަށް އެއްވެސް ގެއްލުމެއް ދީނީ ނަޒަރިއްޔާތަކުން ވެސް އެއްވެސް ގޮތަކުން ނުވާނެ ކަހަލަ އިންވެސްޓާއެކޭ މިއީ" ނިހާނު ވިދާޅުވި އެވެ.

 

ނިހާނު ވިދާޅުވީ އެ ސަރަހައްދުގެ ފަޅުތައް ސައުދީ ޝާޚީ އާއިލާގެ އަމިއްލަ ޚަރަދުގައި ހިއްކާނެ ކަމަށެވެ. އަދި 30 އިންސައްތަ ދިވެހިންނަށްދީ ބާކީ 70 އިންސައްތަ މިލްކުކުރާނެ ކަމަށް ނިހާނު ވިދާޅުވެފައިވެ އެވެ.

 

"އެހެންވީމަ ދެން އޮންނަނީ ގާތްގަނޑަކަށް 21 ކިލޯމީޓާސް ވަރުގެ ރީފެއް، އެހެންވީމަ ލަފާކުރެވޭ ގޮތުގައި އެ ޕޯޝަންތައް ވަކިވަކިން އެމީހުން ހިއްކާނެ އެމީހުންގެ އަމިއްލަ ޚަރަދުގައި، މާނައަކީ ރާއްޖޭގެ އެއްވެސް އެއްޗެއް ދިއުމެއް ނެތި އާ ލޭންޑް ސާފޭސްއެއް ކްރިއޭޓްކޮށް، އެ ލޭންޑް ސާފޭސްގެ 30 އިންސައްތަ ދިވެހިންނަށް ލިބޭނެ، މާނައަކީ ދިވެހި ކޮންމެވެސް ބަޔަކު އެތާ އިންވެސްޓްމެންޓެއް ކުރަންވާނެތާ ބުޑުގައި ތިބެން" ނިހާނު ވިދާޅުވި އެވެ.

 

ނިހާނު ވިދާޅުވީ އެތަނާ ޖެހިގެން އޮންނާނީ ޝާޚީ އާއިލާގެ ބޭފުޅުން ޗުއްޓީ ހޭދަކުރައްވާ ހިސާބު ކަމަށާއި، އެތަންތަން އަޅާނީ އެމީހުން ބޭނުންވާ ގޮތަކަށް ކަމަށެވެ.

 

"ހަމަޖެހިގެން މި އޮންނަނީ އަހަންނަށް ލަފާކުރެވޭ ގޮތުގައި އެމީހުންގެ ހޮލިޑޭ ހޯމްސްތައް، އެ ދެން އެކި ޕެޓާންތަކުން އެމީހުން އަޅާނީ، ދެން މިއީ އަލަށް ހިނގާކަމެއް ނޫން، ކޮންމެ ގައުމެއްގައި ވެސް މިކަން ކުރޭ، އަހަރެމެންނަށް ހަމައެކަނި ގާނޫނު އަސާސީ މިހެން އޮތީމަ ބޮޑު މައްސަލައަކަށް ވެގެން މި އުޅެނީ" ނިހާނު ވިދާޅުވި އެވެ.

 

ނިހާނު ވިދާޅުވީ މި މަޝްރޫއަކީ ޖުމްލަ 16 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށެވެ.

 

މީގެ އިތުރުން ނިހާނު ވިދާޅުވީ ސައުދީ ވަލީއަޚުދު ޝައުގުވެރިކަން ރާއްޖެއަށް އުފެދުނީ މުސްލިމުން އުޅޭތީ ޓޮލަރޭޓް ކުރެވިދާނެ ކަމަށް ގަބޫލުކުރެއްވެވިގެން ކަމަށެވެ.

 

"އޭނާގެ އިންޓްރެސްޓެއް މި އުފެދެނީ އަހަރެމެންނަކީ މުސްލިމުންނަށް ވީމަ އޭނަ ގަބޫލުމިކުރަނީ އޭނަ އަށް ޓޮލަރޭޓް ކުރެވިދާނެ ކަމަށް، އެއިރުން ސައުދީ ޕްރިންސުންތައް އެމީހުންގެ ޖެޓުގައި އައިއްސަ ވީކެންޑެއް މިތާ ދޫކޮށްލާފަ ދާއިރު ހުރިހާ ވެއިޓަރުންނާ ހުރިހާ އެންމެންނަސް އޮންނާނީ އަހަރުގެ މުސާރަ ލިބިފަ" ނިހާނު ވިދާޅުވެފައިވެ އެވެ.

 

ނިހާނު ވިދާޅުވީ ކުއްލިއަކަށް ޝާޚީ އާއިލާގެ ނަން އަންނަން އެ އާއިލާއިން ބޭނުންނުވާ ކަމަށާއި، އެހެން ނޫން ނަމަ ގާނޫނު އަސާސީ އިސްލާހުކުރިއިރު ޖަހާނީ ވަކިބައެއްގެ ނަން ކަމަށެވެ. އަދި ބިން މިލްކުކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުއްވީ ރައީސް ޔާމީނުގެ އިރުޝާދުގެ ދަށުން ކަމަށް ނިހާނު ވިދާޅުވެފައިވެ އެވެ.

 

"މަ މީތި ލީ ރައީސް ޔާމީން މަށަށް 100 ޕަސެންޓް ކޮންވިންސްކޮށް ދެއްވި ނިހާނޭ މިއީ މިހެންމިހެން އޮތް ކަމެކޭ، ތިމަންނަ ބޭނުމޭ ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕަށް ކްރެޑިޓް ލިބޭށޭ، ކޮންމެހެން ވަގު މީހަކު ލައްވާ ލާނެކަމެއް ނެތޭ ސީދާ ނިހާނު ލާށޭ، އެ ހިސާބުން އަހަރެން ލީ، މަށަށް އެނގޭ މީހުން ކިތަންމެ އެއްޗެއް މަށަށް ކިޔާނެކަން އެކަމަކު އެންޑް އޮފް ދަ ޑޭގައި ރަނގަޅުވެގެންދާއިރު ކޮންމެވެސް މީހަކު މަށަށް ޝުކުރުއަދާކޮށްލާނެ، ކުރަން ކެރުނީތީ މިވަރު ކަމެއް،" ނިހާނު ވިދާޅުވެފައިވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް