ވެލިދޫގައި އޮޑިދޯނި ފަހަރުގެ މަސައްކަތަށް ޚާއްސަ ބިމެއް ބޭނުންވޭ: ކައުންސިލް
19 ނޮވެމްބަރު 2019 | އަންގާރަ 14:15އުމްރާނީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރޭ

ކައުންސިލްގެ ނައިބް ރައީސް އަހުމަދު ޖައުފަރު
ނ. ވެލިދުއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އޮޑިދޯނި ފަހަރު ބަނދެ އެހެލާ މަރާމާތުކުރުމަށް ވަކިން ބިމެއް ނެތުމުގެ މައްސަލަކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.
ރާއްޖެޓީވީގެ އެތެރެދުނި ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެރަށުގެ ކައުންސިލުގެ ނައިބު ރައީސް އަހްމަދު ޖައުފަރު ވިދާޅުވީ ވެލިދޫއަކީ އުމްރާނީ ގޮތުން ރަށް ތަރައްޤީ ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރާ ރައްޔިތުން ދިރިއުޅޭ ރަށެއްކަމަށެވެ. ވަކިން ޚާއްސަކޮށް ސަފާރީގެ ވިޔަފާރީގައި ކުރީގަ އުޅޭކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެރަށުގެ ރައްޔިތުންނަށް މިހާރު ދިމާވެފައިވާ ގޮންޖެހުންތަކަށް އިޝާރާތްކުރައްވާ ޖައުފަރު ވިދާޅުވީ، އޮޑިދޯނި ފަހަރު ބަދެ އެހެލާ މަރާމާތުކުރުމަށް ބިމެއް ނެތުން އެއީ އެރަށުގެ ރައްޔިތުން ވަރަށް ބޮޑުވާ ކަމެއް ކަމަށެވެ.
ޖައުފަރު ވިދާޅުވީ ރަށުގައި މީހުން ދިރިއުޅެމުން އަންނަ ސަރަހައްދު އެއްކޮށް ފުރިފައިވާ ކަމަށާއި، ގޮނޑުދޮށުން ވެސް އޮޑިދޯނި ފަހަރު ބަނދެ އެހެލާ މަރާމާތުކުރުމަށް ވަކިން ބިން ދޫކުރެވެން ނެތް ކަމަށެވެ. އަދި ގޮނޑުދޮށް ޞަރަޙައްދުން އޮޑިދޯނި ފަހަރު ބަނުމަށް ބިންދޫކުރާނަމަ، ޕިކްނިކް ދިއުމަށް ރައްޔިތުންނަށް ގިނަދަތިތަކާ ކުރިމަތިލާން ޖެހޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ވެލިދޫގެ ހިއްކި ބިމަށް އަލިއަޅުއްވާލައްވާ ޖައުފަރު ވިދާޅުވީ ބިމުގެ ދަތިކަން ކުރިމަތިނުވާ ކަމަށާއި، އެފަސްގަނޑު އޮތީ އަދި ލެވެލްނުކޮށްކަމަށެވެ. އޭނާ ވިދާޅުވީ އެފަސްގަނޑުން ގޯތިދޫކުރުމަށް ވެސް އަދި ނިންމާފައި ނުވާ ކަމަށެވެ.
ޖައުފަރު ވިދާޅުވީ ސަފާރީގެ ވިޔަފާރިއަކީ 2600 އަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ނ. ވެލިދޫގެ ރައްޔިތުންގެ އާމްދަނީއާ ގުޅިފައިވާ މަސައްކަތަކަށްވާތީ، މިފަސްގަނޑުން އޮޑިދޯނި ފަހަރު އެހެލުމަށް އަވަސް މުސްތަޤުބަލެއްގައި ބިމެއް ހަމަޖެހިގެން ދިއުން ކަމަކީ ވަރަށް ބޮޑު އުންމީދެއްގައެވެއެވެ.






