ތައުލީމާ އެއްވަރަށް އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ސަގާފަތެއް އުފައްދަންޖެހޭ: މިނިސްޓަރު މަލީހު
1 ނޮވެމްބަރު 2019 | ހުކުރު 02:30ތައުލީމީ ދާއިރާގައި މިހާރު އެހެން ވިސްނުމަކުން ވިސްނަންޖެހޭ

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލް
ތައުލީމާ އެއްވަރަށް ދަރިވަރުން ވިޔަފާރިއާ އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ސަގާފަތް ސްކޫލުގެ ނިޒާމުގެ ތެރެއަށް ގެންނަން ޖެހޭ މިނިސްޓަރު އޮފް ކޮމިއުނިކޭޝާން ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ އިސްކަންދަރު ސްކޫލުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ މިނިސްޓަރު މަލީހު ވިދާޅުވީ ތައުލީމީ ދާއިރާގައި މިހާރު އެހެން ވިސްނުމަކުން ވިސްނަންޖެހޭ ކަމަށާއި، ތައުލީމް ހާސިލްކުރަމުން ވެސް އަމިއްލަ ފައިމައްޗަށް ތެދުވަންޖެހޭ ކަމަށެވެ.
އެގޮތުން ތައުލީމާ އެއްވަރަކަށް ދަރިވަރުންނަށް ވިޔަފާރިއަށް ތެދުވުމުގެ ސަގާފަތެއް ސްކޫލުގެ ނިޒާމުގެ ތެރެއިން ގެންނަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއުސޫލުގެ ތެރެއިން ބޮޑެތިވެފައި ތިބި ކުދިންނަކީ މިއަދު މުއްސަންދި ކަމަށާއި، މުޅި ދުނިޔެއިން މިއަދު އެމީހުންގެ މިސާލު ނަގަމުން އަންނަ ކަމަށެވެ. އެގޮތުން ފޭސްބުކްގެ ބާނީ، އެމެޒަންގެ ސީއީއޯ ބޭބޭފުޅުންގެ މިސާލު މިނިސްޓަރު މަލީހު ނެންގެވިއެވެ.
ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް އަލިއަޅުއްވާލައްވާ މިނިސްޓަރު މަލީހު ވިދާޅުވީ އެކުދިންގެ އެންމެ ގާތް އެކުރިވެރިންނަށް މައިންބަފައިން މިއަދު ވާންޖެހޭ ކަމަށާއި، އެގުޅުން އުފެއްދުމަކީ ބެލެނިވެރިންގެ ޒިންމާއެއް ކަމަށެވެ. އަދި ބަދަލުވަމުންދާ މިޒަމާނުގައި ބެލެނިވެރިން ކުއްޖާގެ ހުރިހާ ކަމެއް ވެސް ވަރަށް ގާތުން މޮނިޓަރ ކުރަންޖެހޭ ކަމަށެވެ.








