އެޖެންޑާ 19 އިން ގެނެސްދެނީ ފިކްޝަނަލް ވާހަކަ ތަކެއްކަމަށް ސައީދު ވިދާޅުވުމުން ހޫނު ފެނަށް
ގަގާރުތައް ހުށަހަޅަނީ ފިކްޝަނަލް ވާހަކަތައް ތަންފީޒު ކުރާނެ ގޮތްތަކެއް ހޯދުމަށްކަމަށް ސައީދު ވިދާޅުވި


މާވަށު ދާއިރާގެ މެމްބަރ މުހައްމަދު ސައީދު
އެޖެންޑާ 19 އިން ގެނެސްދޭ ފިކްޝަނަލް ވާހަކަތައް ތަންފީޒުކުރާނެ ގޮތްތަކެއް ހޯދުމަށްޓަކައި ގަރާރުތައް ހުށަހެޅިގެން ރައްޔިތުންގެ ވިސްނުން އެހެން ގޮތަކަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރ މުހައްމަދު ސައީދު ވިދާޅުވަމުން އެމަނިކުފާނު ހޫނު ފެނަށް ވެއްޓިއްޖި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެމްބަރ އަހުމަދު ސަލީމު ހުށަހަޅުއްވާފައިވާ ކަރަންޓު އަގު ހެޔޮ ކުރުމާއި ބެހޭ ގަރާރަށް ބަހުސްކުރައްވަމުން ސައީދު ވިދާޅުވީ ފެނިގެން މިދަނީ އާމްދަނީ އިތުރުކުރާނެ އެއްވެސް ގޮތެއް ނެތި މުޅިންވެސް ގަރާރު ހުށަހަޅަމުން ދާތަަން ކަމުގަ އެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ތެޔޮ އެތެރެކޮށް ރައްކާކުރެވޭނެ އިންތިޒާމުތަކެއް ހަމަޖައްސާފައިވާކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ މިހާރު ތެލަށް ކުރާ ހޭދަ ކުރިޔަށްވުރެ ދަށަށްގޮސްފައިވާ ކަމަށެވެ. އަދި ގަރާރު ހުށަހެޅުއްވި ހޯރަފުށީ ދާއިރާގެ މެމްބަރަށް އަމާޒުކުރައްވާ ގަރާރުތައް ދެކޮޅު ޖެހޭގޮތަކަށް ހުށަހެޅުމަށް އިލްތިމާސް ކުރައްވާ ކަމަށް ސައީދު ވިދާޅުވި އެވެ.
ސައީދު މިމޭރުމުން ވާހަކަ ދެއްކެވުމާއެކު ފޭދޫ ދާއިރާގެ އެމްޑީޕީ މެމްބަރ މުހައްމަދު ނިހާދު ނިޒާމީ މައްސަލަ ނަންގަވާ ގަރާރުގެ މުޅި މައުލޫ އޮޅޭގޮތަށް ޒާތީގޮތުން ގަރާރު ހުށަހެޅުއްވި މެމްބަރާ ޖައްސާލައިގެން ސައީދު ވާހަކަ ދައްކަވާކަމަށް ވިދާޅުވި އެވެ.
އެއާއެކު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބަރުމާއަށް ތެޔޮވިއްކުން 1990ގެ އަހަރު ތަކުގެ ފަހުކޮޅު މަނާވެފައި އޮތްކަން ފާހަގަކުރައްވާ އޭރު ރާއްޖެއިން ބަރުމާއަށް ތެޔޮ ގެންގޮސްފައިވާކަމުގެ މައުލޫމާތު ދިވެހި ދައުލަތަށް ލިބިފައިވާކަމަށް ވިދާޅުވި އެވެ.
ރައީސް ނަޝީދު އެއިޝާރާތް ކުރައްވަނީ އެމަނިކުފާނުގެ ވެރިކަމުގައި 2011 ވަނަ އަހަރު ސިންގަޕޫރުގައި ތެލުގެ ވިޔަފާރި ކުރުމަށް އުފެއްދި އެސްޓީއޯގެ މޯކަމް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑުން ރާއްޖެއަށް ތެޔޮ ވިއްކުމަށް ކަމަށް ބުނެ، ސިންގަޕޫރުން ތެޔޮ ބޯޓް ބަރުމާ އަށް ޑައިވާޓްކޮށްގެން ތެލުގެ ވަގު ވިޔަފާރި ކުރި މައްސަލައަށެވެ. އޭރު އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީން ވަނީ ބަލާފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވާ ހިންގާފައިވާކަމަށް ބުނާ މި 800 މިލިއަން ޑޮލަރުގެ ތެލުގެ ވިޔަފާރީގެ މައްސަލާގައި އޭރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވަމުން ގެންދެވި ޔާމީން ވަނީ ކޮމެޓީއަށް ހާޒިރުކޮށް ސުވާލުވެސް ކޮށްފައެވެ.
ބުދަދުވަހުގެ ޖަލްސާގައި ކަރަންޓު އަގުހެޔޮ ކުރުމާއި ގުޅޭ ގަރާރަށް ބަހުސްކުރައްވަމުން އެމްޑީޕީ މެމްބަރުން ވަނީ ބަރުމާއަށް ތެޔޮ ވިއްކި މައްސަލައާއި އިތުރު ކަންކަން ނަންގަވާ ބަހުގެ ހޫނު ހަމަލާތަކެއް ސައީދަށާއި ރައީސް ޔާމީންގެ ސަރުކާރަށް އަމާޒުކުރައްވާފަ އެވެ.
އެގޮތުން ކެލާ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފް ގަރާރަށް ބަހުސް ކުރައްވަމުން ވިދާޅުވީ ސައުދީ އަރަބިއްޔާއިން ސުނާމީއަށް ފަހު ރާއްޖެއަށް ޚާއްސަ އަގުތަކެއް ވިއްކާ ތެލުގެ އަގަށް ގެނެސްފައިވާ ކަމަށެވެ.
" އެ އަގުގެ ފައިދާ ނަންގަވައިގެން ބަރުމާ އަށާއި ނޯތު ކޮރެއާއަށް ތެޔޮ ވިއްކުމުގެ ކަންކަން އެބޭފުޅުން ކުރެއްވި" ޝަރީފް ވިދާޅުވި އެވެ.
ވިލުފުށީ ދާއިރާގެ އެމްޑީޕީ މެމްބަރ ހަސަން އަފީފު ގަރާރަށް ބަހުސްކުރައްވަމުން ވިދާޅުވީ ހަކަތަ އުފެއްދުމަށް ތެޔޮ ބޭނުން ކުރަމުންދިޔައިރު ތެލުގެ އަސްލު އަގަށްވުރެ އެތަށް ގުނައެއް ބޮޑުކޮށް ތެޔޮ އުފައްދާ ކުންފުނިތަކުން ތެޔޮ ހޯދައިގެން އެކަންކޮށްފައިވާ ކަމަށެވެ. 2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖެއިން ތެޔޮ ހޯދާނެކަމަށް ވިދާޅުވެފައިވާ ކަމަށާއި ނަމަވެސް އެހޯދި ތެޔޮ ވިއްކީ ނޯތު ކޮރެއާ އަށް ކަމަށް އަފީފު ވިދާޅުވި އެވެ.
ގަރާރަށް ބަހުސްކުރައްވަމުން އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ ގަރާރުގައި ހުރި ކަންކަން އިކޮނިމިކް މިނިސްޓަރު ކަން ކުރައްވާފައި ހުންނެވި ބޭފުޅަކަށް ސާފުވެފައި ނުވާތީ ހައިރާންވެ ވަޑައިގަންނަވާ ކަމަށެވެ. ގަރާރުގައި ހިސާބުތަކާއެކު ތަފްސީލުކޮށް ކަންކަން ހާމަކޮށްދީފައިވާ ކަމަށް ވަހީދު ވިދާޅުވި އެވެ.
އެމްޑީޕީން ދައްކަނީ ފިކްޝަނަލް ވާހަކައެއްކަމަށް ވިދާޅުވެ ސައީދު ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުން ސައީދު ވިދާޅުވީ އެކަމާ ހައިރާން ނުވާކަމުގަ އެވެ. ޒަމާނީ ޓެކްނޮލޮޖީ އާ އެއްގޮތަށް ކަންކަން ކުރަންޖެހޭކަން ފާހަގަ ކުރައްވާ ވަހީދު ވިދާޅުވީ އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓު ބޭނުންކުރަން ފެށުމުން ކަރަންޓުގެ އަގު ކުޑަވެގެންދާނެ ކަމަށެވެ.
ކަރަންޓުގެ އަގުހެޔޮ ކުރުމާއި ބެހޭ ގަރާރު ހުށަހަޅުއްވަމުން ސަލީމު ވިދާޅުވީ ކަރަންޓުގެ އަގު ބޮޑުވުމުގެ މައްސަލައަށް ބަލާއިރު، މިކަމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ކަރަންޓު އުފައްދަނީ ރާއްޖެއިން ބޭރުން އެތެރެކުރާ ޑީސަލްގެ މައްޗަށް ބަރޯސާވެގެން ކަމަށްވާތީ ކަމަށެވެ. މި ގަރާރުގައި ކަރަންޓުގެ އަގު ހެޔޮކުރުމާއި ގުޅޭގޮތުން މައިގަނޑު 13 ކަމެއް ފާހަގަކޮށްފައިވެ އެވެ.


