މާރުކޭޓާއި ގާޑިޔާތަކަކީ ދިވެހިންނަށް ވިޔަފާރި ކުރުމަށް ހޯދައިދިން ފުރުސަތުތަކެއް: މޭޔަރު ޝިފާ
21 އޮކްޓޯބަރު 2019 | ހޯމަ 09:27ބިދޭސީންނަށް ވިޔަފާރި ނުކުރެވޭ ގޮތް ހަދާނަން

މާރުކޭޓް ސަރަހައްދު މީހަކު އަނބު ވިއްކަނީ
މާލޭގެ މާރުކޭޓާއި ގާޑިޔާތަކަކީ ދިވެހިންނަށް ވިޔަފާރި ކުރުމަށް ހޯދައިދިން ފުރުސަތުތަކެއް ކަމަށާއި، ބިދޭސީންނަށް އެވިޔަފާރީގެ ތެރެއަށް ނުވަދެވޭ ގޮތް ހަދާނެކަމަށް މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި މޭޔަރު ޝިފާ ވިދާޅުވީ ގަޑިޔާތަކާއި، މާރުކޭޓް ގޮޅިތައް ދޫކުރަނީ ދިވެހިންނަށް ކަމަށާއި، އެއީ ދިވެހިން ވިޔަފާރި ހިންގުމަށް ހޯދައިދޭ ފުރުސަތުތަކެއް ކަމަށެވެ. ބައެއް ދިވެހިން މާރުކޭޓުން ގޮޅި އަދި ގާޑިޔާ ނެގުމަށްފަހު ބިދޭސީންގެ އަތްމައްޗަށް ދޫކޮށްލާ ކަމަށާއި، މިމައްސަލަ ބެލުމުގެ ފާއިތުވެދިޔަ ސަރުކާރުން އޮތީ ފެއިލް ވެފައި ކަމަށެވެ.
އެގޮތުން ގާޑިޔާ ހިންގުމުގައި ވެސް މާރުކޭޓް ގޮޅިތަކުގެ ވިޔަފާރި ކޮންޓްރޯލް ކުރީ ބިދޭސީންކަން ޝިފާ ފާހަގަކުރެއްވިއެވެ.
ނަމަވެސް މިފަހަރު ގަޑިޔާތަކާއި މާރުކޭޓްގެ ގޮޅިތައް ދޫކުރަނީ އުސޫލުގެ ތެރެއިން ކަމަށާއި، ހަރުދަނާ އުސޫލުން ވިޔަފާރި ހިންގާގޮތް މޮނިޓަރ ކުރާނެ ކަމަށެވެ. އަދި ވިޔަފާރި ކުރުމަށް ތިބެވޭނީ ވެސް ކާޑު އަޅައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިފާ ވިދާޅުވީ މާރުކޭޓު ގޮޅިންނާއި، ގާޑިޔާއިން ބިދޭސީން ބޮޑު އާމްދަނީއެއް ނަގާ ކަމަށާއި، މި ދެ ވިޔަފާރީގެ ކޮންޓްރޯލް ދިވެހިންގެ އަތުން ގެއްލުމަކީ ދެރަ ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މިކަން ތަކުރާރުނުވާނެ ގޮތަކަށް އުސޫލުތައް ކަނޑައެޅިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ވެސްޓްޕާކު ސަރަހައްދުގައި ހުރި ގަޑިޔާތައް ހުސްކޮށްފައިވާ ކަމަށާއި، މިހާރު މަސްވެރިންގެ ޕާކުގައި ހިންގަމުންދާ ގާޑީޔާތައް ހުސްކުރަމުންދާކަމަށް ޝިފާ ވިދާޅުވިއެވެ.










