ކ. މާލެ
|
30 އޯގަސްޓް 2019 | ހުކުރު 18:47
މަސްވެރިޔެއް
މަސްވެރިޔެއް
ރާއްޖެ އެމްވީ
މަސްވެރިކަން
ދިވެހި "މަސްވެރިކަމުގެ ލަވަ" ބަދަލުވަނީ!
 
ސަރުކާރުގެ ފަރާތުން ވަނީ މަސްވެރިކަމުގެ އައު ބިލް މަޖިލީހަށް ހުށަހަޅާފަ

ރާއްޖޭގެ މަސްވެރިކަމާބެހޭ ޤާނޫނަށް، އިސްލާޙު ގެންނަން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް އައި ބިލަކީ، އެ ބިލުގެ ބާބުތަކަށާއި ވަކިވަކި މާއްދާތަކުން ފެނުނު އިސްލާޙުތަކުގެ އިތުރުން، މެންބަރުން ފާޅު ކުރެއްވި، އާ ޚިޔާލުތަކަށް ބަލާއިރު، "ޒަމާންވީ މަސްވެރި ކަމުގެ ލަވަ" ބަދަލުވުމޭ ދެންނެވިދާނެ އެވެ.

މިސާލަކަށް ދަންނަވާނަމަ، ޒުވާނުންނާއި އަންހެނުންނަކީވެސް، މަސްވެރިކަމުގެ ސިނާޢަތުގައި، ފިރިހެނުންނާއި އެއްސަފުގައި، ކަނޑުމަތީގައިވެސް މަސައްކަތް ކުރުމުގެ ފުރުސަތު، ލިބިދޭންޖެހޭ ބައެއް ކަމަށް، މިބިލުން ފާޅުކުރެވިފައި އެވަނީ ހަމައެކަނި ޚިޔާލެއް ނޫނެވެ.

އެފަދަ ފުރުސަތެއް މިދެންނެވި ފަރާތްތަކަށް، ހުޅުވާލަދޭން ވާނީ، އެއީ ޝަރަފުވެރި ވަޒީފާއެއްގެ ގޮތުގައި ކަމަށް، ފާޅުކުރެވުނު ޚިޔާލު ތަކުން ހާމަވިއެވެ. އަދި މަސްވެރިން އެއް އޮޑިން އަނެއް އޮޑިއަށް ބަދަލުވުމަކީ، އެއް އޮފީހުން އަނެއް އޮފިހަށް ބަދަލުވުން ކަމަށް، ދެކެވަޑައިގެން، އެ ނަޒަރުން ތިލަވަމުން އައި ތާޒާ ޚިޔާލުތައްވެސް ފާހަގަވިއެވެ.

މިދެންނެވި ޚިޔާލުތައް، މަސް އައިނެއްހެން ތިލަވެގެން އައިއިރު، އަންހެން މަސްވެރިޔާ އާއި ޒުވާން މަސްވެރިއާ، ލިބޭ އާމްދަނީގެ 7 އިންސައްތަ، ޕެންޝަން ފަނޑަށް ޖަމާ ކުރާއިރު، އޮޑިވެރިޔާވެސް، މިދެންނެވި މަސްވެރިއާގެ ޕެންޝަން ފަންޑަށް 7 އިންސައްތަ ލައިދީ، ޖުމްލަ 14 އިންސައްތަ، ޕެންޝަން ފަނޑަށް ޖަމާ ކުރުމާބެހޭ ޚިޔާލަކީ، އުފެއްދުންތެރި ޚިޔާލެކެވެ. އެއީ އުފާވެރި މަންޒަރެއްގެ ފެށުމޭ ހިތަށް ވަންނަމުން ދިޔައެވެ.

ދިވެހި އަންހެނުންނާއި ޒުވާނުންނަކީ، މަސްވެރިކަމުގެ ސިނާޢަތުގައި ފެންފިލާގަނޑު މަތިންފެށިގެން، އެއްގަމުގެ ކާރުޚާނާތަކަށް ދަންދެއް، އެކަށޭނަ ދައުރެއް އޮތް، ރަނގަޅު އާމްދަނީއެއް ލިބޭ، އަދި ޝަރަފުވެރި ރަސްމީ ވަޒިފާއެއްގެ ގޮތުގައި މަސައްކަތްކުރާ ބަޔަކަށް, ހަދައިދިނުމުގެ ރޫޙު އޮތް މިންވަރު، މެންބަރުންގެ ވާހަކަފުޅުތަކުން ތިލަވިއެވެ. މިއީ، މި ބިލުން ފާހަގަވި، "ދިވެހި މަސްވެރިކަމުގެ ޒަމާންވީ ލަވަ" ނުވަތަ، މަސްވެރިކަން ދެކެމުން އައި ނަޒަރިއްޔާތު، ބަދަލުވެގެން އަންނަ ކަމުގެ ޚާއްސަ އުންސުރު ތަކުގެ ތެރެއިން އެއް އުންސުރެވެ.

މަސް ދޯންޏެއްގައި މަސްވެރިންތަކެއް މަސް ކެނޑުމުގައި ހަރަކާތްތެރިވަނީ -- ފޮޓޯ: ރާއްޖެ.އެމްވީ

ދިވެހިރާއްޖޭގެ ކަނޑުތަކުގައި ބޭރު ބޯޓު ފަހަރަށް، މަސްވެރިކަމުގެ އަމަލީ މައިދާނުގައި، ޙައިރަކާތްތެރިވަމުން އައި އައުމަށް، ނިމުން ގެންނަން، މި ބިލުގައި ރޫޙު އޮތް މިންވަރު އެހާމެ ބޮޑެވެ. ފާޅުކުރެވުނު ޚިޔާލުތަކުން ވަކީންބޮޑަށް އެކަންކަން ހާމަވިއެވެ. ހަމަ ޔަޤީނުންވެސް އެއީ ދިވެހި މަސްވެރިންގެ ހިތްތަކަށް ފިނިކަން ގެނުވާނެ ވާހަކަތަކެވެ. މިހާތަނަށް ދިވެހި މަސްވެރިން އެންމެ ބޮޑަށް ފިކުރު ބޮޑުވާ ކަންކަމަކީ، ރާއްޖޭގެ ކަނޑުތަކުގައި ބޭރުގެ ބޯޓުފަހަރު، ކުރަމުން އަންނަ އެކި ބާވަތުގެ މަސްވެރިކަމުގެ ސަބަބުން، ރާއްޖޭގެ މަސްވެރިކަމަށް، ނޭދެވޭ އަސަރު ކުރާ ވާހަކަ އެވެ. މަސްވެރިކަން ހަލާކުވެ، ހީނަރުވާ ވާހަކަ އެވެ.

މަސްވެރިންގެ މިފިކުރުތަކާ، ކަންބޮޑުވުންތަކަށް، މި ބިލުން، ޙައްލު ހޯދައިދޭ ދިނުމަކީވެސް، ޒަމާންވީ މަސްވެރިކަމުގެ ލަވަ ބަދަލުވުން ފަދަ ކަމެކެވެ. މި އިވެނީ، ދިވެހި ކަނޑުތައް، ދިވެހިންނަށޭ ބުނެވޭނެ ރީތި މިއުޒިކެކެވެ.

ދިވެހި މަސްވެރިކަމަކީ، ޕްލޭން ކުރެވިގެން، ކުރެވޭ ކަމަކަށް ހަދަން، މި ބިލުގައި ބާރު އަޅައެވެ. އޭގެ ތެރޭގައި އެކި ބާވަތް ތަކުގެ މަސްވެރިކަން، ދިރުވާ އާލާ ކުރުމަށްޓަކައި، މަސް ވިހާ މޫސުމުގައި، އެފަދަ ސަރަޙަށްދު ތަކަށް ސަހަރޯވެރިވާން، މި ބިލުގާ ބާރު އަޅައެވެ. މިއީ، ރާއްޖޭގެ ފަރުމަހާ، އެންވެރިކަމަށް، އޭގެ ހެޔޮ އަސަރު ކުރާނެ ކަންކަމެވެ.

ޒަމާންވީ ދިވެހި މަސްވެރިންނަކީ، މަސްބައިގެން ރަށަށް ވަންނަ ބައެކެވެ. މި އާ ބިލަށްފަހު، އުފަންވެގެން އައި އާ، ޚިޔާލުތަކަށް ބަލާއިރު، ދިވެހި މަސްވެރިންނަށް އޮޑީގައި ގޮސް، އަވަށްޓެރި ގައުމު ތަކުގެ ބަނދަރަށް ވަދެ، މަސް ކިރުމަކީ ތަނަވަސް ކޮށްދޭން ޖެހިފައިވާ ފުރުސަތެކެވެ.

އޭރަށް، އެ ފަހިކޮށްދެވެނީ އައު ފުރުސަތެކެވެ. ހަމަ އަގު ހޯދޭނެ އައު މަގެކެވެ. ޚާއްސަ ލައިސަންސެއްގެ ދަށުން ކަނޑައެޅިފައި އޮންނަ މިންވަރަކަށް މަސްވެރިންގެ އަތުން މަސްގަންނަން، ރާއްޖެއަށް ވަންނަ ބޯޓު ފަހަރަށާއި، ރާއްޖޭގެ ކާރުޚާނާ ތަކަށާއި، މީގެ އިތުރުން ބޭރަށްވެސް، މަސްކިރޭނެ މަގު، ކޮށައި ދިނުމުގެ ވިސްނުން، މިދެންނެވި ބަޙުސްތަކުން ހާމަވިއެވެ. މި އައު ޚިޔާލާތު ތަކުން އުފަންކުރުވާ މިއުޒިކަކީ، ޒަމާންވީ މަސްވެރިކަމުގެ ބޯދާ ޚިޔާލު ދޫކޮށް، މަސްވެރިކަމުގައި "އިހު އޮތްލަވަ" ބަދަލުވާން ފަށައިފި ކަމުގެ އިޙުސާސެވެ. ބިލުން ދައްކަނީ އެފަދަ އުންސުރު ތަކެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގައި ރައީސް އަދި މިނިސްޓަރ ޒަހާ ވަދީދު -- ފޮޓޯ: ރައީސް

ދިވެހިރާއްޖޭގެ ފަޅުތަކަކީ، އަކުއަކަލްޗަރުގެ ސިނާޢަތަށް ހުޅުވާލަން ޖެހިފައިވާ ތަންތަނަށް ހަދާނެ ތާޒާ ޚިޔާލުތައްވެސް، މި ބިލަށް އޮއްސާލަ ދީފައި އޮތެވެ. އެކަމަކީ ކައުންސިލްތަކަށް އޭގެ ދައުރެއް އޮތް ކަމަކަށް ހަދައިދޭން، މެންބަރުން ބާރު އަޅަމުންދިޔަ އަޑުތައް، ހަރުތާކު ޖެހި، ބިލަށް އެކަމުން ދިރުންލިބި، ޤާނޫނުން އެ ދޮރު ހުޅުވިގެން ދާއިރު، މަސްވެރިކަމުގެ ސިނާއަތުގެ ރޫފަ ހެޔޮވެ، މަސްޖަހާލެއް އަވަސް ވެގެން ދާނެއެވެ.

އެހެންކަމުން، ފަންރިޔަލާ، ސަޓާރިޔަލާ، ކަތިރިޔަލާ، އިންޖީނާއި ހަމައަށް، އައިސްފައިވާ، ޒަމާންވީ މަސްވެރިކަމުގެ ސިނާޢަތަށް، އެންމެ ބޮޑު އިންޤިލާބެއް، ގެނުވާނެ ފަރާތަކީ، މަސްވެރިކަމުގެ ޤާނޫނަށް މިގެނެވޭ އިސްލާޙެވެ.

މި އިސްލާޙު އައުމާ ހަމައަށް، އަހަރެމެން އަޑު އަހަމުންދާ، އެންމެ މަޝްހޫރު ލަވަޔަކީ،"މަސްއޮޑި މަހުން ލެފިމާ، މަސްބައި ގެއަށް ގެނައިމާ، މަސްލާރިއަށް މި ހަދަނީ މަސްވެރިވި އަންހެނުންނޭ"ބުނެ، އެ ކިޔާ ލަވައެވެ. ނަމަވެސް މި ލަވައިގައި ފިކުރު ހިންގައިފައި އެވަނީ، ދިވެހި އަންހެނުންގެ ޤާބިލު ކަމުގެ އެއްބަޔަށެވެ. އެމީހުންނަކީ، ކަނޑުމަތީގައްޔާއި ފެކްޓަރީ ތަކުގައިވެސް، މަސައްކަތް ކުރެވޭނެ ޤާބިލު ބައެކެވެ.

ހަމަ އެހެންމެ، އެ ކަނބަލުންނާއި ޒުވާނުންނަށް، މަސްވެރިކަމުގެ ސިނާޢަތު ން، އެ ފިޔަ ޖަހަނީ އައު ޚިލާތެކެވެ. އެ ޚިޔާލު ތަކުން އަލިވެގެން ދާނީ، މަސްވެރިކަމަކީވެސް، ޝަރަފުވެރި ވަޒިފާއެއް ކަމުގެ ޔަޤީންކަމެވެ.

މި ސިނާޢަތަކީ، ފެހި ޢިނާޔަތްތައް ފަހިވެފައި އޮތް، ޕެންޝަން ފަނޑުގާ ބައިވެރިވާނެ ފުރުސަތު އޮތް ސިނާޢަތެއް ކަމެވެ. އެހެން ކަމުން، މި ތާޒާ ޚިޔާލުތަކާ ޒަމާނީ ބަދަލު ތަކުން، ބަދަލުވެގެން އެ އަންނަނީ، ދިވެހި މަސްވެރިކަމުގެ ބޯދާ ލަވައެވެ. ބޯދާ ވިސްނުމެވެ. ހުޅުވިގެން އެދަނީ، އާ ޒަމާނެއްގެ ފިޔަޖެހުން ތަކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
33%
0%
67%
0%
0%
ކޮމެންޓް