ކ. މާލެ
|
18 އޯގަސްޓް 2019 | އާދީއްތަ 16:59
ހޯރަފުށީގައި ބޭއްވި ބޮޑު އީދު ސައިގެ ތެރެއިން
ހޯރަފުށީގައި ބޭއްވި ބޮޑު އީދު ސައިގެ ތެރެއިން
ޝުއައިބް މުހައްމަދު އިގްބާލް
ބޮޑު ޢީދު
ބޮޑު ޢީދު: ދިވެހިންގެ އެއްބައިވަންތަކަމާއި، ރަށްފުށުގެ މެހުމާން ދާރީ ދައްކުވައިދިން އީދެއް!
 
އެމީހުންގެ މެހުމާންދާރީ އަކީ، މާދަމާ، މާލޭގެ މަގެއްގެ މަތިން، އެފަދަ މީހަކާ ދިމާވާ ހިނދު، އިސް އުފުލާލާ، ބަލައި ނުލިޔަސް، އެންމެ ރަނގަޅޭ ބުނަމުން، ދޭ ހަދިޔާއެއް
 
ދިވެހިންގެ މުޅި މާޒީގާ ލެވިފާވާ އެންމެ ބޯ ދަވާދަކީ، ރަށްފުށުގެ އޯގާތެރި މެހުމާންދާރީ

ނިމިގެންދިޔަ އަޟުޙާ ޢީދު ޗުއްޓީ، ވެގެން ދިޔައީ، ރާއްޖެ ތެރެއަށާ ރާއްޖޭން ބޭރަށް، އެތަކެއްހާސް ދިވެހިން، ޢީދު ޗުއްޓީއަށް ދަތުރުކުރި ބޮޑު ޢީދަކަށެވެ. އެއްބަޔަކު، އުފަން ރަށަށް، ޢާއިލާ ގޮވައިގެން ދަތުރުކުރި އެވެ. އަނެއް ބަޔަކު ދަތުރުކުރީ، ދުވަހަކުވެސް ލޯދެކެފައި ނުވާ، ރަށްރަށަށެވެ. އެއީ އެ ރަށްފުއް ދެކިލަން، މާ ކުރިއްސުރެ، އެބަޔަކު ދެކެމުން އައި ހުވަފެން ތަކެއްގެ ތަޢުބީރު އެވެ.

އެއަރ ލަންކާ، އެމިރޭޓްސް، އިންޑިއަން އެއަރލައިން ދިވެހިންނާއެކު، އަވަށްޓެރި ގައުމު ތަކަށް، އުދުހެމުން ދިޔައިރު، މޯލްޑިވިއަން، ފްލައިމީ، މަންތާ އެއާލައިން، ދިވެހިންނާއެކު، އުދުހެމުން ދިޔައީ، ރާއްޖެތެރޭގެ މަންޒިލް ތަކަށެވެ.

އޭރު، ކަނޑުގާ ފިރުމަމުން، ރާޅު ތަކުން ފެންވަރައިގެން، އިދިކީއްޔަށް ޖެހެމުންދިޔަ ވަޔާ، ދިމާ އިދިކޮޅަށް، އެއްބަޔަކު ކަނޑުމަގުން، ރަށްރަށަށް ދަތުރު ކުރަމުން ގެންދިޔަ އެވެ.

މާކަނޑުގެ ބާނި ތަކުގެ ހެލުން ތަކުން ދިމާވާ، ބޯ އެނބުރުމާ، ހޮޑުލުމުގެ ތެރޭން، ކުރި ދަތުރު ތަކުގެ މަންޒިލަކީ، އެބައެއްގެ މަންޒިލް އެވެ. އެއްބަޔަކަށް އެއީ އެބައެއްގެ އުފަންރަށް އެވެ އަނެއް ބަޔަކަށް އެއީ ދެކެމުންދިޔަ ހުވަފެނެއްގެ ނިމުމެވެ.

އީދު ފާހަގަކުރުމަށް ހޯރަފުށީގައި ބޭއްވި ކުލަޖެހުމުގެ ހަރަކާތުގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ

މި ފަހަރުގެ ބޮޑު ޢީދަކީ، މުނިފޫހި ފިލުވުމުގެ ހަރަކާތްތައް، އެބައެއްގެ ފެންވަރުގާ، ކޮންމެ ރަށެއްގާހެން، ފާހަގަ ކޮށްފައިވި، އުފާވެރި ޢީދެއް އެވެ. މިޢީދުގެ އުފާތައް ކިތަންމެހާވެސް އުފާވެރި އެވެ. ދުވަހަކުވެސް އެބަޔަކު، ލޯ ދެކެފައި ނުވާ ރަށްރަށުން ކިޔަމުންދިޔަ މެހުމާންދާރީން، އުފަލުން ފަރިވެ ފޮޅެމުންދިޔަ ހިތްތަކާ، އަމިއްލަ ވަޒަނަށް އާދެވި ޢާއިލާއާއެކު ވަގުތު ހޭދަކުރެވުނީތީ ލިބުނު އުފަލުން ފަރިވެ ފޮޅިލީ ހިތްތަކާ، ރަށްފުށުގެ ރީތި ގޮނޑުދޮށްތަކާ، ސާފުމޫދާ، ހިތްގައިމު އަތިރިމަތި ތަކުގެ ޗާލޫ މަންޒަރުން، ފޮޅުނު ހިތްތައް، ކިތަންމެހާވެސް ގިނަ އެވެ.

ކޮންމެ ރަށެއްގެ ތާރީޚީ، އާސާރީ، ސަޤާފީ އެތައްކަމަކާ، އެތައް ތަނެއް، ދަތުރުގެ ހަނދާން ތަކަށް ސެލްފީން ކުރަހަމުން ދިޔައިރު، އެ ރަށްފުށުގެ މީރު ކެއުންތަކާ، މީހުންގެ އޯގާތެރި ކަމާ، ދިން ލޯތްބާ، އަޅާ ލުމާ، ރީތި ހިނިތުންވުން ތަކުގެ ހަނދާންތަކަކީވެސް، ޙަޔާތުގެ އައު ސަފުޙާ ތަކަކަށް ވެއްޖެ އެވެ.

ކޮންމެ އަކަސް، މި އުފާވެރި ދުވަސްތައް ނިމިއްޖެ އެވެ. އެނބުރި ފުރި މަންޒިލަށް އައުމުގެ ވަގުތުވެސް ޖެހިއްޖެ އެވެ. އެހައިތަނުން ފެންނަންފެށީ، އަތުން ވަކިނުވި ސަލާމްތަކެވެ. ހިތުގާވި އުފާވެރި އިޙުސާސްތައް، ލަފުޒު ތަކަކުން، ދޫމަތިން ބަނޑުންވެލައިފި އެވެ. ތިޔަ ހިތްހެޔޮކަމާ، އޯގާތެރިކަމާ، މެހުމާންދާރީއަކީ، ދުވަހަކުވެސް ހިތުން ނުފިލާނެ ކަންކަމޭބުނެ، އިޤުރާރުގެ ލަފުޒުތައް، މޫސުމީ ބޯ ވާރޭ ތިކިތަކެކޭ އެއްފަދައިން، ކޮންމެ ރަށެއްގެ ފަސްމައްޗަށް އޮއްސާލި އެވެ.

އީދު ފާހަކުރުމަށް ހޯރަފުށީގައި ބޭއްވި މާލި ޕެރޭޑްގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ

ސުވާލަކީ، އެ ލަފުޒު ތަކަކީ، "ތެތްމަސް ނުކާން ބުޅާވީ ވަޢުދު" ފަދަ ވަޢުދަކަށް ނުވެ ހިނގައިދާނެތޯ؟ ރަށްފުށުގެ ރައްޔިތުން، އެމީހުންގެ މެހުމާނުންނަށް އެދޭ ލޯތްބާ، އޯގާތެރިކަމަކީ، ދިވެހި ތާރީޚު ހެކިދޭ ޙަގީގަތް ތަކެކެވެ. މިއީ، އިއްޔެއަކު، މިއަދަކު، އިވޭ އަޑުތަކެއް ނޫން! ދިވެހިންގެ މުޅި މާޒީގާ ލެވިފާވާ އެންމެ ބޯ ދަވާދަކީ، ރަށްފުށުގެ އޯގާތެރި މެހުމާންދާރީ އެވެ. ދިވެހީންގެ ހިތްހެޔޮ ކަމުގެ ވާހަކަ އެވެ. އެމީހުންގެ މި މެހުމާންދާރީ އަކީ، މާދަމާ، މާލޭގެ މަގެއްގެ މަތިން، އެފަދަ މީހަކާ ދިމާވާ ހިނދު، އިސް އުފުލާލާ، ބަލައި ނުލިޔަސް، އެންމެ ރަނގަޅޭ ބުނަމުން، ދޭ ހަދިޔާއެއް އެވެ. މިއީ ރަށްފުށުގެ ޖަޒީރާ ވަންތަ ފަޚުރު ތަކޭބުނެ، އެކަމަށް ފަޚުރުވެރި ވަމުން، ފޯރުކޮށްދޭ ޚިދުމަތްތަކެކެވެ.

ދިވެހި ތާރީޚު އެބުނާ، ރަށްފުށުގެ ޙަޤީގީ ސަޤާފަތަކީ އެއީ އެވެ. ދިވެހި ރަށްވެހި ކަމުގެ ނަލަނަލަ ކުލަތަކަކީވެސް އެއީ އެވެ. ރަށްފުށު ދިވެހިންގެ، ތުނި ހިތްތަކުގެ، އޯގާވެރި ހިނިތުންވުމުގެ ރަމްޒަކީވެސް، އެވެ. އެއީ އެތައް ޤަރުނަކުއްސުރެ، ޖީލުން ޖީލަށް ނަޤުލުވާ އުފަލެކެވެ. ރަށްވެހި މޫނު ތަކުގާ، ވިދަވިދާ އެ ހުރީ، ކާބަފައިންގެ ފުށުން ވާރުތަ ވެފާވި ތަރިކައެވެ. އެމީހުންގެ ތުންފަތްތަކުގާ، ދިރޭ ރަހަ ފަދައިން، ދުވެލަ ދުވެލާ ހުންނަ ހިނިތުންވުން ތަކަކީވެސް، މިދެންނެވި ތަރިކައިގާވާ އަބާރަނަ ތަކެވެ. މި މަންޒަރުން އެކަނިވެސް، ދިވެހިންގެ ބޮޑު ޢީދަކީ، ޚާއްސަ އުފަލެކޭ ބުނެ، ގިރުވާން ކޮޅަށް ޖަހާލުގެ ޝަރަފު، ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތުންގެ ކިބައިގާ، މިއަދުވެސް އެބަ އޮތް!

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
17%
67%
0%
17%
0%
0%
ކޮމެންޓް
18 އޯގަސްޓް 2019 | އާދީއްތަ 23:24
? ދުރުމީ.
މިވެސް ދެން އަޖައިބެއް. ކީޢްތަވާނީ އެންމެ ފަހަރަކުވެސް ރާއްޖެތެރޭ މީހުން މާލެ ގެނެސް މާލޭގެ މަހުޖަނުންގެ އޯގާތެރިކަން އެނިކަމެތިންނަ އެންމެފަހަރަކުވެސް ދައްކާދިނިއްޔާ. ބައެއްގެ ބޯކައިގެން ހޮލިޑޭ ހަދަން މަގުފަހިކުރަނީ.???
18 އޯގަސްޓް 2019 | އާދީއްތަ 20:22
ޢަހުމަދު މުހައްމަދު
މާލޭ މީހުން ނުޖެހޭ ދޯ މެހްމާންދާރީ އަދާކުރަން؟