Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެޓީވީ ޖޫރިމަނާކުރުން

ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!

މި ނިންމުން ކޯޓަށް ހުށަހެޅުމަށް ވެސް ރާއްޖެޓީވީން ވަނީ ނިންމައިފަ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 8 މާރިޗު 2017 | ބުދަ 00:18
ރާއްޖެޓީވީގެ އިދާރާ

ރާއްޖެޓީވީގެ އިދާރާ

ބޮޑު އަދަދަކުން ރާއްޖެޓީވީ އާއި ރާއްޖެޓީވީގެ ނޫސްވެރިޔަކު ޖޫރިމަނާކުރަން ނިންމުމަކީ އިންސާފުގެ ހަމައިން ނެއްޓި، ރާއްޖެޓީވީ އަށް ގޯނާކޮށް، ޖެއްސުންކޮށް މުވައްޒަފުންނަށް ނަފްސާނީ ގޮތުން ގެއްލުންދީ، އަދި މިނިވަން މީޑިއާތަކަށް ބިރު ދެއްކުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ގަތަމުންދާ ޗޭނުގެ އައު ބޮޅެއް ކަމަށް ކަމަށް ރާއްޖެޓީވީން ބުނެފި އެވެ.

ނޮވެމްބަރު 19، 2016 ވަނަ ދުވަހުގެ ރާއްޖެ ޓީވީގެ ބައެއް ހަބަރު ބްލެޓިންތަކުގައި ގެނެސްދިން ހަބަރަކާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން އެ މައްސަލަ ބަލައި، ދެ ލައްކަ ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާކޮށް، އެ ހަބަރު ލިޔުނު ނޫސްވެރިޔާ 50،000 ރުފިޔާއިން ޖޫރިމަނާކުރި މައްސަލައިގައި ރާއްޖެޓީވީން ހޯމަ ދުވަހުގެ ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެއީ ސަރުކާރުން އަންގައިގެން ރާއްޖެޓީވީއަށް އިތުރު އަނިޔާއެއް ދިނުމުގެ މަގްސަދުގައި ބްރޯޑްކާސްޓިން ކޮމިޝަންގައި ތިބި ޕީޕީއެމްގެ އެކްޓިވިސްޓުން ކުރި ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

ބްރޯޑްކާސްޓިން ކޮމިޝަންގެ މި ނިންމުން ކޯޓަށް ހުށަހެޅުމަށް ވެސް ރާއްޖެޓީވީން ވަނީ ނިންމައިފަ އެވެ. ތިރީގައި މި ވަނީ މި މައްސަލައިގައި ރާއްޖެ ޓީވީން ނެރުނު ނޫސް ބަޔާނެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަން އިން ރާއްޖެޓީވީ ޖުރިމަނާ ކުރަން ނިންމުމަކީ، ކުރީގެ ނިންމުންތަކެކޭ ވެސް އެއްގޮތަށް ރާއްޖެޓީވީ އަށް ގޯނާކޮށް، ޖެއްސުންކޮށް މުވައްޒަފުންނަށް ނަފްސާނީ ގޮތުން ގެއްލުންދީ، މިނިވަން މީޑިއާތަކަށް ބިރު ދެއްކުމަށް އެ ކޮމިޝަނުން ގަތަމުންދާ ޗޭނުގެ އައު ބޮޅެކެވެ.

ނޮވެމްބަރު 19، 2016 ވަނަ ދުވަހުގެ ރާއްޖެ ޓީވީގެ ބައެއް ހަބަރު ބްލެޓިންތަކުގައި ގެނެސްދިން ހަބަރަކާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން އެ މައްސަލަ ބަލައި، ދެ ލައްކަ ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާކޮށް، އެ ހަބަރު ލިޔުނު ނޫސްވެރިޔާ 50،000 ރުފިޔާއިން ޖޫރިމަނާކުރަން ނިންމީ އިންސާފުގެ އެއްވެސް ހަމައެއް އުސޫލެއް ނެތި، ރާއްޖެޓީވީއަށް އިތުރު އަނިޔާއެއް ދިނުމުގެ މަގްސަދުގައި ކަމުގައި ރާއްޖެޓީވީން ގަބޫލުކުރަމެވެ. އެ މައްސަލަ ނިންމުމުގައި، މީގެ ކުރިންވެސް އަމަލު ކޮށްފައިވާ ގޮތައް ބްރޯޑްކާސްޓިންގ ކޮމިޝަނުން އަމަލު ކުރީ، ދިފާއުގައި ރާއްޖެޓީވީގެ ގާނޫނީ ޓީމުން ހުށަހެޅި އެއްވެސް ކަމަކަށް ރިއާޔަތް ކުރުމެއް ނެތި ކަމުގައި ދަންނަވަމެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ ޖޫރިމަނާކުރީ، އައްޑޫ ސިޓީ ހިތަދޫގައި ހިންގި ރޭޕް މައްސަލައަކާ ގުޅިގެން އެ މައްސަލަ އޮއްބާލުމަށް ހިތަދޫގައި ހުންނަ ޖެންޑަ މިނިސްޓްރީގެ އޮފީހުގެ މުވައްޒަފަކު މަސައްކަތްކޮށް، މައްސަލަ ބެލުމަށް ނުފޫޒު ފޯރުވާ ކަމަށް އަނިޔާ ލިބުނު ކަމަށް ބުނާ ކުއްޖާގެ އާއިލާއާ އިން ދިން މައުލޫމާތުގެ މައްޗަށް ހަބަރު ގެނެސްދިން މައްސަލައިގަ އެވެ.

މި ޚަބަރު ގެނެސްދިނުމުގައި މައުލޫމާތު ހޯދި ފަރާތްތަކަކީ، ޖިންސީ އަނިޔާގެ ޝިކާރައަކަށް ހެދި ކަމަށް ތުހުމަތުކުރާ ކުއްޖާގެ އާއިލާ އާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މުވައްޒަފެއްގެ އިތުރުން އައްޑޫގެ ޕޮލިސް ސްޓޭޝަނެވެ. މި ޚަބަރުގައި އަބުރުގެ ގާނޫނާއި ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކަމަށް ކޮމިޝަނުން ބުނެފައިވާ އިބާރާތަކީ ޖިންސީ ޝިކާރައަކަށް ހެދި ކަމަށް ބުނާ ކުއްޖާގެ އާއިލާގެ ފަރާތުން ބުނި ބަސްތައް އެ ބުނި ގޮތަށެވެ. ޚަބަރު ގެނެސްދިނުމުގެ ކުރިން މިކަމަށް ހުރަސް އަޅާ މީހާ ކަމަށް ބުނާ ފަރާތުގެ ބަސް ހޯދަން ރާއްޖެޓީވީގެ ނޫސްވެރިޔާ އެތައް ފަހަރަކު މަސައްކަތް ކުރި އެވެ. އަދި ތަކުރާރުކޮށް މަސައްކަތް ކުރި ނަމަވެސް އަދި އެ މުވައްޒަފުގެ ބަހެއް ނުލިބޭ ކަމަށް ޚަަބަރުގައި ލިޔެފައި އޮތެވެ. އަދި މިހުރިހާ ވާހަކަ ތަކެއް ޚަބަރުގައިވެސް ބުނެފައިވާކަން ބްރޯޑްކާސްޓް ކޮމިޝަނުންވެސް ފާހަގަ ކޮށްފައިވެއެވެ.

ރޭޕްކުރި ކުއްޖާގެ މައްސަލަ ބެލުމަށް މީހަކު ހުރަސް އަޅާ ކަމަށް ޚަބަރުގައި ބުނެގެން އޭނާގެ އަބުރު ގެއްލުނު ކަމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ކަނޑައެޅި އިރު، މިއަދާ ހަމައަށް ވެސް އެ ހަބަރަކީ ދޮގު ހަބަރެއްކަން ނުވަތަ އެއީ ހިނގާފައި ނުވާ ކަމެއް ކަމަށް ތުހްމަތުލިބޭ މުވައްޒަފުގެ ފަރާތުން ސާބިތު ކޮށްދީފައެއް ނެތެވެެ. އަނެއްކޮޅުން ތުހުމަތު ކުރެވޭ މީހާއަކީ، އެފަދަ ކަމެއް ކުރުމުގެ ނުފޫޒް އޮތް މީހެއްކަން އޭނާ ހުރި މަގާމުގެ ގޮތުން ބަލާނެ ޖާގަވެސް އެބައޮތެވެ. އެއާއެކު އެއީ ހަގީގަތުގައިވެސް އެކަން އޮތް ގޮތްކަން އަނިޔާ ލިބުނު ކުއްޖާގެ އާއިލާއިން ތަކުރާރުކޮށް ބުނަމުންދާއިރު، ކަމުގެ ހަގީގަތް އިތުރަށް ތަހުގީގީ އިދާރާތަކުން ބެލުމުގެ ބަދަލުގައި، އެ ޚަބަރު ކީ ކަމަށްޓަކައި ރާއްޖެޓީވީއަށް އަދަބު ދިނުމަކީ، ނުފޫޒުގެ ބޭނުން ކޮށްގެން ނިކަމެތިންނަށް އަނިޔާވެރި ވުމަށް ބަޔަކަށް ލިބޭ ފުރުސަތަކަށް ވުމީވެސް އެކަށީގެންވާ ކަމެއް ކަމަށް ރާއްޖެޓީވީން ދެކެމެވެ. މިއީ ނުހަނު ނުރައްކާތެރި އަދި އަނިޔާ ލިބޭ ފަރާތްތަކުގެ ހައްގުތައް ގެއްލިގެން ގޮސް އަނިޔާ ކުރާ މީހުންނަށް އިތުރު ހިތްވަރު ލިބޭ ކަމަކަށްވެ، ގައުމު ނުރައްކަލުގެ ތެރެއަށް ވެއްޓިގެން ހިނގަދާނެ ފަދަ ސީރިއަށް ކަމެއް ކަމުގައި މި ސްޓޭޝަނުން ދެކެމެވެ. އަނިޔާ ލިބުނު ކުއްޖާގެ އާއިލާއިން މިހާ ފާޅުކަން ބޮޑު ގޮތެއްގައި، އެކުއްޖާ ރޭޕް ކުރި މައްސަލަ ނުބަލަނީ މިވެނި މީހެއްގެ ނުފޫޒުން ކަމަށް ބުނާ ހިނދު ދެން އަކަން އެނޫން ގޮތަކަށް ބަދަލުވެގެންދާނީ އެކުއްޖާގެ އާއިލާއިން ބުނާ ވާހަކަތައް ޝަރުއީ ކޯޓެއްގައި ހާމަކުރުމުގެ ފުރުސަތު ލިބިގެން ކަމުގައިވެސް މި ސްޓޭޝަނުން ދެކެމެވެ.

ޖެންޑާގެ މުވައްޒަފާ ގުޅޭ ގޮތުން ބުނެފައިވާ ވާހަކަތަކަކީ އަނިޔާ ލިބުނު ކުއްޖާގެ އާއިލާގެ ފަރާތުން ބުނެފައިވާ ވާހަކަތައް ކަމަށްވާއިރު، މި މައްސަލައިގައި އެ އާއިލާއިން ޖަވާބުދާރީވުމަށް ތައްޔާރަށް ތިބި ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނަށް ރާއްޖެޓީވީން އަންގާފައިވާނެ އެވެ. ނަމަވެސް މައްސަލަ ނިންމި އިރު އެކަމަށް ރިޔާއަތްކޮށްފައެއް ނެތެވެ. މިކަމުންވެސް މިއީ އިންސާފުގެ މަގުން ބަލާފައިވާ މައްސަލައެއް ނޫންކަމާއި، މިއީ ކަނޑައެޅިގެން ރާއްޖެޓީވީއަށް ގެއްލުންދޭން ކޮމިޝަނުން ކޮށްފައިވާ ކަމެއްކަން ދޭހަވެއެވެ.

ޖޫރިމަނާކުރި މައްސަލައިގައި ބެލި ކޮންޓެންޓަކީ ކޯޑް އޮފް ޕްރެކްޓިސް އާ ހިލާފު ކޮންޓެންޓެއް ކަމަށް ކޮމިޝަނުން ކުރިން ތުހްމަތުކުރިއިރު، ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ކޯޑްއޮފް ޕްރެކްޓިސްއާ ހިލާފު ކަމަށް މައްސަލަ ނިންމި ގޮތުގެ ރިޕޯޓްގައެއް ނެތެވެ. މައްސަލަ ނިންމުމުގައި ހަމައެކަނި ބަލާފައި ވަނީ އަދި ކޮމިޝަންގެ ނިންމުން ރިޔާއަތްކޮށްފައި އޮތީ ސިޔާސީ ގާނޫނެއްގެ ގޮތުގައި އެންމެން ދެކޭ، އަދި ނޫސްވެރިކަން މަރާލުމަށް ހެދި ކަމަށް ރާއްޖޭގެ ބައެއް ޖަމިއްޔާތަކާއި ނޫސްވެރިންނާއި ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުން އަދި ގައުމުތަކުން ވެސް ބުނެފައިވާ އަބުރުގެ ގާނޫނުގެ މައްޗަށެވެ. މި މައްސަލަ ނިންމުމުގައި ހަމައެކަނި އަބުރުގެ ގާނޫނަށް ރިޔާއަތްކޮށްފައި އޮތުމަކީ މި މައްސަލައަކީ، ރާއްޖެޓީވީގެ ކޮންޓެންޓަކީ ނޫސްވެރިކަމުގެ ހަމަތަކާއި ބްރޯޑްކާސްޓްކުރުމުގެ ހަމަތަކާ އެއްގޮތަށް ގެނެސްދިން ކޮންޓެންޓެއް ކަމަށް ހާމަކޮށްދޭ ހެއްކެކެވެ.

ރާއްޖެޓީވީ ޖޫރިމަނާކުރި ނިންމުން ބިނާކުރުމުގައި ކޮމިޝަނުން ފާހަގަކޮށްފައިވާ ނުކުތާތާއަކީ "ފަސާހަތު ހުސައިންއާ ރާއްޖެޓީވީން އެއްވެސް ސުވާލެއް ނުކޮށް ފަސާހަތުގެ ބަހެއް ނުހޯދާ ހަބަރު ކިޔާފައިވާ ކަމަށް ފަސާހަތު ބުނާކަން" މިއެވެެ. އަދި އަބުރުގެ ގާނޫނުގައި ފާާޅުކުރާ ހިޔާލަކީ ތެދު ހަގީގަތް ކަމަށް ސާބިތުކޮށްދިނުމަކީ އެ ބަހެއް ބުނި ނުވަތަ އެ ހިޔާލެއް ފާޅުކުރި ފަރާތުގެ ޒިންމާއެއް ކަމަށް، ގާނޫނާ ހަވާލާދީ ކޮމިޝަންގެ ރިޕޯޓްގައި ބުނެފައިވާއިރު، ކުއްޖާގެ އާއިލާއިން އެކަން ސާބިތުކޮށްދޭން ތައްޔާރަށް ތިބިކަން ބްރޯޑްކާސްޓިންގ ކޮމިޝަނަށް ރާއްޖެޓީވީން ލިޔުމުން ވާނީ އަންގާފައެވެ. މިއިން އެއްވެސް ފުރުސަތެއް ރާއްޖެޓީވީ އަށް އަދި ރާއްޖެޓީވީއަށް މައުލޫމާތު ދިން އަނިޔާ ލިބުނު ފަރާތުގެ އާއިލާއަށްް ދީފައެއް ނެތެވެ.

މައްސަލަ ނިންމި ރިޕޯޓްތަކުގައި ކީރިތި ގުރުއާނުގެ އާޔަތްތަކަށާއި ރަސޫލާގެ ހަދީސްފުޅުތަކަށް ރިޔާއަތްކޮށްފައިވާއިރު، މައްސަލަ ނިންމުމުގައި އިސްލާމީ ޝަރީއަތުގެ އެންމެ މުހިންމު އަސާސްކަމުގައިވާ ދެ ހަސްމުންނަށް ލިބެންޖެހޭ ޖަވާބުދާރީވުމުގެ ހަމަހަމަ ފުރުސަތު ދީފައެއް ނެތެވެ.

ކޮމިޝަންގެ ނިންމުން ބިނާކުރުމުގައި އަބުރުގެ ގާނޫނުގެ 10 ވަނަ މާއްދާގެ ނ. އަށް ރިޔާއަތްކޮށްފައިވެ އެވެ. އެ މާއްދާގައި ބުނެފައިވަނީ ބުނާ ބަހެއް ލިޔާ ލިޔުމެއް ކުރަހާ ކުރެހުމެއް ނުވަތަ ތަސްވީރެއް ކުރާ އިޝާރާތެއް ނުވަތަ ދައްކާ ހަރަކާތެއް ނުވަތަ އިއްވާ އަދަކީ ސާބިތު ނުހިފޭ ދޮގު ބަހެއްގެ މައްޗަށް ބިނާވެގެންވާ އެއްޗެއް ކަމުގައި ވާންވާނެ އެވެ. މި މާއްދާގައި މިހެން ބަޔާންކޮށްފައިވީ ހިނދު، މީހެއްގެ މައްޗަށް ކުރެވިފައިވާ ތުހްމަތަކީ އެ ތުހްމަތު ކުރި ފަރާތުން ސާބިތުކޮށްދޭޏްޖެހޭ ތުހްމަތަކަށް ވުމާއި ޖިންސީ ގޯނާ ލިބުނު އާއިލާއިން ކުރި ތުހުމަތަކީ އެއްވެސް ކޯޓެއްގައި އަދި ތަހްގީގީ މުއައްސަސާއަކުން ވެސް ސާބިތުވެފައިވާ ތުހްމަތެއް ނޫން ކަމަށް ބްރޯޑްކާސްޓިން ކޮމިޝަންގެ ނިންމުމުގައި ބުނެފައިވެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މިގޮތަށް ބުނެފައިވާއިރު، ރާއްޖެޓީވީ އަބުރުގެ ގާނޫނާ ހިލާފުވި ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ކަނޑައެޅީ، ޖެންޑާ މިނިސްޓްރީގެ މުވައްޒަފުގެ އަބުރު ގެއްލުނު ކަމަށް ކޯޓުން މައްސަލައެއް ސާބިތުވެފައިވާ ހާލަތެއްގައެއް ނޫނެވެ. އެ މުވައްޒަފުގެ މައްޗަށް ތުހްމަތުކުރި މީހުންނަކީ ކޮން ބައެއްކަން ހޯދެން އޮއްވާ، އެކަން ވެސް ތަހްގީގުކުރުމުގެ ކުރިން، އަވަސް އަރުވާލައިގެން ބްރޯޑްކާސްޓިން ކޮމިޝަނުން ބޭނުންވީ ބޮޑު އަދަދަކުން ރާއްޖެޓީވީ ޖުރިމަނާ ކުރާށެވެ.

ބްރޯޑްކާސްޓިންގެ ކޮމިޝަނުގެ ނަމުގައި މި ނިންމުން ނިންމާފައިވަނީ ނޫސްވެރިކަމުގެ ހަމަތަކަށާއި ނޫސްވެރިންގެ ޒިންމާ އަދާ ކުރިތޯ ބެލުމުގެ ބަދަލުގައި ބްރޯޑްކާސްޓިން ކޮމިޝަނަށް ވައްދާފައިވާ ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ ބައެއް އެކްޓިވިސްޓުން ބާރު އަޅައި، އަދި ސީދާ ސަރުކާރުގެ އެންގުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި ކަމަށް ރާއްޖެޓީވީ އަށް ވަނީ އިތުބާރު ހުރި ގޮތެއްގައި މައުލޫމާތު ލިބިފަ އެވެ.

މި މައްސަލައިގެ އިތުރުން އަބުރުގެ ގާނޫނުގެ ދަށުން ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަމުންދާ އެހެން މައްސަލައެއްގައި ވެސް ރާއްޖެޓީވީ ބޮޑު އަދަދަކުން ޖޫރިމަނާކުރަން ކޮމިޝަންގައި ތިބި ވަކި ސިޔާސީ ފިކުރެއްގެ އެޖެންޓުން މަސައްކަތްކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނޫސްވެރިކަމާއި ބްރޯޑްކާސްޓިން ދާއިރާ އިނދަ ޖައްސާ މީޑިއާގެ ބާރު ކަނޑުވާލުމަށް އަމާޒު ހިފާ އަދި ސަރުކާރުން ދޭ ޓައިމްލައިނާ އެއްގޮތަށް ރާއްޖެޓީވީ ބަންދުކުރުމަށް މީޑިއާ ރެގިއުލޭޓް ކުރުމުގެ ތޮފި އަޅައިގެން ތިބި ބަޔަކު މަސައްކަތް ކުރަމުންދާކަން އެއީ ދިވެހި ރައްޔިތުންގެ ގިނަ ބަޔަކަށް ސާފުވެފައިވާ ކަމެކެވެ.

ނަމަވެސް ބާރުގެ ނާޖާއިޒް ބޭނުންކޮށްގެން ރާއްޖެޓީވީއަށް ކިތަންމެ ބޮޑު އަނިޔާތަކެއް ދެމުން ދިޔަ ކަމުގައިވިޔަސް ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުގައި ރާއްޖެޓީވީގެ އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރަމުންދާނަމެވެ.

ކޮމިޝަންގެ މިފަހަރުގެ ނިންމުމުގެ ސަބަބުން ރާއްޖޭގެ މިނިވަން މީޑިއާގެ ހުޅުކޮޅު ނިއްވާލުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފަސް ނުޖެހޭނެކަން މިވަނީ ވަރަށް ސާފުކޮށް ހާމަވެފައެވެ.

މި މައްސަލަ ނިންމުމުގައި އިންސާފުގެ އުސޫލްތަކުން އެއްކިބާވެފައިވާތީ ޖޫރިމަނާ ފައިސާ ދެއްކުން ހުއްޓުވުމަށާއި މި މައްސަލަ ބަލައި ދިނުމަށް ކޯޓަށް ހުށަހެޅުމަށް މި ސްޓޭޝަނުން ވަނީ ނިންމައިފަ އެވެ.

މި ސްޓޭޝަނުން އެދެނީ އަނިޔާވެރި ކަން ކުރިއަށް ނެރެ، ގައުމީ މަސްލަހަތައްވުރެ އަމިއްލަ އެދުން އިސްކޮށް، ވަކި ބައެއްގެ ބެރަށް ނަށަމުންދާ، އިންސާފުގެ މަގުން އެއްކިބާވެފައިވާ ބްރޯޑްކާސްޓިންގ ކޮމިޝަންގައި ތިބި ކޮމިޝަނަރުންނަށް ހެޔޮ ވިސްނުން ދެއްވާ އިސްލާހުވުމުގެ މަގު މާތް ﷲ މިންވަރު ކުރެއްވުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު