މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދް ސޯލިހް ކުރައްވާ ދަތުރުފުޅުގައި ބ. ދޮންފަނަށް ވަޑައިގެންފިއެވެ.
ބުދަ ދުވަހު އެރަށަށް ޒިޔާރަތް ކޮށްފައިވާއިރު އެ ރަށުގެ ރައްޔިތުންވަނީ ވަރަސް ހޫނު މަރުހަބާއެއް ކިޔާފައެވެ. މި ދަތުރުފުޅުގައި އެ ރަށުގެ ކައުންސިލަރުންނާއި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވަން ވަނީ ހަމަޖެހިފައެވެ.
ބ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ސޯލިހް ވަނީ އަންގާރަ ދުވަހު ބ އަތޮޅުގެ އަތޮޅު ކައުންސިލާއި ބައްދަލު ކުރައްވާފައެވެ. ބައްދަލު ކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުތައް ބާރުވެރިކުރުވުމަށް ސަރުކާރުން ރާއްވަވާފައިވާ ޕްލޭންތަކާ އަދި ކުރިމަގުގައި ފެނިގެންދާނެ ބަދަލުތަކާބެހޭ މަޢުލޫމާތު ކައުންސިލަރުންނާއި ޙިއްޞާ ކުރައްވާފައެވެ. ރައީސް ސޯލިހް ވަނީ ބ. އަތޮޅުގެ ޞިއްޙީ ޚިދުމަތުގެ ރަންޔޫބީލް މުނާޞަބާ ފާހަގަކުރުމަށް އޭދަފުށީގައި ބޭއްވެވި ޖަލްސާގައި ޝަރަފުވެރި ކޮށްދެއްވާފައެވެ.