ކައުންސިލްތައް މަގުމަތި ކުރީ 18 ވަނަ ރައްޔިތުންގެ މަޖިލީހުން: އެލްޖީއޭ
22 ޖުލައި 2019 | ހޯމަ 10:18ކައުންސިލަރުން ސަސްޕެންޑްކުރީ ސިޔާސީ ނުފޫޒުން ކަމަށް ނުބުނެވޭނެ


އެލްޖީއޭގެ ބޯޑުގެ މެމްބަރުން
ކައުންސިލްތައް މަގުމަތި ކުރީ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ކަމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގެ މެމްބަރުން ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު ބޭއްވި ލާމަރުކަޒީ ކޮމެޓީއަށް އެލްޖީއޭގެ މެމްބަރުން ހާޒިރުކޮށް ކޮމެޓީގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އެލްޖީއޭގެ ބޯޑު މެމްބަރު އާމިރު އަލީ ވިދާޅުވީ މިފާއިތުވި އަހަރުތަކުގައި ކައުންސިލަރުން ސަސްޕެންޑް ކުރާ މައްސަލަ ބޮޑުވި ނަމަވެސް ކައުންސިލަރުން ސަސްޕެންޑް ނުކުރުމަށް ވަރަށް ބޮޑަށް ވަކާލާތު ކުރިކަމަށާއި، އަބަދުވެސް އުސޫލުގެ ތެރެއިން ފުރަތަމަ ފިޔަވަޅަކަށް ނަސޭހަތް ދިނުމަށް އެދިފައިވާ ކަމަށެވެ. އާމިރު ވިދާޅުވީ ވަކި ކައުންސިލަރަކާ މެދު ވަކި ގޮތަކަށް އަމަލުކުރުމަށް އަންގާފައިނުވާ ކަމަށާއި، ސަސްޕެންޑް ކުރި ކައުންސިލަރުން ސަސްޕެންޑްކުރީ ސިޔާސީ ނުފޫޒުން ކަމަށް މުޅިއަކުން ނުބުނެވޭނެ ކަމަށެވެ.
އާމިރު ވިދާޅުވީ އެލްޖީއޭއިން އެއްވެސް ކައުންސިލްއެއް ނިކަމެތި ނުކުރާ ކަމަށާއި، މާލެ ސިޓީ ކައުންސިލް މަގުމަތި ކޮށްލީ އެލްޖީއޭއިން ނޫން ކަމަށެވެ. އަދި ވިދާޅުވީ މާލެ ސިޓީ ކައުންސިލުން މަގުމަތި ކުރީ މިދިޔަ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.
އާމިރު ވިދާޅުވީ އެލްޖީއޭއިން ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރި ކަމަށާއި، މައްސަލަތައް ހައްލުކުރުމަށް ވެސް ހިޔާލު ވެސް ހޯދި ކަމަށެވެ.
އެލްޖީއޭއަށް ހުށަހެޅޭ މައްސަލަތަކުގައި އަމަލުކުރާ ގޮތަށް އަލިއަޅުއްވާލައްވާ އެލްޖީއޭގެ ބޯޑު މެމްބަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރު މުހައްމަދު ޝަފީގު މަހްމޫދު ވިދާޅުވީ ކައުންސިލްތަކާ ބެހޭ މައްސަލައެއް ހުށަހެޅުމުން މައްސަލަ ބޯޑަށް ގެންގޮސް ބޯޑުގެ ލަފަޔާއެކު މަސައްކަތް ކުރިގެންދާ ކަމަށެވެ.
ޝަފީގު ވިދާޅުވީ ބައެއް މައްސަލަތަކަކީ ކޮރަޕްޝަނާ ގުޅުންހުރި މައްސަލަތަކަށްވާތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ހިއްސާކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭސީސީއަށް ފޮނުވާ މައްސަލަތައް އަލުން އަބުރާ އެލްޖީއޭ ފޮނުވާ ކަމަށެވެ.
ޝަފީގު ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތަކަކީ އެލްޖީއޭގެ މެންޑިޑޭޓްގެ ތެރޭގައި ހިމަނޭ ކަމެއް ނޫން ކަމަށާއި، އެފަދަ ކަންކަމުގައި މަސައްކަތް ކުރުމަށް ދަތިވާ ކަމަށެވެ. ނަމަވެސް ނަމަވެސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ކުރަން ޖެހޭ ކަމެއް ނުވަތަ އެރިޕޯޓަކަށް ބިނާކޮށް އަޅަން ޖެހޭ ފިޔަވަޅެއް އެޅިދާނެ ކަމަށް ޝަފީގު ވިދާޅުވިއެވެ.
މީގެ އިތުރުން ހޯމް މިނިސްޓަރު އަދި އެލްޖީއޭގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ވިދާޅުވީ ރާއްޖެ ލާމަރުކަޒީ ނިޒާމު ހިންގުމުގައި ގިނަ ދަތިތަކާ ބޮޑެތި ގޮންޖެހުންތަކާ ދިމާވާ ކަމަށެވެ. އަދި ގާނޫނުގައި ގިނަ ފުށުއެރުންތައް ހުރިކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތައް ކުރެވެމުންދާއިރު، އެލްޖީއޭގެ ފަރާތުން ވެސް ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހު ހުށަހެޅުމަށް އެލަފާ އެރުވުމަށް އެލްޖީއޭގެ ޓެކްނިކަލްޓީމަށް އިރުޝާދުދީފައިވާ ކަމަށެވެ.






