ކ. މާލެ
|
17 ޖޫން 2019 | ހޯމަ 19:54
ރާއްޖޭގެ ވަފްދުގެ ޝަރަފުގައި ލަންކާގެ ބޮޑު ވަޒީރު ވަނީ ރޭގަނޑުގެ ފަރިކޮޅެއް ދެއްވާފައި
ރާއްޖޭގެ ވަފްދުގެ ޝަރަފުގައި ލަންކާގެ ބޮޑު ވަޒީރު ވަނީ ރޭގަނޑުގެ ފަރިކޮޅެއް ދެއްވާފައި
ރާއްޖެއެމްވީ
ރައީސް ނަޝީދު ލަންކާ ދަތުރުފުޅު
ލަންކާ އާއި އެކު އަަބަދުވެސް ރާއްޖެ
 
ލަންކާގެ ބޮޑު ވަޒީރު އަދި ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވަނީ، ރާއްޖޭގެ ވަފްދާއި ބައްދަލުކޮށްފައި
 
އެޕްރީލް މަހުގެ 21 ވަނަ ދުވަހު ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު، އެ ގައުމުގެ އިގްތިސާދު ވަނީ ދަށަށް ގޮސްފައި
 
ރާއްޖޭގެ ވަފްދުގެ މަސައްކަތަށް އެ ގައުމުން ވަނީ ޝުކުރު އަދާކޮށްފައި

1983 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާއި ހަމައަށް ސްރީލަންކާ އަކީ ދާޚިލީ ހަނގުރާމައެއްގައި ތާށިވެފައި އޮތް ގައުމެކެއެވެ. 26 އަހަރު ފަހުން އެ ގައުމަށް ސުލްހަވެރިކަމާއި، ހަމަޖެހުން އައިސް ގައުމު ރައްޔިތުންގެ އާންމު ހާލަތު ވަނީ ރަނގަޅުވެފައެވެ. ދުނިޔޭގެ އެންމެ ސުލްހަ 100 ގައުމުތަކުގެ ތެރޭގައި ސްރީލަންކާ ހިމެނެއެވެ. ބޭރު ގައުމުތަކުގެ ބޮޑެތި ވިޔަފާރިވެރިން ލަންކާގައި އިންވެސްޓް ކުރަން ފަށާ، ފަތުރުވެރިކަމުގެ ދާއިރާއިން އެ ގައުމު އާ އުސްމިންތަކަކައް އަރަމުން ދަނިކޮށް، އެޕްރީލް މަހުގެ 21 ވަނަ ދުވަހު ޓެރަރިސްޓުންގެ ނުރައްކާތެރި ހަމަލާއެއް އެ ގައުމަށް ވަނީ އަމާޒުވެފައެވެ.

މި ހަމަލާގައި 250 މީހުން މަރުވެ، 500 މީހުން ވަނީ ޒަހަމްވެފައެވެ. ގައުމުގެ އިގްތިސާދީ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ގައުމު ކުރިން އޮތް ހާލަތައް ރުޖޫއަވާން، ވަނީ ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައެވެ. މި ހާލަތުން އަރައިގަތުމަށް ދުނިޔޭގެ ގައުމުތަކުގެ އެހީތެރިކަން، ލަންކާއަށް ވަނީ އިންތިހާ ދަރަޖައަށް ބޭނުންވެފައެވެ. މި ދަނޑިވަޅުގައި ސްރީލަންކާ އާއި އެންމެ ގާތް އަދި އެންމެ އަވައްޓެރި، މި ކުޑަ ކުޑަ ދިވެހިރާއްޖެ، މިވަނީ ދުނިޔެއަށް މިސާލު ދައްކުވައިދީފައެވެ. ގާތް އަވައްޓެރިޔާ ހާލުގައި ޖެހޭ ދުވަހު އަމަލުކުރަންޖެހޭ ގޮތަކީ ކޮބައިކަން މުޅި ދުނިޔެއަށް ދައްކުވައިދީފައެވެ.

މި މަހުގެ 14 އިން 16 އަށް ރާއްޖޭގެ 100 އަށް ވުރެ ދިވެހި ދައުލަތުގެ މަތީ ފަންތީގެ ބޮޑު ވަފްދެއް ވަނީ ސްރީލަންކާއަށް ޒިޔާރަތްކޮށްފައެވެ. ރާއްޖޭގެ ތާރީޚުގައިވެސް ދައުލަތުގެ އިއްޒަތްތެރިންގެ ތެރޭގައި ހިމެނޭ ގިނަ ބޭފުޅުން އެކުގައި ދަތުރުފުޅެއް ކުރެއްވި މިއީ ފުރަތަމަ ފަހަރުއެވެ. މި ވަފްދުގެ ބޭނުމަކީ ސްރީލަންކާ އަކީ އަމާން ރައްކާތެރި ގައުމެއްކަން މުޅި ދުނިޔެއަށް އަންގައިދިނުމެވެ. އަދި ދިވެހިން ތިބީ ދިވެހިންގެ އެންމެ ގާތް އަވައްޓެރިޔާ ހާލުގައި ޖެހުނު ދުވަހު، ގާތް އަވައްޓެރިޔާ އާއި އެކުގައި ކަން ހާމަކޮށް ދިނުމެވެ.

ޖޫން މަހުގެ 14 އިން 16 އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ރާއްޖޭގެ ނައިބް ރައީސް ފައިސަލް ނަސީމްގެ އިތުރުން މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ގިނަ އަދަދެއްގެ މެމްބަރުންނާއި، ރސަރުކާރުގެ މިނިސްޓަރުންނާއި، އެމްޑީޕީ ގައުމީ މަޖިލިސް މެމްބަރުން ވަނީ ސްރީލަންކާއަށް ޒިޔާރަތް ކުރައްވާފައެވެ. މި ޒިޔާރަތަކީ ސްރީލަންކާ އާއި އެކުގައި ދިވެހިން ތިބިކަމާއި، އަދި ލަންކާއަކީ އަމާންތަނެއްކަން މުޅި ދުނިޔެއަށް ހާމަކޮށްދިނުމެވެ.

ރާއްޖޭގެ ވަފްދުގެ މި މަސައްކަތް ސްރީލަންކާ ސަރުކާރުން ވަނީ ޝުކުރުވެރިކަމާއެކު ބަލައިގެންފައެވެ. ސްރީލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވީ، އެ ގައުމަކީ ރައްކާތެރި އަމާން ގައުމެއްކަން ދުނިޔެއަށް ހާމަކޮށްދިނުމުގެ ގޮތުން، އެ ގައުމަށް ވަޑައިގެންނެވި ކަމަށްޓަކައި ރާއްޖޭގެ ވަފުދަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. ބޮޑު ވަޒީރު ވިދާޅުވީ ގައުމެއްގެ އިއްޒަތްތެރިން އެކުލެވޭ ބޮޑު ވަފްދެއް އެކުގައި ވަޑައިގެންނެވުމަކީ، އެ ގައުމަކީ ރައްކާތެރި ގައުމެއްކަން ދުނިޔެއަށް ހާމަކޮށް ދިނުމަށް ދެވުނު ވަރަށް ރަނގަޅު މެސެޖެއް ކަމަށެވެ.

ބޮޑު ވަޒީރު މި މޭރުން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ބަހުރުވައިން ވިދާޅުވެފައެވެ. ލަންކާގައި ހުންނަވާ މީޑިޔާތަކާއި ބައްދަލުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ލަންކާ އަކީ ރައްކާތެރި ގައުމެއް ކަމަށާއި، އެ ގައުމަށް ޒިޔާރަތް ކުރުމަށް ދުނިޔޭގެ ހުރިހާ ގައުމެއްގެ ރައްޔިތުންނަށް ގޮވާލައްވާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ ދާޚިލީ ހަނގުރާމަ އޮތް ދުވަސްވަރު ލަންކާ އޮތް ހާލަތައް، އެ ގައުމު ނުދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

ސްރީލަންކާ ހާލުގައި ޖެހިފައި އޮތް ދަނޑިވަޅު ރާއްޖެއިން ދައްކުވައިދިން ނަމޫނާ އަށް، ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާ ވެސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. ގާނޫނު ހަދާ މަޖިލީހުގެ ރައީސް ޖަޔަސޫރިޔާގެ ރަސްމީ ގެކޮޅުގައި ރާއްޖެއިން ލަންކާއަށް ވަޑައިގެންނެވި ވަފްދާ ބައްދަލުކުރައްވާ ވިދާޅުވީ، ސްރީލަންކާގެ އެންމެ ގާތް، އަދި އެންމެ އެކުވެރި އަވައްޓެރިޔާ އަކީ ދިވެހިރާއްޖެ ކަމަށެވެ. ސްރީލަންކާ އަކީ ރާއްޖެ އާއި ވަކިން އޮތް ގައުމެއް ކަމުގައި ވީ ނަމަވެސް، ޖެއޮގްރަފީ ގޮތުންނާއި، ތާރީޚީ ގޮތުން ދެ ގައުމުގެ ދެ މެދުގައި އެއް ގޮތް ގިނަ ކަންތައްތައް ހިމެނޭ ކަމަށް ގާނޫނު ހަދާ މަޖިލީހުގެ ރައީސް ޖަޔަސޫރިޔާ ވަނީ ވިދާޅުވެފައެވެ. އެގޮތުން ހެދުން އެޅުމާއި، ކެއުން ބުއިމާއި، ވާހަކަދެއްކުން ފަދަ ކަންތަކުގައި ގިނަ އެއް ގޮތް ކަންތައްތަކެއް ހިމެނޭކަން ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަރޫ ޖަޔާސޫރިޔާ ވަނީ ފާހަގަކުރައްވާފައެވެ.

ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާ އާއި އެކުގައި ބޭއްވި ބައްދަލުވުމުގައި،ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ، ސްރީލަންކާއަށް ދިމާވެފައިވާ އިގްތިސާދީ އަނދަވަޅުން އަރައިގަތުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ފަތުރުވެރިން ސްރީލަންކާއަށް ޒިޔާރަތްކުރުން އިތުރުކުރުމަށް، އިނގިރޭސި ސަރުކާރާއި އެކުގައި މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އީސްޓާ އެޓޭކަށް ފަހު ސްރީލަންކާގެ ޓޫރިޒަމްގެ 80 ޕަސެންޓް ވަނީ ދަށްވެފައެވެ. ސަރުކާރުން ދަނީ ޓޫރިޒަމް އަލުން ނަގައި ކޮޅަށް ޖެހުމަށްޓަކައި އެކި ކަހަލަ ކެމްޕޭނުތައް ކުރަމުންނެވެ.

ރާއްޖޭގެ ވަފްދުގެ މަސައްކަތް މުޅި ދުނިޔެވެސް، މި ވަނީ ބަލައިގެންފައެވެ. އަދި މުޅި ދުނިޔޭގެ މީޑިޔާތަކުން މި ދަތުރުފުޅު ކަވަރކޮށް ޚަބަރުތައް ގެނެސް ދިނުމުގެ ސަބަބުން، ރާއްޖޭގެ ވަފްދުގެ މެސެޖް މި އޮތީ މުޅި ދުނޔެއަށްވެސް ދެވިފައެވެ. އަދި ދުނިޔޭގެ މީޑިޔާތަކުން މި ޚަބަރުތައް ގެނެސްދިނުމުގެ ސަބަބުން، މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް، މި ގައުމަކީ ރައްކާތެރި ގައުމެއްކަން މި ވަނީ ހާމަ ވެގެންގޮސްފައެވެ.

ސްރީލަންކާ ހާލުގައި ޖެހުނުދުވަހު އެ ގައުމަށް އެހީތެރިވުމުގައި މިހާތަނަށް އެންމެ ބޮޑު މަސައްކަތް ކުރި، ގައުމެއްގެ ގޮތުގައި ފާހަގަވެގެން މި ދިޔައީ މި ކުޑަ ކުޑަ ދިވެހިރާއްޖެއެވެ. އަވައްޓެރިންނަށް އެހީވުމުގައި ލާމަސީލް ނަމޫނާއެއް ރާއްޖެ މި ވަނީ ދައްކާފައެވެ.

އެހީތެރިކަން ފޯރުކޮށްދިނުމުގައި ކުޑަ ބޮޑު މިން ނޯންނާނެ ކަމަށާއި، އެންމެ ކުޑަ ގައުމަށްވެސް ކިތަންމެ ބޮޑު ގައުމެއް ހާލުގައި ޖެހުނަސް އެހީތެރިކަމެއްގެ އަތެއް ފޯރުކޮށްދެވޭނެކަން ރާއްޖެއިން މި ވަނީ ދައްކުވައިދީފައެވެ. ދިވެހިންނާއި އެތަކެއް ގޮތުން ގުޅިފައިވާ ލަންކާ އަށް ސުލްހަމަސަލަސް ކަން އޮތުމަކީ ދިވެހިންގެވެސް ވަރަށް ބޮޑު އެދުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް