ކ. މާލެ
|
16 ޖޫން 2019 | އާދީއްތަ 19:24
ރާއްޖޭގައި ތަރައްގީ ކޮށްފައިވާ ރިސޯޓެއް: ޖީޑީޕީގެ ބޮޑު ހިއްސާއެއް ބަރޯސާވަނީ ފަތުރުވެރިކަމަށް
ރާއްޖޭގައި ތަރައްގީ ކޮށްފައިވާ ރިސޯޓެއް: ޖީޑީޕީގެ ބޮޑު ހިއްސާއެއް ބަރޯސާވަނީ ފަތުރުވެރިކަމަށް
ބުކިންގ.ކޮމް
މަގޭ ރިޕޯޓް
ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުމަށް ހައްލެއް ނެތީބާ!؟
 
ދަނޑުވެރިކަމަކީ ރާއްޖޭގައި ކުރިއެރުވިދާނެ ސިނާއަތެއް
 
އިގްތިސޯދު ޑައިވާސިފައި ކުރުމަށް އީޖާދީ ހައްލެއް ބޭނުންވޭ
 
އިގްތިސާދު މުޅިން ހެން ބަރޯސާވެފައި އޮތީ ފަތުރުވެރިކަމުގެ ސިނާއަތަށް

ދިވެހިރާއްޖެއަކީ މުޅި ދުނިޔޭގައި ވެސް ފަތުރުވެރިންގެ ތެރޭގައި އެންމެ މަގުބޫލު އެއް މަންޒިލެވެ. މި ފަސްގަނޑުގައި ދުވަސްކޮޅެއް ހޭދަކޮށްލަން ރެއަކަށް އެތައް ހާސް ރުފިޔާއެއް ހަރަދުކުރަން ތައްޔާރުވެގެން މިތަނަށް އަންނަނީކީ ވެސް ސަބަބުތަކެއް ނެތިއެއް ނޫނެވެ. ހުދިވެލީގެ ގޮނޑުދޮށްތަކާ، އެކަހެރި ރަށްތަކުން އެ ލިބޭ ހަމަހިމޭން މާހައުލު ތަޖުރިބާކުރަން އަންނަން މީހުން ތިބެނީ ކެތް މަދުވެފައެވެ. އެހާވެސް މި ރާއްޖޭގެ ގުދުރަތީ ރީތިކަން ފުރިހަމަވެފައި ޗާލެވެ.

ފަތުރުވެރިކަން 1970ގެ އަހަރުތަކުގައި ރާއްޖެއަށް ތައާރަފްވެގެން އައި އިރު، އެއީ މިހާ ކާމިޔާބު ކަމާއި އެކީ ކުރެވިދާނެ ކަމަކާ މެދު ސުވާލު އުފެއްދި މީހުން ގިނައެވެ. ސަބަބުތަކާ ނުލައެއް ވެސް ނޫނެވެ. އޭރު ރާއްޖޭގައި ހުރި ވަސީލަތްތަކަށް ބަލާއިރު، ހުރިހާ ކަމެއް ވެސް ހުރީ ޒަމާނާ ނުބައްދަލު މާ އިހުގެ ގޮތްތަކަކަށެވެ. ކޮންމެއަކަސް ވަރަށް އާދައިގެ ގޮތަކަށް ފެށި ސިނާއަތަށް ރަން ޔޫބިލް ފުރުން ފާހަގަކުރަން ދެ އަހަރަށް ވެފައިވާ އިރު، މިއަދު ރާއްޖެ ވަނީ، އެންމެ އާދައިގެ ބަޖެޓު ޓޫރިޒަމުން ފެށިގެން ގޮސް "ސުޕަރ ލަގްޒަރީ" ޓޫރިޒަމްގައި ދުނިޔޭގެ ބާޒާރުގައި ފައިހަމަކޮށްފައެވެ.

އޭރު ނެތް ވަސީލަތްތައް ކުރިއަރައިގެން ގޮސް މިއަދު ރާއްޖެ މި ދެކޭ ހުރިހާ ތަރައްގީއެއްގެ މޭސްތިރިއަކީ ފަތުރުވެރިކަމުގެ ސިނާއަތެވެ. އެ ސިނާއަތުން ހޯދި ކުރިއެރުންތަކާއި އެއް ވަރަށް ރާއްޖޭގެ ވަސީލަތްތައް ވެސް ތަރައްގީ ވެގެން ދިޔައެވެ. ކުރިން ނުލިބޭ އެތައް ހިދުމަތެއް ލިބިގެން ދިޔައެވެ. ގައުމަށް ލިބުނު ހުރިހާ ތަރައްގީއެއްގެ ފަހަތުގައި ފަތުރުވެރިކަމުން ލިބުނު ފައިސާއެވެ. އެންމެ 22 ފަތުރުވެރިންނާ އެކު ދިވެހިން ފެށި ސިނާއަތަށް ލިބުނި ކުރިއެރުމާ އެކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިވަނީ އަހަރަކަށް މިލިއަނަކަށް ވުރެ ގިނަވެފައެވެ. ގައުމީ އުފެއްދުންތެރިކަމުގެ ބޮޑު ހިއްސާއެއް ވަންނަނީ ފަތުރުވެރިކަމުންނެވެ.

ކޮންމެއަކަސް މިއަދު ރާއްޖެއަށް އެންމެ ގިނަ ފައިސާ ވަންނަނީ ފަތުރުވެރިކަމުންނާއި ފަތުރުވެރިކަމާއި ގުޅުން ހުރި ސިނާއަތްތަކުންނެވެ. އެ ހަގީގަތް ކޮންމެ ސަރުކާރެއް އަޔަސް ހަމަ އެފަދައެވެ. އަދި މި ފަހުން ވެރިކަމަށް އައި ކޮންމެ ސަރުކާރެއްގެ ވެސް އެންމެ ބޮޑު އަމާޒަކަށް ވެފައިވަނީ ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށެވެ. ސުވާލަކީ، އިގްތިސާދު ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުމަށް ބަދަލެއް ގެނެވޭނެބާއެވެ؟

ތެދެކެވެ. ރާއްޖެއަކީ ބިމުގެ ދަތިކަން އިންތިހާއަށް އޮތް ގައުމެކެވެ. ނަމަވެސް މިއަދުގެ ތަހުޒީބީ އަދި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ދުނިޔޭގައި، ސިނާއަތެއް ކުރިއަރުވަން ބޮޑު މާސިންގާ ބިމެއް ބޭނުމެއް ނުވެއެވެ. ނޫނީ ޖައްވަށް ކަޅު ދުން އަރުވާ ކާރުހާނާތަކެއް ވެސް ބޭނުމެއް ނުވެއެވެ. ރަނގަޅު ރޭވުންތެރިކަމެއްގެ ދަށުން ކުރާ ކަންކަމުގައި މާ ގިނަ ފައިސާތަކެއް ވެސް ބޭނުމެއް ނުވެއެވެ. ބޭނުންވަނީ ޒަމާނާ އެއްގޮތަށް ތަރައްގީ ގެންނަން އަތުކުރި އޮޅާލާނެ ސަރުކާރެކެވެ.

ކުޑަ މިސާލެކެވެ. ހުޅަނގުގެ ގައުމުތަކުގެ ތެރެއިން، އެންމެ ކުޑަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ނެދަލޭންޑްސްއަކީ ނިސްބަތުން ކުޑަ، ބިމުގެ ދަތިކަން އޮންނަ ގައުމެކެވެ. ރާއްޖެ ފަދައިން ތިރި ގައުމަކަށް ވުމުން ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ ވެސް އޮތް ގައުމެކެވެ. ނަމަވެސް އެނގޭހެއްޔެވެ؟ އެ ގައުމަކީ މިހާރު ދުނިޔޭގެ ދަނޑުވެރިކަމުގެ ބާވަތްތައް އުފެއްދުމުގައި އެންމެ ކުރީގައި އުޅޭ އެންމެ ކާމިޔާބު އެއް ގައުމެވެ. ބިމުގެ ދަތިކަމަށް އީޖާދީ ހައްލެއް ގެނެސްގެން ވާޓިކަލް ފާމިން ތައާރަފްކޮށް، ނެދަލޭންޑްސް އުޅެނީ ރަޝިޔާ އަދި އެމެރިކާ ފަދަ ޖާގައިގެ ގޮތުން ތަނަވަސް ގައުމުތަކަށް ވުރެ ދަނޑުވެރިކަމުގައި މާ ކުރީގައެވެ. ބޯދާ ވިސްނުން ދޫކޮށް ޒަމާނީ ހައްލަކަށް އިންވެސްޓް ކުރުމުން އޭގެ ފޮނި މީރުކަން މިއަދު އެ ގައުމުގެ ރައްޔިތުންނަށް އިހުސާސް ކުރެވެއެވެ.

ރާއްޖެ ވެސް މިސްރާބު ޖަހަންވީ މިގޮތަށް ކަންކުރުމަށެވެ. ވިސްނަންވީ ފަތުރުވެރިކަމަށް އޮތް ބަރޯސާ ކުޑަކޮށް އެހެން ސިނާއަތްތައް ކުރިއަރުވަންށެވެ. ދެމެހެއްޓެނިވި ތަރައްގީއަކީ ވެސް އެއީއެވެ. ދިވެހިން ބޭނުންވާ ހަގީގީ ތަރައްގީއާ ހަމައަށް ވާސިލްވެވޭނީ ވެސް އޭރުންނެވެ. ފަތުރުވެރިކަމަށް ރަށްތައް ދޫކުރާ އުސޫލުން އެހެން ސިނާއަތްތަކަށް ވެސް ރަށްތައް ދޫކޮށް ކުރިއެރުމުގެ ފުރުސަތު ދޭންވީއެވެ. ގަނޑެއްގައި ވާޓިކަލް ފާމިން ލިޔުމުގެ ބަދަލުގައި އެކަމަށް ވެސް އިންވެސްޓަރުން ހޯދަންވީއެވެ. ރަށްތައް އައިޓީ ކުންފުނިތަކަށް ދޫކޮށް، އައިޓީއާ ސޮފްޓްވެއަރ އިންޖިނިއަރިންގެ ދާއިރާ ކުރިއަރުވަންވީއެވެ. މި ދާއިރާތަކަށް މީހުން ބިނާކޮށް، އެ ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދޭންވީއެވެ. ފަހަރުގައި ފަތުރުވެރިކަމުން ލިބޭ ވަރުގެ އެކުއިޒިޝަން ކޯސްޓެއް ނުލިބިދާނެއެވެ. އަދި އެހާ އަވަހަށް ފައިދާއެއް ވެސް ނުވެދާނެއެވެ. ނަމަވެސް މުސްތަގުބަލަށް ވިސްނައިފިކަމުގައި ވަނީ ނަމަ މިކަމުން ވާނީ ހުސް ފައިދާއެވެ.

ފަތުރުވެރިކަމުގެ ސިނާއަތް ފަށައިގަތް އިރު އެކަން ނުކުރެވޭނޭ ބަޔަކު ބުނި ބީދައިން، މިކަން ވެސް ނުވާނެޔޭ ބުނާނެ މީހުން މަދެއް ނުވާނެއެވެ. ނަމަވެސް، މިއަދު އެ ވާހަކަތަކުގައި ބުރަދަނެއް ނެތް ކަން ޔަގީން ނޫންތޯއެވެ. ހަމަ އެގޮތަށް އާ ސިނާއަތެއް ވެސް ފަށައިގަންނަ އިރު އެހެން ދިމާވެދާނެއެވެ. އެކަމަކު އަމާޒެއް ކަނޑައަޅައިގެން މަސައްކަތް ކޮށްފިއްޔާމުން ކާމިޔާބު ވާނެ ކަން ދިވެހިންނަށް ވުރެ ވަކި މޮޅަށް ދަންނާނު ބަޔަކު ނޫޅޭނެއެވެ. ރާއްޖެ ދެކެން ބޭނުންވާ ދެމެހެއްޓެނިވި ތަރައްގީއަށް ވާސިލްވެވޭނެ އިތުރު ވަކި މޮޅި ގޮތެއް ނެތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް