ކ. މާލެ
|
7 ޖޫން 2019 | ހުކުރު 23:29
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
ރޮއިޓަރސް
ނަރެންދުރަ މޯދީ
ނަރެންދުރަ މޯދީ: ސައި ވިއްކާ މީހެއް، ބޮޑުވަޒީރު ކަމަށް
 
މޯދީ ފާހަގަކުރެއްވެނީ ބަސްމޮށުންތެރި މޮޅު ވާހަކަ ދެއްކުންތެރިއެއްގެ ގޮތުގައި
 
ވަރަށް ކުޑައިރު ސިޔާސީ ކަންކަމުގައި އުޅުއްވަން ފެއްޓެވި
 
މޯދީ ނިސްބަތްވެވަޑައިގަންނަވަނީ އާދައިގެ އާއިލާއަކަށް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ ދަމޯދަރުދާސް މޯދީ އުފެންވެވަޑައިގަތީ ގުޖުރާތުގައި 17 ސެޕްޓެމްބަރު 1950 ގައެވެ. މޯދީއަކީ ދަމޯދަރު މުލްޗަންދު މޯދީ އާއި ހީރާބެން މޯދީގެ ހަ ދަރިންގެ ތެރެއިން ތިން ވަނަ ދަރިފުޅެވެ. މޯދީގެ އާއިލާއަކީ ތަރުކާރީ ވިއްކައިގެން އާމްދަނީ ހޯދަމުން ދިޔަ ފަގީރު އާއިލާއެކެވެ. ޅައުމުރުގައި ބައްޕާފުޅަށް އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ގޮތުން ވަދުނާގަރު ރެއިލްވޭ ސްޓޭޝަންގައި ސައި ވިއްކުމުގައި އުޅުއްވިއެވެ. ބުނެވޭ ގޮތުގައި ފަހުން އަމިއްލަ ސައި ވިއްކާ ސްޓޯލެއް ހިންގެވިއެވެ.

މޯދީ މަތީ ތައުލީމް ފުރިހަމަކުރެއްވީ ވަދުނާގަރުގައި 1967 ވަނަ އަހަރުއެވެ. މުދައްރިސުންގެ ބަހުން ނަމަ މޯދީ ހިމެނިވަޑައިގަތީ އެވްރެޖް ދަރިވަރުންގެ ތެރޭގައެވެ. ނަމަވެސް ބަހުސްކުރުމާއި ވާހަކަ ދެއްކެވުމުގައި ފެށުނީއްސުރެއް ކުޅަދާނަ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވިފައި ވެއެވެ. ނަތީޖާއަކަށްވީ ވަރަށް ޅައިރު ސިޔާސީ ކަންކަމުގެ ތެރޭގައި އުޅުއްވުމެވެ. އެގޮތުން އުމުރުން އެންމެ އަށް އަހަރުފުޅުގައި ރާޝްތުރިޔާ ސްވަޔަމްސޭވަކް ސަންގް (އާރުއެސްއެސް)ގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަން ފެއްޓެވިއެވެ. އާރުއެސްއެސްގެ ތެރެއިން ތަމްރީންވަމުން ދިޔައިރު 1980ގައި ބާރަތިޔަ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ ގުޖުރާތު ގޮފި އުފެއްދެވުމުގައި އިސްކޮށް އުޅުއްވި ފަރާތްތަކާއި މޯދީ ބައްދަލުވިއެވެ. އެ ބޭފުޅުންގެ ހިޔަލުގެ ދަށުގައި މޯދީ ސިޔާސީ ދާއިރާ އަށް ނުކުންނެވިއެވެ.

2014 ވަނަ އަހަރުގެ އިންތިހާބުގެ ކާމިޔާބީ އަށް ފަހު މޯދީ އޭނާގެ މަންމާފުޅާ ބައްދަލުކުރައްވަނީ

ވަރަށް ޅައުމުގައި މޯދީގެ އާއިލާ އިން ވަނީ ޔަޝޯދާބޭން ޗިމަންލާލްއާ ކައިވެނިކުރުވާފައެވެ. ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ މޯދީ ވަނީ ކައިވެނީގެ ޒިންމާތަކުން ރެކިވަޑައިގެން ވަކިން ދިރިއުޅުއްވަން ފައްޓަވާފައެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް "އަނބިކަނބަލުންނާ" އެއްވެސް ގުޅުމެއް ބާއްވަވާފައެއް ނުވެއެވެ. ވަރަށް ފަހަކާ ޖެހެންދެން އެ ކައިވެނީގެ ވާހަކަތައް ވެސް އޮތީ ސިއްރެއްގެ ގޮތުގައެވެ. އެކަން އާންމުނަށް ތިލަވީ ވެސް 2014 ވަނަ އަހަރު އިންތިހާބުގެ ކާމިޔާބީއާ ގުޅިގެން އެކަން އަމިއްލަފުޅަށް ވިދާޅުވުމުންނެވެ.

ހަޔާތްޕުޅުގެ ކުރީކޮޅުން ފެށިގެން މޯދީ ފާހަގަކުރެވިފައި ވަނީ ހިންދީ ދީނުގެ އަސާސްތައް ދިރުވުމަށް މަސައްކަތްކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި ގިނަ އަހަރުތަކެއް ވަންދެން އާޝްރަމްތަކުގައި އުޅުއްވިއެވެ. އެ ގޮތުން އެތައް ސަހަރަކަށް ދަތުރުކުރެއްވިއެވެ.

މޯދީގެ އަނބިކަނބަލުން ޔަޝޯދާބޭން ޗިމަންލާލް

ދެ އަހަރެއްހާ ދުވަސް ވަންދެން އެކި ސަހަރުތަކުގައި އުޅުއްވުމަށް ފަހު މޯދީ އެނބުރި ވަދުނާނަގަރަށް ވަޑައިގެންނެވީ 1970 ގައެވެ. އަދި މާ ގިނަ ދުވަހެއް ނުވެ އާއިލާ ބޭފުޅެއްގެ ގާތަށް އަހްމަދުއާބާދަށް ވަޑައިގެންނެވިއެވެ. އަދި ފަހުން ގުޖުރާތު ސްޓޭޓް ރޯޑް ޓްރާންސްޕޯޓް ކޯޕަރޭޝަންގެ ކެންޓީންގައި މަސައްކަތްކުރެއްވިއެވެ. ނަމަވެސް 1971 ވަނަ އަހަރު ޕާކިސްތާނުގެ ހަނގުރާމައަށް ފަހު އާރުއެސްއެސްގެ މަސައްކަތްތަކަށް ހުސްވެވަޑައިގެން ކެމްޕެއިންގައި އުޅުއްވިއެވެ. އެ ހަރަކާތަށް ހުސްވެވަޑައިގެންނެވީ ހަނގުރާމައިގެ ކުރިން ނިއު ދިއްލީގައި އޮތް ސުލްހަވެރި މުޒާހަރާއެއްގެ ތެރެއިން ފުލުހުންގެ ބަންދަށް ގެންދެވުނު ހިސާބުންނެވެ.

ތައުލީމީ ހަޔާތް އިތުރަށް ފުރިހަމަ ކުރެއްވީ 1978 ވަނަ އަހަރު ޔުނިވަރސިޓީ އޮފް ދިއްލީގެ ސްކޫލް އޮފް އޯޕަން ލަރނިންގ އިން ޕޮލިޓިކަލް ސައިންސް އިން ބެޗްލަރ އޮފް އާޓްސް ހާސިލްކުރައްވައިގެންނެވެ. އަދި އޭގެ ފަސް އަހަރު ފަހުން 1983 ގައި ގުޖުރާތު ޔުނިވަރސިޓީން މާސްޓަސް ފުރިހަމަކުރެއްވިއެވެ.

ބޮޑުވަޒީރު އިންދިރާ ގާންދީގެ ވެރިކަމުގައި 1975 ވަނަ އަހަރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވައި އެތައް ސިޔާސީ ލީޑަރުންތަކެއް ހައްޔަރުކުރުމާ އެކު އާރުއެސްއެސްގެ "ގުޖުރާތު ލޮކް ސަންގަރްޝް ސަމިތީ"ގެ ޖެނެރަލް ސެކްރެޓަރީއަކަށް މޯދީ އައްޔަންކުރެވުނެވެ. އޭގެ މާ ގިނަ ދުވަހެއް ނުވަ އާރުއެސްއެސް މަނާކުރުމާ އެކު ހައްޔަރުކުރުމުގެ ބިރަށް ދުވަސްތަކެއް ވަންދެން މޯދީ ދަތުރުކުރެއްވީ ފިއްލަވައިގެންނެވެ. އަދި ދިއްލީގައި ބޭއްވި ތަފާތު މުޒާހަރާތަކުގެ އަޑީގައި މޯދީ ހުންނެވިއެވެ. އަދި އެ ދުވަސްވަރު ހިނގައިދިޔަ ކަންތައްތަކާ ގުޅޭ ގޮތުން "ސަންގަރްޝް މާ ގުޖުރާތީ" ގެ ނަމުގައި ފޮތެއް ވެސް ލިޔުއްވިއެވެ. އޭގެ ފަހުން އާރުއެސްއެސްގެ ކެމްޕެއިންގައި ވަރަށް ވަރުގަދަ އަށް މަސައްކަތްކުރެއްވުމުގެ ނަތީޖާއަކަށްވީ 1987 ވަނަ އަހަރު ބީޖޭޕީގެ ގުޖުރާތު ޔުނިޓްގެ އޯގަނައިޒިން ސެކްރެޓަރީއަކަށް އިންތިހާބުވެ ވަޑައިގަތުމެވެ.

އާރުއެސްއެސްގެ ހަރަކާތެއްގައި މޯދީ ވާހަކަ ދައްކަވަނީ

އޭގެ ފަހުން ފަހަރަކު ހަރުފަތެއް ގިރާކުރައްވަމުން ގޮސް 1992 ވަނަ އަހަރު ސިޔާސީ ކަންކަމުން ކުޑަ ބްރޭކެއް ނެންގެވިއެވެ. އަދި އަހްމަދުއާބާދުގައި ސްކޫލެއް ހިންގެވުމުގައި މަސްއޫލުވެވަޑައިގެންނެވިއެވެ. އަލުން އެނބުރި ސިޔާސީ ދާއިރާ އަށް މޯދީ ވަޑައިގެންނެވީ 1994 ވަނަ އަހަރުގެ އިންތިހާބުގައެވެ. އޭގެ ފަހުން ޕާޓީގެ ތަފާތު މަގާމުތައް ފުރުއްވިއެވެ. އަދި 1995 ގެ އާންމު އިންތިހާބުގެ ކާމިޔާބީ އަށް ފަހު ބީޖޭޕީގެ ނޭޝަނަލް ސެކްރެޓަރީގެ ގޮތުގައި ދިއްލީގައި މަސައްކަތްކުރައްވަން ފެއްޓެވިއެވެ. އަދި 1998 ވަނަ އަހަރު ބީޖޭޕީ އަށް ލިބުނު ކާމިޔާބީގެ ފަހަތުގައި މޯދީގެ ހިއްސާ ބޮޑުކަން ފާހަގަކުރައްވައި އެ އަހަރުގެ މޭ މަހު ޖެނެރަލް ސެކްރެޓަރީގެ މަގާމަށް މޯދީ އައްޔަންކުރެވުނެވެ.

ނަރެންދުރަ މޯދީ އާއި ގުޖުރާތުގެ ކުރީގެ ޗީފް މިނިސްޓަރު ކެޝޫބާއި ޕަޓޭލް

ގުޖުރާތުގެ ޗީފް މިނިސްޓަރުކަމުގެ ދަތުރު މޯދީ ފެއްޓެވީ 2001 ވަނަ އަހަރު އޭރުގެ ޗީފް މިނިސްޓަރަކަށް ހުންނެވި ކެޝޫބާއި ޕަޓޭލްގެ ސިއްހީ ހާލުކޮޅު ދަށްވެ ސްޓޭޓް އެސެމްބްލީގެ ބައި އިލެކްޝަންގައި ބީޖޭޕީ އަށް ބައެއް ގޮންޑިތައް ގެއްލުމާ ހިސާބުންނެވެ. ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރުމާއި ކޮރަޕްޝަނާއި އެ ނޫން ވެސް އެތައް ތުހުމަތުތަކަކާ އެކު ބީޖޭޕީގެ ގުޖުރާތުގެ ލީޑާޝިޕަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ އާ ލީޑާޝިޕަކަށް ގޮވަމުންދިޔަ އަޑުތައް ގަދަވިއެވެ. ހާއްސަކޮށް 2001 ވަނަ އަހަރު ގުޖުރާތުގެ ބޫޖް އަށް އައި ބާރުގަދަ ބިންހެލުމުގައި ކަންކަން ހައްލުކުރުމަށް ޕާޓޭލްގެ ސަރުކާރު ވަރަށް ބޮޑަށް ފެއިލްވެއްޖެ ކަމަށް ޕާޓީގެ އިސް ފަރާތްތަކަށް ފެނުމާ ގުޅިގެން މޯދީ އެ މަގާމަށް ގެނައުމަށް މަސައްކަތް ފެށުނެވެ. ނަމަވެސް ސިޔާސީ ދާއިރާގައި ތަޖުރިބާ މަދުކަމަށް ފެނިވަޑައިގެން އޭރު ޕާޓީގެ ލީޑަރު އެލް ކޭ އަދުވާނީ މޯދީ އަށް ހުށަހެޅުއްވީ ޕަޓޭލްގެ ޑެޕިއުޓީ ކަމެވެ. ނަމަވެސް މޯދީ ވަނީ އެކަމަށް ދެކޮޅު ހައްދަވާފައެވެ. އެ އަހަރުގެ އޮކްޓޫބަރު 3 ވަނަ ދުވަހު ޕާޓޭލް މަގާމު ދުރުކުރައްވައި 7 ވަނަ ދުވަހު ޗީފް މިނިސްޓަރު ކަމަށް މޯދީ އައްޔަންކުރެވުނެވެ. އަދި 2002 ވަނަ އަހަރު ބައި އިލެކްޝަން ކާމިޔާބުކުރައްވައި މަގާމު ދިފާއުކުރެއްވިއެވެ.

2012 އަހަރުގެ އޮކްޓޫބަރު 27 ވަނަ ދުވަހު އަޔޯދިޔާގެ އަޅުކަމަށް ފަހު ގިނަ އަދަދެއްގެ ހިންދޫން ދަތުކުރި ރޭލެއްގައި ރޯކޮށްލި ހާދިސާ

މޯދީގެ ހަޔާތްޕުޅުގައި އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވެވަޑައިގެންނެވީ 2002 ވަނަ އަހަރު ގުޖުރާތުގެ ހަމަނުޖެހުމާ ގުޅިގެންނެވެ. އެ އަހަރުގެ އޮކްޓޫބަރު 27 ވަނަ ދުވަހު އަޔޯދިޔާގެ އަޅުކަމަށް ފަހު ގިނަ އަދަދެއްގެ ހިންދޫން ދަތުކުރި ރޭލެއްގައި ރޯކޮށްލުމާ އެކު އުފެދުނު ހަމަނުޖެހުންތަކުގައި މޯދީ އަށް ގިނަ ތުހުމަތުތަކެއް ކުރެވުނެވެ. އެއީ މުސްލިމުންގެ ރޭވުމެއް ކަމަށް ވިދާޅުވެ ޖެހިގެން އައި ދުވަހު މޯދީ ދެއްވި ތަގުރީރު ވެގެންދިޔައީ އެ ހަމަނުޖެހުމުގެ ހުޅު ފަޅައިގެން ދިޔަ މައިގަނޑު ސަބަބަށެވެ. ރަސްމީ ހިސާބުތަކުން ދައްކާ ގޮތުން އެ ހަމަނުޖެހުންތަކުގައި 790 މުސްލިމުން މަރުވި އިރު 254 ހިންދޫން މަރުވެފައި ވެއެވެ. ނަމަވެސް އެ ހަމަނުޖެހުމުގައި 2000 އަށް ވުރެ ގިނަ މީހުން މަރުވި ކަމަށް ބައެއް މީޑިއާތަކުން ބުނެފައި ވެއެވެ. އަދި 150،000 (އެއްލައްކަ ފަންސާސް ހާސް) އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލުނެވެ. އެތައް ކުޑަކުދިންނާއި އެތައް އަންހެނުނެއް އެ ހަމަލާތަކުގެ ޝިކާރައަކަށް ވިއެވެ. އެ ހަމަނުޖެހުންތަކުގައި ސަރުކާރުގެ އަތެއް ވާކަމަށާއި އަދި ހިންދޫންނަށް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށް ގިނަ ބަޔަކު ތުހުމަތުކޮށްފައި ވެއެވެ. އަދި އޭގެ ފަހުން ވެސް މޯދީ އާއި މުސްލިމުންނާ ދެމެދު އޮތް ހިލާފުތައް އެކި ދުވަސްވަރު ފެންމަތިވެފައި ވެއެވެ.

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތު

ބީޖޭޕީން 2013 ވަނަ އަހަރު ބޮޑުވަޒީރުކަމުގެ ކެންޑިޑޭޓެއްގެ ގޮތުގައި މޯދީ އިއުލާންކުރުމާ އެކު ޕާޓީ ތެރެއިން ވެސް ހިތަހްމަނުޖެހުންތައް ފެންމަތިވިއެވެ. ނަމަވެސް ވަރުނާސީ އާއި ވަދޯދަރާގެ ގޮނޑި ކާމިޔާބުކުރައްވައި ލޮކް ސަބާ އަށް މޯދީ ވަޑައިގެންނެވި އިރު 2014 ވަނަ އަހަރުގެ އިންތިހާބުގައި ބީޖޭޕީއިން ވަނީ ބޮޑުކާމިޔާބީއެއް ހޯދާފައެވެ. މޯދީ ބޮޑުވަޒީރުކަމުގެ ހުވާކުރެއްވީ 26 މެއި 2014 ގައެވެ.

ބޮޑުވަޒީރުގެ ފުރަތަމަ ދައުރުގައި ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވިއެވެ. ހާއްސަކޮށް ވައުދުތައް ނުފުއްދި ދިގުލައިގެން ދިއުމާއި އެ ނޫން ވެސް އެތައް ކަމަކާ ގުޅިގެން 2019 ވަނަ އަހަރުގެ އިންތިހާބުގައި ބީޖޭޕީ އަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހެނޭ ކަމަށް ބެލެވުނެވެ. ނަމަވެސް އެހެން ޕާޓީތަކާ ކޯލިޝަން ހެދުމުގައި ކޮންގްރެސް އަށް ކުރިމަތިވި ނާކާމިޔާބީ އާއި މޯދީގެ ކެމްޕެއިންގެ ވަރުގަދަކަމުގެ ނަތީޖާއަކަށްވީ ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތުމެވެ. ދެ ވަނަ ދައުރަކަށް މޯދީ ހުވާކުރެއްވީ ނިމިދިޔަ މެއި މަހުގެ 30 ވަނަ ދުވަހުއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
13%
19%
0%
63%
0%
6%
ކޮމެންޓް