ކ. މާލެ
|
23 ޖޫން 2024 | އާދީއްތަ 11:59
ޑރ ބަލްސެވިޗް ވަނީ ހެކީގެ ގޮތުގައި ލިބޭ ރަސީދު ފަދަ ތަކެތީގައި އަތްލައި ހެދުމާ ދެކޮޅަށް ވަރުގަދަ އިންޒާރެއް ދީފަ
ޑރ ބަލްސެވިޗް ވަނީ ހެކީގެ ގޮތުގައި ލިބޭ ރަސީދު ފަދަ ތަކެތީގައި އަތްލައި ހެދުމާ ދެކޮޅަށް ވަރުގަދަ އިންޒާރެއް ދީފަ
ސީ.އެން.އެން
ޞިއްޙަތަށް ގެއްލުންދޭ ތަކެތި
ހަށިގަނޑަށް ވިހަ ލެވެމުން ދަނީ ނުވެސް އެނގި ހުއްޓާއެވެ!
ގޭގައި ބޭނުން ކުރާ ޑިޓަރޖަންޓްގައި އެކުލެވޭ މާއްދާތަކާ މެދު ޝައްކު އުފެދޭނަމަ، އޯގޭނިކް ބްރޭންޑެއް ޚިޔާރު ކުރުން ބުއްދިވެރި. އަދި ހަމުގެ ބަލިތައް ހުންނަ މީހުންނާއި، ހަންގަނޑު ނާޒުކު މީހަކު ނަމަ، ނުވަތަ އެފަދަ ބަޔަކާ އެކު ދިރިއުޅޭ ކަމުގައި ވާ ނަމަވެސް، އޯގޭނިކް ޑިޓަރޖަންޓް ބްރޭންޑެއް ޚިޔާރު ކުރުން އެދެވިގެންވޭ.

ކިތަންމެ ބަލައިގެން އުޅެން ބޭނުން ވި ކަމުގައި ވީ ނަމަވެސް، އާންމު ދިރިއުޅުމުގައި ބޭނުން ކުރަން ޖެހޭ ބައެއް ތަކެއްޗަކީ އަހަރެމެންގެ ޞިއްޙަތަށް، އެ ތަކެތީގެ ސަބަބުން ގެއްލުން ދެވޭ ތަކެއްޗަށް އޮންނަނީ ވެފައެވެ. އެފަދަ ގެއްލުމެއް ލިބިދާނެއޭ ހީ ކުރެވިފައި ނެތް ކިތަންމެ އެއްޗަކުން، އަހަރެމެންގެ ހަށިގަނޑަށް އިންތިހާ ނުރައްކާ ކުރިމަތި ކުރެވެއެވެ. އެހެން ކަމުން، މި ހިއްސާކޮށްލަނީ އެފަދަ ބައެއް ތަކެތީގެ ވާހަކައެވެ.

އެންމެ ފުރަތަމަވެސް ދައްކަން އޮތީ ރިސީޓް ނުވަތަ ރަސީދުކޮޅުގެ ވާހަކައެވެ. ބައެއް މީހުން ބިލްކޮޅޭވެސް ކިޔާފާނެއެވެ. ކިތަންމެ ކުޑަ ވިޔަފާރިއެއް ކުރި ކަމުގައި ވީ ނަމަވެސް ފައިސާ ދެއްކި ކަމުގެ ރަސީދުކޮޅެއް ނުވަތަ ގަތް ތަކެތީގެ ތަފްސީލު ހިމެނޭ ބިލެއް ޕްރިންޓްކޮށްފައި ދެއެވެ. ގިނަ ފަހަރު އެ ގަނޑުކޮޅަށް ސަމާލުކަމެއްވެސް ނުދެވެއެވެ. ބޭ އިޚްތިޔާރުގައި މުށު ތެރޭގައި ބޮނޑި ކޮށްލުމަށް ފަހު އާންމު ދިރިއުޅުމައިގެން ކުރިއަށް ދެވެއެވެ. ނުވަތަ ގަތް އެއްޗެއް ބަދަލު ކުރަން ޖެހިދާނެ ކަމުގެ ބިރަށް، ފަތް ޖަހައިލުމަށްފަހު ބާޒާރު ކޮތަޅު ތެރެއަށް ނުވަތަ ދަބަހަށްވެސް އެ ރަސީދުކޮޅު ދޫކޮށްލެވެނީ މަދު ފަހަރަކު ނޫނެވެ.

ޑރ ވިލް ބަލްސެވިޗް އަކީ ތަޖުރިބާކާރު ގެސްޓްރޯއެންޓްރޮލޮޖިސްޓްއެކެވެ. ޑރ ބަލްސެވިޗް ވަނީ ހެކީގެ ގޮތުގައި ލިބޭ ރަސީދު ފަދަ ތަކެތީގައި އަތްލައި ހެދުމާ ދެކޮޅަށް ވަރުގަދަ އިންޒާރެއް ދީފައެވެ. ގިނަ ފަހަރަށް، ރަސީދުކޮޅު ޕްރިންޓް ކޮށްފައި ހުންނަނީ ތަރމަލް ޕޭޕަރއޭ ކިއާ ޒާތުގެ ކަރުދާހަކަށެވެ. އެފަދަ ކަރުދާސް އުފައްދާފައި ހުންނަނީ ކަރުދާހަށް ދެލިގަނޑު އެރުވުމަށްޓަކައި ބޭނުންވާ ޚާއްޞަ ކުނޑި ފަށަލައެއް އެކުލެވޭ ގޮތަށެވެ. އެ ކުނޑިއަކީ ބީޕީއޭ މާއްދާ އެކުލެވޭ ކުނޑިއެކެވެ. މިއީ ހޯމޯންތަކަށް ގެއްލުން ދެނިވި މާއްދާއެކެވެ. ބީޕީއޭ ކެމިކަލްއަކީ އުރަމަތީގެ ކެންސަރާއި، ހަކުރު ބަލީގެ އިތުރުން ކުޑަކުދިންގެ ހަށިގަނޑުގައިވެސް ހޯމޯން މައްސަލަ އުފައްދާ ކެމިކަލްއެކެވެ.

ޑރ ބަލްސެވިޗް ފާހަގަ ކުރި ގައިގެ ހަމުގެ ތެރެއިންވެސް ހަށިގަނޑުގެ ތެރެއަށް ބީޕީއޭ ކެމިކަލް ދަމައިގަނެއެވެ. އެހެން ކަމުން، މި ކެމިކަލްއަށް ހަށިގަނޑު ހުށަހެޅޭ މިންވަރު ވީހާވެސް މަދުކޮށް، އެކަމަށް ސަމާލުވުމުގެ މުހިންމު ކަން، ޑރ ބަލްސެވިޗްގެ ވާހަކަތަކުން އެނގެއެވެ. ކޮންމެހެން ބޭނުން ނުވާ ނަމަ، ރަސީދުކޮޅު ޕްރިންޓް ނުކުރުމަށް ކޭޝިއަރަށް ދުރާލާ އިޝާރާތެއް ކޮށްލާށެވެ. ރަސީދުކޮޅު ނަގަން ޖެހިއްޖެ ހިނދެއްގައިވެސް، ކާބޯތަކެތި އަޅާފައި ހުރި ކޮތަޅު ތެރެއަށް އެ ކަރުދާސްކޮޅު ވައްޓާނުލާށެވެ. ވަކިން ޚާއްޞަކޮށް، ކައްކާ، ނުވަތަ ހޫނު ކުރުން ފަދަ ކަމަކާ ނުލާ ބޭނުން ކުރަން ޖެހޭ ކާބޯތަކެއްޗާއި ރަސީދުކޮޅު މަސްހުނި ނުކުރާށެވެ. އެންމެ ފަހު ކަމަކަށް، ރަސީދުކޮޅުގައި އަތްލާ ކޮންމެ ފަހަރަކު، ރަނގަޅަށް އަތް ދޮވުމަށްވެސް ޑރ ބަލްސެވިޗް ވަނީ އިރުޝާދު ދީފައެވެ.

ދެން ދައްކަން އޮތީ ލޯންޑްރީ ޑިޓަރޖަންޓްގެ ވާހަކައެވެ. އާންމު ބަލިތަކާއި ބެހޭ ޑޮކްޓަރ، ޑރ މަސްކްފީކާ އެން އައްލާމް ފާހަގަ ކުރި ގޮތުގައި، ލައި އުޅޭ އަންނައުނު ދޮވެ ހެދުމަކީވެސް އެކަމުގައި ނުރައްކާ އެކުލެވޭ ކަމެކެވެ.  އެއްޗެހި ދޮންނަން ބޭނުން ކުރާ ބާވަތްތަކަކީ ވަރުގަދަ ކެމިކަލްތަކުން އުފައްދާފައިވާ އެއްޗެއް ކަމީ އަހަރެމެންނަށް އޮޅިފައި އޮންނާނެ ކަމެއް ނޫނެވެ. ގިނަ ޑިޓަރޖަންޓްތަކަކީ ފެނޯލް ނަމަކަށް ކިއާ މާޢްދާއެއް ބޭނުން ކޮށްފައި ހުންނަ ބާވަތްތަކެކެވެ. މި މާއްދާއަކީވެސް ހަމުގެ ތެރެއިން ހަށިގަނޑު ތެރެއަށް ދަމައިގަންނަ ކެމިކަލްއެއް ކަން ޑރ މަސްކްފީކާ ފާހަގަ ކުރިއެވެ. ހަށިގަނޑަށް މި ކެމިކަލް ހުށަހެޅެމުން ދާ ނަމަ ކިޑްނީއާއި ލިވަރގެ މަސައްކަތްތަކަށް އުނިކަން ކުރިމަތިވުމުގެ ފުރުޞަތު އޮވެއެވެ.

ގޭގައި ބޭނުން ކުރާ ޑިޓަރޖަންޓްގައި އެކުލެވޭ މާއްދާތަކާ މެދު ޝައްކު އުފެދޭނަމަ، އޯގޭނިކް ބްރޭންޑެއް ޚިޔާރު ކުރުން ބުއްދިވެރިއެވެ. އަދި ހަމުގެ ބަލިތައް ހުންނަ މީހުންނާއި، ހަންގަނޑު ނާޒުކު މީހަކު ނަމަ، ނުވަތަ އެފަދަ ބަޔަކާ އެކު ދިރިއުޅޭ ކަމުގައި ވާ ނަމަވެސް، އޯގޭނިކް ޑިޓަރޖަންޓް ބްރޭންޑެއް ޚިޔާރު ކުރުން އެދެވިގެންވެއެވެ.

އަލިފާން ހިފުމުން ދުރުކޮށްދޭ ފަށަލައާއެކު އުފައްދާފައި ހުންނަ ތަކެއްޗަކީވެސް ހަށިގަނޑަށް ގެއްލުން ދެނިވި ތަކެއްޗެވެ. ގޭގައި ހުރި ސޯފާ ސެޓުން ފެށިގެން ގޮސް، ދަރިފުޅު ލާން ގެންގުޅޭ ފޭރާމުގައިވެސް މިފަދަ ފަށަލައެއް ހުރުން އެކަށީގެންވެއެވެ. އަލިފާނުގެ ހާދިޘާތަކުން ސަލާމަތް ކުރަނިވި އުފެއްދުމެއްގެ ގޮތުގައި ބަލައިގަނެވުނު ކަމުގައި ވީ ނަމަވެސް، ފަޔަރ ރިޓަރޑަންޓްސްގެ ސަބަބުން އެކި ކަހަލަ ޞިއްޙީ މައްސަލަތައް ކުރިމަތިވާ ކަން ޑރ ބަލްސެވިޗް ފާހަގަ ކުރިއެވެ. އެގޮތުން ދަރިން ނުލިބުމުގެ މައްސަލައާއި ކެންސަރުގެ ނުރައްކަލަށް ހުށަހެޅުން ފަދަ ކަންކަން ކުރިކަމަތި ވާ ކަމަށް ބަލްސެވިޗް ފާހަގަ ކުރިއެވެ.

"ތަތް ނުލަވާ" ތަވައާއި ތެލިސެޓަކީވެސް މި ލިސްޓަށް އިތުރު ކުރަން ޖެހޭ އެއްޗެކެވެ. ވަގުތު ކުޑަތަންވެގެން އުޅެން ޖެހިފައި އޮތް އަދުގެ ދުނިޔޭގައި، ތަތް ނުލަވާ ތެލި ސެޓެއްގައި ކައްކާ ނިންމާލަން ކިތަންމެ ފަސޭހަ ކަމަކަށް ވީ ނަމަވެސް، އެކަމުގައި ހުރި ޞިއްޙީ ގެއްލުންތަކަށް ލޯހުޅުވުން ބުއްދިވެރިއެވެ. ޑރ އެޑަމް އެސް ގްރޮޕަރ ފާހަގަ ކުރި ގޮތުގައި، މިފަދަ ތެއްޔާއި ތަވާ ފަދަ ތަކެއްޗަކީ އާދަޔާ ޚިލާފަށް ހޫނު ވުމުން، އޭގައިވާ ޚާއްޞަ ކޯޓިންގް 'ދިޔާވާ' ތަކެއްޗެވެ. އާދަޔާ ޚިލާފަށް ހޫނުވެގެން އެ ދިޔާވާ އެލުމިނިއަމް މާއްދާއަކީ، ކާބޯތަކެތީގެ ޒަރިއްޔާއިން ހަށިގަނޑަށް އެތެރެވެ، ހަޖަމުވާ ހިސާބުން ޞިއްޙަތަށް އިންތިހާ ގެއްލުން ދެނިވި މާއްދާއެއްކަން ޑރ ގްރޮޕަރ ވަނީ ފާހަގަ ކޮށްފައެވެ.

ހަޖަމްގެ ނިޒާމަށް އެލުމިނިއަމް އެތެރެވުމަކީ އަލްޒައިމާޒްއާއި އެކި ވައްތަރުތަކުގެ ކެންސަރަށް ފުރުޞަތު ބޮޑު ކޮށްދޭ ކަމެކެވެ. މިހާރު ބޭނުން ކުރަމުން ދާ "ތަތް ނުލަވާ" ތަވައާއި ތެލިސެޓުގައި ކިރިއާ ކޫރުމެއް ހުއްޓަސް، ނުވަތަ ކޯޓިންގް ދާ ހެން ހީވާނަމަ، ވަގުތުން ވަގުތަށް އެ އެއްޗެއް ބޭނުން ކުރުން ހުއްޓާލުމަށް ޑރ ގްރޮޕަރ ވަނީ އިރުޝާދު ދީފައެވެ.

ހަށިގަނޑުން ނުބައިވަސް ދުވުން ކޮންޓްރޯލް ކުރުމުގެ ނިޔަތުގައި ބޭނުން ކުރާ ޑިއޯޑަރަންޓްއަކީވެސް ހަށިގަނޑަށް އެލުމިނިއަމް މާއްދާ އެތެރެވުމަށް މަގުފަހި ކުރާ އެއްޗެކެވެ. ޑިއޯޑަރަންޓް އުފައްދާ ގިނަ ކުންފުނިތަކުން ބޭނުން ކުރާ ފޯމިއުލަރ އަކީ، ހަށިގަނޑުން ދާ ބޭރުވާ ކުދިކުދި ލޯވަޅުތައް ބައްދާލުމަށްޓަކައި އެލުމިނިއަމް ބޭނުންކޮށްފައި ހުންނަ ފޯމިއުލަރ ކަން، ޑރ ގްރޮޕަރ ވަނީ ފާހަގަ ކޮށްފައެވެ. ކިހިލިފަތް ދަށުންނާއި އެނޫންވެސް ބެދިފައި ހުންނަ ތަންތަނުން ދާހިއްލާ، ނުބައިވަސް ދުވުން ކޮންޓްރޯލް ކުރުމަށް އެއްޗެއް ބޭނުން ކުރާ ނަމަ، ވީހާވެސް ބޮޑަކަށް ޤުދުރަތީ މާއްދާތައް ބޭނުން ކުރުމަށް ޑރ ގްރޮޕަރ އިރުޝާދު ދެއެވެ.

ގޭތެރޭގައި މީރުވަސް ދުއްވަން ބޭނުން ކުރާ ބައެއް ކަހަލަ އެއަރފްރެޝްނަރއަކީ ޞިއްޙަތަށް އެތައް ގެއްލުމެއް ދެނިވި އެއްޗެކެވެ. އަދި ނުރައްކާތެރި ޖަރާސީމުތަކުން ސަލާމަތް ވުމުގެ ނިޔަތުގައި ބޭނުން ކުރާ ހޭންޑް ސެނިޓައިޒަރ ފަދަ ތަކެތިވެސް، ދާއިމީ ގޮތެއްގައި ބޭނުން ކުރަންވެއްޖެނަމަ ހަށިގަނޑަށް ދެވޭ ގެއްލުން ކުޑަ ނޫން ކަން ހަނދާނުގައި ބަހައްޓަން ޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް