ޕްރެކްޓިސް ރޫމް ހުޅުވާލާނީ ގިނަ ބޭންޑްތަކަށް ބޭނުންކުރެވޭ ގޮތް ހެދުމަށް ފަހު: މިނިސްޓަރު މަހުލޫފު
13 މެއި 2019 | ހޯމަ 19:34އެއީ އެރޫމް ބޭނުން ކުރަމުން އައި ވަކި ބަޔަކަށް މަންފާވާ ގޮތަށް

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު
ރާއްޖޭގެ މިއުޒިކް ބޭންޑުތައް ޕްރެކްޓިސް ކުރަން ބޭނުން ކުރަމުން އައި ތަން އަލުން ހުޅުވާލާނީ ގިނަ ބޭންޑްތަކަށް ޕްރެކްޓިސް ކުރެވޭނެ ގޮތަށް ހެދުމަށް ފަހު ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މަހުލޫފު މިހެން ވިދާޅުވީ މިއުޒިކް ބޭންޑުތައް ޕްރެކްޓިސް ކުރަން ބޭނުން ކުރަމުން އައި ތަން ޔޫތު މިނިސްޓްރީން އަތުލުމުން ބޭންޑުތަކުގެ ޕްރެކްޓިސް ހުއްޓިފައިވާ ކަމަށް ބުނެ ބައެއް ބޭންޑްތަކުން ކަންބޮޑުވުންފާޅު ކޮށްފައިވަނިކޮށެވެ.
ޔޫތު މިނިސްޓްރީން ބޭންޑުތައް ޕްރެކްޓިސް ކުރުމަށް ހެންވޭރު ދަނޑު ކައިރީ ހުންނަ މުނިއުފާ އިން ޚާއްސަ ރޫމެއް ވަނީ ދީފައެވެ.
މިމައްސަލައާ ގުޅިގެން މިނިސްޓަރު މަހުލޫފު ވިދާޅުވީ ދެން ފުރުސަތު ހުޅުވާލަނީ ވީހާވެސް ގިނަ ބޭންޑްތަކަށް ޕްރެކްޓިސް ކުރަން ފުރުސަތު ލިބޭ ގޮތަށެވެ.
މިނިސްޓަރު ވިދާޅުވީ މީގެ ކުރިން 13 ވަރަކަށް އަހަރު އެކަން ހިންގާފައިވަނީ ގޯސްކޮށް ކަމަށާއި، ވިޔަފާރި އުސޫލުން ވަކި ބަޔަކަށް މަންފާވާ ގޮތަށެވެ. މިނިސްޓަރު ވިދާޅުވީ ބޭންޑްތައް ޕްރެކްޓިސް ކުރުމަށްދީފައިވާ ރޫމް ބަންދުކުރީ އެކަން އިސްލާހުކުރުމަށް ކަމާބެހޭ އިދާރާތަކުން ލަފާދީފައިވާތީ ކަމަށެވެ.
ޕްރެކްޓިސް ކުރާ ރޫމް ހުސްކުރުމަށް ފަހު އިތުރު ތަނެއް ޔޫތް މިނިސްޓްރީން ދައްކާފައިވާ ނުވާ ކަމަށާއި، މިހާރު މަސައްކަތްތައް ހުއްޓިފައިވާ ކަމަށް ބޭންޑްތަކުން ބުނެއެވެ.





