އާދީއްތަ 16 ޖޫން 2019
14 މިއަހެލި
1440 ޝައްވާލް 12
ފަތިސް 04:36
އިރުއަރާ 05:54
މެންދުރު 12:11
އަސްރު 15:34
މަޣްރިބް 18:19
އިޝާ 19:38
ރިޕޯޓު - ރޯދަ 1440

ރޯދަމަހާ ދިމާކޮށް ފިހާރަތަކަށް ބާރުބޮޑު!

  • ރޯދަ މަހާއި ދިމާކޮށް ތަކެތީގެ އަގުތައް ދަނީ އުފުލެމުން
  • އެސްޓީއޯ އިން ދަނީ އާންމު ކާނާގެ ބާވަތްތަކުގެ އަގުތައް ހިފެހެއްޓޭތޯ މަސައްކަތްކުރަމުން

ސިމާހާ ނަސީމް
sim_kamana

ކ. މާލެ 6 މެއި 2019 | ހޯމަ 22:33 4,160

އެސްޓީއޯ ސުޕަރމާޓް - ރާއްޖެއެމްވީ

ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް ބާޒާރުގައި ތަކެތީގެ އަގު ބޮޑުވާ ވާހަކައަކީ އާންމުން އެންމެ ކުރީއްސުރެ ކުރަމުން އަންނަ ޝަކުވާއެކެވެ. އާންމުކޮށް ކެއުމަށް ބޭނުންކުރާ ފިޔާ، މިރުސް، ލުނބޯ އަދި ތަރުކާރީގެ އަގުތައް ބޮޑުވާ ކަމަށް ގިނަ ފަރާތްތަކުން ބުނެއެވެ. މިހާރު މަރުކޭޓުގައި އެންމެ އަގު ބޮޑު އެއްޗެއްގެ ގޮތުގައި ފާހަގަކުރެވިފައި ވަނީ މިރުހެވެ. ކުރިން މިރުސް ކިލޯއެއް 100ރ އަށް ލިބެން ހުރިއިރު މިހާރު މާރުކޭޓުގައި މިރުސް ކިލޯއެއްގެ އަގު ވަނީ 1000ރ އަށް ވުރެ މައްޗަށް އުފުލިފައެވެ. ހަމައެކަނި މިރުހުގެ އަގަށް ބެލި ނަމަވެސް ރޯދަ މަހު ތަކެތީގެ އަގަށް އަންނަ ބަދަލު ފާހަގަކުރެވޭނެ އެވެ.

ރޯދަ މަހާ ދިމާކޮށް ތަކެތީގެ އަގުތައް އުފުލޭ މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް މި ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ. އެގޮތުން އެސްޓީއޯ ސުޕަރމާޓުން ވަނީ ގިނަ ކާބޯތަކެތީގެ ހޯލްސޭލް އަގުތައް ހެޔޮކޮށްފައެވެ. އެސްޓީއޯ ސުޕަމާރޓްގެ އަމިއްލަ ބްރޭންޑެއް ކަމަށްވާ "ޗޮއިސް" ބްރޭންޑްގެ ބާސްމަތީ ހަނޑުލާއި ކައްކާ ތެލުގެ އަގު ބޮޑުތަނުން ވަނީ ހެޔޮ ކޮށްފައެވެ. އަދި ރޯދަ މަހު އެންމެ ޑިމާންޑް ބޯޑުވާ ބާވަތްތައް ކަމަށްވާ އަލުވި، ފިޔާ އަދި ބިހުގެ އަގުތައް އެއް ހަމައެއްގައި ހިފެހެއްޓުމަށް އެސްޓީއޯ އިން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މުޅި ރޯދަ މަހު ވެސް އެ ތަކެތި ހުސްނުވެ ހެޔޮ އަގުތަކެއްގައި ލިބެން ހުންނާނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ. މި ވަގުތު އެސްޓީއޯގެ ފިހާރަތަކުން ރީޓެއިލްކޮށް ފިޔާ ކިލޯއެއް ލިބެން ހުރީ 7ރ އަށް، އަލުވި ކިލޯއެއް 8.50ރ އަށް، ބިހެއް 1.50ރ އަށެވެ.

ރަމަޟާން މަހާ ދިމާކޮށް ވިޔަފާރިތަކަށް ބޮޑު ފައިދާއެއް ލިބެއެވެ. ހާއްސަކޮށް އާންމު ގޮތެއްގައި ކާބޯތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކާއި ފަރުނީޗަރު ވިއްކާ ފިހާރަތަކުގެ އިތުރުން ގޭތެރެއަށާއި ބަދިގެއަށް ބޭނުންވާ ސާމާނު ވިއްކާ ފަރާތްތަކުގެ ވިޔަފާރި އިތުރަށް ރަނގަޅުވެގެންދެއެވެ. މީގެ އިތުރުން ކާބޯތަކެތި ގިނަ އަދަދަކަށް އެތެރެކޮށްގެން ވެސް ގިނަ ބަޔަކު ރޯދަޔާ ދިމާކޮށް ވިޔަފާރި ފަށައެވެ. 

އެ ސުޕަރމާޓްތަކުގެ ވިޔަފާރި ރަނގަޅުވުމުގެ އިތުރުން ކުރަންޖެހޭ މަސައްކަތް ވެސް ބޮޑުވެ، މުދާތައް ގެންނަޖެހޭ އަދަދު ވެސް އިތުރުވެގެންދެއެވެ. އެގޮތުން ރާއްޖޭގެ އެންމެ ގިނަ ބަޔަކު ވިޔަފާރި ކުރާ އެސްޓީއޯ ސުޕަރމާޓުން ބުނީ ރޯދަމާހާ ދިމާކޮށް ކަސްޓަމަރުން އަންނަ އަދަދު އިތުރުވެފައިވާ ކަމަށާއި ސްޓޮކް ވެސް ވަރަށް ރަނގަޅަށް ބަލަހައްޓަން ޖެހޭ ކަމަށެވެ. ކަސްޓަމަރުންގެ ޑިމާންޑް މިދުވަސްވަރު އެންމެ ބޮޑީ ކާބޯތަކެތީގެ ސާމާނަށް ކަމަށް ވެސް އެ ސުޕަރމާޓުން ބުންޏެވެ.

މީގެ އިތުރުން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ރެޑްވޭވް އިން ބުނީ ރޯދަމަސް ގާތްވުމާ އެކު ފިހާރަތަކަށް އަންނަ ކަސްޓަމަރުންގެ އަދަދު އިތުރުވެފައިވާއިރު އެ ކަސްޓަމަރުން އެދިގެން ރޯދަމަހަށް ހާއްސަކަށް ބައެއް ސާމާނުތައް އެތެރެކޮށްފައިވާނެ ކަމަށެވެ. އެގޮތުން ޓީވީ، އަދި ކަސްރަތު ކުރުމަށް ބޭނުންކުރާ ޓްރެޑްމިލް ފަދަ ތަކެތި އެތެރެކޮށްފައިވާނެ ކަމަށެވެ.

ކާބޯތަކެތީގެ އަގު އުފުލިގެން ދިޔަ ނަމަވެސް ގޭތެރޭގައި ބޭނުންކުރާ ސާމާނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮވެފައެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ފަރުނީޗަރު ވިއްކާ ފިހާރަތަކާއި ބަދިގޭގައި ގެންގުޅޭ ސާމާނާއި އިލެކްޓްރޯނިކް ސާމާނު ވިއްކާ ފިހާރަތަކުގައި ސޭލް އަޅުވާފައި ވުމެވެ. ގިނަ ތަންތަނުގައި ބޮޑު ޑިސްކައުންޓެއް ދެމުން އަންނަ އިރު ދޭ އިނާމްތަކުގެ އަގު އެތައް ލައްކައަކަށް އަރައެވެ. 

ރޯދަ މަހާއި ދިމާކޮށް ފިހާރަތަކަށް ބާރު ބޮޑުވެފައިވާ މި ދަނޑިވަޅުގައި އާންމު ރައްޔިތުންގެ އުންމީދަކީ ހިފާ ގެންގުޅޭ ސާމާނާއި ބަދިގޭ ސާމާނުގެ އަގަށް އަންނަ ހެޔޮ ބަދަލުތައް ކާބޯތަކެއްޗަށް ވެސް އައުމެވެ. ވިޔަފާރިވެރިން ބުނާ ގޮތުގައި ކާބޯތަކެތީގެ އަގު މައްޗަށް ދާ މައިގަނޑު ސަބަބަކީ ބޭނުންވާ ވަރަށް މާކެޓަށް ސާމާނު ނުގެނެވުން ކަމަށެވެ. އެހެންކަމުން ބާޒާރުގައި ތަކެތި މަދުވާ ނަމަ އަގުތައް އުފުލާނެ ކަމަށާއި ހާއްސަކޮށް ކުރިއަށް އޮތީ ވިއްސާރަ މޫސުމަކަށް ވުމުން ރަށްރަށުން ގެންނަ ތަރުކާރީ އާއި މޭވާ އާއި ފަލަމަޑީގެ ބާވަތްތަކާއި ފަތާއި ކާށި ފަދަ ބާވަތްތަކުގެ އަގު އުފުލުން އެކަށީގެންވެއެވެ. ރޯދަމަހަކީ ކެއިން ބުއިމުގެ ބޮޑު މަހަކަށްވާ އިރު ބައެއް ވިޔަފާރިވެރިން އޭގެ ނާޖާއިޒް ފައިދާ ނެގުމަކީ ވެސް ތަކެތީގެ އަގު މައްޗަށް ދާ ސަބަބެކެވެ. އެގޮތުން ބާޒާރަށް ތަކެތި ނުނެރެ ސަޕްލައި ދަށްކުރުން ފަދަ ކަންކަން ކުރާކަން ފާހަގަކުރެވެއެވެ. ކޮންމެއަކަސް މި ރޯދަ މަހުގެ ތެރޭގައިވެސް މިފަދަ އެތައް ކަމެއް ފެނިގެންދާނެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް