ކ. މާލެ
|
21 ފެބްރުއަރީ 2017 | އަންގާރަ 04:22
ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ނަޝީދު މިހާރު ހުންނެވީ ޖެނީވާގައި
ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ނަޝީދު މިހާރު ހުންނެވީ ޖެނީވާގައި
ރާއްޖެއެމްވީ
ރައީސް ނަޝީދު
ޖެނީވާ ސަމިޓްގައި ރައީސް މުހައްމަދު ނަޝީދު ތަގުރީރު ކުރައްވަނީ
 
މި ސަމިޓްގައި ރައީސް ނަޝީދަށް އެވޯޑެއް ދިނުމަށް ވަނީ ނިންމާފަ
 
މީ އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ސަމިޓް

އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ސަމިޓް ކަމުގައިވާ ޖެނީވާ ސަމިޓްގައި ރައީސް މުހައްމަދު ނަޝީދު ތަގުރީރުކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ހޯމަދުވަހު ރާއްޖެގަޑިން މެންދުރު 2 ޖަހާއިރު ބާއްވާ މި ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުހައްމަދު ނަޝީދު މިހާރު ވަނީ ޖެނީވާއަށް ވަޑައިގަންނަވާފައެވެ.

މި ސަމިޓްގައި އެމަނިކުފާނު ރާއްޖޭއާއި ދުނިޔޭގެ އިންސާނީ ހައްގުތައް އޮތް މިންވަރާއި ގުޅޭގޮތުން ތަގުރީރުކުރައްވާނެއެވެ.

ރައީސް މުހައްމަދު ނަޝީދު މި ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވަނީ ޝަރަފުވެރި މެހްމާނުގެ ގޮތުގައެވެ.

ދިގު މުއްދަތެއްގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހިތްވަރުފުޅުގަދަކަން ފާހަގަކޮށް، މި ސަމިޓްގައި އެމަނިކުފާނަށް އެވޯޑެއް ދިނުމަށް ޖެނީވާ ސަމިޓުން ވަނީ ނިންމާފައެވެ.

އިންސާނީ ހައްގުތަކާ ބެހޭ އދ. ގެ ކައުންސިލްގެ ރަސްމީ ބައްދަލުވުންތަކުގެ ކުރިން ޖެނީވާގައި ބާއްވާ މި ސަމިޓް އިންތިޒާމް ކުރަނީ ޔޫއެން ވޮޗު ކިޔާ ޖަމާއަތަކުންނެވެ. އިންސާނީ ހައްގުތަކާ ބެހޭ މައްސަލަތަކަށް ވާހަކަ ދައްކައި ޚިޔާލު ބަދަލުކުރަން ބާއްވާ މި ސަމިޓް އިންތިޒާމް ކުރުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އިތުރު 20 ޖަމިއްޔާއެއް ބައިވެރިވެއެވެ.

މި ސަމިޓް ނިމޭތާ ހަފްތާއެއް ފަހުން، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލް މި އަހަރަށް އިފްތިތާހު ކުރުމަށް ދުނިޔޭގެ އެކި ގައުމުތަކުގެ ފޮރިން މިނިސްޓަރުން ޖެނީވާ އަށް ވަޑައިގަންނަވާނެއެވެ.

ޖެނީވާ ސަމިޓުގައި ކޮންމެ އަހަރަކު ވެސް ނޫސްވެރިންނާއި ގައުމުތަކުގެ ކުރީގެ ވެރިންނާއި ސިޔާސީ ގޮތުން ޖަލު ހުކުމްތައް އައިސްފައިވާ ސިޔާސީ ފަރާތްތަކުގެ އިތުރުން އިންސާނީ ހައްގުތަކުގެ މަސައްކަތުގައި ހަރަކާތްތެރިވާ އިސް ފަރާތްތައް ބައިވެރިވެއެވެ.

މިއަހަރުގެ ސަމިޓު ހާއްސަކުރެވިފައިވާ މައުޟޫތަކަކީ، އަންހެނުންނާ މެދު ގެންގުޅޭ ތަފާތުކުރުމާއި، ނޫސްވެރިން ޖަލަށްލުމާއި، އިންޓަނެޓުގެ މިނިވަންކަމާއި، ދީނީ ގޮތުން ހައްދުފަހަނައަޅައި ދިއުމާއި، އިންސާނީ ހައްގުތަކުގެ ދިފާއުގައި މަސައްކަތްކުރާ މީހުންނަށް ކުރާ އަނިޔާތަކުގެ އިތުރުން ޖަލުތަކުގެ ހާލަތެވެ.

މި ސަމިޓުގައި ރައީސް ނަޝީދުގެ އިތުރުން އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ދިފާއުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އެހެން ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެން ތަގުރީރު ކުރައްވާނެ އެވެ.

އެގޮތުން، ރަޝިޔާގެ ރައީސް ވްލަޑްމިއާ ޕުޓިންއަށް ފާޅުގައި ފާޑުކިޔަމުންދަނިކޮށް 2015 ވަނަ އަހަރު އަވަހާރަކޮށްލި ސިޔާސީ ލީޑަރު ބޮރިސް ނެމްސޯވްގެ ދަރިކަނބަލުން އަދި ރަޝިޔާގެ ނޫސްވެރިޔާ ޒާނާ ނެމްސޯވާ ވެސް ސަމިޓުގައި ތަގުރީރު ކުރައްވާނެ އެވެ. އަދި ސިޔާސީ ގޮތުން އިއްވުނު 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަނިކޮށް އަވަހާރަވި ޓިބެޓްގެ ދީނީ ލީޑަރު ޓެންޒިން ޑިލެކް އަށް ބޮޑުބޭބޭ ވިދާޅުވާ ނިއޭމާ ލަމާއޯ ވެސް ސަމިޓުގައި ތަގުރީރު ކުރައްވާނެ އެވެ.

މީގެ އިތުރުން ތުރުކީގެ މަޝްހޫރު ނޫސްވެރިޔާ ކޭން ޑުންޑާ ވެސް އެ ސަމިޓުގައި ތަގުރީރު ކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވައެވެ. ޑުންޑާ މަޝްހޫރު ވެގެންދިޔައީ ތުރުކީގެ އިންޓެލިޖެންސް އިދާރާއިން ސީރިއާގެ ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދޭ ވީޑިއޯއެއް ލީކުކޮށްލުމުންނެވެ. އެކަމާ ގުޅިގެން އޭނާ ހައްޔަރުކުރި އިރު، އޭނާ މަރާލުމަށް ވެސް މަސައްކަތް ކޮށްފައި ވެއެވެ. އެ ކަންތައްތަކާ ގުޅިގެން އޭނާ ވަނީ ޖަރުމަނުން ހިމާޔަތް ހޯދައި އެގައުމަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް