Advertisement
ކ. މާލެ
|
18 ފެބްރުއަރީ 2019 | ހޯމަ 22:36
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
ރައީސް އޮފީސް
ފަނޑިޔާރުގެ އިސްލާހުކުރުން
ފަނޑިޔާރުގެ އިސްލާހުކުރުމުގެ ވައުދު ފުއްދާނީ ފަނޑިޔާރުގޭގެ ލަފައާއެކު: ރައީސް ސޯލިހް
ރައްޔިތުންގެ ލޯތައް އަމާޒުވެފައި ހުރީ ފަނޑިޔާރުންނަށް
ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކަށްވާނީ، ފަނޑިޔާރުގެއިން ކަންކަން ނިންމާނީ، އިންޞާފުވެރިކަމާ އެކުގައި ކަމުގެ ޔަޤީންކަން ލިބުން
ބިނާކުރަނިވި ފާޑުކިޔުމަށް ތަރުޙީބުދޭ ތަނަކަށްވާ ފަނޑިޔާރުގެ ވާންޖެހޭ

ފަނޑިޔާރުގެ އިސްލާހު ކުރުމުގެ ވައުދު ފުއްދަވާނެ ކަމަށާއި އެކަން ކުރައްވާނީ ފަނޑިޔާރުގޭގެ ލަފަ އާއި މަޝްވަރާއައެކުގައިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ވޭތުވެދިޔަ އަހަރު ޝަރުއީ ދާއިރާގެ މަސައްކަތްތަކާއި ޝަރުއީ ދާއިރާ އާ އަހަރަށް ފެށުމަށްޓަކައި ދަރުބާރުގޭގައި ހޯމަ ދުވަހުގެ ރޭ ބޭއްވި "ޤަޟާއީ އަހަރު އިފްތިތާހުކުރުމުގެ ޖަލްސާގައި" ރައީސް ސޯލިހް ވިދާޅުވީ ރައްޔިތުންގެ ލޯތައް އަމާޒުވެފައި ހުރީ ފަނޑިޔާރުންނަށް ކަމަށާއި ފަނޑިޔާރުގެ އިޞްލާޙްކޮށް، އިންޞާފުގެ މަގަށް ޝަރީޢަތް ކުރެވޭނެ މަގު ކޮށުމަކީ، އެ މަނިކުފާނުގެ ރިއާސީ ވަޢުދެއް ކަމަށެވެ. "މި ސަރުކާރުން އެ ވަޢުދު ފުއްދާނެ" ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެކަން ކުރާނީ، ޤާނޫނީ އިމުގެ ތެރެއިން، އަދި ފަނޑިޔާރުގޭގެ ލަފަޔާއި މަޝްވަރާ ވެސް ހޯދައިގެން،" އެ މަނިކުފާނު ވިދާޅުވިއެވެ.

މިފެށުނު ޤަޟާއީ އަހަރުގެ ތެރޭގައި ފަނޑިޔާރުގެތަކުން އެންމެ ބޮޑު އިސްކަމެއް ދޭންވީ ރައީސް ސޯލިހް ވިދާޅުވި ގޮތުގައި ރައްޔިތުންގެ އިތުބާރު ހޯދުމަށެވެ. ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކަށްވާނީ، ފަނޑިޔާރުގެއިން ކަންކަން ނިންމާނީ، އިންޞާފުވެރިކަމާ އެކުގައި ކަމުގެ ޔަޤީންކަން ލިބުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ މިނިވަން ފަނޑިޔާރުގެއެއް ހުރުމަކީ، ޒަމާނީ ޑިމޮކްރެސީ އެ މައްޗަށް ބިނާވެފައިވާ، އެންމެ މުހިންމު ރުކުން ކަމަށެވެ. ޑިމޮކްރެސީއެއްގެ އަމާޒަކީ، ރައްޔިތުންނަށްޓަކައި، ރައްޔިތުން އެދޭ ފަދަ ހެޔޮ ވެރިކަމެއް ކޮށްދިނުން ކަމަށާއި ހެޔޮ ވެރިކަމެއްގެ ބޭނުމަކީ، އެއްވެސް އިސްތިސްނާއެއް ނެތި، ކޮންމެ ރައްޔިތަކަށް ޙައްޤުތައް ލިބިދިނުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެކަން ޙާޞިލުވެގެން މިދަނީ، މިނިވަން ފަނޑިޔާރުގެއެއް ހުރުމުން. މީގެ ކުރިން ރާއްޖޭގައި ޢަމަލުކުރަމުން އައި ޤާނޫނުއަސާސީތަކުގައި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުވެސް އޮންނަނީ، ތަންފީޒީ ބާރުގެ ތެރޭގައި. ފަނޑިޔާރުގޭގެ ނިންމުންތަކުގައި، އެންމެ ފަހު ބަސް ބުނުމުގެ ބާރުވެސް އޭރު އޮންނަނީ، ތަންފީޒީ ބާރުގެ އެންމެ އިސް ވެރިޔާއަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.

"ނަމަވެސް މިހާރުގެ ޤާނޫނުއަސާސީގައި ފަނޑިޔާރުގެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ ދައުލަތުގެ މުސްތަޤިއްލު ބާރެއް. އަދި ފަނޑިޔާރުންނަކީ، ވަކި މުއްދަތެއް ނެތި، ދާއިމީ ގޮތެއްގައި އެ މަޤާމަށް ޢައްޔަންކުރެވޭ ބައެއް. އެހެންކަމުން، މިދެންނެވި މިނިވަންކަމާއި ބާރާ އެއްވަރަށް، އިންޞާފު ޤާއިމުކޮށްދިނުމަކީ، ފަނޑިޔާރުންގެ ފަރާތުން ރައްޔިތުން އެދޭ އެންމެ ބޮޑު އެދުން".

ޤާނޫނުއަސާސީން ފަނޑިޔާރުގެ މިނިވަންކޮށްދީފައިވަނީ، ކޮންމެ މަރުޙަލާއެއްގެ ކޮންމެ ކޯޓެއްވެސް، މިނިވަންކަމާ އެކު ހިންގޭނެ ގޮތަށް ކަމަށް ފާހަގަ ކުރައްވައި، ރައީސް ސޯލިހް ވިދާޅުވީ "ފަނޑިޔާރުގޭގެ ކޮންމެ ކަމެއް ވެސް ހުންނަންވާނީ، އެ ކަމަށް ބުރޫ ނާރާނެ ފަދަ ގޮތަކަށް" ކަމަށެވެ.

"ސަރުކާރުގެ ނިންމުމަކާ މެދު ހިތްހަމަނުޖެހިއްޖެ ނަމަ، ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކާ މެދު ހިތްހަމަނުޖެހޭ ނަމަ، އެކަން ޙައްލުކުރަން ދާން އޮތް ތަނަކީ ފަނޑިޔާރުގެ. ހަމައެފަދައިން ދޭދޭ ފަރުދުންގެ މެދުގައި އުފެދޭ ދެބަސްވުންތަކަށް، ޢަދުލުވެރި ޙައްލެއް ހޯދުމަށް ދާން އޮންނަ ތަނަކީ ވެސް ހަމަ އެއީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި މިއޮތީ ރައްޔިތުންގެ ފަރާތުން އުފެދިފައި އޮތް، ރައްޔިތުންގެ ވެރިކަމުގެ ނިޒާމެއް ކަމަށާއި ޤާނޫނުއަސާސީ އެކުލަވާލާފައި އޮތީވެސް، ދައުލަތުގެ ތިން ބާރުވެސް ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީވާންޖެހޭ ގޮތަށް ކަމަށް ވުމުން، "ފަނޑިޔާރުންނަކީ ވެސް، ޤާނޫނުއަސާސީގެ އިމުގެ ތެރޭގައި ޖަވާބުދާރީކުރެވެންޖެހޭނެ ބައެއް" ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"ޝަރީޢަތްތައް ހިންގާންވާނީ، ޢާންމުކޮށް ހުޅުވާލައިގެން ހާމަކަމާ އެކު ބާއްވާ އަޑުއެހުންތަކެއްގައި ކަމަށް، ޤާނޫނުއަސާސީގައި ސާފު ބަހުން ބުނެފައި އެ އޮންނަނީ ވެސް މި ސަބަބަށްޓަކައި. އެހެންވީމާ، ޝަރީޢަތްތައް ހުޅުވައިލުމަކީ ފަނޑިޔާރުގޭގެ އިޚްތިޔާރަށް ދޫކޮށްލާފައި އޮތް ކަމެއް ނޫން. އެއީ އިންޞާފު ހޯދަން ދާ މީހާގެ ޙައްޤެއް. އެއީ މުޅި މުޖްތަމަޢުގެ ޙައްޤެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީވުމުގެ އަނެއް އުޞޫލަކީ، ބިނާކުރަނިވި ފާޑުކިޔުމަށް ފަނޑިޔާރުގެއިންވެސް ތަރުޙީބު ދިނުން ކަމަށާއި ފަނޑިޔާރުގެއަކީވެސް، ބިނާކުރަނިވި ފާޑުކިޔުމަށް ތަރުޙީބުދޭ ތަނަކަށްވާ ނަމަ، ފަނޑިޔާރުގޭގެ މިޞްރާބު ސީދާކުރަން ވަރަށް ފަސޭހަވާނެ އެ މަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންގެ ވެރިކަމެއްކުރާ އިރު، ރައްޔިތު މީހާއާ އެންމެ ރައްޓެހި، އަދި އެންމެ ގާތުން ޚިދުމަތްދޭ ތަނަކަށް ވާންޖެހޭނީ ފަނޑިޔާރުގެކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެހެންވެ، އެ ތަންތަނުގެ އިންތިޒާމުތައް ހަމަޖައްސާފައި ހުންނާން ވާނީ، ކޮންމެ މީހަކަށް ވެސް ފަސޭހައިން މައްސަލަ ހުށަހެޅޭނެ ގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ސަބަބަކީ ރައްޔިތު މީހާ ފަނޑިޔާރުގޭގެ ދޮރުގައި ޓަކި ދޭނީ، އޭނާގެ ޙައްޤެއް ހޯދުމަށް ކަމަށްވާތީ،" ރައީސް ސޯލިހް ވިދާޅުވިއެވެ.

ފަނޑިޔާރު ގެއިން ރައްޔިތުންގެ ހައްގުތައް ލިބިގެންދާނީ ފަނޑިޔާރުންގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަމުގެ މައްޗަށް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ކޮންމެ އިންސާނެއްގެ ޙަޔާތުގައިވެސް، އޭނާގެ ނަޒާހަތްތެރިކަމާއި ތެދުވެރިކަން އިމްތިޙާންކުރެވޭ، ވަގުތެއް ނުވަތަ ޙާލަތެއް އަންނާނެ ކަމަށާއި އެ ޙާލަތުގައި ފަސާދައަށް ނޫނެކޭ ބުނެ، ނަޒާހަތްތެރިކަން އިސްކޮށްފި މީހަކަށް ނޫނީ، ނުފޫޒުން އެއްކިބާވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ޢާންމު ރައްޔިތުން މިއަދުވެސް ކުރަމުންދާ އެންމެ ބޮޑު އުންމީދަކީ، ރާއްޖޭގެ ފަނޑިޔާރުން ނުފޫޒުތަކުން އެއްކިބާވެ ތިބެ، ޢަދުލު އިންސާފު ޤާއިމުކޮށްދޭނެ ކަމުގެ ޔަޤީންކަން ލިބުން. ރައްޔިތުންގެ އެ އުންމީދުތައް ޙާޞިލުކޮށްދިނުމަށްޓަކައި، ކުރަންޖެހޭ ކިތަންމެ ކަމެއް އެބަހުރިކަން، މި ވެއަތުވެ ދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ތަޖުރިބާ ކުރެވިއްޖެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

"އޭގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ، ފަނޑިޔާރުގޭގެ ޤާނޫނީ އޮނިގަނޑު އިޞްލާޙްކުރުން. ދެވަނަ ކަމަކީ، އެންމެހައި ނުފޫޒުތަކުން ސަލާމަތްވެގެން ތިބެ، އިންޞާފުގެ މަގަށް ޝަރީޢަތް ކުރެވޭނެ މާޙައުލެއް، ފަނޑިޔާރުންނަށް ޤާއިމުކޮށްދިނުން. މިއީ ނަޒާހަތްތެރި ފަނޑިޔާރުގެއެއް ޤާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަންތައް"

ރައީސް ސޯލިހް ވިދާޅުވީ އެ މަނިކުފާނު ވެރިކަމާ ޙަވާލުވެ ވަޑައިގަތުމަށް ފަހު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުންދަނީ، ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައިވާ ޙައްޤުތައް، އަނބުރައި ހޯދައިދިނުމުގެ މަސައްކަތް ކަމަށެވެ.

އެގޮތުން، ނުޙައްޤުން ވަޒީފާއިން ވަކިކުރި މީހުންނަށް، ވަޒީފާ އިޢާދަކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މަރާލާފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ބަލައި، ޙަޤީޤަތް ދެނެގަތުމުގެ މަސައްކަތް، މުޅީން އައު ފެށުމަކުން ފަށައިގެން ކުރިއަށް ގެންދާ ކަމަށްވެސް ވިދާޅުވިއެވެ.  އަދި ކޮރަޕްޝަން ހިމެނޭ ގޮތަށް ބޭއިންޞާފުން ދޫކުރި ފްލެޓްތަކުގެ މައްސަލަތައް ވެސް، އަލުން ބަލައި ދިރާސާކުރުމުގެ މަސައްކަތް ކުރާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އޭގެ އިތުރުން ވައްކަމާއި ކޮރަޕްޝަނާއި ޚިޔާނާތުގެ ތެރެއިން، ދައުލަތުގެ ޚަޒާނާއިން ގެއްލިފައިވާ މުދަލާއި ފައިސާތައް ހޯދުމުގެ މަސައްކަތްވެސް، ޚާއްޞަ ކޮމިޝަނެއްގެ ބެލުމުގެ ދަށުން ފަށައިފަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ވަކި ބަޔަކަށް އަމާޒުކޮށް ހަދާފައިވާ ނުވަތަ ބަދަލުކޮށްފައިވާ ޤާނޫނުތައް، އިޞްލާޙް ކުރުމަށްޓަކައި ދިރާސާކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

"މިއިން ކޮންމެ ކަމެއްގެ ފަހަތުގައިވެސް އޮތީ، ރައްޔިތުންގެ ޙައްޤުތަކާ ގުޅިފައިވާ މަޞްލަޙަތުތައް ޙިމާޔަތް ކުރުން. އިންތިޤާލީ އިންސާފު ޤާއިމުކޮށްދިނުމާއެކު، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުން. އެ ނޫން އެހެން އެއްވެސް ވިސްނުމެއް އަޅުގަނޑުގެ ނެތް. މިކަމުގައި ހަމަ އެއްވެސް ރައްޔިތަކާ މެދު ތަފާތުކުރުމެއް ނުގެންގުޅޭނަން،" ރައީސް ސޯލިހް ވިދާޅުވިއެވެ.

މި ފެށުނު ޤަޟާއީ އަހަރުގެ ތެރޭގައި، ކޮންމެ ފަނޑިޔާރެއްގެވެސް އެންމެ އިސް އަމާޒަކަށް ހައްދަވަންވީ، "ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް" ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. 

"ރައްޔިތުންގެ ލޯތައް އަމާޒުވެފައި ހުރީ ތިޔަ ފަނޑިޔާރުންނަށް. ރައްޔިތުންގެ އުންމީދުތައް ޙާޞިލްވާނީ ތިޔަ ފަނޑިޔާރުން ނަޒާހަތްތެރިވާ މިންވަރަކުން. ރައްޔިތުންގެ ޙައްޤުތައް ގުޅިފައިވަނީ ތިޔަ ފަނޑިޔާރުން އިއްވަވާ ޙުކުމްތަކާ".

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް