ކ. މާލެ
|
1 ފެބްރުއަރީ 2019 | ހުކުރު 17:14
ހދ.ނޮޅިވަރަމް
ހދ.ނޮޅިވަރަމް
ރާއްޖެއެމްވީ
ހދ.ނޮޅިވަރަމް
މަޝްރޫއުތަކުގެ އެގްރިމެންޓެއް ނެތްކަން އެނގުނީ މުޒާހަރާއިން!
ބަނދަރުގެ މަސައްކަތް ފިޔަވައި އިތުރު މަސައްކަތެއް ނުކުރޭ
މަސައްކަތް ނުފަށައި ދިގުދައްމާލީ ތަފާތު އެކި އުޒުރުތައް ދެއްކުމަށްފަހު
އެމްޓީސީސީގެ ބަހެއް ނުލިބުނު

މިފާއިތުވެގެން ދިޔަ ސަރުކާރުން ތަރައްގީއަށް ބޮޑެތި އިންގިލާބުތައް ގެނެސްފައިވާ ކަމަށް އެސަރުކާރަށް ތާއީދުކުރާ މީހުން ދަނީ ވަކާލާތު ކުރަމުންނެވެ. އަތޮޅުތެރޭގެ ރަށްރަށް ވެސް ބާކީ ނުކޮށް އެރަށެއްގައި ދިރިއުޅޭ ރައްޔިތުން އެންމެ ބޭނުންވާ މަޝްރޫއުތަކާއި، އެރައްޔިތުންނަށް ދިމާވާ ތަކުލީފުތަކުން ސަލާމަތް ކޮށްދިނުމުގެ މަގުސަދުގައި ސަރުކާރާ މުއައްސަސާތަކުން ހޭބޯ ނާރާ މަސައްކަތް ކުރާ ވާހަކައަކީ އަބަދު ވެސް އަޑު އަރަމުން އައި ވާހަކަތަކެެވެ. އެގޮތުން ހދ.ނޮޅިވަރަމްގެ ރައްޔިތުންނަށް ވެސް އެތައް ހުވަފެނެއް މިވަނީ ދައްކާފައެވެ. އަނގަބަހުން އެތައް ކަމެއް ކޮށްދޭނެ ކަމަށް ބުނެ، އެގްރިމެންޓްތަކެއްގައި ސޮއިކުރި މަންޒަރުތައް ރައްޔިތުންނަށް ދައްކައިދިނެވެ. ނަމަވެސް މިއިން ގިނަ ކަންކަމަކީ އެގްރިމެންޓްގައި ނުހިމެނޭކަން މިއެނގުނީ މުޒާހަރާއަށް ނުކުތުމުންނެވެ. 

އެއީ މިދިޔަ ހުކުރު ދުވަހެވެ. މުޅި ރަށް ހަލަބޮލި ވެގެންދިޔައީ އެމްޓީސީސީގެ މުވައްޒަފުންނާއި، މަޝްރޫއުތައް ހިންގުމަށް ބޭނުންކުރި ސާމާނުތައް ކޮޅުވެއްޓިއަކަށް އަރުވައިގެން ރަށުން ފައިބައިގެންދާ އުޅުމުންނެވެ. އެމުއްޒަފުންނާއި ދެކޮޅަށް އެރަށުގެ ގިނަ ރައްޔިތުންނާއި، ކައުންސިލުން ނުކުތީ ތަރައްގީގެ މަޝްރޫއުތައް ނުނިންމާ ނުދެވޭނެ ކަމަށް ބުނެއެވެ. ބަހުގެ ހަމަލާތަކަށް ފަހު، ރަށު މީހާ ރަށަށް ގަދަވާނޭ ބުނާ އުސޫލުން އެމުވައްޒަފުންނަށް ފުރޭ ގޮތްނުވެ ހުއްޓުވިއެވެ. އަދި މަސައްކަތަށް ބޭނުންވާ ސާމާނު ބާލަން ގެނައި ކޮޅުވެއްޓި ވެސް އެރަށުގެ ބަނދަރުން ބޭރު ކުރީ ވެސް ރައްޔިތުންނެވެ.

ނޮޅިވަރަމް ބަނދަރު ސަރަހައްދު 

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެރަށުގެ ކައުންސިލަރު އިބްރާހިމް ނަސީރު ވިދާޅުވީ ބަނދަރުގެ ނެރުފައިކަށި ހެދުމުގެ މަސައްކަތާއި، ބަނދަރު މަތީގެ އަށް ފޫޓަށް ޕޭވްމަންޓްގައި ގާ އެތުރުމާއި، ފުޓްބޯޅަ ދަނޑު އެއްވަރުގެ ކުރުމުގެ މަސައްކަތުގެ އިތުރުން ވާރޭވެހޭ ދުވަސްވަރު ރަށު ތެރޭ ފެންބޮޑުވާ މަގުތަކަށް ވެލިއެޅުމާއި، މަގު އެއްވަރުގެ ކުރުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މިމަސައްކަތް ކޮށްދޭނެ ކަމަށް ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީންނާއި، އެމްޓީސީސީގެ އިސްބޭފުޅުން ޔަގީންކަންދީފައިވާ ކަމަށެވެ. އެ މަސައްކަތްތަކަކީ 2017 ވަނަ އަހަރު ފަހުކޮޅު ހައުސިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތްތަކެއް ކަމަށެވެ.

ނަމަވެސް ބަނދަރުގެ ނެރުފައިކަށި ހެދުން ފިޔަވައި އެހެން މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި، ދެން ހުރި މަސައްކަތުގެ އަމަލީ މަސައްކަތް ވެސް ފަށާފައިނުވާ ކަމަށެވެ. މި ހުރިހާ ދުވަހު މަސައްކަތް ނުފަށައި ދިގުދައްމާލީ ތަފާތު އެކި އުޒުރުތައް ދެއްކުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރަށުގެ ރައްޔިތުން ނުކުމެ ނުރުހުންފާޅު ކުރަނީ

ނަސީރު ވިދާޅުވީ ރައްޔިތުންނާއި، އެމްޓީސީސީގެ މުއައްޒަފުންނާއި މެދު ހިނގި މިހިތްހަމަ ނުޖެހުންތަކުގެ ތެރެއިން ސާފުވެގެން ދިޔައީ ބަނދަރުގެ ނެރުފައިކަށި ހެދުން ފިޔަވައި އެހެން އެއްވެސް މަސައްކަތެއް ކުރުމަށް އެގްރިމެންޓް ކޮށްފައިނުވާ ކަމެވެ.

މިމަސައްކަތްތައް ނުނިންމާތީ، ރައްޔިތުން މުޒާހަރާ ކޮށްފައިވާ ކަމަށާއި، ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެގްރިމެންޓް ކޮށްފައިނުވާ މަސައްކަތަކަށްވުމުން ކުރެވޭނެ އެއްވެސް އުސޫލެއްނެތެވެ. 

''މިސަރުކާރަށް ވެސް ދެން ކުރެވޭނެ ކަމެއް ނެތް. ކުރިން އޮޅުވާލާފަ އެއޮތީ. މިސަރުކާރުން ވަރަށް ބޮޑު ޔަގީން ކަމެއް ދީފަ އޮތީ އަލުން އެގްރިމެންޓް ކުރެވި މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް.'' ނަސީރު ވިދާޅުވިއެވެ. 

މިމަހުގެ 27 ވަނަ ދުވަހު، އެމްޓީސީސީގެ މުއައްޒަފުންނާއި، މަސައްކަތަށް ބޭނުންކުރި ސާމާނުތައް އެރަށަކުނެތެވެ.

މިމައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު، އެމަސައްކަތާ ހަވާލުވެ ހުންނެވި އެމްޓީސީސީގެ ސުޕައިވައިޒަރު ވިދާޅުވީ އެކަމާ ބެހޭ ގޮތުން އެއްވެސް ކޮމެންޓެއް ދޭން ބޭނުން ނުވާ ކަމަށެވެ.

އެރަށުން ރާއްޖެއެމްވީއަށް ވާހަކަ ދެއްކި ޒުވާނަކު ބުނީ މިފާއިތުވެގެން ދިޔަ 7 އަހަރު އެރަށަކީ ހދ.އަތޮޅުން ވެސް ވަރަށް ބޮޑަށް ބާކީވެފައިވާ ރަށެއް ކަމަށެވެ. އެގޮތުން ނަރުދަމާގެ ޚިދުމަތް ފިޔަވައި، މިނިމިގެން ދިޔަ ސަރުކާރުން އެއްވެސް ކަމެއް ކޮށްދީފައި ނުވާ ކަމަށެވެ. ވަޅުގެ ފެނުގެ ވަސް ނުބައިވެ، ބޭނުން ނުކުރެވޭ ހާލަތުގައި ހުރިއިރު އެކަމަށް ވެސް ސަމާލުކަމެއް ދީފައިނުވާ ކަމަށް އޭނާ ބުންޏެވެ.

''އެކަމަކު އުންމީދު ކުރަނީ މިސަރުކާރުގަ ރަނގަޅުވާނެ ކަމަށް.'' އެޒުވާނާ ބުންޏެވެ. 

3000 ރައްޔިތުންނަށް ބޮޑު އާދާބީއެއް އޮންނަ ނޮޅިވަރަމް ރައްޔިތުންގެ މިއަމަލުތަކުން ވެސް ފެނިގެންދިޔައީ ތަރައްގީ ވަރަށް ބޮޑަށް އެރަށް ބޭނުންވާކަމެވެ. އެރައްޔިތުން ބޭނުންވާ އަސާސީ އެންމެ ބޭނުންވާ ޚިދުމަތްތައް ނުލިބޭއިރު، ކޮށްދޭނަމޭ ބުނެ، އޮޅިވާލީއެވެ. ނަމަވެސް މިއަދު ޒިންމާ ނަގާނެ ފަރާތެއްނެތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް