ކޮމަންވެލްތާއި ގުޅުމުގެ މަސައްކަތް އަވަސްކޮށް ދިނުމަށް ޝާހިދު އެދިވަޑައިގެންފި
27 ޖެނުއަރީ 2019 | އާދީއްތަ 18:34މަޖިލީސް އިންތިހާބުގައި ކޮމަންވެލްތްގެ އޮބްޒާވަރުން ރާއްޖެ ފޮނުވުމަށް ކޮމަންވެލްތްއިން ޝައުގުވެރިވޭ


ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝީއާ ސްކޮޓްލެންޑް (ކ) އާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު( ވ)
ދިވެހިރާއްޖެ އަލުން ކޮމަންވެލްތާއި ގުޅުމަށް ހުށަހަޅާފައިިވާއިރު، އެ މަސައްކަތް އަވަސްކޮށް ދިނުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކޮމަންވެލްތުގެ ސެކެރްޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑްގެ އަރިހުން އެދިވަޑައިގެންފިއެވެ.
ޝާހިދު އެކަމަށް އެދިވަޑައިގަންނަވާފައި ވަނީ އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކޮމަންވެލްތުގެ ސެކެރްޓަރީ ޖެނެރަލާއެކު ބޭއްވި ބައްދަލުވުމުގައެވެ. އަދި މީގެ އިތުރުން އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކޮމަންވެލްތްގެ އޮބްޒާވަރުން ރާއްޖެއަށް ފޮނުވުމުގެ ޝައުގުވެރިކަން ހުރިކަން ޕެޓްރީޝިއާ ފާޅުކޮށްފައިވާ ކަމަށް، ޝާހިދު ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ.
އިނގިރޭސިވިލާތައް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި ފޮރިން މިނިސްޓަރ ޝާހިދު ވަނީ، ރާއްޖެއިން އަލުން ކޮމަންވެލްތާއި ގުޅުމާއި ބެހޭ ގޮތުން އިނގިރޭސިވިލާތުގައި ހުންނަވާ ކެނެޑާގެ ޑެޕިއުޓީ ހައިކޮމިޝަނަރ ފައުންޓެއިން ސްމިތްއާ ވެސް މަޝްވަރާކުރައްވާފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިމޮކްރަސީއާ އެއްގޮތަށް ކަންކަން ހިންގުމަށް ބާރުއަޅައި ސިޔާސީ ހައްޔަރިން ދޫކޮށްލުމަށް ކޮމަންވެލްތުން ބާރު އަޅަން ފެށުމުން 13 އޮކްޓޫބަރު 2016 ގައި ރާއްޖެއިން ވަނީ އެ ޖަމާއަތުން ވަކިވެފައެވެ. ކޮމަންވެލްތާއި އަލުން ގުޅެން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާއި ގުޅިގެން ބައިވެރިވުމަށް އެދޭކަމުގެ ސިޓީފުޅު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ފޮނުއްވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ.
ދިވެހިރާޖެއިން ކޮމަންވެލްތްގައި ފުރަތަމަ ބައިވެރިވެފައިވަނީ 9 ޖުލައި 1982 ގައެވެ.






