މިއަހަރަކީ ގާނޫނު އަސާސީއާ އެއްގޮތަށް ކަންތައްތައް ހިންގާ އަހަރަކަށްވާނެ: ރައީސް ނަޝީދު
1 ޖެނުއަރީ 2019 | އަންގާރަ 13:06މިއަހަރު މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވިގެންދާނެ


ކުރީގެ ރައީސް ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި
މިއަހަރަކީ ގާނޫނު އަސާސީއާ އެއްގޮތަށް ކަންތައްތައް ހިންގާ އަހަރަކަށްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އައު އަހަރުގެ ތަހުނިޔާ ފޮނުއްވައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2019 ވަނަ އަހަރަކީ، ގާނޫނަށް އިހުތިރާމްކޮށް، ގާނޫނާ އެއްގޮތަށް ކަންތައްތައް ހިންގާ އަހަރަކަށްވާނެ ކަމަށެވެ. އަދި ވިދާޅުވީ މިއަހަރު މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ކޮރަޕްޝަން ނައްތާލެވޭނެ ކަމަށާއި، އިންސާނީ ހައްގުތައް ކަށަވަރުކުރެވި، އިންސާނީ ހައްގުތައް ހަރުދަނާ ކުރެވިގެންދާނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މިއަހަރަކީ ދިވެހި އެންމެހައި ރައްޔިތުންނަށް އުފާވެރި، ފާގަތި މުސްތަގުބަލެއް ހޯދޭނެ އަހަރެއް ކަމަށާއި، އެގޮތަށް އުންމީދު ކުރުމަށް އެދޭ ކަމަށެވެ.
އިންސާފުވެރި އިންތިޚާބެއް މިއަހަރު ބޭއްވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު، މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިހާބު ބޭއްވުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި އެ އިންތިހާބުގައި ވާދަކުރައްވާނެކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއުލާންކުރައްވާފައިވާއިރު، އެމަނިކުފާނު ވާދަކުރައްވަނީ މައްޗަންގޯޅި މެދު ދާއިރާއަށެވެ.







