ކ. މާލެ
|
31 ޑިސެންބަރ 2018 | ހޯމަ 18:20
2018 ވަނަ އަހަރި ރިލީޒްކޮށްފައިވާ ބައެއް ފިލްމްތައް
2018 ވަނަ އަހަރި ރިލީޒްކޮށްފައިވާ ބައެއް ފިލްމްތައް
ޓްވިޓަރ
ހޮލީވުޑް
ހޮލީވުޑް 2018: ތަރިން، ފިލްމް އަދި މައްސަލަތައް
 
2018 ވަނަ އަހަރަކީ ވެސް ހޮލީވުޑްގެ ފިލްމް، ޓީވީ އަދި މިއުޒިކް އިންޑަސްޓްރީތަކަށް ފިލާވަޅުތަކެއް ދަސްވެގެންދިޔަ އަހަރެއް

2018 ވަނަ އަހަރަކީ ވެސް ހޮލީވުޑްގެ ފިލްމް، ޓީވީ އަދި މިއުޒިކް އިންޑަސްޓްރީތަކަށް ފިލާވަޅުތަކެއް ދަސްވެގެންދިޔަ އަހަރެކެވެ. ބައެއް ފިލްމްތަކުން ބިލިއަނުން އާމްދަނީ ހޯދާފައިވާ އިރު، ފިލްމްތަކާއި ޓީވީ ޝޯވތަކާއި ލަވަ އާއި އަލްބަމްތައް ވަނީ ގިނަ ރިކޯޑްތައް މުގުރާފައެވެ.

މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ، ނުވަތަ ޓޮޕް ގްރޮސިންގ މޫވީސް އޮފް އޯލްޓައިމްގެ ގަދަ 10 ގައި 2018 ވަނަ އަހަރު ރިލީޒްކޮށްފައިވާ ބައެއް ފިލްމްތައް ހިމެނެއެވެ.

ޖިންސީ ފުރައްސާރަ ކުރުން ހުއްޓުވުމުގެ މަސައްކަތް އަދިވެސް ކުރިއަށް

ޖެނުއަރީ 2018ގައި ބޭއްވި ގޯލްޑަން ގްލޯބް އެވޯޑްސްގެ ތެރެއިން؛ މީޓޫ މޫވްމަންޓްގައި ބައިވެރިވުމަށް ގިނަ ތަރިން ގޮސްފައި ވަނީ ކަޅޔު ހެދުމުގައި. ފޮޓޯ: ރިފައިނަރީ 29

އަހަރު ފެށުނީ ގިނަ އަންހެންތަރިންތަކެއް އިސްނަގައިގެން ފެށި "މީޓޫ" އާއި "ޓައިމްސް އަޕް" މޫވްމަންޓްތަކާ އެކުއެވެ.

ވަޒީފާގެ މާހައުލުގައި ހިނގާ ޖިންސީ ތަފާތުކުރުމާއި ފުރައްސާރައާ ދެކޮޅަށް 2017 ވަނަ އަހަރު ފަށާފައިވާ މި މޫވްމަންޓްތަކުގައި މަޝްހޫރު ގިނަ ތަރިންތަކެއް ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ފިރިހެން ތަރިން ވެސް ހިމެނެއެވެ.

#މީޓޫ ސަވައިވަރސް މާޗްގެ ތެރެއިން. ފޮޓޯ: ސްކައިނިއުސް

ހޮލީވުޑްގެ ކާމިޔާބު ޕްރޮޑިއުސަރެއް ކަމަށްވާ ހާވީ ވައިންސްޓައިންއަށް އަމާޒުވި ގިނަ ތުހުމަތުތަކަކާ ގުޅިގެން ގިނަ ތަރިންތަކެއް ފެށި މި މަސައްކަތުގެ ސަބަބުން މިފަދަ އެހެން ގިނަ މައްސަލަތައް ވެސް ވަނީ 2018 ވަނަ އަހަރު ފެންމަތިވެފައެވެ.

އެގޮތުން، މި އަހަރު ވެސް ގިނަ ފަރާތްތަކަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ވަނީ އަމާޒުވެފައެވެ. އޭގެ ތެރޭގައި، ނެޓްފްލިކްސްގެ "ހައުސް އޮފް ކާޑްސް" ސީރީޒްގެ ތަރި ކެވިން ސްޕޭސީ، މަޝްހޫރު ޓީވީ ޕަރސަނަލިޓީ އަދި އެޓްރޯފިޒިސިސްޓެއް ކަމަށްވާ ނީލް ޑެގްރާސް ޓައިސަން، ސީބީއެސް ނެޓްވޯކްގެ ޗީފް އެގްޒެކެޓިވް ލެސް މޫންވެޒް، 'ސްޓްރީޓް ސްމާޓް' އަދި 'އިންވިކްޓަސް' ފިލްމްތަކުން ފެނިގެންދިޔަ މޯގަން ފްރީމަން، އެމްޓީވީގެ ނީވް ޝުލްމަން، އާރް އެންޑް ބީ މިއުޒިކް އައިކަން އާރް ކެލީ، އެކަޑްމީ އޮފް މޯޝަން ޕިކްޗަރސް އެންޑް ސައިންސަސްގެ ރައީސް ޖޯން ބެއިލީ، 'ފުލަރހައުސް'ގެ ތަރިއެއް ކަމަށްވާ ޖެފް ފްރެންކްލިން، 'އިންޓަވިއު' އަދި 'ޕައިނަޕްލް އެކްސްޕްރެސް'ގެ ތަރި ޖޭމްސް ފްރެންކޯ، 'ޓުޑޭ ޝޯވ'ގެ ހޯސްޓް މެޓް ލައުއަރ، 'ވަން ޓްރީ ހިލް' ސީރީޒް އުފެއްދި މާކް ޝްވޯން، ފިލްމީ ތަރި ލުއިސް ސީ ކޭ، 'ގޮސިޕް ގަރލް'ގެ އެޑް ވެސްޓްވިކް އަދި ފިލްމީ ތަރި ސްޓީވަން ސިގާލް ހިމެނެއެވެ.

ތުހުމަތުތައް އަމާޒުވުމުން މި ތަނުން ގިނަ ފަރާތްތަކެއް މައާފަށް އެދިފައިވާ އިރު، ބައެއް ތަރިންގެ ވަޒީފާތައް ވަނީ ގެއްލިފައެވެ.

'ހައުސް އޮފް ކާޑްސް'ގެ މައި ރޯލުން ފެންނަ ކެވިން ސްޕޭސީއަކީ ވަޒީފާ ގެއްލުނު ތަރިއެކެވެ. އަދި މިހާރު އެ ސީރީޒްގެ ފަހު ސީޒަން ކުރިއަށްދާއިރު، މައި ރޯލުން ފެނިގެންދަނީ އަންހެން ތަރިއެކެވެ. އެއީ ރޮބިން ރައިޓްއެވެ.

ކެވިން ސްޕޭސީ. ފޮޓޯ: ސިލްވަރހަބް

މީގެ އިތުރުން، ގިނަ އަހަރުތަކެއް ވަންދެން ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތު އަމާޒުވެފައިވާ ކޮމެޑީ ލެޖެންޑެއް ކަމަށްވާ ބިލް ކޯސްބީގެ މައްސަލަ ނިމި އޭނާއަށް 2018 ވަނަ އަހަރު ހުކުމް ކުރެވުނެވެ. އެކަން ސާބިތުވެ އޭނާ ޖަލަށްލުމަށް ހުކުމްކޮށްފައި ވަނީ އުމުރުން 81 އަހަރުގައެވެ.

މި އަހަރު ވެގެން ދިޔައީ ފިލްމްތަކާއި ސީރީޒްތަކުގެ މުހިއްމު ރޯލުތަކުން ގިނަ އަންހެން ތަރިންތަކެއް ފެނިގެންދިޔަ އަހަރަކަށެވެ. އޭގެ ތެރޭގައި މުހިއްމު އަންހެން ތަރިންތަކެއް ހިމެނޭ 'އޯޝަންސް އެއިޓް،' 'ޓޫމްބް ރެއިޑަރ،' 'އަ ސިމްޕަލް ފޭވަރ،' 'ޓަލީ،' 'ކޮލެޓް،' 'އަޑްރިފްޓް،' 'އަ ޕްރައިވެޓް ވޯރ،' 'ދަ ފޭވަރިޓް' އަދި 'ބަރޑް ބޮކްސް' ފަދަ ފިލްމްތައް ހިމެނެއެވެ.

ފިލްމެއް ކާމިޔާބުވާން ތަރިންގެ ނަސްލު މުހިންމެއް ނޫން

އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމް، 'ބްލެކް ޕެންތަރ'ގެ ތަރިން ޑައިރެކްޓަރ ރަޔަން ކޫގްލަރ (ފަހަތުގައި، ކަޅު ޓީޝަރޓް ލައިގެން) އާއެކު. ފޮޓޯ: ގެޓީ އިމޭޖަސް

މީގެ އިތުރުން، 2018 ވަނަ އަހަރު ވެގެންދިޔައީ ތަފާތު ނަސްލުތަކުގެ ފަރާތްތަކަށް ވެސް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދިޔަ އަހަރަކަށެވެ.

އެގޮތުން، މުޅި ކާސްޓް އެއްކޮށްހެން ކަޅު ނަސްލުގެ ތަރިން ހިމެނޭ، މާވެލްގެ 'ބްލެކް ޕެންތަރ' ރިލީޒް ކުރެވުނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހެވެ. މި ފިލްމަށް 1.347 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އަދި ފިލްމްގެ ކާމިޔާބީއަށް ފަހު 'ބެލްކް ޕެންތަރ 2' ތައްޔާރު ކުރުމަށް މާވެލް އާއި ޑިޒްނީން ނިންމާފައިވާކަމުގެ ޚަބަރު ވަނީ ފެތުރިފައެވެ.

 

'ކްރޭޒީ ރިޗް އޭޝިއަންސް'ގެ ބައެއް ތަރިން. ފޮޓޯ: ރޮޒެޓް

2018 ވަނަ އަހަރު އޮގަސްޓް މަހު ރިލީޒްކޮށްފައިވާ 'ކްރޭޒީ ރިޗް އޭޝިއަންސް' އަކީ ވެސް މިފަދައިން ފާހަގަކޮށްލެވޭ ފިލްމެކެވެ. ދެކުނު އިރުމަތީ އޭޝިއާގެ ދެ މީހެއްގެ ހަޔާތް ދައްކައިދޭ މި ފިލްމްގެ ގިނަ މަންޒަރުތައް ނަގާފައި ވަނީ ސިންގަޕޫރުގައެވެ. ތިރީސް މިލިއަން ޑޮލަރުގެ ބަޖެޓަކުން ތައްޔާރުކޮށްފައިވާ 'ކްރޭޒީ ރިޗް އޭޝިއަންސް'އަށް 138.6 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

މީގެ އިތުރުން ވެސް، ގިނަ ފިލްމްތަކުގެ މުހިއްމު ރޯލުންތަކުން ތަފާތު ނަސްލުގެ ތަރިން ފެނިގެން ދިޔައެވެ.

2018 ވަނަ އަހަރުގެ ބޮޑެތި ބްލޮކްބަސްޓަރތައް

2018ވަނަ އަހަރުގެ އެންމެ ކާމިޔާބު ފިލްމް 'އެވެންޖަރސް: އިންފިނިޓީ ވޯރ'ގެ ޕްރޮމޯޝަން ތެރެއިން. ފޮޓޯ: ޑިޒްނީ

މާވެލް ކޮމިކްސް އިން އުފެދުނު މާވެލް ސްޓޫޑިއޯސް އިން ފިލްމް ތައްޔާރުކުރާތާ 10 އަހަރު 2018 ވަނަ އަހަރު ފާހަގަކޮށްފައިވާއިރު، އަހަރުގެ އެންމެ ކާމިޔާބު ފިލްމްތަކުގެ ތެރޭގައި އެ ސްޓޫޑިއޯގެ ފިލްމްތަކެއް ހިމެނެއެވެ.

ކުރިން ވެސް ފާހަގަކުރި ގޮތަށް، 1.347 ބިލިއަން ޑޮލަރުގެ އާމްދަނީއާ އެކު 'ބްލެކް ޕެންތަރ'އަކީ 2018 ވަނަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި ދެވަނަ ފިލްމެވެ. ފުރަތަމައިގައި އޮތީ މާވެލްގެ އޭޕްރިލް މަހު ރިލީޒްކުރި 'އެވެންޖަރސް: އިންފިނިޓީ ވޯރ' އެވެ. 316-400 މިލިއަން ޑޮލަރުގެ ބަޖެޓެއްގައި ތައްޔާރުކޮށްފައިވާ މި ފިލްމަށް 2.049 ބިލިއަން ޑޮލަރު ވަނީ ލިބިފައެވެ.

މިފަދަ ކޮމިކް ފޮަތްތަކަށް ބިނާކޮށް ތައްޔާރުކުރާ ފިލްމްތަކަށް ހޮލީވުޑްގައި ބާއްވާ އަހަރީ އެވޯޑްތަކުން ނޮން-ޓެކްނޮލޮޖިކަލް ކެޓަގަރީތަކުން ޖާގަ އާންމުކޮށް ނުލިބޭ އިރު، 'ބްލެކް ޕެންތަރ'އަށް ތަފާތު އޮސްކާ ނޮމިނޭޝަނެއް ލިބޭނެކަމަށް ރިޕޯޓްތަކުން ބުނެއެވެ. އޮސްކާ ނޮމިނޭޝަންތައް އިއުލާން ކުރާނީ 22 ޖެނުއަރީ 2019 ގައެވެ. މިއީ ހޮލީވުޑްގެ އެންމެ ޝަރަފުވެރި އެވޯޑެވެ.

'އަކުއަމޭން'ގެ ތަރިން. ފޮޓޯ: ކޮމިކް ކޮން

މީީގެ އިތުރުން، މާވެލްގެ ރައިވަލް 'ޑީސީ ކޮމިކްސް' އިން ވެސް އަހަރު ނިންމާފައި މިވަނީ ވަރަށް ކާމިޔާބުކޮށެވެ. މާވެލްގެ ފިލްމްތަކާ އަޅާބަލާފައި ޑީސީގެ ފިލްމަތަކަށް މާބޮޑު ތަރުހީބެއް ނިމިގެންދިޔަ އަހަރުތަކުގައި ލިބިފައި ނުވާއިރު، އެ ސްޓޫޑިއޯ އިން 7 ޑިސެމްބަރުގައި ވަނީ 'އަކުއާމޭން' ރިލީޒްކޮށްފައެވެ. ފިލްމް ނެރުނުތާ ހަފްތާތަކެއް ވެފައިވާއިރު އެ ފިލްމަށް މިހާތަަނަށް 750 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ.

2018 ވަނަ އަހަރު ވެގެންދިޔައީ 'މިއުޒިކަލް' ނުވަތަ 'މިއުޒިކަލް ބައޯޕިކް'ތަކަށް ވެސް ރަނގަޅު އަހަރަކަށެވެ. އޭގެ ތެރޭގައި ލަވަކިޔުންތެރިޔާ ލޭޑީ ގާގާ އާއި ފިލްމީ ތަރި ބްރޭޑްލީ ކޫޕަރގެ 'އަ ސްޓަރ އިޒް ބޯން،' 'މެރީ ޕޮޕިންސް ރިޓަރންސް' އާއި 1970ގެ އަހަރުތަކުގައި އެންމެ ކާމިޔާބު އެއް ބޭންޑް ކަމަށްވާ 'ކުއީން'ގެ ލީޑް ލަވަކިޔުންތެރިޔާ ފްރެޑީ މަރކިއުރީގެ ހަޔާތަށް ބިނާކޮށް ތައްޔާރުކޮށްފައިވާ 'ބޮހީމިއަން ރެޕްސޮޑީ' ހިމެނެއެވެ.

(ކ) 'އަ ސްޓާ އިޒް ބޯން'ގެ މަންޒަރެއް، (ވ) 'ބޮހީމިއަން ރެޕްސޮޑީގެ މަންޒަރެއް. ފޮޓޯ: 20 ސެންޗަރީ ފޮކްސް/ވޯނަރ ބްރޯސް
 

ލޭޑީ ގާގާ އާއި 'ބޮހީމިއަން ރެޕްސޮޑީ'ގައި ފްރެޑީ މަރކިއުރީގެ ރޯލުން ފެންނަ ރަމީ މަލެކް އާއި 'މެރީ ޕޮޕިންސް ރިޓަރންސް'ގައި މައި ރޯލުން ފެންނަ ދެ ތަރިން- އެމިލީ ބްލަންޓް އާއި ލިން މެނުއަލް މިރެންޑާ-އަށް އޮސްކާ ނޮމިނޭޝަން ލިބޭނެ ކަަމަށް ގިނަ މީހުން ލަފާ ކުރެއެވެ.

2018 ވަނަ އަހަރު ބޮކްސް އޮފީހުގައި އިތުރަށް ފާހަގަކޮށްލެވޭ ފިމްތަކުގެ ތެރޭގައި 'ޖުރަސިކް ވޯލްޑް: ފޯލަން ކިންގޑަމް،' 'ޑެޑްޕޫލް 2،' 'އިންކްރެޑިބްލްސް 2،' 'ވެނަމް،' 'މަމަ މިއާ! ހިއަރ ވީ ގޯ އަގޭން،' 'މިޝަން އިމްޕޮސިބްލް: ފޯލްއައުޓް،' 'ކްރޭޒީ ރިޗް އޭޝިއަންސް' އަދި 'އަ ކުއައެޓް ޕްލޭސް' ހިމެނެއެވެ.

2018 ވަނަ އަހަރުގެ އެންމެ ބޮޑު ފްލޮޕްތައް

'އޯޝަންސް 8'ގެ ކާސްޓް. ފޮޓޯ: އޯޝަންސް 8 ޕްރިމިއަރ

އެހެން އަހަރުތަކެކޭ އެއްފަދައިން، 2018 ވަނަ އަހަރު ވެސް ހީނުކުރާ ފަދަ ފިލްމްތަކެއް ވަނީ ފްލޮޕްވެފައެވެ.

އޭގެ ތެރޭގައި، ސެންޑްރާ ބުލޮކޮ، ރިހާނާ އަދި އެހެން ގިނަ އަންހެން ތަރިން ހިމެނޭ 'އޯޝަންސް 8،' 'ހެރީ ޕޮޓަރ' ލިޔެފައިވާ ޖޭ ކޭ ރޯލިންގގެ 'ފެންޓާސްޓިކް ބީސްޓްސް: ކްރައިމްސް އޮފް ގްރިންޑްލްވޯލްޑް،' ޖެނިފަރ ލޯރެންސްގެ 'ރެޑް ސްޕެރޯ،' ޖޯން ޓްރެވޮލްޓާގެ 'ގޮޓީ' އަދި 'ރޮބިން ހުޑް' ހިމެނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް