ބޮޑުޗުއްޓީގައި ފޮތް ކިއުމާއި، އާ ހުނަރުތައް ދަސްކުރަންޖެހޭ: އެޑިޔުކޭޝަން މިނިސްޓަރު
30 ނޮވެމްބަރު 2018 | ހުކުރު 13:33ޗުއްޓީގެ ބޭނުން ހެޔޮ ގޮތުގައި ހިފަން ޖެހޭ

ގަރލް ގައިޑް އެސޯސިއޭޝަންގެ 7 ވަނަ ގައުމީ ސިކްސާސް ކޭމްޕް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން
ބޮޑުޗުއްޓީގައި ފޮތް ކިއުމާއި، އާ ހުނަރުތައް ދަސްކުރަންޖެހޭ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.
ގަރލް ގައިޑް އެސޯސިއޭޝަންގެ 7 ވަނަގައުމީ ސިކްސާސް ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ މިނިސްޓަރު އައިޝަތު ވިދާޅުވީ ބޮޑު ޗުއްޓީގެ ބޭނުން ހެޔޮ ގޮތުގައި ހިފަން ޖެހޭ ކަމަށެވެ.
އެގޮތުން މިދުވަސްވަރު ސްކްރީނާއި ދުރުވެ ފޮތް ކިޔުން ގިނަ ކުރަންޖެހޭ ކަމަށާއި، އައު ހުނަރުތައް ދަސްކުރަން ޖެހޭ މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެހެން މީހުންނަށް އެހީތެރިވެ ދިނުމަށް ވަގުތު ހޭދަކުރުމަށް ހުރިހާ ދަރިވަރުންނަށް އިލްތިމާސްކުރާ ކަމަށެވެ.
މީގެ އިތުރަށް މިނިސްޓަރު ވިދާޅުވީ ބޮޑު ޗުއްޓީއަކީ ހަމައެކަނި ކުޅިވަރުކުޅެ މަޖާ ކުރަން ލިބޭ ދުވަސްތަކެއް ނޫން ކަމަށާއި، މިދުވަސްތައް ބޭނުންތެރި ގޮތުގައި ހިފައިފިނަމަ އެކުއްޖަކީ ކާމިޔާބު ކުއްޖެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ބެލެނިވެރިންނަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވީ ޗުއްޓީ ދުވަސްވަރު ދަރިވަރު ސްކޫލަށް ކިޔެވުމަށް ނުދިޔަ ނަމަވެސް ގޭގައި ފޮތް ކިޔުމަށް ބާރު އަޅަންޖެހޭ ކަމަށެވެ.
މި ރަސްމިއްޔާތުގައި ސިކްސާރސް ކޭމްޕުން ވަނަވަނައަށް އައި ގައިޑުންނަށް އިނާމް ދީފައިވެއެވެ.
ހުޅުމާލޭ ޢާޒީ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ކޭމްޕުގައި 252 ގައިޑުން ބައިވެރިވެފައިވާ ކަމަށް ގާރލް ގައިޑް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.
މި ކޭމްޕްގެ ތީމަކީ "ވޮއިސަސް އަގެންސްޓް ވައިލެންސް " ނުވަތަ އަނިޔާވެރިކަމާއި ދެކޮޅަށް އަޑުއުފުލުމެވެ.
މިރަސްމިއްޔާތަށްފަހު ކޭމްޕްގެ ބައިވެރިން ތީމާގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޕޯސްޓަރުތައް ގާރލްގައިޑް އެސޯސިއޭޝަންގެ ރައީސްގެ އިތުރުން އެޑިޔުކޭޝަން މިނިސްޓަރު ވަނީ ބައްލަވާލައްވާފައެވެ.









