ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ މިއަދު ކުރައްވާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓްގައި އަންހެން ހަތް ވަޒީރުން ހިމަނައިފި އެވެ.
އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓްގައި ރައީސް މައުމޫނުގެ ފެކްޝަނަށް ނިސްބަތްވާ އަންހެން ތިން ވަޒީރުންނާއި އެމްޑީޕީއަށް ނިސްބަތްވާ އަންހެން ދެ ވަޒީރުންގެ އިތުރުން ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ އަންހެން ވަޒީރަކާއި އަދާލަތު ޕާޓީއަށް ނިސްބަތްވާ އަންހެން ވަޒީރެއް ހިމެނެ އެވެ.
ރާއްޖޭގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ޑިފެންސް މިނިސްޓަރުގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަން ކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓްގަ އެވެ. އެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ ކުރީގެ މެމްބަރު މާރިޔާ އަހްމަދު ދީދީ އައްޔަނު ކުރެއްވިއިރު އެމްޑީޕީގެ ސްލޮޓްގައި މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ މަގާމަށް ޑރ އައިޝަތު އަލީ އައްޔަން ކުރެއްވެވި އެވެ.
މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ އަށް ޒަހާ ވަހީދު އައްޔަނު ކުރެއްވުނު އިރު މިނިސްޓަރ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް އަށް އައްޔަނު ކުރެއްވީ އައިމިނަތު އާތިފާއެވެ. މި ދެ ބޭފުޅުންނަކީ ރައީސް މައުމޫންގެ ފެކްޝަނަށް ނިސްބަތްވާ ބޭފުޅުންނެވެ.
މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާރވިސަސް އަށް އަދާލަތު ޕާޓީގެ ޝިދާތާ ޝަރީފް އައްޔަނު ކުރެއްވި އިރު މިނިސްޓަރ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަން އަށް އައްޔަނު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ އެވެ.
އެޑިއުކޭޝަން މިނިސްޓަރުގެ މަގާމަށް ހައްޔަނުކޮށްފައިވާ ޑރ. އައިޝާ، ރާއްޖޭގެ ގައުމީ ޔުނިވަރސިޓީން އެންމެ ފުރަތަމަ ޕީއެޗްޑީ ހާސިލް ކުރެއްވި ދެބޭފުޅުންގެ ތެރޭގައި ހިމެނެއެވެ. ގައުމީ ޔުނިވަރސިޓީގެ ރަޖިސްޓްރަރގެ މަގާމުވެސް ފުރުއްވި ޑރ. އައިޝާ ޕީއެޗްޑީގެ ތީސީސް ލިޔުއްވީ ރާއްޖޭގެ ތައުލީމީ ސިޔާސަތުގެ ދާއިރާއިންނެވެ.
ފިޝަރީޒް މިނިސްޓަރުގެ މަގާމަށް އައްޔަންކޮށްފައިވާ ޒަހާ ވަހީދު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވެވި އެވެ. އަދި ހައުސިންގ މިނިސްޓަރު ކަމަށް އާތިފާ ޝަކޫރު އައްޔަން ކުރެއްވި އިރު އެކަމަނާވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައެވެ. އަދި ކުރިން ހައުސިން މިނިސްޓްރީގައި ވެސް ވަޒީފާ އަދާކުރެއްވެވި އެވެ.
ޖެންޑަރ މިނިސްޓަރުކަމުގެ މަގާމަށް އައްޔން ކުރެއްވި ޝިދާތާ ވެސް ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައެވެ. ޓްރާންސްޕޯޓް މިނިސްޓަރު ކަމަށް ހައްޔަންކޮށްފައިވާ އައިޝަތު ނަހުލާ އަކީ ކުރިން ސަރުކާރުގެ ވަޒީފާއެއް އަދާކުރެއްވި ބޭފުޅެއް ނޫނެވެ.
މިއީ ރާއްޖޭގެ ތާރީހުގައި ވެސް ކެބިނެޓެއްގައި އެންމެ ގިނަ އަންހެން ވަޒީރުން ހިމެނުއްވި ފުރަތަމަ ފަހަރެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ކެބިނެޓްގައި ތިއްބެވީ އަންހެން ތިން ވަޒީރުންނެވެ. އެއީ ޖެންޑަރ މިނިސްޓަރުގެ މަގާމުގައި ޒެނީޝާ ޝަހީދު ޒަކީ އާއި އެޑިއުކޭޝަން މިނިސްޓަރ އައިޝަތު ޝިހާމުގެ އިތުރުން ޔޫތު މިނިސްޓަރު ކަމުގެ މަގާމުގައި އިރުތިޝާމް އާދަމްއެވެ. ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ފޮރިންގ މިނިސްޓަރު ކަމުގައި ދުންޔާ މައުމޫނާއި ހެލްތު މިނިސްޓަރު ކަމުގެ މަގާމުގައި މަރިޔަމް ޝަކީލާ ހުންނެވިއެވެ. އެހެން ނަމަވެސް އެ ދެ މިނިސްޓަރުން ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ.
ރައީސް މުހައްމަދު ނަޝީދު ސަރުކާރުގައި ހެލްތު މިނިސްޓަރުކަން ޑރ. އައިމިނަތު ޖަމީލް، ބަންޑާރަނައިބު ކަމުގެ މަގާމް ދިޔާނާ ސައީދު، އެޑިއުކޭޝަން މިނިސްޓަރުކަން ޝިފާ މުހައްމަދުގެ އިތުރުން ޓޫރިޒަމް މިނިސްޓަރުކަން މަރިޔަމް ޒުލްފާ އަދާކުރެއްވިއެވެ.