އާ ސަރުކާރުގެ ކެބިނެޓް ހުވާ ކުރެއްވުން ހޮނިހިރު ދުވަހުގެ ރޭގައި އޮންނާނެއެވެ.
ކެބިނެޓް ހުވާކުރެއްވުމަށް މިއަދަށް ތާވަލްކޮށްފައިވާ އިރު އިންތިހާބީ ރައީސް އިބްރަހީމް މުހައްމަދު ސޯލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ފެށޭނީ ހޮނިހިރު ދުވަހުގެ ހަވީރު 05:00 ގައެވެ.
އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ގާތްގަނޑަކަށް ފަސް ގަޑިއިރަށް ވެފައިވާ އިރު އަދިވެސް ބައެއް ކެބިނެޓް މިނިސްޓަރުންނަށް ކޮންފަމޭޝަން ދެއްވާފައެއް ނުވެއެވެ.
އިންތިހާބީ ރައީސްގެ ސަރުކާރުގައި 19 ވުޒާރާއެއްގެ އިތުރުން ދައުލަތުގެ ބަންޑާރަނައިބުގެ އޮފީސް ވެސް ގާއިމް ކުރައްވާނެއެވެ. އެހެން ކަމުން ރައީސާއި ނައިބު ރައީސާ އެކު ރައީސް ސޯލިހުގެ ކެބިނެޓްގައި 22 ބޭފުޅަކު ތިއްބަވާނެއެވެ. މިނިސްޓްރީތައް އިތުރުވި ނަމަވެސް ނިމިގެންމިދާ ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ކުރާ ހޭދަ އަށް ވުރެ އަންނަ ސަރުކާރުގައި 16 ޕަސެންޓް ކުޑަވެގެންދާނެ ކަމަށް އިންތިހާބީ ސަރުކާރުން ބުނެއެވެ. ސިޔާސީ މަގާމުތަކުގެ އަދަދު ރައީސް ޔާމީންގެ ސަރުކާރުގައި 700 އަށް އަރާ އިރު އެ އަށް ވުރެ 100 ވަރަކަށް މަގާމު އިންތިޚާބީ ރައީސްގެ ސަރުކާރުގައި މަދުވާނެ ކަމަށް އިންތިހާބީ ސަރުކާރުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައިވެއެވެ.
އާ މަސްއޫލިއްޔަތުތަށް ހަވާލުކުރެވުނު ފަސް މިނިސްޓްރީއަކީ މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާރވިސަސް، މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއެވެ.
ނަން ބަދަލުވާ ބައެއް މިނިސްޓްރީތަކަކީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ ނަން މިނިސްޓްރީ އޮފް ޑިފެންސް އަށް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ނަން މިނިސްޓްރީ އޮފް ފިނޭންސްގެ ނަމަށް ބަދަލުވެގެންދާއިރު އަދި މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އެނާރޖީގެ ނަން މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ ނަމަށް އާ ސަރުކާރުގައި ބަދަލުވެގެންދާނެއެވެ.
ބަދަލެއް ގެނެސްފައިނުވާ މިނިސްޓްރީތަކަކީ މިނިސްޓްރީ އޮފް ހޯމް އެފެއާރޒް، މިނިސްޓްރީ އޮފް ފޮރިން އެފެއާރޒް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް، މިނިސްޓްރީ އޮފް އެޑިއުކޭޝަން، މިނިސްޓްރީ އޮފް ޓުއަރިޒަމް، މިނިސްޓްރީ އޮފް ހެލްތު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި އެޓާރނީ ޖެނެރަލްގެ އޮފީހެވެ.