އިންތިޚާބާ ގުޅޭ ދޮގު އިންޓެލިޖެންސް ރިޕޯޓެއް ނެތްކަން ފުލުހުން ޔަގީންކޮށްދޭން ޖެހޭ: ރައީސް ނަޝީދު
12 އޮކްޓޯބަރު 2018 | ހުކުރު 13:14އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޮވެންބަރު 11 ވަނަ ދުވަހު ހުވާ ކުރައްވަން ޖެހޭ


ކުރީގެ ރައީސް މުހައްމަދު ނަޝީދު، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު
ރިޔާސީ އިންތިޚާބާ ގުޅޭ ދޮގު އިންޓެލިޖެންސް ރިޕޯޓެއް ނެތްކަން ފުލުހުން ޔަގީންކޮށްދޭން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ފަރާތްފުޅުން އިންތިޚާބު ބާތިލް ކުރުމަށް ސްޕްރިމްކޯޓަށް ހުށަހަޅާފައިވާ މިދަނޑިވަޅުގައި ރައީސް ނަޝީދު ވިދާޅުވީ އިންތިޚާބު ބާތިލު ކުރުމަށް އުފެއްދި ދޮގު ހެކީގެ ތެރޭގައި ފުލުހުންގެ "ދޮގު އިންޓެލިޖެންސް ރިޕޯޓެއް" ނުހިމެނޭކަން ރައްޔިތުންނަށް ޔަގީންކޮށްދީ ފުލުހުންގެ މުއައްސަސާއިން ބަޔާނެއް ނެރުން މުހިއްމު ކަމަށެވެ.
ރައްޔިތުންގެ ނިންމުން ރައީސް ޔާމީން ބަލައިގެންފައިވާކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޮވެންބަރު 11 ވަނަ ދުވަހު ހުވާ ކުރައްވަން ޖެހޭ ކަމަށެވެ.
ސުޕްރީމް ކޯޓުން މިހާރު ވަނީ ރައީސް ޔާމީން ހުށަހެޅުއްވި މައްސަލަ ބަލައިގަނެ ހޮނިހިރު ދުވަހު ހެނދުނު 11:00 ގެ ކުރިން ޖަވާބުދާރީވުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގާފައެވެ. އަދި މައްސަލައިގެ ޝަރީއަތް ވަނީ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 އަށް ސުޕްރީމް ކޯޓްގައި ތާވަލްކޮށްފައެވެ.
މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ކޯލިޝަންގެ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 58.4 އިންސައްތަ އާއެކު ވަނީ ކާމިޔާބު ކުރައްވާފައެވެ. ރައީސް ޔާމީނަށް 41.6 އިންސައްތައާއެކު ބޮޑު ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގަތުމުން އިންތިޚާބު އޮޅުވާލާފައިވާ ކަމަށް އެމަނިކުފާނާއި، އެމަނިކުފާނަށް ތާއީދު ކުރާ މަދު މީސްކޮޅަކުން ދަނީ ތުހުމަތު ކުރަމުންނެވެ.






