ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން 423 ޝަކުވާއެއް ހުށަހެޅުނު ކަމަށާއި އޭގޭ ތެރޭގައި އިންތިހާބުގެ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ މައްސަލައެއް ނުހިމެނޭ ކަމަށް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ އިންތިހާބީ މަރުކަޒުގައި ދާއިމީ ނަތީޖާ އިއުލާނުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ، އިންތިހާބާ ގުޅިގެން ގައުމީ ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކޮށްފައިވާ ކަމަށެވެ. ޝަރީފު ވިދާޅުވީ މިހާތަނަށް ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރެއިން 229 ޝަކުވާއަކަށް ޖަވާބު ދެވިފައިވާ ކަމަށެވެ.
"ޖަވާބު ނުދިވި އެ މައްސަލަ ބަލަން ޖެހިފައިވާ 194 ޝަކުވާއެއް އުޅޭ. މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ހުށަހެޅިފައިވާ ޝަކުވާތަކަކީ ރީރަޖިސްޓްރޭޝަނާ ގުޅޭ ގޮތުން 12 ޝަކުވާއެއް. އިންތިހާބަށް ނުފޫޒު ފޯރުވުމާ ގުޅޭ ގޮތުން ހަތް ޝަކުވާއެއް. ވޯޓާސް ލިސްޓާ ގުޅޭ ގޮތުން ދެ ޝަކުވާއެއް. ވޯޓިންގ ބޫތު ބެހެއްޓިފައިވާ ގޮތުން 41 ޝަކުވާއެއް. ފޯނު އަތް ދަބަސް ޕޯލިންގ ސްޓޭޝަނަށް ހުށަހެޅުމާ ގުޅޭ ގޮތުން 38 ޝަކުވާއެއް،" ޝަރީފު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނަށް އިތުރު ލިސްޓެއް ގެންގުޅުނު ކަމުގެ 23 ޝަކުވާއެއް ހުށަހެޅިފައިވާ އިރު ޔޫވީ ލައިޓާ ގުޅިގެން 28 ޝަކުވާއެއް ހުށަހެޅިފައިވެއެވެ. ވޯޓު ފޮއްޓަށް ވޯޓު އިތުރުވުމާ ގުޅިގެން ތިން ޝަކުވާއެއް ހުށަހެޅިފައި ވެއެވެ. މީގެ އިތުރުން ބާތިލް ވޯޓާ ގުޅިގެއް އެއް ޝަކުވާ ހުށަހެޅިފައިވާ އިރު ކެމްޕެއިން ކުރުމާ ގުޅޭ ގޮތުން ހަ ޝަކުވާއެއް ވެސް ވަނީ ހުށަހެޅިފައެވެ. ވޯޓުލުމުގެ އިންތިޒާމާ ގުޅޭ ގޮތުން 42 ޝަކުވާއެއް ހުށަހެޅިފައިވެއެވެ. އަދި ވޯޓު ގުނުމާ ގުޅޭ ގޮތުން 11 ޝަކުވާއެއް، ވޯޓު ކަރުދާހާ ގުޅޭ ގޮތުން ތިން ޝަކުވާއެއް، އޮބްޒަރވަރުންނާއި މޮނިޓަރުންނާ ގުޅޭ 11 ޝަކުވާއެއް އަދި އޮފިޝަލުންނާ ގުޅޭ ފަސް ޝަކުވާއެއް ވަނީ ހުށަހެޅިފައެވެ. އައިޑީ ކާޑަށް ފައިސާ ނެގުމާ ގުޅޭ އެއް ޝަކުވާ އަކާއި ނަންނެތި ވޯޓުލާފާއިވުމާ ގުޅޭ އެއް ޝަކުވާ އާއި ރިޝްވަތު ދިނުމާ ގުޅޭ ގޮތުން ތިން ޝަކުވާއެއް ވަނީ ހުށަހަޅާފައެވެ.
ޝަރީފު ވިދާޅުވީ، ގައުމީ ކޮމްޕްލެއިންސް ބިއުރޯ އިން މި މައްސަލަތައް ބެލުމަށް ފަހު އިންތިހާބުގެ ރަސްމީ ނަތީޖާއަށް އެއްވެސް އަސަރެއް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ. ޝަރީފު ވިދާޅުވީ، ރަސްމީ ނަތީޖާ އިއުލާނު ކުރުން ލަސްވީ އެއްވެސް ބައެއްގެ ޕްރެޝަރަކުން ނުވަތަ ނުފޫޒަކުން ވެސް ނޫން ކަމަށެވެ.
ޝަރީފު ވިދާޅުވީ، އިންތިހާބުގެ ކަންކަން ޖުމްލަ ގޮތެއްގައި ދިޔައީ ވަރަށް އަމާން އޮމާންކޮށް ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކޮށްފައިވާއިރު ވަގުތީ ނަތީޖާ އާއި ދާއިމީ ނަތީޖާއާ ދެމެދު އުޅެނީ 80 ވޯޓުގެ ތަފާތެވެ. ވަގުތީ ނަތީޖާގައި ރައީސް އަބްދުﷲ ޔާމީނަށް 96،132 ވޯޓު ލިބުނު ނަމަވެސް އެއަދަދު ދާއިމީ ނަތީޖާ އިއުލާނު ކުރި އިރު އެ އަދަދު ވަނީ 96052 ވޯޓަށް ދަށްވެފައެވެ. އެއީ 80 ވޯޓުގެ ތަފާތެކެވެ. ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޔާމީނަށް ލިބިފައިވަނީ 41.6 ޕަސެންޓެވެ. ނަތީޖާއަށް ބަދަލުތަކެއް އައިސްފައިވަނީ ނަޓީޖާ ޝީޓްތައް އެންޓަރ ކުރި އިރު ހުރި މައްސަލަތަކެއްގެ ސަބަބުން ކަމަށް ޝަރީފް ވިދާޅުވިއެވެ.
ވަގުތީ ނަތީޖާ އިން އިބްރާހީމް މުހައްމަދު ސޯލިހަށް ލިބުނީ 134،616 ވޯޓެވެ. ދާއިމީ ނަތީޖާއަށް ބަލާއިރު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓަށް ލިބިފައި ވަނީ 134،705 ވޯޓެވެ. އެއީ 89 ވޯޓުގެ އިތުރުވުމެކެވެ. އިބޫ އަށް ވޯޓުލީ މީހުންގެ 58.4 ޕަސެންޓް ތާއީދުކޮށްފައި ވެއެވެ. މިއަހަރުގެ ރިޔާސީ އިންތިހާބުގައި 233،889 މީހުން ވޯޓުލާފައިވާ އިރު މިއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 89 ޕަސެންޓެވެ.