ކ. މާލެ
|
10 ސެޕްޓެންބަރ 2024 | އަންގާރަ 12:50
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ޓްރެފިކް ލައިޓްތަކުގައި އާންމުކޮށް ބޭނުންކުރަނީ ރަތް، ރީނދޫ އަދި ފެހި ކުލަ
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ޓްރެފިކް ލައިޓްތަކުގައި އާންމުކޮށް ބޭނުންކުރަނީ ރަތް، ރީނދޫ އަދި ފެހި ކުލަ
ރާއްޖެއެމްވީ ގްރެފިކްސް
ޓްރެފިކް ބައްތި
ޓްރެފިކް ބައްތިތަކުގައި ރަތް، ރީނދޫ އަދި ފެހި ކުލަ ބޭނުންކުރަނީ ކީއްވެ؟
ޓްރެފިކް ސިގްނަލް ނިޒާމުތަކުގައި ބޭނުންކުރި ފުރަތަމަ ކުލަ ނިޒާމު ބިނާވެފައިވަނީ ކަނޑުމަތީގައި ދުއްވާ އުޅަނދުފަހަރުގައި ބޭނުންކުރާ ނެވިގޭޝަން ބައްތިތަކުގެ ނިޒާމުގެ މައްޗަށެވެ.

ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ބޭނުންކުރާ ޓްރެފިކް ލައިޓަށް ފާއިތުވި ގާތްގަނޑަކަށް 100 އަހަރު ތެރޭގައި މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. މިއީ 1921 ގައި ޑެޓްރޮއިޓްގެ ފުލުހެއްކަމަށްވާ ވިލިއަމް ޕޮޓް އެމެރިކާގައި ފުރަތަމަ ތިން ބައި އެކުލެވޭ ޓްރެފިކް ލައިޓް އުފެއްދި ފަހުންނެވެ. މިހާރު މާހިރުން ބުނާ ގޮތުގައި ޑްރައިވަރު ނުލާ ދުއްވާ ކާރުތައް އިތުރުވަމުން އަންނާތީ، އެފަދަ ކާރުތަކާއި ޓްރެފިކް ސިގްނަލްތަކާ ދެމެދު ރަނގަޅަށް މުޢާމަލާތް ކުރެވޭކަން ޔަގީންކުރުމަށް އައު ސަލާމަތީ އުސޫލުތަކެއް ބޭނުންވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ޓްރެފިކް ލައިޓްތަކުގައި އާންމުކޮށް ބޭނުންކުރަނީ ރަތް، ރީނދޫ އަދި ފެހި ކުލައެވެ. މިއީ މަގުމަތީގެ ހަތަރު އަނގޮޅިތަކާއި މީހުން މަގު ހުރަސްކުރާ ތަންތަނުގައި ޑްރައިވަރުން ހުއްޓަންވީތޯ، ކުރިއަށް ދާންވީތޯ ނުވަތަ ހުއްޓުމަށް ނުވަތަ ދިއުމަށް ތައްޔާރުވާންވީތޯ އަންގައިދިނުމަށެވެ.

ނޯތު ކެރޮލައިނާ ސްޓޭޓް ޔުނިވަރސިޓީ (އެންސީއެސްޔޫ) ގެ އިންޖިނިއަރިންގ ޕްރޮފެސަރ އަލީ ހަޖްބާބާއީ އަކީ ޑްރައިވަރު ނުލާ ދުއްވާ ކާރުތަކުން ޓްރެފިކް ސިގްނަލްތަކަށް އިޖާބަދޭ ގޮތް ދިރާސާކޮށް އައު ޓްރެފިކް ނިޒާމެއް ފަރުމާކުރުމަށް މަސައްކަތްކުރާ ޓީމެއްގެ އިސްވެރިޔާއެވެ.

ހަޖްބާބާއީ އެސޯސިއޭޓެޑް ޕްރެސް ނިއުސް އޭޖެންސީއަށް ބުނެފައިވަނީ އޭނާ ހުށަހަޅަނީ އިތުރު އައްޔެއް ކަމަށާއި، ފަހަރުގައި އެއީ ހުދު އައްޔެއް އިތުރުކުރުމަށް ކަމަށެވެ. ޓްރެފިކް ސިގްނަލްތަކަކީ ހަމައެކަނި ސަލާމަތްތެރިކަމާ ގުޅޭ އެއްޗެއް ނޫނެވެ. އެއިން ޓްރެފިކް ފްލޯ ރަނގަޅުކޮށް، މަގުމަތީގެ ތޮއްޖެހުން މަދުކޮށް، އަދި މީހުން މަގުމަތީގައި ގިނަ ވަގުތާއި ތެޔޮ ބޭކާރު ނުކުރާތީ އިޤްތިޞާދަށްވެސް ފައިދާ ކުރެއެވެ.

އިންރިކްސް އިން ނެރުނު 2022 ގެ ގްލޯބަލް ޓްރެފިކް ސްކޯކާޑުގައިވާ ގޮތުން، ޔުނައިޓެޑް ކިންގްޑަމް، ޖަރުމަނުވިލާތް އަދި އެމެރިކާގެ މަގުތަކުގެ ތޮއްޖެހުމުގެ ސަބަބުން އިޤްތިޞާދަށް ލިބުނު ގެއްލުމުގެ އަގަކީ 2.2 ބިލިއަން ޑޮލަރެވެ. މި އަގު ދަށްކރުމަށްޓަކައި ޓްރެފިކް ލައިޓްތަކުގެ ދައުރު ވަރަށް ބޮޑެވެ.

ނަމަވެސް މުސްތަޤުބަލަށް މަގު ދައްކައިދިނުމަށް އަޅުގަނޑުމެންނަށް މާޒީން އިތުރު ކޮން ކަމެއް ދަސްކުރެވިދާނެ ހެއްޔެވެ؟ ޓްރެފިކް ލައިޓް އީޖާދުކުރެވުނީ ކޮން އިރަކު ހެއްޔެވެ؟ ދުނިޔޭގެ އެންމެ ފުރަތަމަ ޓްރެފިކް ލައިޓް ހަރުކުރެވުނީ ލަންޑަނުގެ ޕާލިމެންޓް ސްކުއެއަރގައި، ޕާލިމެންޓް އިމާރާތާ ދިމާލަށް، 10 ޑިސެމްބަރު 1868 ގައެވެ.

ޓްރެފިކް ލައިޓް ހަރުކުރެވިފައިވަނީ މަތީ ބައިގައި ހުރި ތަނބެއްގެ ގޮތުގައެވެ. އޭގައި ހުރީ މައްޗަށާއި ތިރިއަށް ހަރަކާތްކުރާ ސެމަފޯ ސިގްނަލް ދަނޑިތަކެކެވެ. އެއިން ޓްރެފިކް ހުއްޓަން ނުވަތަ ދުއްވަން އަންގައެވެ. އަދި ރަތް އަދި ފެހި ގޭސް ލައިޓްތަކެއްވެސް ހުރެއެވެ. ޓްރެފިކް ފުލުހެއްގެ އިޝާރާތްތައް ތަކުރާރުކުރާ ގޮތަށް ފަރުމާކުރެވިފައިވާ މި ލައިޓުގައި، ދެ ދަނޑިވެސް ސީދާކޮށް ހުރެއްޖެނަމަ ޓްރެފިކް ހުއްޓަންޖެހެއެވެ. އަދި 45 ޑިގްރީގެ އެންގަލްއެއްގައި ހުރެއްޖެނަމަ ކުރިއަށް ދެވިދާނެއެވެ. ރޭގަނޑު ބޭނުންކުރަނީ ރަތް އަދި ފެހި ގޭސް ލައިޓްތަކެވެ.

ރޭލްވޭ ސިގްނަލިންގ ސިސްޓަމެއްގެ މައްޗަށް ބިނާކޮށް، މި ނިޒާމު ހިންގުމަށް ފުލުހެއްގެ އެހީ ބޭނުންވިއެވެ. ބިމުގެ އަޑިން ހޮޅިއެއް މެދުވެރިކޮށް ގޭސް ފޯރުކޮށްދީގެން ބައްތިތައް ދިއްލުމަށް ބޭނުންވާ ހަކަތަ އުފެއްދިއެވެ. ނަމަވެސް، ފުރަތަމަ ފަރުމާކުރެވުނު ޓްރެފިކް ބައްތި ފެށުނީ ދަތި ގޮތަކަށެވެ. ބިމުގެ އަޑިން ގޭސް ފޯރުކޮށްދޭ ހޮޅިން ގޭސް ލީކުވެ، ޓްރެފިކް ބައްތީގެ މެކޭނިޒަމުގައި ގޮވުމެއް މެދުވެރިވެ، އެ ނިޒާމު ހިންގަމުންދިޔަ ފުލުހަށް އަނިޔާވިއެވެ. ސަލާމަތީ ގޮތުން ނުރައްކާތެރިކަމަށް ބެލެވުމާއެކު، އެ ޓްރެފިކް ބައްތި އަވަހަށް ނެގުނެވެ. އަދި ޖެހިގެން އައި 60 އަހަރު ވަންދެން ޓްރެފިކް ބައްތިތައް މަނާކުރެވުނެވެ.

1931 ވަނަ އަހަރުގެ ޖުލައި 3 ވަނަ ދުވަހު ލަންޑަންގެ މެދުތެރޭގައި ހުންނަ އޮކްސްފޯޑް މަގުގައި އައު ޓްރެފިކް ސިގްނަލްތަކެއް ބޭނުންކުރަން ފެށުނު. މިއީ ލަންޑަންގައި 60 އަހަރު ދުވަހުގެ މަނާކުރުމަކަށްފަހު ޓްރެފިކް ސިގްނަލްތައް އަލުން ތަޢާރަފުކުރިތާ 2 އަހަރު ފަހުން - ގެޓީ އިމޭޖަސް

1921 ގައި ޑެޓްރޮއިޓްގައި ތިން ކުލައިގެ ސިގްނަލް ދޭ ނިޒާމެއް އީޖާދުކުރެވުމާ ގުޅިގެން، 1929 ގައި ބްރިޓިޝް މަގުތަކަށް ޓްރެފިކް ބައްތިތައް އަނބުރާ ގެނެވުނެވެ. ކަރަންޓުން ހިންގާ ފުރަތަމަ ޓްރެފިކް ބައްތިތައް އީޖާދުކުރީ 1923 ގައި އެފްރިކަން-އެމެރިކަން މުޚްތަރިއު ގެރެޓް މޯގަންއެވެ. އޭނާ އެންމެ ފަހުން އޭނާގެ ޑިޒައިން ޖެނެރަލް އިލެކްޓްރިކަށް ވިއްކާލީ 40،000 (މިއަދުގެ އަގުން 730،000) ޑޮލަރަށެވެ.

ޓްރެފިކް ބައްތިތަކުގައި ރަތް، ރީނދޫ އަދި ފެހި ކުލަ ބޭނުންކުރަނީ ކީއްވެ؟

ޓްރެފިކް ސިގްނަލް ނިޒާމުތަކުގައި ބޭނުންކުރި ފުރަތަމަ ކުލަ ނިޒާމު ބިނާވެފައިވަނީ ކަނޑުމަތީގައި ދުއްވާ އުޅަނދުފަހަރުގައި ބޭނުންކުރާ ނެވިގޭޝަން ބައްތިތަކުގެ ނިޒާމުގެ މައްޗަށެވެ. ރަތް އަދި ފެހި ބައްތިތައް ބޭނުންކޮށްގެން، ކައިރިވަމުންދާ އުޅަނދުފަހަރުގެ ފަޅުވެރިންނަށް ވަގުތުން އެނގޭނެ އުޅަނދެއް ދަތުރުކުރަމުންދާ ދިމާލަކީ ކޮބައިކަން އަންގައި ދިނުމެވެ. މި ބައްތި ނިޒާމަކީ ކުރީ ޒަމާނުގައި ގެންގުޅުނު ގުޅުން ހުއްޓުވުމުގެ ނިޒާމެކެވެ. ޚާއްޞަކޮށް ރޭގަނޑު ވަގުތު ފެންނަ މިންވަރު ދަށްވެފައިވާ ޙާލަތްތަކުގައި އެވެ. މިހާރުގެ ޓްރެފިކް ބައްތިތަކުގައި ބޭނުންކުރާ ރީނދޫ ބައްތި ތަޢާރަފުކުރެވުނީ 1921 ގައި މުޚްތަރިއު ވިލިއަމް ޕޮޓްސް ޑެޓްރޮއިޓަށް ތިން ކުލައިގެ ޓްރެފިކް ބައްތި ގެނައުމާ ގުޅިގެންނެވެ. މި އައު އީޖާދުގައި ކުރިން ބޭނުންކުރަމުންދިޔަ ރަތް އަދި ފެހި ސިގްނަލްތަކުގެ އިތުރުން ރީނދޫ "ސަމާލުވުމުގެ" ބައްތިއެއް އިތުރުކުރެވުނެވެ.

ޓްރެފިކް ލައިޓް ސިސްޓަމްގެ ތަފާތު ބާވަތްތަކަކީ ކޮބާ؟

ޓްރެފިކް ސިގްނަލް ޓެކްނޮލޮޖީގެ ތަފާތު ބާވަތްތައް ހުރި ނަމަވެސް، ގިނަ ޓްރެފިކް ސިސްޓަމްތައް ބެހިގެންވަނީ ދެ ބަޔަކަށެވެ. އެއީ ކަނޑައެޅިފައިވާ ވަކި ތާވަލަކާ އެއްގޮތަށް މަސައްކަތްކުރާ ޓްރެފިކް ސިގްނަލްތައް، އަދި ޓްރެފިކްގެ ވޮލިއުމަށް ބަލައި ވަގުތު ބަދަލުކުރެވޭ ޓްރެފިކް ސިގްނަލްތަކެވެ.

ޓްރެފިކް ސިގްނަލިންގގެ ބައެއް ތަފާތު މޮޑެލްތަކަކީ:

ފިކްސްޑް-ޓައިމް ޓްރެފިކް ސިގްނަލްތައް:މިއީ ޓްރެފިކްގެ ވޮލިއުމަށް ބިނާކޮށްފައިވާ އެއްޗެއް ނޫނެވެ. ޓްރެފިކް ޕްލޭނަރު ކޮންމެ ލައިޓް ސެޓެއްގެ ވަގުތު ކަނޑައަޅަނީ އާންމު ދިރާސާތަކަށް ބިނާކޮށް، ކަނޑައެޅިފައިވާ ވަކި ވަގުތެއްގައި ޓްރެފިކް ކުރިއަށް ގެންދިއުމަށެވެ.

ޑިޓެކްޝަން ޓްރެފިކް ސިގްނަލްތައް:"އެކްޗުއޭޓެޑް ޓްރެފިކް ސިގްނަލްތައް" ގެ ނަމުންވެސް މަޝްހޫރު މި ސިގްނަލްތައް މަސައްކަތްކުރަނީ މަގުގައި ވަޅުލެވިފައިވާ އާލާތްތަކާ އެކުގައެވެ. މި އާލާތްތަކުން ޖަންކްޝަނެއްގައި މަޑުކޮށްގެން ތިބި އުޅަނދުފަހަރުގެ އަދަދާއި ވޮލިއުމް ދެނެގަނެ، ޓްރެފިކް ސިގްނަލާ ސިންކްވެ، ޓްރެފިކް ހުއްޓަންވީ ވަގުތާއި ކުރިއަށްދާންވީ ވަގުތު ދައްކައިދެއެވެ.

ސްޕްލިޓް-ސައިކަލް އޮފްސެޓް އޮޕްޓިމައިޒޭޝަން ޓެކްނިކް (ސްކޫޓް):މި ޓްރެފިކް މެނޭޖްމަންޓް ސިސްޓަމްގެ މަޤްޞަދަކީ ރިއަލް-ޓައިމް ޓްރެފިކް ޑޭޓާ ބޭނުންކޮށްގެން ޖަންކްޝަންތަކުގައި ޓްރެފިކްގެ ވޮލިއުމް އެންމެ އެދެވޭ ގޮތުގައި ބެހެއްޓުމެވެ. ސްކޫޓްއިން ޓްރެފިކް ސިގްނަލްތަކުން އެއްކުރެވޭ ޑޭޓާއަށް ބިނާކޮށް ލައިޓްތަކުގެ ތަރުތީބު އަމިއްލައަށް ބަދަލުކުރެއެވެ. މިކަމުން ޓްރެފިކް ޖެހުން މަދުކޮށް، ޓްރެފިކްގެ ދައުރު ރަނގަޅުކުރުމަށް އެހީތެރިވެދެއެވެ.

ފައިމަގުހިނގާ މީހުން އެކްޓިވޭޓްކުރާ ޓްރެފިކް ސިގްނަލްތައް:މިއީ އަތުން ފިތާލެވޭ ބަޓަނަކުން ނުވަތަ ފައިމަގުހިނގާ މީހަކު ހުރިކަން ދެނެގަންނަ ސެންސަރަކުން އެކްޓިވޭޓްކޮށް، ޓްރެފިކް ހުއްޓުވުމަށް ލައިޓްތައް ބަދަލުކުރާ ސިގްނަލްތަކެކެވެ.

ޓްރެފިކް ސިގްނަލް ޓެކްނޮލޮޖީގެ ތަފާތު ބާވަތްތައް ހުރޭ - ގެޓީ އިމޭޖަސް

ޓްރެފިކް ނިޒާމުތަކުގައި އޭއައި ބޭނުންކުރެވިދާނެތަ؟

މިޗިގަން ޔުނިވަރސިޓީގެ ސިވިލް އިންޖިނިއަރިންގ ޕްރޮފެސަރ ހެންރީ ލިއު އަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ޓްރެފިކް ޖެހުމުގެ މައްސަލަތައް ހައްލުކުރުމަށް ތަފާތު އެޕްރޯޗެއް ގެނެސްފައިވާ ފަރާތެކެވެ. ފާއިތުވި އަހަރުގެ ފެބްރުއަރީ މަހު އެމެރިކާގެ ޓްރާންސްޕޯޓް މިނިސްޓްރީން 15 މިލިއަން ޑޮލަރުގެ ގްރާންޓެއް ލިބި، ސެންޓަރ ފޯ ކަނެކްޓެޑް އެންޑް އޮޓޮމޭޓެޑް ޓްރާންސްޕޯޓޭޝަން ޤާއިމުކުރުމަށްފަހު، ލިއު އާއި އޭނާގެ ޓީމުން މިހާރު ވަނީ ގްލޯބަލް ޕޮޒިޝަނިންގ ސިސްޓަމް (ޖީޕީއެސް) ހަރުކޮށްފައިވާ ކާރުތަކުން ލިބޭ ރިއަލް-ޓައިމް ލޮކޭޝަން އަދި ސްޕީޑުގެ މަޢުލޫމާތު ބޭނުންކޮށްގެން ޓްރެފިކް ލައިޓްތަކަށް ސިގްނަލް ދެވިދާނެތޯ ޑިޓްރޮއިޓްގެ ބާރމިންގހަމް ސަރަޙައްދުގައި ޓެސްޓުކުރަން ފަށާފައެވެ.

ޑިޓްރޮއިޓްގެ މި ވަކި ސަރަޙައްދު ހޮވާފައިވަނީ ބާރމިންގހަމްގެ 34 ޓްރެފިކް ލައިޓް ވެސް ބަރޯސާވަނީ ކަނޑައެޅިފައިވާ ވަކި ތާވަލަކަށް ކަމަށްވާތީއެވެ. ލިއު ބުނި ގޮތުގައި، މި ލައިޓްތަކަށް ކެމެރާތަކުން ނުވަތަ ސެންސަރތަކުން ޓްރެފިކް ފްލޯގެ މަޢުލޫމާތު ނުލިބޭތީ، އެއްވެސް ދަތިކަމެއްނެތި ހަމައެކަނި ކާރުތަކުން ލިބޭ މަޢުލޫމާތު ބޭނުންކޮށްގެން މި ލައިޓްތައް ކޮންޓްރޯލްކުރެވިދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް