އިލެކްޝަންސް ކޮމިޝަނުން ފޮށިތަކުގެ އޮފިޝަލުންނަށް އެދި ހުށަނާޅާ ބަޔަކު އޮފިޝަލުންނަށް ކަނޑައެޅުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ވ. ރަކީދޫގެ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ކަނޑައަޅާފައިވާ ފަރާތަކުން ރާއްޖެއެމްވީ އަށް ބުނީ، އޮފިޝަލެއް ކަން އެނގުނީ ކައުންސިލުން އޮފިޝަލުންގެ މައުލޫމާތުތައް ހާމަކުރުމުން ކަމަށެވެ. އެއްވެސް އިރެއްގައި އޮފިޝަލު ކަމަށް ކުރިމަތިނުލާ ކަމަށާއި އޮފިޝަލުންގެ ފޯމު ހުށަހަޅާފައި ވަނީ ކޮން ފަރާތަކުން އަދި ކިހިނެއްކަން ވެސް ނޭނގޭ ކަމަށެވެ.
އެހެން އޮފިޝަލަކު ކިޔައިދިން ގޮތުގައި ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ތެރެއިން ބައެއް އޮފިޝަލުންނަކީ އެކަން ކުރުމުގެ ގާބިލްކަން ވެސް ނެތް ފަރާތްތަކެކެވެ. އެގޮތުން އިންތިޚާބުގެ މަސައްކަތުގައި ކޮމްޕިއުޓަރާއި ޓެބްލެޓް ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކުރާ އިރު ބައެއް އޮފިޝަލުންގެ ގޮތުގައި ކޮމްޕިއުޓަރު ބޭނުންކުރަން ނޭނގޭ މީހުން ހިމެނޭ ކަމަށް ވެސް އޭނާ ބުންޏެވެ.
"އޮފިޝަލުންނަށް ނަގާފައި ތިބީ އެކަން ކުރަން ދަންނަ ބައެއް ނޫން. ނަންބަރު ދޫކުރަން ކަނޑައަޅާފައިވާ އޮފިޝަލަށް ކޮމްޕިއުޓަރަކާ ކުޅެން ވެސް ނޭންގޭނެ،" އޮފިޝަލަކު ބުންޏެވެ.
ރިޔާސީ އިންތިހާބުގައި ވޯޓުލާ މީހުންގެ ލިސްޓްގެ ކަންކަން ބެލެހެއްޓުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ ޓެބްލެޓެކެވެ.
"މިއީ ސިޔާސީ ކަމެއް ވެގެނެއް ނޫން ކަންބޮޑުވަނީ. އަމިއްލައަށް ކުރިމަތިނުލާއިރު އޮފިޝަލަށް ވުން އެއީ އަމިއްލައަށް ގަބޫލު ކުރަން ބޭނުންވާ ކަމެއް ނޫން. އެހެން ވީމަ އޮފިޝަލަކަށް ހުންނަން ބޭނުން ނުވާކަން ވަނީ ކައުންސިލް އިދާރާއަށް އަންގާފައި،" އިލެކްޝަންސް ކޮމިޝަނުން އޮފިޝަލެއްގެ ގޮތުގައި ކަނޑައަޅާފައިވާ މީހަކު ބުންޏެވެ.
އޮފިޝަލުން ނެގުމުގައި ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތްތަކަށް އިސްކަންދީފައިވާކަން ފާހަގަކޮށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އޮފިޝަލުންގެ ގޮތުގައި ނުވަތަ ވޯޓުލާ ސަރަހައްދުތަކުގެ ވެރިންނަށް ނަގާފައިވާ ފަރާތްތައް ޕީޕީއެމްގެ ހަރަކާތްތަކުގައި ބައިވެރިވާ މައްސަލަ ވަނީ ފެންމަތިވެފައެވެ. ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އޮފިޝަލުންގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޕީޕީއެމުން ފޮނިވި ލިސްޓެކެވެ.
އިލެކްޝަންސް ކޮމިޝަނުން ރަކީދޫއަށް ޕޯކަލް ޕޮއިންޓްގެ ގޮތުގައި ކަނޑައަޅާފައިވާ ހުސައިން މުއާޒް ބުނީ، އިލެކްޝަންސް ކޮމިޝަނުން އޮފިޝަލުންގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތްތަކުންގެ ލިސްޓް ފޮނުވުމާ އެކު އެކަން ލިސްޓްގައި ތިބި ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ. އޭގެ އިތުރުން އޮފިޝަލުންގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތްތަކާ ބައްދަލު ކުރުމުން އިތުރު އެހެން ފަރާތަކުން ވެސް އޮފިޝަލަށް ވުމަށް އަމިއްލައަށް ކުރިމަތިނުލާ ކަމަށާއި އެހެން ކަމުން އޮފިޝަލަށް ނުވެވޭނެ ކަން އަންގާފައިވާ ކަމަށް ބުނެފައިވާ ކަމަށް ވެސް މުއާޒް ބުންޏެވެ. މި ލިސްޓުގައި ތިބި ފަރާތްތަކަކީ މިކަން ކުރުމުގެ ގާބިލްކަން ހުރި ފަރާތްތައް ކަމަށް ގަބޫލު ނުކުރާ ކަމަށާއި ތައުލީމީ ގޮތުން ބެލިއަސް އޮފިޝަލުންނަށް ވެވޭނެ ބައެއް ކަމަށް ގަބޫލު ނުކުރާ ކަމަށް އޭނާ ބުންޏެވެ.
އޮފިޝަލަކަށް ވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނަށާއި ކައުންސިލްތައް މެދުވެރިކޮށް ވެސް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި އިރު ރަކީދޫ ކައުންސިލް މެދުވެރިކޮށް ކުރިމަތިލާފައި ވަނީ ތިން ފަރާތެއް ކަމަށް މުއާޒް ބުންޏެވެ. އެތިން މީހުންނަކީ މީގެ ކުރިން ބޭއްވި އިންތިހާބުތަކުގައި ވެސް އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާ މީހުން ކަމަށާއި އެހެން ނަމަވެސް އޭގެ ތެރެއިން އެއްވެސް މީހަކު އޮފިޝަލުންނަށް ނަގާފައި ނުވާ ކަމަށް އޭނާ ބުންޏެވެ.
"އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެކަން ކުރެވޭނެ ބައެއް ނޫން. މީގެ ކުރިން އެކަން ކުރި ބައެއް ވެސް މި ލިސްޓްގައެއް ނެތް. އަޅުގަނޑަކަށް ނޭނގެ އިންތިހާބުގެ ކަންކަން ކުރިއަށްދާނެ ގޮތެއް ވެސް،" މުއާޒް ބުންޏެވެ.
އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އޮފިޝަލުން ޓްރެއިން ކުރުން ކުރިއަށްދަނީ ސެޕްޓެމްބަރު 09 ވަނަ ދުވަހުން ފެށިގެންނެވެ.
އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ އިންތިބުގައި ހަރަކާތްތެރިވާ ހުރިހާ އޮފިޝަލުން ނަގާނީ އިންޓަރވިއު ކުރެވިގެން ކަމަށް ބުނެފައެވެ. އެހެން ނަމަވެސް ރަކީދޫގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ކަނޑައެޅި ފަރާތަކުން ބުނީ އެފަދަ އެއްވެސް އިންޓަރވިއުއެއް ކޮށްފައިނުވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ، އިންތިހާބުގައި ހަރަކާތްތެރިވާ ހުރިހާ އޮފިޝަލުންނަކީ ކުރިމަތިލާފައިވާ ފަރާތްތައް ކަމަށެވެ. އަދި ކުރިމަތިނުލާ މީހަކު އޮފިޝަލަކަށް ނުނަގާނެ ކަމަށާއި އިންޓަވިއު ނުކުރާ މީހަކު ވެސް އޮފިޝަލެއްގެ ގޮތުގައި ހަމަޖައްސާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.