ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމުގެ ދައުރު ނިމޭ އިރު އަސާސީ ހުރިހާ ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
ގއ. ދެއްވަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ، ދަތުރުފަތުރުގެ ނިޒާމު މިހާރަށް ވުރެ ރަގަޅުކޮށް ރަށްރަށުގެ ރައްޔިތުންނަށް ބޭނުންވާ ނަރުދަމާ އާއި ލަފާފުރުމުގެ ދަތިތަކާއި ފެނުގެ ހިދުމަތްތަކުގެ އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަމަށެވެ.
އިބޫ ވިދާޅުވީ، ގެސްޓްހައުސް ވިޔަފާރި އިތުރަށް ފުޅާކުރުމަށްޓަކައި ގެސްޓްހައުސް ތަރައްގީކުރަން ބޭނުންވާ ފަރާތްތަކަށް ލޯން ސަރުކާރުން ދޫކުރާނެ ކަމަށެވެ. މީގެ އިތުރުން ކައުންސިލްތަކަށް ރަށްރަށުގެ ތަރައްގީގެ ކަންކަން ކުރިއަށް ގެންދިއުމުގެ ފުރިހަމަ ބާރު ދެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުގެ މަސައްކަތަކަށް ވާނީ އެކަންކަން ކުރުމަށް މަގުފަހިކޮށްދީ، ބޭނުންވާ ފައިސާ ހޯދައިދިނުން ކަމަށް އިބޫ ވިދާޅުވިއެވެ.
"ގެސްޓް ހައުސް ފަދަ ތަންތަން ތަރައްގީ ކުރުމަށް ލުއި ލޯން ދެވޭނެ. ރާއްޖެ ތަރައްގީ ކުރުމަށް އަޅުގަނޑުމެން ވިސްނާފައި ވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން. ރަށުގެ ތަރައްގީގެ ކަންކަން ކުރުމުގެ ބަސް ބުނަން ޖެހޭނީ އެރަށެއްގެ ރައްޔިތުން. އެކަމުގައި އިސްކޮށް އުޅެންޖެހޭނީ ކައުންސިލްތަކުން،" އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ، މިހާރު ކުރާ ދަތުރުގައި ރައްޔިތުން ތިބި ގޮތް ވަރަށް ސާފު ކަމަށާއި އެކަން ވޯޓުން ރައްޔިތުން ދައްކާނެ ކަމަށެވެ.
"އަނިޔާވެރިކަމާއި ބޭއިންސާފުން ސަލާމަތްވުމަށް ރައްޔިތުން ތިބީ،" އިބޫ ވިދާޅުވިއެވެ.