ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މިއިން ޒަމާނަކު އިންތިހާބެއްގައި ބައިވެރިވަން ކެރިވަޑައި ނުގަންނަވާ މިންވަރަށް ރައީސް އަބްދުﷲ ޔާމީން ބަލިކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޑރ. ހުސައިން ރަޝީދު ވިދާޅުވެއްޖެއެވެ.
ކޮލަންބޯގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. ހުސައިން ވިދާޅުވީ، ރާއްޖޭގެ ހާލަތު މި ދަރަޖައަށް ގޮސްފައި ވަނީ ވެސް ރައްޔިތުންގެ ސަބަބުން ކަމަށާއި އެހެން ކަމުން މިހާލަތު ބަދަލު ކުރެވޭނީ ވެސް ރައްޔިތުންނަށް ކަމަށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގައުމަށް ކުރިމަތިވެފައިވާ ނިކަމެތިކަމުން ސަލާމަތް ވުމަށް އިބޫއަށް ވޯޓުދެއްވަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޖުމްހޫރީ ޕާޓީއަށް ތާއީދު ކުރައްވާ ފަޜާތްތަކުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓުދިނުމަށް." ޑރ ހުސައިން ވިދާޅުވިއެވެ.
އިންތިހާބުގެ ވާހަކަތަކަށް އަލިއަޅުއްވާލައްވާ ޑރ. ހުސައިން ވިދާޅުވީ، މިއީ ވަރަށް އާދަޔާ ހިލާފު އިންތިހާބެއްގައި ކަމަށާއި އިންތިހާބު އިންތިޒާމު ކުރަނީވެސް އަދި ވާދަ ކުރައްވަނީވެސް ރައީސް ޔާމީނެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނަށް ވެސް ރައީސްގެ ނުފޫޒާއި ބާރު ފޯރުވަމުންދާ ކަމަށް ޑރ ހުސައިން ތުހުމަތުކުރެއްވިއެވެ.
ޑރ ހުސައިން ވިދާޅުވީ، ކަން މިހެން އޮތް ނަމަވެސް ރައީސް ޔާމީން ވާދަކުރައްވަނީ ރައްޔިތުންނާ ކަމަށާއި އެހެން ކަމުން ރައްޔިތުންނާ ކުރިމަތިލާ ވަރަށް ބޮޑު ތަފާތަކުން ބަލިވާނެ ކަމަށެވެ. "މިއިން ޒަމާނަކު އިންތިހާބެއްގައި ބައިވެރިވަން ކެރިވަޑައިނުގަންނަވާ ވަރަށް" ރައީސް ޔާމީން ބަލިކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިއަށް އޮތްތަނުގައި ވެސް ރައީސް ޔާމީނަށް ތާއީދު ކުރައްވާ ފަރާތްތަކުން ގުޅިފައިވާ ސިޔާސީ ޕާޓީތަކާ ގުޅޭނެ ކަމަށާއި އެ މަންޒަރުތައް ވަރަށް އަވަހަށް ފެންނަމުންދާޏެ ކަމަށެވެ.