ފައިސަލްގެ ވާހަކަ ފުވައްމުލަކުގެ ރައްޔިތުން ދައްކަން ފެށީ އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގ މޭޓަކަށް ކަނޑައެޅި ހިސާބަކުން ނޫނެވެ. ފުވައްމުލަކު ފުނާޑު އަވަށަށް އުފަން އުމުރުން 45 އަހަރުގެ ފައިސަލްއަކީ ކާކުކަން ދަންނަނީ އެ އަވަށުގެ ރައްޔިތުން އެކަންޏެން ނޫނެވެ. އާބާދީގައި ގާތްގަނޑަކަށް 13000 މީހުން ދިރިއުޅޭ ފުވައްމުލަކުގެ އަށް އަވަށުގެ ރައްޔިތުންނަން ފައިސަލްއަކީ ކާކުކަން ވަރަށް ރަނގަޅަށް އެނގެއެވެ. ސަބަބެއް ނެތިގެންނެން ނޫނެވެ. ފުވައްމުލަކުގެ ރައްޔިތުންނާ ބަހައްޓަވާ ގާތް ގުޅުމުންނެވެ. އުފަން ރަށަށް ކޮންދެއްވާފައިވާ ޙިދުމަތްތަކުންނެވެ. މި އިންތިހާބުގައި ފުވައްމުލަކު ގިނަ ރައްޔިތުން ދެކޭ ގޮތުގައި ފައިސަލް ރަށަށް ކޮށްދެއްވި ޙިދުމަތްތަކުގެ އަގުވަޒަން ކުރަންޖެހޭ ވަގުތު ޖެހިއްޖެއެވެ. އެކަން ފުވައްމުލަކު ރައްޔިތުން ކުރާނީ، ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ނަގާ ވޯޓުންނެވެ.
ފުވައްމުލަކު ރައްޔިތުންނަށް ދީނީ ގޮތުން ފައިސަލް ވަނީ އަގު ނުކުރެވޭ ހިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެ ގޮތުން 2009 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރުގެ ނިޔަލަށް މުޅި ފުވައްމުލަކަށް ހުޅުވާލައިގެން ވަނީ ގުރުއާން މުބާރާތްތަކެއް ބާއްވާފައެވެ. އެ މުބާރާތަކުން އެއް ވަނަ އަށް ހޮވޭ ފަރާތަށް އުމްރާ ދަތުރެއް ދެއްވާފައި ވެއެވެ. އަދި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިން ފުވައްމުލަކަށް ގެނެސް ދިނީ ދަރުސްތައް ވަނީ ސިލްސިލާކޮށް ބައްވާފައެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކު ސިޓީގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ލިރާރު ވިދާޅުވި އެ ސިޓީގެ ރައްޔިތުން އަބަދު ވެސް ފައިސަލްއަށް އިތުބާރުކުރާ ކަމަށެވެ. ފައިސަލްގެ ތައުލީމީ ހަޔާތުން ފެށިގެން މިއަދާ ހަމައަށް އެކަން އަމަލުން ސާބިތުކޮށްދެއްވާފައި ކަމަށް ލިރާރު ވިދާޅުވިއެވެ.
"ފައިސަލްއަކީ ފުވައްމުލަކުގެ ކުދި ބޮޑު އެންމެން ވެސް ދަންނަ ނަމެއް. ފައިސަލްގެ ތައުލީމީ ހަޔާތުން ފެށިގެން ފައިސަލްއަކީ ފުވައްމުލަކުގެ ރައްޔިތުންނާ އެކީގައި، ރަށުގެ ރައްޔިތުންނަން ބޭނުންވާ ކަންތައްތައް ހުންނަ ކަން ދަނެގެން އެ ގޮތަށް މަސައްކަތް ކުރަމުން އަންނަ މީހެއް،" ފުވައްމުލަކު ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ލިރާރު ވިދާޅުވިއެވެ.
މީގެ އިތުރުން ފައިސަލް ވަނީ ފުވައްމުލަކުގައި 2004 ވަނަ އަހަރުން ފެށިގެން ފަސް ޤުރުއާން ކުލާސް ބިނާކޮށްދެއްވާފައެވެ. އަދި 2003 ވަނަ އަހަރު ފުވައްމުލަކު މަސްޖިދުލް ތަޢުބާގައި، ފުވައްމުލަކުގެ ފުރަތަމަ ފަހަރަށް ފާހަނާއި އެކު ވުޟޫކުރާނެ ތަނެއް ވަނީ ގާއިމްކޮށްދެއްވާފައެވެ. އަދި 2008 ވަނަ އަހަރު ހަމަ އެ މިސްކިތުގައި އަންހެނުންނަށް ރަމަޟާން މަހު ތަރާވީސް ކުރެވޭނެ ގޮތަށް ވަކި ބްލޮކެއް ވަނީ އިމާރާތްކޮށްދެއްވާފައެވެ.
"ފައިސަލް އިސްލާމްދީނާ ހިލާފަށް އެއްވެސް ކަމެއް ނުކުރާނެކަން އަހަރުމެންނަން ޔަގީން ގެރެންޓީ. އެކަން ފައިސަލް ސާބިތުކޮށްދީފި. އެއީ ފައިސަލްއަކީ އަހަރުމެންގެ މި ރަށުގެ މީހެއް، ފައިސަލް އެންމެ ކުޑައިރުން ފެށިގެން މިއަދާ ހަމައަށް އަހަރުމެންނަން ފެނި ފައިސަލްގެ އުޅުމާއި ވައްޓަފާޅި. އަހަރުމެންނަން އެނގިފައި މި އޮތީ،" ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ހޯދަނޑު އަވަށު ހަސަން މޫސާ ބުންޏެއެވެ.
މުޖްތަމައު ހޭލުންތެރި ކުރުވުމަށާއި ޙައްސަ އެހީއަށް ބޭނުންވަ ފަރާތްތަކަށް އެހީވުމުގެ ގޮތުން 1997 ވަނަ އަހަރު "އީދު އުފާ" ގެ ނަމުގައި ޙާއްސަ މިޔުޒިކް ޝޯތަކެއް ވެސް ފައިސަލްގެ މަސައްކަތްޕުޅުން ވަނީ ބައްވާފައެވެ. އަދި 2010 ވަނަ އަހަރު ފުވައްމުލަކުގެ ފާރުތަކުގައި ހުރި ނޭދެވޭ ލިޔުންތަކާއި ކުރެހުންތައް ނައްތާލުމުގެ މަސައްކަތް، ފުވައްމުލަކު ކްރައިމް ޕްރިވެންޝަން ކޮމެޓި އާއި ރަށުގެ ބައެއް ވިޔަފާރިވެރިންނާ ގުޅިގެން ކުރި މަސްކަތަކީ ވެސް ފައިސަލްގެ އިސްނެންގެވުމެވެ. ގުދުރަތީ ރީތިކަމެއް ލިބިފައިވާ ފުވައްމުލަކުގެ ފަތުވެރިކަން އިތުރަށް ފުޅާކުރުމަށް "ވިޒިޓް ފުވައްމުލައް" ގެ ނަމުގައި 2013 ވަނަ އަހަރު ޙާއްސަ ޕްރޮގުތާމްތަކެއް ވަނީ ހިންގާފައެވެ.
"ދައްތަމެންގެ ދަރިން ބޮޑަތިވެގެން އައިރުން ފެށިގެން މިއަދާ ހަމައަށް، ފައިސަލް ކަޕާ މިހެންގޮސް ކިޔާނެ ކަމެއް ނެތް، ދެން ހުރިހާ ގޮތަކުން ވެސް މި ރަށަށް ވަރަށް ހިދުމަތްތެރި ބޭފުޅަކަށް ވީމަ ފައިސަލް އަށް ވޯޓް ދޭން ޖެހޭ،" ފުވައްމުލަކު އުމުރުން ދުވަސްވީ މީހެއް ބުންޏެއެވެ.
ފައިސަލް ކަޕްގެ ނަމުގައި، 1986 ވަނަ އަހަރުން ފެށިގެން 2008 އަހަރާ ހަމަޔަށް މުޅި ފުވައްމުލަކަށް ހުޅުވާލައިގެން، ރަށު އަދި ގައުމީ ފެންވަރުގެ ބޮޑެތި ފުޓުބޯޅަ މުބާރާތްތަކެއް ވަނީ ބާއްވާފައެވެ. އަތޮޅުތެރޭގެ ރަށެއްގައި އެންމެ ފުރަތަމަ ފަހަރަސް ވާރލްކަޕް، ބޮޑު ސްކްރީނުގައި ދެއްކުމުގެ އިންތިޒާމް ވެސް، 1998 ވަނަ އަހަރު ހަމަޖެއްސެވީ ފައިސަލް ނަސީމެވެ. މީގެ އިތުރުން ފުވައްމުލަކުގައި އެންމެ ފުރަތަމަ ވޮލީ މުބާރަތެއް، 1999 ވަނަ އަހަރު ބައްވާފައިވާނީ ވެސް ފައިސަލްގެ ފައުންޑޭޝަނުންނެވެ. އަދި 2011 ވަނަ އަހަރު ފުވައްމުލަކު ބަށި ޗެލެންޖްގެ ނަމުގައި ބަށި މުބާރާތެއް ވެސް ވަނީ ބާއްވާފައެވެ. މީގެ އިތުރުން 2000 ވަނަ އަހަރުން ފެށިގެން ފުވައްމުލަކު ޒުވާނުން ކުޅިވަރު ކުޅުމަށް ބޭނުންވާ ސާމާނު ފައިސަލް ފައުންޑޭޝަނުން ދަނީ ފޯރުކޮށްދެމުންނެވެ.
މަގުމަތީގެ ސަލާމާތާއި ރައްތްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން 2014 ވަނަ އަހަރު ފުވައްމުލަކުގައި ސްޕީޑް ބްރޭކްތަކެއް ހެދުމުގެ މަސައްކަތުގައި ވެސް އިސްކޮށް ހުންނެވީ ފައިސަލްއެވެ. އަދި 2018 ވަނަ އަހަރު މޫދުގައި ހިނގާ ހާދިސާތައް މަދުކުރުމުގެ ގޮތުން ފުވައްމުލަކުގައި އާންމުކޮށް މީހުން މޫދަށް އެރޭ ސަރަހައްދުތަކުގައި ލައިފްބޮއި ރިންގްތައް ބެހެއްޓެވީ ވެސް ފައިސަލްއެވެ.
ފައިސަލްގެ އެހީތެރިކަމާ އެކު ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ބައެއް ކްލާސް ރޫމްތައް 2013 ވަނަ އަހަރު ޑިޖިޓަލްކޮށްފައި ވާއިރު، ޙާފިޒް ޢަޙްމަދު ސްކޫލްގެ، ޙާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޓީޗަރުންތަކެއް، އިތުރު ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ރާއްޖެއިން ބެރަށް ފޮނުވުން ފަދަ އެހީތައް ފާހަގަކޮށްލެވެއެވެ. އަދި ޙާފިޒް އަޙްމަދު ސްކޫލްގެ ސެން ޔުނިޓަށް ބޭނުންވާ ތަކެތި ވެސް ފައިސަލް ވަނީ ފޯރުކޮށްދެއްވާފައެވެ. އަދި އެ ސްކޫލްގެ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް، ތަމްރީނު ދިނުމަށްޓަކައި، ބެނުންވާ ވަސީލަތްތައް ވެސް ފޯރުކޮށްދެއްވާފައި ވެއެވެ. އަދި ޒިކުރާ ސްކޫލްގެ ގުރުއާން ކުލާހެއް 2015 ވަނަ އަހަރު ވަނީ ޑިޖިޓަލް ކޮށްދެއްވާފައެވެ.
ރައްޔިތުންނަށް ފަސޭހަކަމާ އެކު ސްޕެޝަލިސްޓް ޑޮކްޓަރުންނާ އެކު ހިލޭ މެޑިކަލް ކޭމްޕެއް މި އަހަރުގެ ތެރޭގައި ފައިސަލްގެ އެހީގައި ވަނީ ހިންގަވާފައެވެ. މީގެ އިތުރުން ފުވައްމުލަކު ހޮސްޕިޓަލަށް އެކި ފަހަރު މަތިން ތަފާތު އެހީތައް ފައިސަލް އާއި އޭނާގެ ފައުންޑޭޝަންގެ ފަރާތުން ލިބިގެން ގޮސްފައި ވެއެވެ.
ފުވައްމުލަކުގެ ދަނޑުވެރިންނަށް ފައިސަލް ގެންދަވަނީ 2003 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި ދަނޑުވެރިކަމަށް ބޭނުންވާ ގަސްކާނާ އައި މުޑުވަކާއި އަދިވެސް އެހެނިހެން ސާމާނުތައް ފޯރުކޮށްދެއްވަމުންނެވެ.
ސެޕްޓެމްބަރު 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު ގުޅިފައިވާ ޕާޓީތަކަށް ކާމިޔާބު ވެއްޖެ ނަމަ، ފައިސަލް ވެގެންދަނީ ފުވައްމުލަކަށް ނިސްބަތްވާ ދެ ވަނަ ނާއިބު ރައީސަށެވެ. ފުވައްމަލަކަށް ނިސްބަތްވާ އެންމެ ފުރަތަމަ ނާއިބު ރައީސްއަކީ ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ. މި އިންތިހާބު ކާމިޔާބުކުރުމަށް ފުވައްމުލަކު ރައްޔިތުން އަތުރުކުރި އޮޅާލައިގެން ތިބި އެއް ސަބަބަކީ މިއީއެވެ. ފައިސަލް އަާއި ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް ވޯޓް ދޭން ޖެހޭ އަނެން ސަބަބަކީ 1997 ވަނަ އަރަހުން ފެށިގެން "ފައިސަލް ފައުންޑޭޝަން" ގެ ފަރާތުން ފުވައްމުލަކަށް އިޖްތިމާއީ ގޮތުން އަގުނުކުރެވޭވަރުގެ ޙިދުމަތްތަކެއް ކޮށްދީފައިވަތީއެވެ. ބަހުގެ އިތުބާރު ކުރެއްވޭ ބޭފުޅަކަށް ފައިސަލް ވާތީއެވެ. ފުވައްމުލަކު ރައްޔިތުން ބުނާ ގޮތުން ކޮންމެ މަގާމަކަށް ފައިސަލް ކުރިމަތިލެއްވި ނަމަވެސް، އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާނީ ރައްޔިތުންގެ އިޙްސާސްތަކާ އެއްގޮތަށެވެ. ފުވައްމުލަކުގައި ކޮންމެ ވެސް ސިފައެއްގައި ފައިސަލްގެ އެހީއެއް ނުލިބޭ ރައްޔިތަކު މަދެވެ. އެކަން އެ ރަށުގެ ރައްޔިތުން ބަލައިގަންނަނީ ހިތުގެ އެންމެ އަޑިންނެވެ.