ލެކްސްޓަން ގްރޫޕާ ބައްދަލުކުރުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް ދައުވަތު ދިން ކަމަށާއި ނަމަވެސް އެމްޑީޕީން ގޮވާލީ މެންބަރުންގެ އިސްތިއުފާ އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ، އިންތިހާބާ ގުޅިގެން ހަގީގަތާ ހިލާފު އެތަށް ވާހަކައެއް ދެކެވެމުންދާ ކަމަށާއި އެކަންކަން އެ ކޮމިޝަނުން ކުށްވެރިކުރާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެފަދަ ވާހަކަތައް ދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދާދި ފަހުން ޗައިނާގައި ބޭސްވެފައިވާ ސައުތު އެފްރިކާގެ ކުންފުންޏަކާ ގުޅޭ ގޮތުން ވެސް މީޑިޔާތަކަށް ވާހަކަތައް ފެތުރުނު ކަމަށާއި އެއީ ވެސް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. ޝަރީފު ވިދާޅުވީ، އިންތިހާބުގެ އެއްވެސް ކަމެއްގައި ބޭރު ފަރާތެއްގެ ހިޔާލެއް ނުވަތަ ވަސީލަތެއް ބޭނުން ނުކުރައްވާނެ ކަމަށެވެ.
" ހުރިހާ ސިޔާސީ ޕާޓީތަކަށް ލެކްސަން ގްރޫޕާއި ބައްދަލުކުރުމަށް ދައުވަތު ދިނިން. އެބޭފުޅުންނާއި އެކުގައި މަޝްވަރާކުރުމަށްޓަކާއި. އެބޭފުޅުންނަކީ އީވޯޓިންގެ ވަސީލަތްތައް އުފައްދާ ކުންފުންޏަކަށް ވާތީވެ އެބޭފުޅުންނާ މަޝްވަރާ ކުރުމަށްޓަކައި ހުރިހާ ޕާޓީތަކަށް ދައުވަތު ދިނިން. ވަރަށް ހިތާމައާ އެކު ދަންނަވާލަން ޖެހޭނީ އެމްޑީޕީން ޖަވާބު ދެއްވާފައި ވަނީ ކޮމިޝަނުގެ ފަސް މެންބަރުން އިސްތިއުފާދެއްވާށޭ. މިއީ އެއްވެސް ހާލެއްގައި ހެޔޮނިޔަތުގައި އިހްލާސްތެރިކަމާ އެކު މިކަންކުރުމަށް މަސައްކަތްކުރާ ބަޔަކާ މެދު މުއާމަލާތް ކުރެވެން ޖެހޭނެ ގޮތެއް ނޫން،" ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ، މިފަދަ ގޮތަކަށް އެމްޑީޕީން ބުނި ނަމަވެސް އިންތިހާބާ ބެހޭ ގޮތުން އެއްވެސް ބަޔަކާ އެކު އެއްވެސް ވަސީލަތެއް ބޭނުން ކުރުމަށް ނިންމާ ކަމުގައިވާ ނަމަ ސިޔާސީ ޕާޓީތަކާ އެކު އަދި އެޑްވައިޒަރީ ކޮމިޓީއާ އެކު ކޮމިޝަނުން މަޝްވަރާ ކުރާނެ ކަމަށެވެ. އިންތިހާބުގެ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށްގެންދަން ބޭނުންވާ ކަމަށާއި އެކަން ކުރުމަށްޓަކައި ރައްޔިތުންނާއި ސިޔާސީ ޕާޓީތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.