ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރ. އިނގުރައިދޫގެ ބައެއް ގެތަކަށް ފެން ވަދެ ގެއްލުންތަކެއް ލިބިއްޖެއެވެ.
އިނގުރައިދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ހަސަން ވިދާޅުވީ ހެނދުނު 10:30 އިން ފެށިގެން 12:40 އަށް ވަރަށް ބޯކޮށް ވާރޭ ވެހުނު ކަމަށެވެ. ވާރޭ ވެހުމުގެ ސަބަބުން ގިނަ ގެތަކަށް ފެންވަދެފައި ވާއިރު ބައެއް ގެތަކުގެ ހިފައިގެންގުޅޭ ސާމާނަށްވެސް ގެއްލުންތަކެއް ލިބިފައިވާ އަބްދުﷲ ވިދާޅުވި އެވެ.

"ކާޑުގެ ބާވަތްތަކާއި ކެއުން ބުއިމަށް ބޭނުންކުރާ ތަކެއްޗަށް ވެސް ވަނީ ފެނުގެ އަސަރުކޮށްފައި. ލިބުނު ގެއްލުންތަކުގެ ތަފްސީލުތައް ހޯދަމުންދަނީ." އަބްދުﷲ ވިދާޅުވިއެވެ.
ރަށުގެ ގިނަ މަގުތަކެއްގައި ވަރަށް ބޮޑަށް ފެން ބޮޑުވެފައިވާ ކަމަށާއި ބައެއް މަގުތަކުގައި ފޫޓަކަށް ވުރެ ބޮޑަށް ފެންބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަބްދުﷲ ވިދާޅުވީ ފުލުހުންވެސް ރަށަށް ލިބިފައިވާ ގެއްލުންތައް ބެލުމަށްޓަކައި ހަރަކާތްތެރިވަމުންދާކަމަށެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ސަރަހައްދުތަކަށް ގުގުރުން އެކަށީގެންވާ ކަމަށެވެ. އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ އަދި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުނެއެވެ. އަދި ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެއިދާރާއިން ވަނީ އިލްތިމާސްކޮށްފަވެއެވެ.