އިންތިހާބުގެ ނަތީޖާ އިއުލާނު ކުރުމުގައި އަމަލުކުރާނީ މީގެ ކުރީގެ އިންތިހާބުތަކުގައިވެސް އަމަލުކޮށްފައިވާ ގޮތަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން އެކޮމިޝަނުގެ މެންބަރު އަކްރަމް ވިދާޅުވީ، ނަތީޖާ އިއުލާނު ކުރާނީ ޓެބްލެޓުން ނޫން ކަމަށާއި ޓެބްލެޓުން ކުރާނީ މީގެ ކުރިން ނޯޓްބުކްއިން ކުރަމުން އާއި ބޭނުން ކަމަށެވެ. އެގޮތުން ރަޖިސްޓަރވެފައިވާ މީހުންގެ މައުލޫމާތާ ގުޅޭ ކަންކަމާއި ޝީޓް ތައްޔާރުކުރުން ފަދަ ކަންކަން ކުރެވޭނެ ކަމަށެވެ. މިފަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ނަތީޖާ އިއުލާނު ކުރުމަށްފަހު ވަގުތީ ނަތީޖާ ޝީޓް ވޯޓުލާ މަރުކަޒުތަކުގައި ތަތް ކުރެވޭނެ ކަމަށާއި އެފަދަ އެއްވެސް ކަމެއް ބަދަލު ނުވާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވީ، އިންތިހާބުގެ ސައްހަކަމާ މެދު ސުވާލު އުފެއްދުމަށް އެއްވެސް ބަޔަކު މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އިންތިހާބުގެ ކަންކަން ކުރުމުގައި ގާނޫނުން ކަނޑައަޅާފައިވާ ހުރިހާ ކަމެއް ކުރެވޭނެ ކަމަށާއި އެކަމުގައި އެކަމުގައި އެއްވެސް ތަފާތުތަކެއް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، ލެޕްޓޮޕް ނޯޓްބުކްގެ ބަދަލުގައި ޓެބްލެޓް ބޭނުން ކުރަން ނިންމީ ގެންގުޅެން ފަސޭހަވެފައި އަގު ހެޔޮވާނެތީ ކަމަށެވެ. އެގޮތުން އެކޮމިޝަނުން ވަނީ 550 ޓެބްލެޓް ސަޕްލައިކޮށްދިނުމަށް އިއުލާނުކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން މިހެން ހާމަކޮށްފައިވާ އިރު ގުޅިފައިވާ ސިޔާސީ ޕާޓީތަކުންވަނީ އިންތިހާބުގައި ވޯޓު ލާ މަރުކަޒުތަކުގައި ބަހައްޓާ ވޯޓު ފޮށީގެ ނަތީޖާތައް ޓެބްލެޓެއް މެދުވެރިކޮށް އިއުލާން ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާކަން ފާހަގަ ކުރައްވާ ކަންބޮޑުވުންފާޅުކޮށްފައެވެ. ވޯޓު ގުނާފައި ނަތީޖާ ލިޔަން ނޭނގޭ ނަމަ، އެކަން ނުކުރުމަށާއި އެފަދަ ނަތީޖާއެއް ބަލައި ނުގަންނާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.