ކ. މާލެ
|
2 އޯގަސްޓް 2018 | ބުރާސްފަތި 14:27
ނޫސްވެރިއާ އަހުމަދު ރިލްވާން
ނޫސްވެރިއާ އަހުމަދު ރިލްވާން
ގޫގުލް
ރިލްވާން ވަގަށް ނެގުން
ރިލްވާން ގަދަކަމުން ފޮރުވިކަން އާލިފާއި ނޫރައްދީންގެ މައްޗަށް ސާބިތެއް ނުވި
ރިލްވާން ވީނުވީއެއް ނޭންގި ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޯގަސްޓް 08 ވަނަ ދުވަހުން ފެށިގެން

ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގަދަކަމުން ފޮރުވި ކަމަށް ބުނެ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

 

ހުޅުމާލޭގައި ދިރިއުޅެމުންދިޔަ ރިލްވާން 2014 ވަނަ އަހަރުގެ އޮގަސްޓް 8 ވަނަ ދުވަހުގެ ރޭ ގަދަކަމުން ކާރަކަށް ލައިގެން ގެންގޮސް ފޮރުވި ކަމަށްބުނެ ދައުލަތުން ކޮށްފައިވާ ދައުވާ އިން ދެ މީހުން ސަލާމަތްވީ އެ އަމަލު ހިންގުމުގައި ބައިވެރިވި ކަން އެނގޭނެ އެއްވެސް ހެއްކެތް ގަރީނާއެއް ދައުލަތައް ދެއްކިފައިނުވާތީ އެވެ.

 

ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް ހުކުމް ކުރެއްވުމުގެ މަޖިލީހުގައި ވިދާޅުވީ ރިލްވާން ގަދަކަމުން ފޮރޮވުމުގެ އަމަލު ތަހްގީގު ކުރުމުގައި "ނުކޮށް ދޫކޮށް ލައިގެން ނުވާނެ ކިތަންމެ ކަމެއް ދޫކޮށްލާފައިވާ" ކަމަށެވެ.

 

 މި މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ކުރަން މުހިންމު އެކަމު، ނުކޮށް ދޫކޮށްލައިފައިވާ ބައެއް ކަންކަން:

  • އާލިފްގެ ކާރެއްކަން ސާބިތު ކުރުމަށް ކާރުގެ ރަޖިސްޓްރީ ޝަރީއަތައް ހުށަނޭޅުން
  • ކާރުން ފެނުން އިސްތަށީގެ ޑީއެންއޭ ރިލްވާންގެ މަންމަގެ އާއިލާގެ އެހެން މީހުންނާ ދިމާވޭތޯ ބެލުމަށް ހުށައަޅާފައިނުވުން
  • ވަޅީގެ ފޮރެންސިކް ރިޕޯޓެއް ހަދާފައި ނެތުން
  • ކާރު އެރޭ އޮންނާނެ ކަމަށް ދިފާއީ ހެކިން ބުނި ތަނުގެ ވީޑިއޯ ފުޓޭޗް ހޯދަފައި ނެތުން
  • އިސްތަށީގެ ޗެއިން އޮފް ކަސްޓަޑީގެ ފޯމް ހުށަހަޅާފައި ނެތުން

 

 

މި ގޮތުން ރިލްވާން ގެއްލުމުގެ ދުވަސް ކޮޅެއް ކުރިން އާލިފްގެ ކާރު މާލެ އިން ހުޅުމާލެއަށް ގެންދިޔަ ކަމާއި އަދި ރިލްވާން ގެއްލުނު ފަހުން ރަތްކުލައިގެ ކާރެއް މާލެއަށް އަނބުރާ ގެންދިޔަ ކަން އެނގޭ ކަމަށް ދައުލަތުން ބުނި ނަމަވެސް އެކަން ސާބިތުކޮށްދޭން ދައުލަތުން ހުށައެޅި އެއްވެސް މީހަކަށް އެ ކާރުގެ ނަމްބަރު ބުނެދެވިފައެއް ނުވެއެވެ. އެ ކާރު ގެންދިއުމުގައި އާލިފް ވެސް އަދި ނޫރައްދީން ވެސް އުޅުނުކަން ހެކިވެރިންގެ ވާހަކަތަކުން ސާބިތުވެފައެއް ނުވެއެވެ. 

އަދި ރިލްވާން ގެއްލުނު ރޭ، ރިލްވާން ދިރިއުޅެމުންދިޔަ ފްލެޓް ކައިރިން މީހަކު ހަޅޭއްލެވި އަޑު އިވުނު ކަމަށް ބައެއް މީހުން ބުނިއިރު އެ ގަޑީގައި މީހަކު ކާރަކަށް އަރުވައިގެން ގެންދިޔަ ކަމަށާއި އަދި އެ ކާރު ދިޔަ ވަގުތު ވަޅިއެއް އެތަނަށް ވެއްޓިފައި އޮތް ކަމަށް ވެސް ބައެއް ހެކިން ބުނެފައިވާއިރު ކާރަށް އަރުވައިގެން ގެންދިޔައީ ރިލްވާންކަމެއް އެއްވެސް ހެކިވެރިއަކު ބުނެފައެއް ނުވެއެވެ. ނަމަވެސް އެ ދުވަސްވަރު ވެސް އަދި އޭގެ ފަހުން އެފަދަ ހާދިސާއެއް ހިނގާފައިނުވާތީ އެއީ ރިލްވާން ކަމަށް ބެލުމުގެ ފުރުސަތު އޮތް ނަމަވެސް ރިލްވާން ކާރަށް އަރުވައިގެން ގެންދިޔަ ތަނުން ދައުވާ ލިބޭ އެއް ވެސް މީހަކު ފެނިފައިވާ ކަމަށް ހެކިވެރިއަކު ބުނެފައިނުވާއިރު އެ ސަރައްދުންވެސް އެއިން މީހަކު ފެނުން ކަމަށް ބުނާ މީހަކު ނެތްކަން ގާޒީ ފާހަގަ ކުރެއްވި އެވެ.

ހަމަ އެހެންމެ ރަތްކުލައިގެ ކާރުގެ ތެރެއިން ރިލްވާންގެ މަންމަގެ ޑީއެންއޭ ދިމާވާ އިސްތައްޓެއް ފެނިފައިވާ ކަމަށް ދައުލަތުން ފާހަގަ ކޮށްފައިވާއިރު އެ އިސްތަށި ނަގާފައިވާ ތަނާއި ވަގުތު ބަޔާން ކުރާ ޗެއިން އޮފް ކަސްޓަޑަކީ ފޯމް ހުށައަޅާފައިނުވާ ކަމަށް ގާޒީ ފާހަގަ ކުރެއްވި އެވެ. ގާޒީ ވިދާޅުވީ ޗެއިން އޮފް ކަސްޓަޑީ ފޯމަކީ ކޮންމެހެން ހުށައަޅަން ޖެހޭ އެއްޗެއް ކަމަށްވާއިރު އެ އިސްތަށީގެ ޑީއެންއޭ ރިލްވާންއާ ގުޅުންހުރި އެންމެންގެ ނަގާފައިނުވާ ކަމަށެވެ. މި ގޮތުން ރިލްވާންގެ މަންމަގެ ޑީއެންއޭ ރިލްވާން ދިރިއުޅޭ ފާހަނަތެރެއިން ނެގި ބުރުހުން ފެނުން އިސްތައްޓާއި ދިމާވި ނަމަވެސް ޑީއެންއޭ ރިޕޯޓު ތައްޔާރުކުރުމުގެ ހަބީރެއްގެ ގޮތުން ކޯޓަށް ހާޒިރު ކުރި މީހާގެ ހެކިބަހުގައި އެމްޓީޑީއެންއޭ ރިލްވާންގެ މަންމަގެ އެއް ބަނޑު ހުރިހާ އަންހެނުންނާއި އަދި އޭނާގެ މާމަ ދަރިންނާވެސް ދިމާވާނެ ކަމަށް ބުނެފައި އޮންނަ ކަން ޝަރީއަތުން ފާހަގަ ކުރެއްވި އެވެ. ނަމަވެސް ރިލްވާން މަންމަގެ އެއް ބަނޑު އެހެން އަންހެނެއް ހުންނަ ކަމެއް ނުވަތަ ނޫން ކަމެއްވެސް އެއްވެސް ލިޔުމަކުން ވެސް ހުށައަޅާފައިނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އެ ކާރުން ފެނުނީ ރިލްވާންގެ މަންމަގެ ޑީއެންއޭ ކަމަށް ބެލި ނަމަވެސް އޭގެ ސަބަބުން އެއީ ރިލްވާން ވަގައް ނަގާ ފޮރިވިކަން ސާބިތުކުރެވޭނެ ކަމަކަށް ނުވުމުގެ އިތުރުން އެކަން ކުރީ އާލިފާއި ނޫރައްދީން ކަން އެނގެން ނެތް ކަމަށް ވެސް ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުންވެސް ރިލްވާން ވަގައް ނަގައިގެން ގެންދިޔަ ވަގުތު އެ ސަރައްދުގައި ވެއްޓިފައި އޮތް ވަޅިއެއް ފެނިފައިވާކަމަށް ދައުލަތުން ބުނެފައިވާއިރު އެ ވަޅީގެ ފޮރެންސިކް ރިޕޯޓެއް ދައުލަތުން ޝާރީއަތައް ހުށައަޅާފައިނުވާ ކަމަށާއި އަދި ރިލްވާން ގެއްލުނު ރޭ ރިލްވާނަށް މުހައްމަދު ސުވައިދު ފާރަލާ ވީޑިއޯ ކަމަށް ބުނެ ހުށައެޅި ވޯޑިއޯގެ އެނަލިސް ރިޕޯޓެއް ވެސް ހުށައަޅާފައިނުވާ ކަމަށް ގާޒީ ފާހަގަ ކުރެއްވި އެވެ.

 

ހަމަ އެހެންމެ ދިފާއުގައި ހެކިބަސް ދިން ބައެއް މީހުންގެ ހެކިބަހުގައި ރިލްވާން ގެއްލުނު ރޭ ނޫރައްދީން ދުއްވި ކާރު ދަންވަރު އޮތީ ޕާކްކޮށްފައި ކަމަށާއި އެކަން ސާބިތު ކުރުމަށް އެ ސަރައްދުގައި ހުރި ސީސީޓީވީ ކެމެރާގެ ފޫޓެޖު ހޯދަދޭން ފުލުހުންގެ ކިބައިން އެދުނު ނަމަވެސް އެކަން ކޮށްދީފައިނުވާކަން ފުލުހުންގެ ހެކިބަހުން އެނގޭ ކަމަށް ވެސް ޝަރީއަތުން ފާހަގަ ކުރެއްވި އެވެ.

ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ސ. ހުޅުދޫ އަތިރިއާގޭ މުހައްމަދު ސުއައިދުގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރެއެވެ. އެކަމަކު އޭނާ ރާއްޖޭގައި ނެތުމުން އޭނާގެ ބައި ކުރިއަކަށް ނުގެންދެއެވެ. އޭނާ ރާއްޖެ އިން ބޭރުގައި ހުއްޓާ މަރުވެފައިވާ ކަމަށް އޭނާގެ އާއިލާ އިން އެންގިޔަސް، ދައުލަތުން ބުނެފައިވާ ގޮތުގައި އޭނާ މަރުވިކަން ކަށަވަރެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް