ރިޔާސީ އިންތިހާބުގައި ރީރަޖިސްޓަރ ކުރުމުގެ ކަންކަން ކުރުމަށް އިލެކްޝަންސް ކޮމިޝަނުން މިނިސްޓްރީތަކުގައި އެދިއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ މިކަން އަންގައި މިނިސްޓްރީތަކަށް ސިޓީއެއް ފޮނުވާފައެވެ. އެގޮތުން ރާއްޖެއެމްވީއަށް ވަނީ އީސީން އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވާފައިވާ ލިޔުމުގެ އަސްލު ކޮޕީއެއް ލިބިފައެވެ. އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ލިޔުމުގައި ބުނެފައި ވަނީ އިންތިހާބުގައި ދާއިމީ އެޑްރެސް ކަމަށް ރަޖިސްޓަރ ކޮށްފައިވާ ތަން ނޫން އެހެން ތަނެއްގައި ދިރިއުޅޭ މީހުން ވޯޓު ދިނުމުގައި ރީރަޖިސްޓަރ ކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމުގެ ގޮތުން ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންގެ ތެރެއިން ރީރަޖިސްޓަރ ކުރަން ބޭނުންވާ މުވައްޒަފުންގެ ފޯމުތައް ފުރިހަމަ ކުރުމަށް ފަހު އެ އިދާރާއެއްގެ ރަސްމީ ލެޓަރހެޑްގައިވާ ސިޓީއާ އެކު ގަނޑުކޮށް ފުރިހަމަކޮށްފައިވާ ފޯމުތައް 11 އޯގަސްޓް 2018 ވަނަ ދުވަހުގެ ކުރިން އެކޮމިޝަނަށް ފޮނުވުމުން ކިއު ނަންބަރު ދޫކުރާ ކައުންޓަރުން ގަނޑުކޮށް ފޯމުތައް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިގޮތަށް މިނިސްޓްރީތަކަށް އަންގާފައި ވަނީ ސަރުކާރު ވަޒީފާތަކުގައި އުޅޭ ފަރާތްތަކަށް ރީރަޖިސްޓަރ ކުރުމަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން މިގޮތަށް އަންގާފައިވާ އިރު މިފާއިތުވެ ދިޔަ އަހަރުތަކުގައި އެކޮމިޝަނުން އިންތިހާބުތަކާ ދިމާކޮށް މުވައްޒަފުންނަށް މިފަދަ ލުއިތައް ފަހިކޮށްދީފައި ވެއެވެ. އެހެން ނަމަވެސް ރިޔާސީ އިންތިހާބަށް ރީރަޖިސްޓަރ ކުރުމަށް ހުޅުވާލި ފުރުސަތުގައި ބައެއް އިދާރާތަކުން މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ރީރަޖިސްޓްރޭޝަންގެ ކަންކަން ކުރިއަށްގެންދާތީ ބައެއް މިނިސްޓްރީތަކުގެ މުވައްޒަފުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިކަމާ ގުޅިގެން ސިވިލް ސަރވިސް ކޮމިޝަނުން ބުނެފައި ވަނީ ރިޔާސީ އިންތިހާބުގެ ވޯޓުލުމަށް ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ރަޖިސްޓްރީކުރުމުގެ މަސައްކަތް ސިވިލް ސަރވިސްގެ މުވައްޒަފުން ގާނޫނާއި ގަވައިދާ ހިލާފަށް ކުރާކަމުގެ އެއްވެސް މައްސަލައެއް އެކޮމިޝަނަށް ހުށަހަޅާފައި ނުވާ ކަމަށެވެ. ސިވިލް ސަރވިސްގެ މުވައްޒަފުން ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި ގަވައިދާ ހިލާފަށް އަމަލުކުރާ ނަމަ އެ ފަދަ މައްސަލައެއް އެކޮމިޝަނަށް ލިޔުމުން ހުށަހެޅުމުން އެ މައްސަލައެއް ކޮމިޝަނުން ބަލައި ގަވައިދުން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް އެކޮމިޝަނުން ބުނެއެވެ.