މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައި ވަނީ އޯގަސްޓް 10 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރު ކުރާ ކަމަށެވެ. ކުރިން އިންތިހާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 04 އޮގަސްޓެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމު ވިދާޅުވީ، މިބަދަލު ގެނެވުނީ ގައުމީ ލަފާދޭ ކޮމިޓީގައި މިގޮތަށް މަޝްވަރާ ކުރެވިގެންދިއުމުން ކަމަށެވެ. އަދި ފޯމު ހުށަހެޅުމަށް 10 ދުވަސް ދިނުމުން އެ 10 ދުވަހުގެ ތެރޭގައި ގިނަ ބަންދު ދުވަސްތަކެއް އައުމާ ގުޅިގެން ސަރުކާރުގެ އޮފީސްތަކުން ލިޔެކިއުންތައް ހޯދުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށް ބެލެވޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަން ޖެހެނީ އިލެކްޝަންސް ކޮމިޝަންގެ ތިން ވަނަ ފަންގިފިލާއަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް ފޯމު ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ހުކުރު ދުވަހުގައި ފޯމު ބަލައިގަންނާނީ މެންދުރު ފަހު 2:00 އިން ހަވީރު 4:00 އަށެވެ
ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން އުމުރުން 30 އަހަރާއި 65 އަހަރާ ދެމެދުގެ، ޝަރުތު ހަމަވާ ކޮންމެ މީހަކަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ހައްގު އޮންނައިރު، ހުށަހަޅާ ފޯމާ އެކު އިދާރީ ފީއެއްގެ ގޮތުގައި 100،000ރ. ދައްކަންޖެހެއެވެ..
މި އަހަރުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވެސް ބައެއް ބޭފުޅުން ވާދަކުރައްވަން ނިންމާފައިވާ އިރު، އިންތިޚާބަށް އަމިއްލަ ގޮތުން ކުރިމަތިލައްވާ ބޭގުޅަކު ނަމަ، މަދުވެގެން 1،500 މީހުންގެ ތާއީދު އޮތްކަން އަންގައިދޭ ލިޔުން ހުށަހަޅަން ޖެހޭނެއެވެ.