އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު އިސްތިއުފާދިނުމަށާއި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ގޮވާލައި އިލެކްޝަންސް ކޮމިޝަނުގެ އޮފީސް ހުރި ސަރަހައްދުގައި މުޒާހަރާކުރަން ފަށައިފި އެވެ.
އިލެކްޝަންސް ކޮމިޝަނާ ދެކޮޅު އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތަކާއެކު ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުން މުޒާހަރާ ފެށީ 1:30 ހާއިރު އެވެ.
އެއްވުމުގެ ބައިވެރިން ގޮވާލަމުން ދިޔައީ ޝަރީފަކީ ޕީޕީއެމްގެ މެމްބަރެއް ކަމަށާއި، އޭނާ ހުރެގެން މިނިވަން އިންސާފުވެރި އިންތިހާބެއް ނުލިބޭނެ ކަމަށެވެ. އަދި ވޯޓުން ވައްކަން ނުކުރުމަށާއި ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިހާބަކީ އެންމެނަށް ގަބޫލުކުރެވޭ އިންސާފުވެރި އިންތިހާބަކަށް ހެދުމަށެވެ.
ކުރިން އިއުލާނުކޮށްގެން ބޭއްވި މި މުޒާހަރާ ފެށި އިރު އެ ސަރަހައްދުގައި ފުލުހުންނެއް ނެތެވެ. ފުލުހުން ގޮސް މުޒާހަރާގެ ބައިވެރިން ދުރަށް ޖައްސަން ފެށީ، މުޒާހަރާ ފެށިތާ 15 ވަރަކަށް މިނެޓް ފަހުންނެވެ.
މުޒާހަރާގެ ބައިވެރިން އަޑު އުފުލަމުންދާ މަންޒަރު ޓީވީން ދެއްކުން ހުރަސް އެޅުމަށްޓަކައި، ރާއްޖެ ޓީވީގެ ކެމެރާމަން އެ ސަރަހައްދުން ދުރުކުރި އެވެ.