މިއަހަރުގެ ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި އިންތިޚާބަށް ކުރިމަތިލާން ބޭނުންވާ މީހުންގެ ފޯމް ބަލައިގަތުން ކުރިއަށް ދާނީ ޖުލައި 23 ވަނަ ދުވަހުގެ ފެށިގެން ފެށިގެން އޯގަސްޓް ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެ ކޮމިޝަނަށް ފޯމް ބަލައިގަންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން ފެށިގެން މެންދުރު 2 ޖަހަންދެންނެވެ. ހުކުރު ދުވަހު ފޯމް ބަލައިގަންނާނީ މެންދުރު ފަހު 2 އިން ހަވީރު 4 އާ ހަމައަށެވެ.
ގާނޫނުއަސާސީ ގައިވާ ބުނެފައިވާ ގޮތުން އުމުރުން 30 އަހަރާއި 65 އަހަރާ ދެމެދުގެ، ޝަރުތު ހަމަވާ ކޮންމެ މީހަކަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ހައްގު އޮންނައިރު، ހުށަހަޅާ ފޯމާއެކު އިދާރީ ފީއެއްގެ ގޮތުގައި 100،000ރ. ދައްކަންޖެހެ އެވެ.
މި އަހަރުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވެސް ބައެއް ބޭފުޅުން ވާދަކުރަން ނިންމާފައިވާއިރު، އިންތިޚާބަށް އަމިއްލަ ގޮތުން ކުރިމަތިލާ މީހެއް ނަމަ، މަދުވެގެން 1،500 މީހުންގެ ތާއީދު އޮތްކަން އަންގައިދޭ ލިޔުން ހުށަހަޅަންޖެހޭނެ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރަން ފޯމް ހުށަހެޅުމަށް ފަހު ނަން އަނބުރާ ގެންދެވޭނީ ގުރުއަތުލައި ތަރުތީބުކޮށް އިއުލާނު ކުރުމުގެ ކުރިންނެވެ. ނަން ތަރުތީބުކޮށް އިއުލާނުކުރުމަށް ފަހު ކެންޑިޑޭޓެއް ނަން އަނބުރާ ގެންދަން ބޭނުން ނަމަ، ގޮތެއް ނިންމާނީ އީސީން މަޝްވަރާކުރުމަށް ފަހު އެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައިވުމައި ބޭރު ޤައުމެއްގެ ރައްޔިތަކު ކަމުގައި ނުވުމާއި އެއްވެސް އިރެއްގައި ބޭރުގެ ޤައުމެއްގެ ރައްޔިތަކު ކަމުގައިވެފައިވާ ނަމަ، ނުވަތަ ބޭރު ޤައުމެއްގެ ހިމާޔަތް ނުވަތަ ރައްކާތެރިކަން ހޯދާފައިވާނަމަ، ބޭރު ރައްޔިތުކަން ނުވަތަ ބޭރު ޤައުމެއްގެ ހިމާޔަތް ނުވަތަ ރައްކާތެރިކަން ދޫކޮށްލިތާ މަދުވެގެން 10 އަހަރު ވެފައިވުން ހިމެނެއެވެ. މީގެ އިތުރުން މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުމުގެ އިތުރަށް އުމުރުން 30 އަހަރާއި 65 އަހަރާ ދެމެދުގެ މީހަކު ކަމުގައިވުމާއި ބުއްދި ހަމައަށްހުރި މީހަކުކަމުގައިވުމާއި އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، އެ ދަރަނި ހަލާސްނުކޮށް ހުރި މީހަކު ކަމުގައި ނުވުމުގެ އިތުރުން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ 3 އަހަރު ވެފައިވާ މީހަކުކަމުގައިވުން ހިމެނެއެވެ.
މީގެ އިތުރުން އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާ ހީލަތް، ޓެކުން، ހިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން ހިމެނެއެވެ.
ރިޔާސީ އިންތިހާބުގެ ވޯޓު ނެގުމަށް ސެޕްޓެމްބަރ 23 ވާ އާދިއްތަ ދުވަހުގެ ހެނދުނު 8:00 ން ހަވީރު 4:00 އަށް ހަމަޖެހިފައިވާ އިރު ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓު ފަހުންނެވެ. މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 30 ވާ ހޯމަ ދުވަހު އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން އިއުލާނު ކުރުމަށް ހަމަޖެހިފައިވަނީ 18 އޮގަސްޓްގައެވެ. އަދި އެދުވަހު ރަސްމީކޮށް ހުރިހާ ކެންޑިޑޭޓުންނަށް ކެމްޕެއިން ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހުޅުވާލެވޭނެއެވެ.