ޕްރެޝަރު ބޮޑުވެގެން އިލެކްޝަންސް ކޮމިޝަނުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވޯޓުލުމުގައި ކުރިން އަމަލު ކުރަމުންދާ ގޮތަށް ބަދަލުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ، އާންމުންގެ ގިނަ ޝަކުވާތަކެއް ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ވޯޓުލުމުގައި އެހީތެރިވުމަށް އީސީގެ އޮފިޝަލުން ކަނޑައެޅުމަށް ނިންމުމާ ގުޅިގެން ލިބިފައިވާ ކަމަށެވެ. ހާއްސަކޮށް ބްލައިންޑް އެސޯސިއޭޝަނުން އެކަމުގައި ހުރި ކަންބޮޑުވުންތައް ހާމަކޮށްފައިވާ ކަމަށެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހާއްސައެހީއަށް ބޭނުންވާ ނުވަތަ ޖިސްމާނީ ގޮތުން ވޯޓުލުމަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޯޓުލުމުގައި ވޯޓުލާންދާ މީހަކު ބޭނުންވާ މީހަކު އޭނާއަށް ވޯޓުލުމުގައި އެހީތެރިވެވޭނެ ކަމަށް ކަނޑައަޅާފައިކަމަށް އޭނާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ރިޔާސީ އިންތިހާބުގެ ގަވައިދުގައި ބުނެފައިވަނީ، ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް ޖިސްމާނީ ގޮތުން ނުކުޅެދިގެންވާ މީހަކު ވޯޓު ކަރުދާހުގައި ފާހަގަޖެހުމުގައި ވޯޓުފޮށީގެ ވެރިޔާގެ ހުއްދައާއިއެކު އެހެން މީހަކު އޭނާއަށް އެހީތެރިވެދިނުމަކީ ހުއްދަކަމެއް ކަމަށެވެ. އަދި އެކަމުގައި އޭނާއަށް އެހީތެރިވެދިން މީހެއްގެ ނަމާއި އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ވޯޓު ނެގުމުގެ ކަންތައް ބެލެހެއްޓުމާ ހަވާލުވެ ތިބި މީހުން ލިޔަން ވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުރި މީހުން ކަމަށް ބަލައިގެން ވޯޓުލުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނީ ލޯފަން މީހުން ނުވަތަ ލޮލަށް ނުފެނުމުގެ ސަބަބުން ވޯޓު ކަރުދާހުގައި ފާހަގައެއް ޖެހޭވަރުނުވާ މީހުން ކަމަށެވެ. އަދި ދެ އަތް ބޭނުން ނުކުރެވޭ މީހުން ކަމަށާއި މުސްކުޅިވެ، ގައިބާރު ދެރަވުމުގެ ސަބަބުން އެ މީހެއްގެ އަތުން ވޯޓު ކަރުދާހުގައި ފާހަގައެއް ޖެހޭވަރު ނުވާ މީހުން ކަމަށް އެ ގަވައިދުގައި ބަޔާންކޮށްފައިވެ އެވެ.